Advertisement

އިސްލާމީ ޖާސޫސީ މުއައްސަސާ އުފެދި ތަރައްޤީވުން (3)

29 Apr 2024 | 12:07
އިސްލާމީ ތާރީޚުގައި "ޞާޙިބުލްޚަބަރި"އަކީ މުހިންމު މަގާމެކެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 އެޕުރީލު 23ގައި ޝާއިޢުކުރި ބައާ ގުޅޭ)

މަތިވެރި މަޤާމެއް

އިސްލާމީ ދައުލަތުގައި "ދީވާނުލްޚަބަރި"އަކީ އެ އިދާރާގެ މަސައްކަތުގެ ބިޔަކަމާއި ނާޒުކުކަމާއި ޚުޠޫރަތްތެރިކަމާ ހެދި، ވަރަށް މުހިންމު އިސް މަޤާމެއް ލިބިފައިވާ އިދާރާއެކެވެ. މި އިދާރާގެ ވެރިކަމަށް އިސްކުރެވޭ މީހާގެ ލަޤަބަކަށް "ޚަޠީރުއްދައުލަތި" (މި ނަން) ދެވިފައި ވެއެވެ. އައްޞަފަދީ (އަވަހާރަވީ 764هـ/1363م) އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ "އަލްވާފީ ބިލް ވަފަޔާތި"ގައި ބަޔާންކުރައްވައިފައިވާ ގޮތުގައި މި ލަޤަބު އެރުވުނު ބޭފުޅުންގެ ތެރޭގައި އަލްޙުސައިން ބިން އިބްރާހީމުލް ބަޣުދާދީ (އަވަހާރަވީ 552هـ/1158م) ވެއެވެ. އޭނާގެ ޚުޠޫރަތްތެރިކަމަކީ އޭނާއަކީ ކުރައްވާން ޖެހވަޑައިގަންނަވާ ހުރިހައި ކަމެއް ރަނގަޅަށް އެނގިވަޑައިގަންނަވައިގެން ކުރެއްވި ތަޖްރިބާކާރެކެވެ. މިހެންވެ އަޅާން ޖެހޭ ފިޔަވަޅުތައް އޭނާއަށް އެނގިވަޑައިގަންނަވައިގެން  ކަނޑައެޅުއްވިއެވެ.

ދައުލަތުގެ ވެރިޔާ (ޚަލިފާއިންނާއި ރަސްރަސްކަލުން) ޞާހިބުލްޚަބަރިގެ ވަޒީފާއަށް އިސްކުރައްވަނީ އިތުބާރު ކުރެވޭ ބޭފުޅުންނެވެ. ޢިލްމީ ގޮތުން ފުންނާބު އުސް، ވިސްނުންފުޅު ތޫނު، ހުޝިޔާރު، ޙާޒިރުޖަވާބަށް މޮޅު ބޭފުޅުންނެވެ. ޤަރާރުތައް ކަނޑައަޅުއްވާން ކެރިވަޑައިގަންނަވާ، ހިތްވަރުފުޅު ގަދަ، ޖެހިލުއްވުން ކުޑަ ބޭފުޅުންނެވެ. ޚުވާޒަރްމީ ވިދާޅުވާ ގޮތުގައި ރަސްގެފާނުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އުއްތަމަ ބޭފުޅުންގެ ތެރޭގައި ޞާޙިބުލްބަރީދި ވެއެވެ. އެއީ ރަސްގެފާނުގެ އަޑުފުޅުގެ ދަރަޖައިގައިވާ މީހެކެވެ. ރަސްކަމުގެ މަޞްލަޙަތުތަކާއި މަފްސަދަތުތައް އޭނާއާ ޙިއްޞާކުރައްވާނެތެވެ. ދައުލަތުގެ ހަމަޖެހުމަށް މި މުއައްސަސާގެ ޙައިވިއްޔަތު ބަޔާންކުރައްވަމުން އޭނާ ވިދާޅުވިގޮތުގައި ((ހަނގުރާމައިގެ އަދަބުތަކުގެ ތެރޭގައި ޖާސޫސުންނާއި ޚަބަރުގެ ޞާޙިބުން ފޮނުވުން ވެއެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުންނަކީ ބާރުގަދަ  ދަންތުރަތަކެކެވެ. )) މިހެންވެ މި މުހިންމު މަޤާމަށް އިސްކުރެވުނު ބޭފުޅުންގެ ތެރޭގައި މަޝްހޫރު ޢާލިމުންނާއި އަދީބުންނާއި ޝާޢިރުން ވެއެވެ. ބައެއް ފަހަރަށް އެ ވަޒީފާ  ވަކި ޢާއިލާއަކަށް ޚާޢްޞަވެ ވާރުތަވަމުން ވެސް ދިޔައެވެ.  މިފަދަ ބޭފުޅުންގެ ތެރޭގައި މަޝްހޫރު އަދީބެއް ކަމުގައިވާ އަލްޙަރީރީ (އަވަހާރަވީ 516هـ/1122م) ވެއެވެ. އަޞްބަހާނީ (އަވަހާރަވީ 597هـ/1200م)  ޚަރީދަތުލްޤަޞްރި ނަމަކަށް ކިޔާ ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި އަލްޙަރީރީއަކީ ބަޞްރާގައި ޚަލީފާގެ ދީވާނުގެ ޞާޙިބުލްޚަބަރިއެވެ. ޚަލީފާ އަލްމުޤްތަފާ ބި ﷲ ( އަވަހާރަވީ 566هـ/1171م)ގެ ޒަމާނުގައި ވެސް އެ މަޤާމު ފުރުއްވަމުން ވަޑައިގެންފައިވަނީ ޙަރީރީގެ ބޭފުޅުންނެވެ.

މި މަޤާމުގެ މުހިންމުކަމުން ޞާޙިބުލްޚަބަރިގެ މަޤާމުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވަޒީފާގެ ކުރިއެރުން ދެއްވައި ވަޒީރުކަމުގެ މަޤާމަށް ވަނީ އިސްކުރައްވައިފައެވެ. އައްޛަހަބީ އޭނާގެ ފޮތެއްކަމުގައިވާ "ތާރީޚުލްއިސްލާމި"ގައި ލިޔުއްވައިފައިވާ ގޮތުގައި އައްސުލްޠާން ޠަޣުރަލް ބެކް އައްސަލްޖޫޤީ (އަވަހާރަވީ 455هـ/1063م)ގެ ވެރިކަމުގައި ޞާޙިބުލްޚަބަރިގެ މަޤާމުގައި ހުންނެވި އަބޫ ނަޞްރުލް ކުންދަރީ (އަވަހާރަވީ 456هـ/1064م) ވަނީ ވަޒީރުކަމަށް އިސްކުރައްވައި ވަރަށް އަރިސްކުރައްވައިފައެވެ. އޭރު އޭނާގެ ޢުމުރުފުޅަކީ 31 އަހަރެވެ. ޢައްބާސީ ޚަލީފާ އޭނާއަށް ސައްޔިދުލްވުޒަރާއި (ބޮޑުވަޒީރުކަން)ގެ ލަޤަބުދެއްވިއެވެ.

އިހުމާލުވުމުގެ ނަތީޖާ

ދައުލަތުގެ އަމަންއަމާންކަމުގެ ހައިސިއްޔަތުން މި އިދާރާއަކީ ޟަރޫރަތެއްކަމަށް ޚަލީފާއިންނާއި ސުލްޠާނުން ދެކެވަޑައިގަތެއެވެ. ދައުލަތް ވެއްޓުމުގައި މި ކަމުގައި އިހުމާލުވުން ފާހަގަކުރެވެއެވެ. އަޞްބަހާނީ "ތާރީޚު ދައުލަތި އާލި ސަލްޖޫޤި"ގައި ވިދާޅުވެފައިވާ ގޮތުގައި ޙައްޝާޝީން[1]ގެ ބަޔަކަށް ވަޒީރު ނިޡާމުލްމަލިކި އަވަހާރަކޮށްލެވުނީ ޞާޙިބުލްޚަބަރިގެ ރިޕޯޓުތައް އިހުމާލުކުރެވުމުގެ ސަބަބުންނެވެ. މި ވަޒީރު އަވަހާރަކޮށްލުމާ ވިދިގެން ސަލްޖޫޤީ އަމީރުންގެ މެދުގައި ވެރިކަމަށް ޓަކައި ކޯޅުންތައް އުފެދި، ދައުލަތް ނިކަމެތިވެގެން ދިޔައެވެ. އޭނާ އަވަހާރަކޮށްލައިފައި ވަނީ އެ ދައުލަތުގައި ޚަބަރާ ބެހޭ އިދާރާ އިހުމާލުކޮށްލުމުންނެވެ. ސުލްޠާން އަލްބު އަރްސަލާން ނިޡާމުލްމަލިކަށް ވިދާޅުވިއެވެ. "އަހުރެމެންނަށް ޞާޙިބުލްޚަބަރިއަކަށް ބޭނުމެއް ނުވެއެވެ. ދުނިޔޭގެ ކޮންމެ ރަށެއްގައި ވެސް އަހުރެމެންގެ ރަށްޓެހިންނާއި ޢަދުއްވުން އެބަ ތިއްބެވެ. ޚަބަރު ގެނެސްދޭ މީހާ އަހުރެމެންނާ ހަމައަށް ޚަބަރުތައް ގެނެސް މި ދެނީ އޭނާގެ މަޞްލަޙަތާ އެއް ގޮތަށެވެ. އޭނާގެ ރަޙުމަތްތެރިޔާ ހަތުރެއްގެ ސިފައިގައި އަދި ހަތުރުވެރިޔާ ރަޙުމަތްތެރިއެއްގެ ސިފައިގައި ގެނެސްދީފާނެތެވެ." މިހެން ވިދާޅުވެ ޞާޙިބުލްޚަބަރިގެ މަޤާމު އުވައިލެއްވިއެވެ. އޭނާގެ މުހިންމުކަން އެނގިވަޑައިގަތް އިރު ޙައްޝާޝީން ވަނީ އެ މީހުންގެ ވަކިތައް ގައުމުގައި ހިއްޕައިލައިފައެވެ. ނިޡާމުލްމަލިކު އޭނާގެ މަޝްހޫރު ފޮތް "ސިޔާސަތު ނާމާ"ގައި  އިންޓެލިޖެންސްގެ މުހިންމުކަމާ ބެހޭ ގޮތުން ބޮޑު ބާބެއް އެކުލަވައިލައްވައިފައި ވެއެވެ.

ތަތާރުންނަށް ޢައްބާސީ ދައުލަތް ވައްޓައިލެވުނީ ޢައްބާސީ ޚަލީފާ އައްޡާހިރު (އަވަހާރަވީ 623هـ/1226م)އަށް ފޮނުވައިދިން ޖާސޫސީ ސިއްރު ރިޕޯޓުތައް ނުބައްލަވައި އިހުމާލުކުރެއްވުމުންނެވެ. އޭނާ އަވަހާރަވި އިރު އޭނާގެ ގަނޑުވަރުގައި އަމްނާ ބެހޭ އެތައް ހާސް ރިޕޯޓެއް ބައްލަވައިނުލައްވައި ބަހައްޓަވައިފައި ހުރި ތަން ފެނުނެވެ. އައްޛަހަބީ ތާރީޚުލްއިސްލާމީގައި ލިޔުއްވައިފައިވާ ގޮތުގައި ޚަލީފާ އައްޡާހިރު ވިދާޅުވިއެވެ. "ތިޔަ އެއްޗެހިތައް ބަހައްޓާށެވެ! އަހުރެމެންނަށް ބޭނުމެއް ނުވެއެވެ. ތިޔައީ މުޅިން ވެސް ދޭތެރެޖެއްސުމެވެ."

ތަފާތު ދެ މަގެއް

އައްޡާހިރުގެ މި ސިޔާސަތަކީ އޭނާގެ ބައްޕާފުޅު އައްނާޞިރު (އަވަހާރަވީ 622هـ/1225م)ގެ ސިޔާސަތާ މުޅިން ތަފާތު ސިޔާސަތެކެވެ. އޭނާ ޖާސޫސީ ރިޕޯޓުތައް ދުވަހުންދުވަހަށް ބެއްލެވިއެވެ. އޭނާގެ ވެރިކަމުގައި މަގުތަކުގެ ފާރަވެރީން ކޮންމެ ދުވަހަކު ހެދުނުހެދުނާ ޚަލީފާގެ އަރިހަށް އައިސް މީސްތަކުންގެ ޙާލުއަޙުވާލު ދަންނަވައެވެ. އެހެނަސް އޭނާގެ ދަރިކަލުން އައްޡާހިރު ބައްޕާފުޅުގެ މި މަސައްކަތް އުވައިލެއްވިއެވެ. އެ މަސައްކަތް ކުރެއްވުން ދޫކޮށްލައްވައިފި ނަމަ ރައްޔިތުން ފާސިދުވެދާނެކަމަށް ދެންވުމުން ވިދާޅުވީ އަހުރެމެން އެންމެންނަށް ވެސް މި ގޮވައިލަނީ ރަނގަޅު މަގަށް އައުމަށެވެ.

(ނުނިމޭ)

ޙަވާލާ:

[1]  - ޙައްޝާޝީންނަކީ ޝީޢީ އިސްމާޢީލީ މަޒުހަބުގެ ބަޔެކެވެ.

.

ލަފުޒެއްގެ މާނަ:

މުއައްސަސާ   ނ.   އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކަައި ގާއިމުކޮށްފައި ހުންނަ އިދާރާ.

އިދާރާ       ނ.   އޮފީސް.

އޮފީސް      ނ.   (1) ޢިމާރާތެއްގައި އެ ތަނެއްގެ އިދާރާ ކަންތައްތަކާއި ލިޔެކިޔުމުގެ ކަންތައްތައް ބެލެހެއްޓުމަށް ހުންނަ ކޮޓަރި. (2) އެކިއެކި ކަންތައް ބަލަހައްޓައި ހިންގުމުގެ ވެރި ތަން. (3) އިދާރާ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް