އެއްބަސްވުން އެކުލަވައިލުން: ދީނީ ވާޖިބެއް
އަޅުގަނޑުމެން އެންމެންނަށް އެނގޭ ފަދައިން ކީރިތި ޤުރުއާނަކީ އިލާހީ ޤާނޫނެވެ. އިސްލާމް ދީނުގެ ދުސްތޫރެވެ. އިންސާނުން ދިރިއުޅުމުގައި ބޭނުންވާ އެއްވެސް އުޞޫލެއް އެ މާތް ފޮތުގައި ނުހިމަނުއްވައި ދޫކޮށްލައްވައިފައެއް ނެތެވެ. މި ފޮތުގައިވާ ހުރިހާ އުޞޫލެއް ތަފުސީރުކޮށްދެއްވައިފައި ވަނީ ކައު ސާހިބާﷺގެ ޢަމަލުފުޅުތަކުންނާއި ބަސްފުޅުތަކުންނެވެ. އިލާހީ ޤާނޫނުގެ ދަށުން ހުރި ތަފުޞީލު ޤާނޫނުތަކަކީ މިއީއެވެ. ކައު ސާހިބާ ﷺގެ ސުންނަތެވެ. އެކަލޭގެފާނުގެ ގޮތެވެ. މި މާތް ސާހިބާ މުޙައްމަދުﷺ ސުވަރުގެ ވަޑައިގަތީ އެ ދޭއްޗެއްގައި ހިފަހައްޓައިފި ނަމަ، މުސްލިމުން ބަލިކަށި ނުވާނޭ އަދި މަގުފުރެދި، ވާނުވަންނާނޭ ދޭއްޗެއް ދޫކުރައްވައިފައެވެ. އެއީ މާތް ﷲގެ ފޮތާއި އެކަލޭގެފާނުގެ ގޮތެވެ. ޤުރުއާނާއި ސުންނަތެވެ.
މާތް ﷲ ސަލާމްލެއްވި އެހެން ރަސޫލުންނަށް ބާވައިލެއްވި އެހެން ޞުޙުފުތަކާ ޚިލާފަށް ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް ބާވައިލެއްވި ފުރިހަމަ ހިދާޔަތެކެވެ. ހުރިހައި ޒަމާނަކަށެވެ. ހުރިހައި ތަނަކަށެވެ. އިންސާނުންނާއި ޖިންނީންނަށެވެ. ވަކި ޒަމާނަކަށް ވަކި ޤައުމަކަށް ޤައިދުވެ ޙުދޫދުވުމެއް ނެތި މުޅި ޢާލަމްތަކަށެވެ. އަބަދާއި އަބަދަށެވެ. ވީމާ އިންސާނުން މި ބިންމަތީގައި ދިރިއުޅުމުގައި ޢަމަލުކުރާންޖެހޭ ހުރިހާ އުޞޫލެއް މި ވަނީ ބަޔާންކޮށްދެއްވައިފައެވެ.
އިންސާނުންނަކީ މި ބިންމަތީގައި ދިރިއުޅޭ އިރު، އެއްބަޔަކު އަނެއް ބަޔަކާ އެކުލަވައިގެން އުޅޭން ޖެހޭ ފަދަ ގޮތަކަށް ޚަލްޤުކުރައްވައިފައިވާ އެ ކަލާނގެ މަޚުލޫޤުންނެވެ. އެހެންވީ އިރު، އިންސާނާ އުޅޭންވީ ގޮތް ބަޔާންކުރައްވައިފައިވާ ހަމަތަކަކާއި ގަވާއިދަކާއި އުސޫލެއް (މެނުއަލެއް) ނެތިއެއް ނުދާނެކަން އެއީ ބުއްދީގެ ހަމައިން ވެސް ގަބޫލުކުރާން ޖެހޭ ކަމެކެވެ. އެހެނީ ކޮންމެ މެޝިނެއް ނުވަތަ އާލާތެއް އުފައްދާ ކުންފުންޏަކުން ވެސް އެ އެއްޗެއް ރަނގަޅަށް ބޭނުންކޮށް ބަލަހައްޓާނެ ގޮތް ލިޔެފައިވާ ލިޔުމެއް އެ އެއްޗަކާއެކު ބާއްވައެވެ. އެހެންވީމާ މާތްﷲ އުފައްދަވައިފައިވާ އިންސާނާއޭ ކިޔާ މި މެޝިން ބޭނުންކުރާނޭ ގޮތް ބަޔާންނުކުރައްވައެއް ނޯންނާނެއެވެ. އިންސާނާ ޢަމަލުކުރާންވީ ގޮތް ބަޔާންކުރައްވައިފައިވާ މެނުއަލަކީ ކީރިތި ޤުރުއާނެވެ. އެ ފޮތުގައި ބަޔާންކުރައްވައިފައި ވަނީ ޙަރާމް ޙަލާލު އެކަންޏެއް ނޫނެވެ. އިންސާނާގެ ހުރިހާ މުޢާމަލާތެއްގައި ވެސް ކަންކުރާނެ ގޮތް ބަޔާންކުރައްވައިފައި އެބަވެއެވެ. އަޅުގަނޑުމެންނަށް ނޭނގެނީއެވެ. ހަނދާންނުކުރަނީއެވެ. ނުވިސްނަނީއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿ وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ﴾ ("އަދި ތިމަންރަސްކަލާންގެ ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއްކަމުގައްޔާއި ރަޙުމަތެއްކަމުގައްޔާއި އުފާވެރި ޚަބަރެއްކަމުގައެވެ.") (سورة النّحل: 89).
ވީމާ ކޮންމެ ކަމެއް ޚުލާޞާ ގޮތެއްގައި, ނުވަތަ ޖުމުލަ ގޮތެއްގައި ޤުރުއާނުގައި ވަނީ ހިމަނުއްވައިފައެވެ. އަޅުގަނޑުމެންނަށް ނޭނގެނީއެވެ. އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِيَذَّكَّرُواْ وَمَا يَزِيدُهُمۡ إِلَّا نُفُورًا﴾ ("ތިމަންރަސްކަލާނގެ (ވަޢުދާއި، ވަޢީދާއި، މިސާލާއި، ޙުކުމް ފަދަ) ހުރިހާ ކަމެއް، މި ޤުރުއާނުގައި ބަޔާންކުރެއްވީމެވެ. އެއީ އެއުރެން ހަނދުމަކުރުމަށް ޓަކައެވެ.") (سورة الإسراء: 41)
އިސްވެ ބަޔާންކުރެވިފައިވާ ގޮތުގެ މަތީން ޢިބާދާތުގެ ހުރިހާ ކަމެއް ބައެއް ކަންކަން ޚުލާޞާ ގޮތެއްގައި އަދި ބައެއްކަންކަން ތަފުޞީލުކޮށް ބަޔާންކޮށްދެއްވައފައިވެއެވެ. ޤުރުއާނުގައި އަންގަވައިފައިވާ ކަންކަން ތަފްޞީލުކޮށްދެއްވައިފައިވަނީ ކައު ރަސޫލާﷺގެ ޢަމަލުފުޅުތަކުންނާއި ބަސްފުޅުތަކުންނެވެ.
މިސާލެއް ދަންނަވާނަމަ، ނަމާދުކުރާން ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި އަމުރުކުރައްވައިފައި ވިޔަސް ނަމާދުގެ ތަފްޞީލުތައް އަންގަވައިފައިވަނީ ކީރިތި ރަސޫލާގެ ޢަމަލުފުޅުތަކުންނެވެ. އެކަމަކު ވުޟޫކުރާނެ ގޮތުގެ ތަފުޞީލު ކީރިތި ޤުރުއާނުގައި އަންގަވައިފައިވެއެވެ. އަދި ތަރިކައިގެ ތަފުސީލުތައް ބެހެނިވެރީންނަށް ދާންދެން ވަރަށް ޞަރީޙަކޮށް ބަޔާންކޮށްދެއްވައިފައި އެބަވެއެވެ.
ހަމަ މި ފަދައިން މީހަކަށް ލޯނެއް ދޭނަމަ އެގްރިމެންޓްކުރާން (ލިޔާން) ވަނީ އަމުރުކުރައްވައިފައެވެ. އެހެންވީމާ މި ޒަމާނުގައި މި ކިޔާ ކޮންޓްރެކްޓް ގާނޫނުގެ މާ ކުރީން ވެސް ކީރިތި ޤުރުއާނުގައި މި ވަނީ މި ކަމަށް އަމުރުކުރައްވައިފައެވެ. މީސްތަކުންނަށް ކަމެއް ކުރާން މާތްﷲ އަމުރުކުރައްވައިފައިވުމުގެ މާނައަކީ އެ ކަން ވާޖިބުވުމެވެ. އެހެންވީމާ ލިޔެ (އެގްރީމެންޓްކޮށް)ފައި ނޫނީ މީހަކަށް ދަރަންޏެއް ނުދޭން މާތްﷲ ވަނީ އަމުރުކުރައްވައިފައެވެ. މި ކަން އަންގަވައިފައިވަނީ سورة البقرةގެ 282 ވަނަ އާޔަތުގައެވެ. އެ އާޔަތް މުއުމިނުންނާ މުޚާޠަބުކުރައްވައި ފައްޓަވައިފައިވަނީ ﴿يَا أَيُّهَا الَّذِينَ آمَنُواْ إِذَا تَدَايَنتُم بِدَيْنٍ إِلَى أَجَلٍ مُّسَمًّى فَاكْتُبُوهُ وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ﴾ ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ މުޢާމަލާތެއް ކޮށްފި ނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު ޢަދުލުވެރިވެރިކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީ ގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ!") މި ޢިބާރާތުންނެވެ.
އިސްވެ މި ދަންނަވައިލެވުނީ ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ފެށޭ ޢިބާރާތެވެ. މި އާޔަތަކީ ވަރަށް ދިގު އާޔަތެކެވެ. ގިނަ މުޞަޙަފުތަކުގައި އެ އާޔަތް ލިޔެވިފައިވަނީ މުޅި ޞަފުޙާގައެވެ. އެ ޞަފުޙާގައި އޮންނަނީ ހަމައެކަނި އެ އާޔަތެވެ. އާޔަތުގެ ދިގުކަމަށް ޓަކައި އާޔަތުގެ ނައްޞު ނުލިޔެ ހަމަ އެކަނި އެ އާޔަތުގެ މާނަ ލިޔެލާނަމެވެ. މުޅި އެ އާޔަތުގެ މާނައަކީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ މުޢާމަލާތެއް ކޮށްފި ނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު ޢަދުލުވެރިވެރިކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީ ގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެ ނަމަ) އޭނާއަށް، اللَّه ލިޔާން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ މަނަޢަވެނުގަންނަހުށިކަމެވެ! ފަހެ، އޭނާ ލިޔާހުށިކަމެވެ! އަދި، އެ މީހެއްގެ މައްޗަށް ޙައްޤު އޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔާންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّهއަށް، އޭނާ ތަޤުވާވެރި ވާހުށިކަމެވެ! އަދި، އެއިން އެއްވެސް އެއްޗެއް އުނި ނުކުރާހުށިކަމެވެ! ފަހެ، އެ މީހެއްގެ މައްޗަށް ޙައްޤު އޮތް މީހާއީ (އެބަހީ: ދަރަނިވެރިޔާއީ) ދޯދިޔާ މީހަކު ކަމުގައިވާ ނަމަ (އެބަހީ: ވިޔާނުދާ ޚަރަދުކޮށް އިސްރާފުކޮށް އުޅޭ، އުޅުން ގޯސް މީހަކު ކަމުގައިވާ ނަމަ) ނުވަތަ (ދަރަނިވެރިޔާއީ) ނިކަމެއްޗެއް ކަމުގައިވާ ނަމަ، (އެބަހީ: ކުޑަކުއްޖަކު، ނުވަތަ މޮޔައަކު ފަދަ މީހަކު ކަމުގައިވާ ނަމަ) ނުވަތަ (ދަރަނިވެރިޔާއީ) އޭނާ އަމިއްލައަށް ކިޔައިދޭން ކުޅަދާނަކަން ލިބިގެންނުވާ މީހަކުކަމުގައިވާ ނަމަ، ފަހެ، ޢަދުލުވެރިކަމާއެކު އޭނާގެ ވަލީވެރިޔާ (އެ ދަރަނި ލިޔާން) ކިޔައިދޭހުށިކަމެވެ! އަދި، (މި ފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެ ހެކީން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކީންނަކީ، ދެ ފިރިހެނުން ކަމުގައި ނުވި ނަމަ ފަހެ، ހެކީންކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: ޢަދުލުވެރި މުސްލިމުންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށް ޓަކައެވެ. ދެން، އެ ހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެ ކަން) ހަނދާންކޮށްދިނުމަށް ޓަކައެވެ. އަދި، ހެކީންނަށް ގޮވައިލައިފި ހިނދަކު، އެއުރެން (އެ ކަމުން) މަނާވެނުގަންނަހުށިކަމެވެ! އަދި (އެ ދަރަނި) ކުޑަކަމުގައި ވިޔަސް، ނުވަތަ ބޮޑު ކަމުގައި ވިޔަސް އެ ދަރަނީގެ މުއްދަތާ ހަމަޔަށް ލިޔުމަށް، ތިޔަބައިމީހުން ފޫހިނުވާށެވެ! އެ ގޮތަށް ލިޔުން، اللَّهގެ ޙަޟުރަތުގައި ޢަދުލުވެރިކަން ބޮޑެވެ. އަދި، ހެކިދިނުމަށް ސީދާކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް ޝައްކުނުވުން ގާތްކަން ބޮޑު ވެސް މެއެވެ. ތިޔަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއްކަމުގައިވުމުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި، ތިޔަބައިމީހުން ވިޔަފާރިއެއް ކޮށްފި ނަމަ، ތިޔަބައިމީހުން ހެކިކުރާށެވެ! އަދި، ލިޔާ މީހާއާއި ހެކިދޭ މީހާ (ދަރަނިވެރިޔާއަށާއި ދަރަނިދޭ މީހާއަށް) ގެއްލުންނުދޭހުށި ކަމެވެ! (ނުވަތަ، އެ ދެ މީހުންނަށް ވެސް ގެއްލުމެއް ލިބިގެން ނުވާހުށްޓެވެ.) ތިޔަބައިމީހުން(ނަށް ނަހީކުރެއްވި ކަންތައް) ކުރާ ނަމަ، ފަހެ، ހަމަކަށަވަރުން، އެއީ، ތިޔަބައިމީހުންގެ ކިބައިގައިވާ (ނުކިޔަމަންތެރި) ފާސިޤުކަމެކެވެ. ތިޔަބައިމީހުން، اللَّهއަށް ތަޤުވާވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ. اللَّهއީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.[ (سورة البقرة:282)
މި އާޔަތުގެ ތަފުސީރަށް ދާ ނަމަ، މިއީ ބޮޑު ގާނޫނެކެވެ. އެހެންނަމަވެސް މި އާޔަތުގައި ވަނީ ޚުލާޞާ ގޮތެއްގައި ހުރިހާ ތަފުޞީލުތަކެއް ދެއްވައިފައެވެ. ލިޔާންވީ ގޮތާއި ހެކިވެރީންނަށް ބޭނުންކުރާ މީހުންނާއި ޝައްކުނުވާ މިންވަރަށް ޞަރީޙަކޮށް ލިޔާންވާ ގޮތް ވެސް ވަނީ އަންގަވައިފައެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ދަރަނި ދޭ ފަރާތާއި ދަރަނި ނަގާ ފަރާތުގެ ހައްގު ޙިމާޔަތްކުރުމަށް އިސްކަން ދޭން ވެސް ވަނީ އަންގަވައިފައެވެ. ކުރުކޮށް ދަންނަވާނަމަ، އެއްވެސް މީހަކަށް ދަރަންޏެއް ދޭ ނަމަ، އެގްރީމެންޓްނުކޮށް ދީގެން ނުވާނެކަމަށް މި ވަނީ ޞަރީޙަބަހުން އަމުރުކުރައްވައިފައެވެ.
އަޅުގަނޑުމެން ލޯނު ނަގައި ލޯނު ދޫކުރާއިރު ހަމައެކަނި ހަނދާން ހުންނަނީ އިންސާނުން ހަދައިފައިވާ ވަޟުޢީ ޤާނޫނުތަކެވެ. ކޮންޓްރެކްޓާ ބެހޭ ގާނޫނުތަކެވެ. އަދި މި ފަދަ މި ފަދަ އެހެން ގާނޫނުތަކެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ހައްދަވައި ބޮޑުކުރެއްވި ޚާލިޤުވަންތަ މާތްﷲ އަޅުގަނޑުމެންނަށް ކުރާން އަންގަވައި ވާޖިބުކުރައްވައިފައިވާ ކަމެއްކަމެއް އަޅުގަނޑުމެން ހަނދާނެއް ނުހުރެއެވެ. ނަމަވެސް އިސްވެ ދެންނެވި އާޔަތުގައި އަންގަވައިފައިވާ ގޮތުގެ މަތީން މީހަކާ ދަރަންޏެއްގެ މުޢާމަލާތެއްކުރާ ނަމަ، އެ ދަރަންޏެއް ލިޔާން (އެގްރިމެންޓްކުރާން) އަޅުގަނޑުމެންނަށް މާތްﷲ ވާޖިބުކުރައްވައިފައިވާކަން ހަނދާން ނައްތައިލައިގެނެއް ނުވާނެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއްބަސްވުން އެކުލަވައިލުމަކީ ދީނީ ވާޖިބެކެވެ.
________________________________