Advertisement

ދުބާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ހުރިހައި ޚިދުމަތެއް "އާލް މަކްތޫމް އިންޓަރނޭޝަނަލް"އަށް ބަދަލުކުރުން.

29 Apr 2024 | 14:01
އާލް މަކްތޫމް އިންޓަރނޭޝަނަލްގެ އާ ތަދުބީރުގެ ކުރެހުމެއް (ފޮޓޯ: އަލްޚަލީޖް)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުބާއީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކީ ދުނިޔޭގައި އެންމެ ހަލަބޮލި ވައިގެ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ވައިގެ ބަނދަރެކެވެ. 2023ވަނަ އަހަރު އެންމެ ގިނަ މީހުން ދަތުރުކުރި އެއަރޕޯޓުގެ ރެކޯޑުވެސް އޮތީ އެ އެއަރޕޯޓަށެވެ. މި ވައިގެ ބަނދަރުގެ ހުރިހައި ޚިދުމަތެއް އަލަށް ތަރައްގީކުރާ "އާލް މަކްތޫމް އިންޓަރނޭޝަނަލް"އަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 128 ބިލިއަން ދިރުހަމްގެ ބޮޑު އަގެއްގައި ތަރައްގީކުރާ، އެއަރޕޯޓުގެ ވާހަކަ ޢާންމުވެފައިވަނީ އިއްޔެއެވެ. މި އެއަރޕޯޓުގައި އަހަރަކު 260 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ.

އާލް މަކްތޫމް އައްދައުލީ (އާލް މަކްތޫމް އިންޓަރނޭޝަނަލް): މި ތަން ތަރައްގީކޮށް ނިމުމުން ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓުގެ ލަގަބު ލިބޭނެއެވެ. (ފޮޓޯ: މިޑްލްއީސްޓް ޕްރެސް)<br>

މި ވައިގެބަނދަރުގެ މައުލޫމާތު ހިއްސާކުރައްވަމުން ދުބާއީގެ ބޮޑުވަޒީރު އަދި ނާއިބުރައީސް ޝައިޚު މުޙަންމަދު ބިން ރާޝިދު އާލް މަކްތޫމް، އިއްޔެ (އަދީއްތަ ދުވަހު) ވިދާޅުވެފައިވާ ގޮތުގައި މިހާރު ބޭނުންކުރެވެމުން އަންނަ ދުބާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވުރެ އާލް މަކްތޫމް އިންޓަރނޭޝަނަލް، ފަސް ގުނަ ބޮޑުވާނެއެވެ. މި ތަން ފުރިހަމަވާ އިރު، ދުނިޔޭގެ އެންމެ ޖާގަބޮޑު އެއަރުޕޯޓަކީ މި ތަންކަމަށް ވާނެއެވެ.

ދުބާއި ދެކުނުން އެއަރޕޯޓުގެ ވަށައިގެން ތަރައްގީ ކުރެވޭނީ ފުރިހަމަ ސިޓީއެކެވެ. އެތައް މިލިއަން ބަޔަކަށް އެ ސިޓީއިން ގެދޮރުވެރިކަން ލިބޭނެއެވެ. މި މަސައްކަތްކުރާނީ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުންނެވެ.

އާލް މަކްތޫމް އިންޓަރނޭޝަނަލްގެ ތަދުބީރުގެ ފޮޓޯއެއް: މި ތަން ފަރުމާކޮށްފައިވަނީ ރީތިކަމުން މީހުން ހައިރާންވާހައި ރީތިކޮށެވެ. (ފޮޓޯ: އިންޑިއާ ޓީވީ)<br>

"އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ ކުރިމަގުގެ ޖީލުތަކަށް ޓަކައި މުޅީން އާ މަޝްރޫޢެކެވެ. އަޅުގަނޑުމެންގެ ދަރީންނާއި އެ ދަރީންގެ ދަރީންނަށް ޓަކައި މެދުނުކެނޑޭ އަދި ހަމަޖެހޭ ތަރައްގީއެވެ. ދުބާއީ ވާނީ ދުނިޔޭގެ އެއަރޕޯޓަށެވެ. ދުނިޔޭގެ ބަނދަރަށެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ހަބަކަށެވެ. އަދި އެ ހަބުގެ ދުނިޔޭގެ މަރުކަޒަކަށެވެ." ޝައިޚު މުޙަންމަދު ވިދާޅުވިއެވެ.

2010ގައި ރަސްމީ ގޮތުން ހުޅުވުނު އަލްމަޚުތޫމް އެއަރޕޯޓު ތަރައްގީކުރުމުގެ އާ މަޝްރޫޢު ނިމޭ އިރު ފާޓުކޮށް ހެދިފައިވާ ފަސް ރަންވޭއެއް އެ ތާނގައި އޮންނާނެއެވެ. އަމި މަތީންދާބޯޓަށް ޚާއްޞަކުރެވިފައިވާ 400 ގިމަތަ ހުންނާނެއެވެ.

އާލް މަކްތޫމުއްދައުލީ<br>

އާލް މަކްތޫމް އިންޓަރނޭޝަނަލް ފުރިހަމަވާ އިރު، 70 ކިލޯމީޓަރަށް އެ ސަރަހައްދު ފެތުރިފައިވާނެއެވެ. އާލް މަކްތޫމް އިންޓަރނޭޝަނަލް އެއަރޕޯޓު 2010ގައި ހުޅުވީ އެންމެ ގިމަތައަކާއެކީގައެވެ.

މި އެއަރޕޯޓް ތަރައްގީކުރާން ކުރެވިފައިވާ ތަދުބީރުތަކުގެ ކުރެހުންތައް ވެސް އިއްޔެ ވަނީ އާންމުކުރެވިފައެވެ. މި ލިޔުމާއެކު މި ވަނީ އެންމެ ތިން ފޮޓޯއެވެ.

މި ވާހަކަ ދުނިޔޭގެ މަޝްހޫރު ހުރިހައި މީޑިއާއަކުން އިއްޔެ ވަނީ ފަތުރައިފައެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

ގިމަތަ      ނ.    ދަތުރަށް އެރުމަށާއި ދަތުރު ނިންމުމަށާއި ދަތުރުވެރިންގެ ކަންތައް ހަމަޖެއްސުމަށް ބޭނުންކުރާ ތަން.

ތަދުބީރު     ނ.    (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް

ހަބު       ނ.    (1) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި، މެދުގައި ހަރުކޮށްފައި ހުންނަ އެތި. (2) މަރުކަޒު.

Advertisement

ކޮމެންޓް