Advertisement

ޙައްޤާއި ބާޠިލުގެ ފަރަގު

29 Apr 2024 | 00:02
ޙައްގާއި ބާޠިލަކީ ހަގީގަތުގައި ހެވާއި ނުބައެއްވެ.

މުޙައްމަދު ނަޞީރު ޢަލީ، ގއ. މާމެންދޫ

ކުރު ގޮތަކަށް ދަންނަވާ ނަމަ، ބާޠިލަކީ ޙާލަތު ފޮރުވައިލާ އަނދިރިކަމެކެވެ. ޙައްޤުގެ އަލީން ޙާލަތު ހާމަކުރަންދެން ބާޠިލުގެ އަނދިރިކަން ދެމިއޮންނާނެއެވެ. އެހެންކަމުން، ކޮންމެ ކަމެއްގެ އަދި ކޮންމެ އެއްޗެއްގެ ވިޔަސް އަޞްލު ޙާލަތު ދެނެގަތުމަށް ޓަކައި، ބާޠިލުގެ އަނދިރިކަން ނައްތައިލައި ޙައްޤުގެ އަލި އަޅުވައިގެން، އެ އެއްޗެއް ނުވަތަ ކަމެއްގެ އަޞްލު ޙަޤީޤަތް ދެނެގަންނާން ޖެހެއެވެ. ކަން މިހެން ހުރި އިރު، ޙައްޤަކީ ކޮބައިކަމާއި، ބާޠިލަކީ ކޮބައިކަން، ނިކަން ސާފުކޮށް ދެނެގަންނާން އެބަ ޖެހެއެވެ. އަދި މި ދެ ކަމުގެ ދެމެދުގައިވާ ފަރަގަކީ ކޮބައިކަން ވެސް ދެނެގަންނާން ޖެހެއެވެ.

"ޙައްޤު"އާއި "ބާޠިލު" މިއީ ޢަރަބި (ބަހުގެ އަސްލުން އައި) ދެ ލަފުޒެކެވެ. މި ދެ ލަފުޒުގެ ލަފުޒީ މާނައާއި، ޖުމްލަ މާނަތައް ވަރަށް ގިނަވެފައި، ދިގެވެ. އަދި ކީރިތި ޤުރުއާނާއި، މާތް ޙަދީޘްފުޅުތަކާއި، ދީނީ ފޮތްތަކުގައި ޙައްޤާއި ބާޠިލުގެ ވާހަކަ އެތަކެއް ހާސް ފަހަރު ލިޔެވި، އެ މައްޗަށް އެތަކެއް ވާހަކަ ދެކެވިފައި ވެސްވޭ މެއެވެ. ނަމަވެސް މި ލިޔުމުގައި ބަލައިލާން ގަސްދުކުރަނީ، ޙައްޤާއި ބާޠިލު ދުނިޔަވީ ކަންކަމާ ގުޅުވައިގެން ބޭނުން ކުރެވޭ ބައެއް ގޮތްތަކާއި، މަފުހޫމްތަކާއި އޭގެ ބައެއް މިސާލުތަކަށެވެ.

ބާޠިލުގެ ވާހަކައަކީ މާ ގިނައިން އަޑުއިވޭ އެއްޗަކަށް ނުވިޔަސް، ޙައްޤުގެ ވާހަކަ ވަރަށް ގިނައިން ދެކެވެ އެވެ. ޙައްޤޭ ބުނެފި ނަމަ، މިހާރު ގިނަ ފަހަރަށް، ދޭހަ ވާނީ، އެ ދައްކަނީ، ލިބެންޖެހޭ އެއްޗެއް (ފައިސާއާއި މުދާ ފަދަ ލޮލަށް ފެންނަ ޖިސްމާނީ އެއްޗެއް) ނުވަތަ އިންޞާފުވެރި ހަމަތަކުން ލިބެންޖެހޭ ފުރުޞަތެއް (އިންސާނީ ޙައްޤު ފަދަ ލޮލަށް ނުފެންނަ އެއްޗެއް)ގެ ވާހަކަކަމުގައެވެ. ބާޠިލޭ ބުނެފި ނަމަ، އެއީ ކޮން އެއްޗެއްކަން އޮޅުން ފިލުވުމަށް ޓަކައި ބައެއް މީހުން ސުއާލު ވެސް ކޮށް ހަދައެވެ. އެއީ މިހާރުގެ މުޖުތަމަޢުތަކަށް އެހައި ވެސް ބީރައްޓެހި މަފުހޫމެކެވެ. ނުވަތަ ކޮންސެޕްޓެކެވެ.

މި ލިޔުމުގައި ޙައްޤޭ ބުނެފައި އެ ވަނީ ބާޠިލުގެ އިދިކޮޅަށެވެ. ދިވެހިބަހުން ބުނާނަމަ މިއީ [ވާ، ނުވާ] އޭ ބުނާ މާނައިގައެވެ. ޙައްޤަކީ [ވާ]އެވެ. ބާޠިލަކީ [ނުވާ]އެވެ. މި މަފުހޫމްގެ ތެރޭގައި، ތެދާއި ދޮގު، ސާދާކަމާއި އޮޅުވައިލުން، ތެދުވެރިކަމާއި މަކަރާއި ޙީލަތް ފަދަ އެތައް މާނަތަކެއް ހިމަނައިލެވިދާނެއެވެ.

ދެން މި ދެ މަފުހޫމްގައިވާ ފަރަގަކީ ކޮބައިކަމުގެ މައްޗަށް ވާހަކަދައްކަމާތޯއެވެ؟ އާދޭހެވެ! މިއީ މުޅީން އިދިކޮޅު ދެ މަފުހޫމެވެ. އުޑާއި ބިން، ފެނާއި އަލިފާން، ފަހިކަމާއި އިދިކަން ފަދައިން ނެވެ. މިއީ ތެލާއި ފެން ފަދައިން އެއްކޮށްގެން އެންމެ ހިނދުކޮޅެއްގައި ވެސް ހިފަހައްޓައިލެވޭނެ ދެ އެއްޗެއް ނޫނެވެ. އެކަތި ވީ ތަނެއްގައި އަނެކައްޗަށް ހަމަހިލާ ދެމިއޮތުން މުސްތަޙީލު (އެއްގޮތަކަށް ވެސް އެކަށީގެން ނުވާ) ދެ ކަމެކެވެ. އަލިކޮށްލުމުން އަނދިރިކަން ފިލައިދާ ފަދައިން ޙައްޤު އައުމުން ބާޠިލު ނެތި ހިނގައިދާނެއެވެ.  

ދުނިޔަވީ ޢާންމު އުޞޫލުން، މި ދެ މަފުހޫމަކީ ވެސް ހެޔޮ، ނުބައި ނުވަތަ ފަހި، އިދި (ޕޮޒިޓިވް، ނެގެޓިވް ނުވަތަ ރައިޓް، ރޯންގ)އަށް ގިންތި ކުރެވޭ މަފުހޫމްތަކެކެވެ. މި ގޮތުން، ޙައްޤު އަބަދު ވެސް ދެމިއޮންނާނީ ހެޔޮ ބައިގައެވެ. ބާޠިލު ދެމިއޮންނާނީ ނުބައި ބައިގައެވެ. ޢާންމުކޮށް ވާހަކަދެއްކުމުގެ ބަސްމަގުގައި، ހެޔޮވެގެންވާ އެންމެހައި ކަންތައްތަކަށް [ޙައްޤުގެ މަގު]އޭ ކިޔެ އެވެ. އަދި ނުބައިވެގެންވާ އެންމެހައި ކަންތައްތަކަށް [ބާޠިލުގެ މަގު]އޭ ކިޔެއެވެ.

ނުބައި ކަންތައްތަކަކީ، ހެޔޮ ކަންތައްތައް ނައްތައިލުމަށް މެދުވެރިވާ ފިޠުރަތީ ބަދަލެކެވެ. އެ ބަދަލު ގެންނާން ގަސްދުގައި ބަޔަކު މަސައްކަތެއް ނުކުރިޔަސް (ބާޠިލުގެ) އެ ބަދަލު އަންނާނެއެވެ. އެހެންކަމުން، ހެޔޮކަންތައްތައް (އޭގެ ޙައްޤު ގޮތުގައި) ދެމެހެއްޓުމަށް ޓަކައި ނުބައި ކަންތައްތަކާ ދެކޮޅަށް މަސައްކަތްކުރާން ޖެހެއެވެ. އިސްވެ ދެންނެވި ފަދައިން ބާޠިލަކީ ނުބައި ގިންތީގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، ބާޠިލު ގެނެސް އާލާކުރާކަށް ބަޔަކު މަސައްކަތެއް ނުކުރިޔަސް، އޭގެ އަމިއްލަ ޒާތުގައި ޙައްޤުގެ މައްޗަށް ވެރިވެގަތުމަށް މަސައްކަތް ކުރާނެއެވެ. އެހިނދު، އެ ކަމާ ދެކޮޅަށް ބަޔަކު މަސައްކަތްކޮށް ޙައްޤު ޙިމާޔަށް ކޮށް ނުދޭ ނަމަ، ޙައްޤު ވަންހަނާވެ ފޮރުވިގެން ހިނގައިދާނެއެވެ.

މި ކަމާ ގުޅޭ ދެތިން މިސާލެއް މިހައިތަނުން ދަންނަވައިލާން ގަސްދުކުރަމެވެ. އާދޭހެވެ! ދަގަނޑަށް ޙައްޤުވެގެންވާ ގޮތަކީ، އެއާ ޙަވާލުކުރެވުނު މަޤާމެއް ގަދަފަދަ ކޮށްދީގެން ދެމިހުރުމެވެ. އެ ގޮތުގައި ދަގަނޑަށް ދެމިހުރެވޭނީ ދަބަރުން ސަލާމަތްވެ ސާފު ތާހިރުކަމުގައި ބަހައްޓާން ބަޔަކު މަސައްކަތްތަކެއްކޮށްގެންނެވެ. ނަމަވެސް ދަބަރުޖެހުމަކީ ބާޠިލުގެ މަގުން ދަގަނޑަށް ލިބިގެންވާ ޠަބީޢީ ސިފައެކެވެ. ދަބަރުން ސަލާމަށްކުރުމަށް ޓަކައި، ދަގަނޑަށް ދޭންޖެހޭ ފަރުވާ ނުދެވޭ ނަމަ، ދަބަރުގެ ބާޠިލު ޠަބީޢަތް ދަގަނޑުގެ މައްޗަށް ގަދަވެ، އެ ބާޠިލު ބަދަލުގެ ސަބަބުން، ދަގަނޑުގެ ގަދަފަދަކަން ގެއްލި ބަލިކަށިވެ ނެތި ހިނގައިދާނެއެވެ.

އިންދައިގެން ހައްދާ ގަސްގަހާގެއްސަށް އޮތް ޙައްޤު ގޮތަކީ، ޠަބީޢީ ގޮތުން ހެދެމުން ފޯދެމުން ދިއުމެވެ. ނަމަވެސް، ބަލިޖެހުމާއި ފަނިފަކުސައާއި ދޫނިސޫފާސޫތްޕާއި ވަލުޖަނަވަރާއި މީސްމީހުންގެ އުނގަދޫތައް އެ ތަކެއްޗަށް ފޯރައި، ބަލިޖެހި، ގުރުޑުވެ، ހަލާކުވުމަކީ، ބާޠިލުގެ މަގުން އެއަށް ކުރިމަތިވާނެ ޠަބީޢީ ބަދަލު ތަކެކެވެ. އެ ނުރައްކާތަކުން، އެ ގަސްގަހާގެހި ސަލާމަތްކޮށްދިނުމަށް ބަޔަކު މަސައްކަތް ނުކުރާ ނަމަ، ބާޠިލުގެ މި ޙަމަލާތަކުން ގަސްތައް ފަނާވެދާނެއެވެ.

އިންސާނުންނަކީ ބުއްދީގެ ފުރިހަމަ ނިޢުމަތް ދެއްވައި އެންމެ މަތިވެރި މަޚްލޫޤުންގެ ގޮތުގައި ލައްވައި، ދުނިޔޭގައިވާ އެހެން ހުރިހައި ކަމެއްގެ މައްޗަށް ޚަލީފާ (ވެރީން) ކަމުގައި ލައްވައިފައިވާ ބަޔެކެވެ. ޙައްޤު ގޮތަކީ، އެ ޠަބީޢަތުގެ މަތީގައި އެ ކަން ދެމި އޮތުމެވެ. ނަމަވެސް، ހަވާނަފުސުގެ އެދުންތަކާއި ޝައިޠާނީ ވަސްވާސްތަކުގެ ބާޠިލުކަން މި މަތިވެރި ޠަބީޢަތުގެ މައްޗަށް ގަދަވެ ބައެއް އިންސާނުން ޙައްޤުގެ މަގުން އެއްކިބާކޮށް ބާޠިލުގެ މަގަށް ގޯޅިއަޅުވައެވެ. އެހެންކަމުން، އިންސާނާ ޙައްޤުގެ މަގުގައި ސާބިތުކޮށްދީ ހިފެހެއްޓުމަށްޓަކައި، ސިކުނޑިއަށް މަޢުލޫމާތު އަޅައިދީ، ހެޔޮ އާދަކާދައަށް ނަފުސު ހާނުވާން ޖެހެއެވެ. ތަޢުލީމާއި ތަރުބިއްޔަތޭ ކިޔަނީ މި މުހިންމު ކަންކަމަށެވެ.

އިސްވެ ދެންނެވި ދެތިން މިސާލުގެ މައްޗަށް ބަލާ އިރު، ޙައްޤާއި ބާޠިލާ ދެމެދު އޮތް ފަރަގަކީ، ތެދާއި ދޮގާ ދެމެދުގައިވާ ފަރަގެވެ. ވުމާއި ނެތުމާ ދެމެދުގައިވާ ފަރަގެވެ. މި ފަރަގުގެ މައްޗަށް ބަލައި ވިސްނާއިރު، މުޖުތަމަޢުތައް، ދޭދޭ ގުޅުންތަކާއި އިންސާނީ ހަމަވިސްނުމުން ލާޒިމްކުރާ ފަރުދީ ޒިންމާ އެކަކު އަނެކަކަށް އަދާކޮށްގެން ޞުލްޙަ މަޞްލަޙަތުގައި ދެމިއޮތުމަކީ ޙައްޤު ގޮތް ކަމުގައި ވިޔަސް، ދޮގާއި، މަކަރާއި، ޙީލަތަކީ އިންސާނީ ޠަބީޢަތުގައި އެކުލެވޭ ބާޠިލުގެ ޠަބީޢަތްކަމުން، އެ ކަންކަން މުޖުތަމަޢުގެ ތެރޭގައި ފެތުރި ފިތުނަވެރިކަން އުފެދޭނެއެވެ. އެ ކަންކަމާ ދެކޮޅަށް ބަޔަކު މަސައްކަތް ނުކުރާ ނަމަ، ދެކޮޅުވެރިކަމާއި ތަޅައިފޮޅުންތައް އުފެދި މުޖުތަމަޢުތައް ރޫޅި ނެތި ހިނގައިދާނެކަމީ ކުޑަވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

_____________________________

ބައެއް ލަފުޒުގެ މާނަ:

ހައްގު         ނ.       (1) ތެދު. (2) ޢަދުލު. (3) އެ މީހަކަށް ލިބޭން ޖެހޭ ޖެހުން. (4) މީހެއްގެ މިލްކު.

ތެދު          ނ.       (1) ސީދާ. (2) ގުދެއް، ލެނބުމެއް، ނެތް. (3) ދޮގުގެ އިދިކޮޅު.

އެޑިޓަރުގެ ނޯޓް
ކުރު ގޮތަކަށް ދަންނަވާ ނަމަ، ބާޠިލަކީ ޙާލަތު ފޮރުވައިލާ އަނދިރިކަމެކެވެ. ޙައްޤުގެ އަލީން ޙާލަތު ހާމަކުރަންދެން ބާޠިލުގެ އަނދިރިކަން ދެމިއޮންނާނެއެވެ. އެހެންކަމުން، ކޮންމެ ކަމެއްގެ އަދި ކޮންމެ އެއްޗެއްގެ ވިޔަސް އަޞްލު ޙާލަތު ދެނެގަތުމަށް ޓަކައި، ބާޠިލުގެ އަނދިރިކަން ނައްތައިލައި ޙައްޤުގެ އަލި އަޅުވައިގެން، އެ އެއްޗެއް ނުވަތަ ކަމެއްގެ އަޞްލު ޙަޤީޤަތް ދެނެގަންނާން ޖެހެއެވެ. ކަން މިހެން ހުރި އިރު، ޙައްޤަކީ ކޮބައިކަމާއި، ބާޠިލަކީ ކޮބައިކަން، ނިކަން ސާފުކޮށް ދެނެގަންނާން އެބަ ޖެހެއެވެ. އަދި މި ދެ ކަމުގެ ދެމެދުގައިވާ ފަރަގަކީ ކޮބައިކަން ވެސް ދެނެގަންނާން ޖެހެއެވެ.

Advertisement

ކޮމެންޓް