Advertisement

ހުރިހާ އަތޮޅު ހޮސްޕިޓަލުތަކެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުން

30 Apr 2024 | 20:30
ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

އަބާ މުޙަންމަދު

ހުރިހާ އަތޮޅު ހޮސްޕިޓަލުތަކެއްގައި ޑައިލިސިސްގެ ޚިދުމަތް މި އަހަރު ފަށާ ގޮތަށް ދިވެހި ސަރުކާރުން ހަމަޖެއްސެވުމަކީ ކިޑްނީގެ މައްސަލަ ތަޙާއްމަލުކުރަމުން ގެންދާ އަދި ފަހުން ވެސް މި ފަދަ މައްސަލައެއް ދިމާވެދާނެ ހުރިހައި އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މި ކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ މަޖިލީހުގެ މެންބަރަކު ޞިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލުގެ އަރިހުގައި މިއަދު ދެންނެވި ސުވާލަކަށް އެ މަނިކުފާނު ދެއްވި ޖަވާބުންނެވެ. އެ މަނިކުފާނު މި ކަން ހާމަކުރެއްވީ ސަރުކާރުގެ މައި ހޮސްޕިޓަލަށް ބަރޯސާވުން ކުޑަކުރެއްވުމަށް ޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައް އޮޅުންފިލުވައިދެއްވަމުންނެވެ. ޑރ. ޚަލީލް މިއަދު ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލަށް އޮތް ޑިމާންޑު ކުޑަކުރެއްވުމަށް ޓަކައި ގިނަގުނަ އެކި މަސައްކަތްޕުޅުތައް ކުރައްވަމުން ގެންދަވާކަމަށެވެ. އިތުރު ތަފުސީލުދެއްވަމުން ވަޒީރު ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، އާ ޚިދުމަތްތައް ފެއްޓެވުމަކީ އެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެއްކަމަށެވެ.

ޑރ. ޚަލީލް ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރީން ނުލިބޭ އެމްއާރުއައި ޚިދުމަތާއި ސީޓީ އިސްކޭނުގެ ޚިދުމަތާއި ޑައިލިސިސްގެ ޚިދުމަތް ވެސް ހުރިހައި އަތޮޅަކަށް ފުޅާކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް  ފެށޭނެކަމަށް." އެ މަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާ އެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މި ތަންތާނގައި ޚިދުމަތް ރަނގަޅުކުރެއްވުމަށް ޓަކައި ޚާއްސަ ތަދުބީރެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދެންނެވި ފަދަ ޚިދުމަތްތައް އަތޮޅުތަކުގައި ހުންނަ ހޮސްޕިޓަލްތަކުގައި ތަޢާރަފުކުރުމާ އެކު، ރަށްރަށުން މާލޭގައި ހުންނަ މައި ހޮސްޕިޓަލަށް އަންނަ މީހުންގެ އަދަދު މަދުކުރެއްވޭނެކަމަށް ވަޒީރުދެކެވަޑައިގަނެއެވެ.

މިހާރު ވެސް މާލޭ ސަރަހައްދުން ސަރުކާރުގެ މައި ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ދެވެއެވެ. މީގެ އިތުރަށް ރީޖަނަލް ގިނަ ހޮސްޕިޓަލްތަކާއި ފުވައްމުލަކު ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވެސް މި ޚިދުމަތްތައް ލިބޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ހޮސްޕިޓަލާއި ނައިފަރުގައި ހުންނަ ފާދިއްޕޮޅު އަތޮޅު ހޮސްޕިޓަލުން ވެސް ޑައިލިސިސްގެ ޚިދުމަތް ދެއްވާން ވަނީ ފައްޓަވައިފައެވެ.

އިސްކޫލު ބަންދާ ދިމާކޮށް ޚާއްސަކޮށް، އަދި އާންމުކޮށް އަހަރުގެ އެކި ދުވަސްވަރު، ގިނަ މީހުން މާލެއަށް އަންނަނީ ރަށާއި އަތޮޅުން ލިބޭން ނުހުންނަ، ބޭސްފަރުވާގެ އެކިއެކި ޚިދުމަތްތައް ހޯދާށެވެ. މި ފަދަ ޚިދުމަތްތައް އަތޮޅުތަކުން ލިބޭނެ މަގު ފަހިކޮށްދެއްވާން އަދުގެ ސަރުކާރުން މަސައްކަތްޕުޅުކުރެއްވުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މި ފަދަ ޚިދުމަތްތައް ރައްޔިތުން ބަލައިގަންނާނީ ޝުކުރުވެރިކަމާއެކީގައެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް