ކަރުނައިގެ އަސަރު (12)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 އެޕުރީލު 27ވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)
_________________________________________________________
އާނއެކެވެ!
އަހަރެމެން ކޮށްފައިވާ ކަމަކީ، ކުށާއި ވަފާތެރިކަން ޙަޤީޤަތުގައި އަހަރެމެންގެ ހަނދާނުން ނެތި ދިޔުމެވެ.
އަހަރެން ބުނަމުން ގެންދިޔައީ ކަލާއަކީ އަހަރެންގެ މީހެއްކަމުގައެވެ.
ނަމަވެސް އަހަރެންގެ މީހަކަށް ކަލާއަކަށް ނުވެވުނެވެ.
_________________________________________________________
ޚާން އަކުބަރަށް ލިބިފައިވާ މޭލު އަނެއްކާވެސް އެއް ފަހަރު ކިޔައިލިއެވެ.
އޭނާގެ މޫނުމަތީގެ ކުލަވަރު އެތައް ފަހަރަކު ބަދަލުވެގެން ދިޔައެވެ.
މޭލު ލިބިފައިވަނީ ލަންޑަނުންނެވެ. ---------
އެއީ އޭނާގެ ކޮއްކޮގެ މޭލެކެވެ. އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު 10 ޖަހާއިރު އޭނާގެ ފުލައިޓް އެއަރޕޯރޓުގައި ޖައްސައިނެކަމަށާއި އޭނާ އެނބުރި އަންނަނީ ޚާން އަކުބަރުގެ އަމާނަތު ރައްދުކޮށްދޭންކަމުގައި މޭލުގައި ލިޔެފައިވެއެވެ.
މޭލު ކިޔުމަށް ފަހު، ފަސްޖެހޭ ކަހަލަ ގޮތެއްގައި ޚާން އަކުބަރު ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ.
އޭނާގެ ސިކުނޑީގައި އާދަޔާ ޚިލާފު ގޮވުންތަކެއް ގޮވަމުންދިޔައެވެ. އޭނާގެ މޫނުމަތީން ފެންނަ އަސަރުތަކުން އެކަން އެނގެއެވެ. އޭނާގެ އެ އަމާނަތު ޙަވާލުކޮށްފައިވަނީ އޭނާގެ ކޮއްކޮއާއެވެ. އެ އަމާނަތު އަނބުރައި ގެންނާކަށް އޭނާ ތައްޔާރެއް ނޫނެވެ.
ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ހިނގަމުން ގޮސް އޭނާ ކުއްލިއަކަށް ހުއްޓިއްޖެއެވެ. އޭނާ މިވަގުތު ހުރީ ކޮޓަރީގެ މެދުތެރޭގައެވެ. އޭނާގެ ނަޒަރު ހުރީ ކުރިމަތީގައި ހުރި ލޯގަނޑަށެވެ.
އޭނާ ލޯގަނޑުން އޭނާގެ މޫނަށް ބަލަމުން ދިޔައެވެ.
އޭނާގެ ޢުމުރުން 45 އަހަރު ވީއިރު ވެސް އޭނާ ފެންނަނީ ޒުވާންކޮށެވެ. ބޮލުގެ އިސްތައްޓެއް ވެސް ހުދުވެފައެއް ނުވެއެވެ.
އޭނާ މަޑު މަޑުން ލޯގަނޑާ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ.
އަދިވެސް ތިޔައީ ހަމަ ކުރީގެ ޒުވާން ޚާން އަކުބަރެވެ. ------ ދެން އެހެންވީއިރު މިހައިސްކަން ލިބެނީ ކީއްވެހެއްޔެވެ؟
ކުރިމަތިލާން ބިރުގަންނަނީ ކީއްވެހެއްޔެވެ------؟
ފުރުސަތެއް ހޯދައިގެން ކޮންމެވެސް ދުވަހަކުން އޭނާ ވަޅުލާށެވެ.
އޭރުން ސިކުނޑިއަށް ލުއިކަން ލިބިދާނެއެވެ.
ބިރުގަންނަނީ ކީއްވެހެއްޔެވެ؟ -------
ދަރިއެއްގެ ގޮތުގައި އޭނާއަށް މަރުޙަބާ ކިޔާށެވެ. ------- ގެއަށްވެސް ގެންނާށެވެ.
އެކަމަކު ------- ސުވާލަކީ ކައުސަރެވެ. -------- އެއީ ޒުވާން ރީތި އަންބެކެވެ.
މި އަންހެންކުއްޖާ ފެނުމުން އޭނާއަށް ތަޙައްމަލުކުރެވޭނެހެއްޔެވެ؟
ހޫމް ------ ބަލަމާ ހިނގާށެވެ. -----
ޚާން އަކުބަރު ސިކުނޑިއަށް ގޯސް ޚިޔާލުތައް އަންނާން ފެށިއެވެ.
އޭނާ އެނބުރި ބަލައިލިއިރު، ޚާދިމާ ކޮޓަރިއަށް އަންނަތަން ފެނުނެވެ. ޚާދިމާ އައީ މަލުގެ ގުލްސަތާއެއް ހިފައިގެންނެވެ. އޭނާ މަލުގެ ގުލްދަސްތާ ބަހައްޓާފައި ނުކުންނަން އެނބުރުނު ވަގުތު ޚާން އަކުބަރު ސީރިއަސްކަމާއެކު ބުންޏެވެ.
"އަހަރެންގެ ސަލާން ބޭގަމަށް ބުނަންޗެވެ. ------"
ޚާދިމާ ބޯ ތިރިކޮށްލުމަށް ފަހު ހިނގައްޖެއެވެ.
އެއީ އަލަށް މަސައްކަތް ކުރާން ފެށި ޚާދިމާއެކެވެ. ------- ޚާން އަކުބަރު ފުން ނަޒަރަކުން ޚާދިމާއަށް ބަލައިލިއެވެ.
ޚާދިމާ ހުރީ އާދައިގެ ހެދުމެއްގައެވެ. ޒުވާން ކުއްޖެކެވެ. އޭނާގެ ދެލޮލަކީ މަސްތީ ދެލޮލެވެ. އޭނާގެ ހަށިގަނޑަކީ ލޫޅާފަތި ރީތި ހަށިގަނޑެކެވެ.
އޭނާ ނުކުތީއްސުރެ ޚާން އަކުބަރުގެ ވިސްނުން ހުރީ އޭނާއަށެވެ.
ކައުސަރު އަންނަ އަޑަށް އޭނާ ސިއްސައިގެން ދިޔައެވެ.
"އުފާވެރި ޚަބަރެއް އަޑު އަހައިލާން އަހަރެންގެ ލޯބިވާ އަނބިމީހާ އަންނާށެވެ. ----------"
ޚާން އަކުބަރު އުފާވެރިކަމާ އެކު ބުންޏެވެ.
"އުފާވެރި ޚަބަރު އަހަރެން އަޑުއަހާނީ ފަހުންނެވެ. ------- ކުރީން ފެންނާނީ ލޯބިވާ އަންހެންދަރިފުޅު އިންޑަސްޓްރީޒަށް ޒިޔާރަތް ކުރާ ތަނެވެ. -------"
"ދެން ------- " ޚާން އަކުބަރު ކަންބޮޑުވާ ކަހަލަ ގޮތެއްގައި ބުންޏެވެ.
"އަހަރެން މިބުނީ ދަރިފުޅު ރަޢުނާ އެހައި އަވަހަށް ޗުއްޓީއަށް ގޮސް އެނބުރި އައުމާއި ގޭގައި ދުވާލާ ރޭގަނޑު ކޮޓަރީގައި ބަންދުވެގެން ހިތާމައިގައި ހަލާކުވެގެން ދިޔުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟"
"އަހަރެންގެ އަންހެނުން ވެސް މިއީ އާދަޔާ ޚިލާފު މީހެކެވެ. -------- އެ ކުދީންނަށް ވެސް ދެރަވާ ކަންތައްތަކާ ދިމާވާނެއެވެ. --------"
"އެ ގޮތަށް ޚާން އަކުބަރަށް ވެސް ކަމެއް ދިމާވީހެއްޔެވެ؟"
"ތިޔަ ބުނީ ކީކޭ؟" ޚާން އަކުބަރު ޙައިރާންވެފައި ބުންޏެވެ.
"އެ ވާހަކަ ދެން ބާއްވާށެވެ. ------- އަހަންނަކީ ދުޝަމަނެއްހެއްޔެވެ؟ ---------- ފުރަތަމަ އުފާވެރިކަމުގެ ޚަބަރު ދޭށެވެ. ------"
ޚާން އަކުބަރު ބިރުން ހުރެ އޭނާގެ އަންހެނުންނާ ދިމާއަށް ބަލައިލިއެވެ.
އެ ކަމާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ މުނާސަބު ކަމެއްކަމުގައި ކައުސަރަށް ނުފެނުނީކަމަށް ވެދާނެއެވެ. އެހެންކަމުން އޭނާ ބުންޏެވެ.
"ކޮއްކޮގެ މޭލެއް ލަންޑަނުން ލިބުނެވެ."
"އޭނާ އަންނަނީ ހެއްޔެވެ--------؟"
"ނޫނޭ -----------"
"އެހެންވީރު ދެން ------؟" ކައުސަރު އަނެއްކާ ވެސް ބުންޏެވެ.
ޚާން އަކުބަރު، ކައުސަރަށް ބަލައިލަމުން ބުންޏެވެ. "އަހަރެމެންގެ އަންހެން ދަރިފުޅު އަންނަނީއެވެ."
"ކޮއްކޮއާ އެކު އޭނާ ލަންޑަނުގައި ހުންނަތާ މިހާރު 15 އަހަރު ވެއްޖެއެވެ."
"ޚާން އަކުބަރުގެ އަންހެން ދަރިފުޅެއް ---------"
ކައުސަރު ދެލޯ ބޮޑުކޮށްލައިފައި ޚާން އަކުބަރަށް ބަލައިލިއެވެ.
"އާނއެކެވެ. އަހަރެމެންގެ އަންހެން ދަރިފުޅެވެ. ------ އެއީ އަހަރެންގެ ފުރަތަމަ އަންހެނުންނަށް ލިބުނު ކުއްޖެކެވެ. އެ ދަރިފުޅުގެ މަންމަ ހާދިސާއެއްގައި މަރުވީ ލަންޑަނުގައެވެ. އޭނާ މަރުވެގެންދިޔައީ އެ ދަރިފުޅު ދޫކޮށްފައެވެ. ދަރިފުޅުގެ މަންމަ ނިޔާވުމުން ދަރިފުޅު ބަލައި ބޮޑުކުރީ އަހަރެންގެ ކޮއްކޮ ނާޞިރެވެ. އެ މީހުން މިއަދު 10 ޖަހާ އިރު، ޖައްސާ ފުލައިޓުން މި ކޮޅަށް އަންނަކަން މޭލުން އޮތީ އަންގައިފައެވެ. އެމީހުންނަށް ވަރަށް ފުރިހަމަ އިސްތިޤްބާލެއް ކުރާން އަހަރެން ބޭނުމެވެ."
ޙައިރާންކަމާއި ވަރުގަދަ ސިހުމެއްގައި ހުރެ، ކައުސަރު ބުންޏެވެ.
"ޚާން އަކުބަރުގެ އެ އަންހެނުންނަކީ ޔޫރަޕު މީހެއްހެއްޔެވެ؟"
"ނޫނެކެވެ. ---- އެއީ ޕާކިސްތާނު މީހެކެވެ. ------ އަހަރެމެން މަތީ ތަޢުލީމު ޙާޞިލު ކުރާންތިބީ ލަންޑަނުގައެވެ. އަހަރެމެން ކައިވެނި ކުރީ އެދުވަސްވަރުއެވެ."
"މި ގޮތަށް އަނބީން އަދި ފާޅުވާނެހެއްޔެވެ؟"
ޚާން އަކުބަރު ހޭންފެށިއެވެ.
"ތިޔައީ އަހަރެންގެ ސުވާލުގެ ޖަވާބުހެއްޔެވެ؟"
"ތިޔަ ވާހަކަ ހުއްޓައިލާށެވެ. ------ އަހަރެން ބުނާނީ މިހައި ވަރަށެވެ."
ކައުސަރު އާދަޔާ ޚިލާފު ބެލުމަކުން، ޚާން އަކުބަރަށް ބަލަމުންދިޔައެވެ.
"ޒުވާންކަމުގެ ދުވަސްވަރު ތިބާގެ ކުލަގަދަ ޠަބީޢަތުގެ މާފޮޅިގެން ދިޔައީ ކިހިނަކުންހެއްޔެވެ؟" މަޑު މަޑުން ކައުސަރު ބުންޏެވެ.
"މާތް ﷲ ޝަރަފު ދެއްވަނީ އިންސާނާ އެކަމުން ބޭނުންވަރަކަށް ފައިދާ ލިބިގަތުމަށްޓަކައެވެ."
"މިޢުމުރުގައިވެސް ތިބާގެ ކުޅި ސަމާސާ އޮތީ ދައްކައިފައިތާއެވެ؟"
"ތިޔަ ބުނީ ކީކޭހެއްޔެވެ؟ ------ " ކައުސަރަށް ވަރަށް ބޮޑަށް ޝައްކު ކުރެވި، އޭނާ ވަރަށް ބޮޑަށް ސިއްސައިގެން ދިޔައެވެ. އަލަށް ގެންގުޅެން ފެށުނު ޚާދިމާއަށް އަހަރެން ބެލިތަން ކައުސަރަށް އެ ފެންނާނީއޭ ޚާން އަކުބަރުގެ ހިތަށް އެރިއެވެ.
"މިބުނީ ތިބާ އަހަރެން ޙާޞިލު ކުރީވެސް ތި ޢުމުރުގައޭ. ----- ޒުވާން ޢުމުރުގައެއް ނޫނޭ ------ ކައުސަރު ވާހަކަ އޮޅުވާލިއެވެ.
"އޯ ހޯ ---------- " ޚާން އަކުބަރު ފުން ނޭވާއެއްލުމަށް ފަހު ބުންޏެވެ.
"މިހައިރު ކައުސަރު ދިޔަސް އެންމެ ރަނގަޅެވެ. ----- އެކަމަކު ރަޢުނާ ކައިރީގައި ވެސް މި ވާހަކަ ބުނައްޗެވެ."
"އެންމެ މިނިޓެއް -------" ކައުސަރަށް ޚިޔާލެއް އައުމުން ސިއްސައިގެން ދިޔައެވެ.
"ދެންމެވެސް ދޮގު ހަދައިފިއެވެ."
"މިސާލަކަށް ---------"
"އޭނާއާ ކައިވެނި ކުރެވުނީ ދެ މީހުން ލަންޑަނުގައި މަތީ ތަޢުލީމު ޙާޞިލު ކުރި ދުވަސްވަރުގައިކަމަށް ދެންމެ ބުނީމެއްނޫންހެއްޔެވެ؟ އެހެންވެއްޖެއްޔާ އަންހެންމީހާގެ ޢުމުރުން އޭރު 25 ނުވަތަ 26 އަހަރު ވަރުވާނެތާއެވެ."
"ނޫނެކޭ ----- އޭރު އޭނާގެ ޢުމުރުންވާނީ 16 ނޫނީ 17 އަހަރެވެ.
"ދެން ދައްކަނީ ކޮން މަތީތަޢުލީމެއްގެ ވާހަކައެއްހެއްޔެވެ؟"
"ޙަޤީޤަތް ޤަބޫލުކުރާށެވެ. އަހަރެމެން ކައިވެނި ކުރެވުނުއިރު އަހަރެމެން ތިބީ ލަންޑަނުގައެވެ. އެކައިވެނި ކުރެވުނީ ސިއްރު ކައިވެންޏެއްގެ ގޮތުގައެވެ. އެއީ ރަޢުނާގެ މަންމަ އެކައިވެންޏަށް ހިތްހަމަ ނުޖެހޭތީއެވެ."
"އޭރު ކައުސަރު ލޯބިވާ ދަރިފުޅު ރަޢުނާގެ ޢުމުރަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އޭނާގެ ޢުމުރުން އޭރު ވާނީ 3 އަހަރު ވަރެވެ."
ކައުސަރު މޫނު ހަދައިލުމަށް ފަހު، ބޭރަށް ނުކުމެއްޖެއެވެ.
ޚާން އަކުބަރަށް ސިހުމެއް ލިބިގެންދިޔައެވެ. އެވަގުތު އޭނާ ސޯފާ ގޮނޑީގައި އިށީނދެއްޖެއެވެ. ހަމަ އެވަގުތު ޚާދިމާވެސް ކޮޓަރި ސާފުތާހިރުކުރުމަށް ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އަދި ޚާން އަކުބަރު ނުބައި ވިސްނުމެއްގައި ދެވަނަ ޚާން އަކުބަރަށް ބަދަލުވެ މޯޅިއަކަށް ދެމިލައި ޒުވާންވަމުންދިޔައެވެ.
-----------------------------------------------------
(ނުނިމޭ)