Advertisement

އެމެރިކާ ސަރުކާރުގެ ނާތަހުޒީބުކަމާއި ޑިމޮކްރެސީއާ ބީރައްޓެހިކަން ދުނިޔެއަށް ބޭޒާރުވެއްޖެ.

30 Apr 2024 | 19:28
އެމެރިކާ ފުލުހުން ޔުނިވަރސިޓީ ދަރިވަރުން ހައްޔަރުކުރަނީ (ފޮޓޯ: ދަ ސީޓްލް ޓައިމްސް)

އަބާ މުހަންމަދު

އެމެރިކާއަކީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތަކާއި އަދުލުއިންސާފަށް އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ދައްކާން މަސައްކަތްކުރާ ގައުމެކެވެ. ނަމަވެސް އެ މީހުންގެ ޢަމަލުތަކުން ފެންނަނީ އެއާ އިދިކޮޅަށް އެ މީހުން މަސައްކަތްކުރާކަމަށެވެ. ޑިމޮކްރެސީގެ ނަމުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ގައުމުތަކަށް އަރައި ގައުމުތައް ތަޅައި ސުންނާފަތިކުރި މަންޒަރު މާޒީގައި ވަނީ ފެނިފައެވެ. މީގެ އެއް މިސާލަކީ އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމަށް ދޮގު ރިޕޯޓުތަކެއް ހަދައިގެން، އެ ގައުމަށް އަރައި މުޅި ގައުމު ތަޅައި ސުންނާފަތިކުރި މަންޒަރެވެ. އެކަމަކު އެ ބުނާ ހަތިޔާރެއް އަދި އަދަށް ދާނދެން ވެސް ފެނިފައެއް ނެތެވެ.

އަދި އިންސާނީ ހައްގުތަކާ އެމެރިކާގެ ވެރިޔަކު ޚިލާފު ވިޔަސް އެ މީހަކާ ދެކޮޅަކަށް ފިޔަވަޅެއް ނޭޅެއެވެ. ނަމަވެސް އެހެން މީހަކު މި ފަދަ ކުޑަ ކަމެއް ކޮށްލިޔަސް ވަގުތުން ފިޔަވަޅު އެޅެއެވެ. އެހެނީ ފެންނަ ފެނުމުގައި ދުނިޔޭގެ ޢަދުލުއިންސާފުގެ ކޯޓާއި ބައިނަލްއަގުވާމީ ޖަމާޢަތްތައް އޮންނަނީ އެމެކާގެ ދަށުވެފައެވެ. މި ކަންކަން މިހެން އޮތް ނަމަވެސް އެމެރިކާއާއި ހުޅަނގުގެ (ޔަހޫދީން ފަންޑުކުރާ) މީޑިއާތަކުން އެމެރިކާގެ މޫނުމަތި ރީތިކުރާން ކުރަމުންގެންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއަކީ ޑިމޮކްރެސީގެ ނަމޫނާއެއްކަމަށް ދުނިޔެއައީ ބަލަމުންނެވެ. ނަމަވެސް ދަނގަނޑު ގިރިޓީކޮށް ބޭރަށް ދެއްކިޔަސް އެ ގިރިޓީގެ ކުލަ ދާ ވަރަކަށް ގިރިޓީ ނުކުރެވޭ ނަމަ، ދަނގަނޑުގެ އަސްލު ކުލަ ފާޅުވެ ދަބަރުޖަހާން ފަށާ ފަދައިން އެމެރިކާގެ ހަގީގަތް މިހާރު މުޅި ދުނިޔެއަށް ބޭޒާރުވެ އެ މީހުންގެ އަގުވެއްޓިއްޖެއެވެ.

އެމެރިކާއިން ބޭރު ފުށުން ދައްކަމުންގެންދާ ޑިމޮކްރެސީގެ ރީތި އުޞޫލާއި ހަމައާއި އިންސާފާއި ސުލޫކު އިޒުރޭލުގެ ސަބަބުން ވެއްޔާއި މޮޑެވިއްޖެއެވެ. އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގެ ވާހަކަ މީހަކު ދައްކައިލާ އިރަށް އެއީ ޔަހޫދީ ދަރިކޮޅާ ދެކޮޅަށް ނަފުރަތު އުފައްދަނީކަމަށް ބުނެ އެ ބަޔެއްގެ އަނގަ ބަންދުކޮށްލައެވެ. ނަމަވެސް ފޮރުވަމުން ސިއްރުކުރަމުން ގެންދިޔަ ނަމަވެސް، ޔަހޫދީން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ނަސްލު ނައްތައިލުމުގެ ޢުދުވާނު ބަޔަކަށް ސިއްރު ނުކުރެވޭހާ ބޮޑަށް މައްޗަށް ގެންގޮސް ހައްދު ފަހަނަޅައި ދިޔުމުން، ފަލަސްތީނު މީހުންނަކީ މުސްލިމުންކަމަށް ވިޔަސް، އިންސާނިއްޔަތަށް ޓަކައި ފަލަސްތީނީންގެ ހިމާޔަތުގައި އަޑު އުފުލުން މުޅި ދުނިޔޭގައި އިތުރުވެއްޖެއެވެ. ޚުދު އިސްރާއީލުގެ ތެރެއިންނާއި އެމެރިކާގެ ތެރެއިންނާއި ވިލާތުގެ ގައުތަކުގައި މި އަޑު ގަދަވެ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލުން އިތުރުވެފައިވަނީ ކޮންޓްރޯލުކުރާން އުނދަގޫ މިންވަރަކަށެވެ.

އެމެރިކާ ފުލުހުން، ޔުނިވަރސިޓީ ގޯތިތެރެއަށް ވަދެ ދަރިވަރުން ބިޑިއަޅުވަނީ. (www.saba.ye)<br>

ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އިސްރާއީލުގެ ޢަމަލުތަކާއި އިސްރާއީލުގެ ނިރުބަވެރި ދައުލަތް ޙިމާޔަތްކުރުމަކީ ވެރިކަމުގައި ތިބުމަށް ޓަކައި އެމެރިކާ ސަރުކާރަށް މަޖުބޫރުކަމެކެވެ. އެހެނީ އެމެރިކާގެ މީޑީއާއާއި ހަތިޔާރު އުފައްދާ ކުންފުނިތަކާއި އިގުތިސާދު ކޮންޓްރޯލުކުރަނީ ޔަހޫދީންނެވެ. އެހެންވީމާ، މުޅި ދައުލަތުގެ އަގުވެއްޓި ދުނިޔޭގެ ކުރިމަތީގައި އެ މީހުން ފަޟީޙަތްވެ ބަރަހަނާވިޔަސް ސަރުކާރުން އެ ކަން ކުރާނެއެވެ.  ވެރިކަން ޙިމާޔަތްކުރުމަށް ޓަކައެވެ. ނަމަވެސް އާންމު ރައްޔިތުންގެ ތެރޭގައި ގިނައީ އިންސާފާއި ހަމައަށް ލޯބިކުރާ މީހުންކަމަށް ވާތީ، ސަރުކާރުގެ މި ނާތަހުޒީބު ޢަމަލު ރައްޔިތުން ބަލައެއް ނުގަނެއެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ސިޓީތަކަށް ޔަހޫދީން ދެމުންގެންދާ ޢުދުވާނު ހުއްޓައިލުމަށާއި، އެމެރިކާ ސަރުކާރުން އިސްރާއީލާ ގުޅުން ކަނޑައިލުމަށް ގޮވައިލައި އެކި ޔުވަރސިޓީތަކުގެ ދަރިވަރުން ވެސް އިހުތިޖާޖުކުރާންފަށައިފިއެވެ.

އެމެރިކާ ފިރިހެން ފުލުހުން އަންހެންކުއްޖަކު ބިޑީއަޅުވަނީ (ފޮޓޯ: އަލްޖަޒީރާ)<br>

އެމެރިކާގެ ނިއުޔޯކުގައި ހުންނަ ކޮލަމްބިއާ ޔުނިވަރސިޓީއާއި ޓެކްސާސްގެ އޮސްޓިން ޔުނިވަރސިޓީއާއި އިތުރު އެތައް ޔުނިވަރސިޓީތަކެއްގެ ދަރިވަރުން މިހާރު ފަށައިފައިވާ ބައިނަލްއަގުވާމީ ކެންޕޭނުގައި ހިމޭންކަމާއެކު އަޑު އުފުލަމުން ގެންދަނިކޮށް އެމެރިކާ ފުލުހުން އުޞޫލާއި ގަވާއިދާ ޚިލާފަށް ރައިޓް ގިޔަރުގައި ވަދެ އެތައް ސަތޭކަ ދަރިވަރުންނެއް ގަދަކަމުން ދަމައި ކޫއްތައި ބިޑިއަޅުވައިގެން ގެންދާ މަންޒަރު ޚުދު އެމެރިކާގެ ސަރުކާރަށް ތާއީދުކުރާ ޓީވީތަކުން ވެސް ފެންނާން ފަށައިފިއެވެ. އިއްޔެ މި ގޮތަށް ކޮލަމްބިއާ ޔުނިވަރސިޓީއާއި ޓެކްސާސް ޔުނިވަރސިޓީގެ ދަރިވަރުން ހިމޭންކަމާއެކު އަޑުއުފުލަމުން ގެންދަނިކޮށް، (ހޯމަ ދުވަހު) ފުހުން އާދަޔާ ޚިލާފު ބާރުގައި ޔުނިވަރސިޓީގެ ކެންޕަހުގެ ތެރެއަށް ވަދެގަނެ އެތައް ސަތޭކާ ބަޔަކު ބިޑިއަޅުވައި ބަހަށް އަރުވައިގެން ގެންދިޔައެވެ. އަދި ޔުނިވަރސިޓީގެ ވެރީންނަށް ބިރުދައްކައި އެ ކަންތައް ނުހުއްޓުވައިފި ނަމަ ވަޒީފާއިން ވަކިކުރަނެކަމުގެ އިންޒަރު ވެސް ވަނީ ދީފައެވެ. ނަތީޖާއެއްގެ ގޮތުން މި ގޮތަށް ގެންދިޔަ ކުދީން ވަނީ ޔުނިވަރސިޓީއިން ސަސްޕެންޑްކޮށް އެ އެއްވުން ރޫޅައިލަންދެން އެ ސަސްޕެންޝަން ދަމަހައްޓާނެކަމަށް އަންގައިފައެވެ.

މި ގޮތަށް ހައްޔަރުކުރާ މީހުން 24 ގަޑިއިރު ވުމުގެ ކުރީން މުއްދަތުޖަހާން ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ކުށެއް ނެތްކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާންޖެހޭނެކަމަށް ބުނެ ގިނަ ފަހަރަށް ދޫކޮށްލައެވެ. އަނެއްކާ ވެސް އަނެއް ފަހަރު ހައްޔަރުކުރަނީއެވެ. މި ކަމުން އެނގެނީ އެމެރިކާ ސަރުކާރުން ވެސް މިއަދު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް އަދި ޑިމޮކްރެސީއަކަށް އިޙުތިރާމެއް ނުކުރާކަމެވެ. ޔަހޫދީންގެ ޙިމާޔަތުގައި އެމެރިކާ ސަރުކާރުން ކޮށްފައި ނުކުރާނެ ކަމެއް ވެސް ނޯންނާނެކަމެވެ. ނަމަވެސް އިސްރާއީލު ސަރުކާރުގެ ލާއިންސާނިއްޔަތުކަމާއި އެމެރިކާ ސަރުކާރުގެ ނާތަހުޒީބުކަން ދުނިޔޭގެ އެހެން ގައުމުތައް ފަދައިން އެމެރިކާގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނަށް ވެސް މިހާރު ބޭޒާރުވެ އެ މީހުން ފަޟީޙަތްވެއްޖެއެވެ. އެހެންކަމުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިހާރު ފަށައިފައިވާ ބައިނަލްއަގުވާމީ ކެންޕޭނު ދެން ހުއްޓުވައިލެވިދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެމެރިކާ ސަރުކާރުގެ ނާއިންސާފުކަމާއި ނާތަހުޒީބުކަން މިއަދު މިވަނީ ދުނިޔެއަށް ބޭޒާރުވެފައެވެ.

________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ އެހެން ނޫސްތަކަށް ވެސް ކުރީން ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް