ރާއްޖޭގެ މަދަނީ ބިނާރު ގާއިމުކުރުމުގައި ރައްޔިތުންގެ ވިސްނުމަށް އައި ބަދަލުގެ ނަތީޖާ
ދިވެހީންނަކީ ވަރަށް ސާދާ ދިރިއުޅުމެއް އުޅެމުން އައި އަބުރުވެރި ބަޔެކެވެ. އެ ވަގުތެއްގައި ބަނޑުފުރާނަ މުއްތިކޮށްލާނެ މިންވަރަކާއި ކިރިޔާ ބޯހިޔާކޮށްލާނެ ޖިފުޓިގަނޑެއް ހުރެއްޖެ ނަމަ އެ މީހުންނަށް ފުދިދެއެވެ. އަންނައުނުން ވެސް ދެގަނޑެއްޗަކުން ފުއްދައިލެވެއެވެ. އަޅުކަންކުރުމަށް ޓަކައި ރައްޔިތުންގެ މަސައްކަތުން ބިނާކޮށްފައި ހުންނަ މިސްކިތެއް ހުރުމުން އެ ފުދުނީއެވެ. 1950ގެ އަހަރުތަކުގެ ނިމުމަކާ ހަމައަށް އަންނަންދެން ރަށުގެ އިދާރީކަންކަން ބަލަހައްޓާނެ އޮފީހެއް ނުހުރެއެވެ. ކަތީބެއްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އަމިއްލަ ގެއަކީ ރަށުގެ މައި މަޙުކަމާއެވެ. ޝަރީޢަތުގެ ކަންކަން ބަލަހައްޓަވާނީ (ފަނޑިޔާރުމަނިކުފާނުގެ) ނާއިބުގެ އަމިއްލަ ގޭގައެވެ. ނާއިބުގެއަކީ އެއީއެވެ. އޭރު ރަށްރަށުގެ ބިނާރު ގާއިމުކުރެވިފައިވާ މިންވަރަކީ މިއީއެވެ.
ކަތީބަކީ ސީދާ ރަދުންގެ ފަތްކޮޅަކުން ޢައްޔަންކުރައްވާ މަގާމަކަށް ވާތީ އެއީ ވަރަށް މަތީ މަގާމެކެވެ. ރަށުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލު އޮންނަނީ އޭނާގެ އަތުގައެވެ. މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތަކުން އޭނާއަށް ބައި ލިބިވަޑައިގަތުން މަޖުބޫރެވެ. ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން ބާއްވާ ޕާޓީތައް (މާލޫދު، ފާތިޙާ އަދި މި ނޫނަސް މި ފަދަ ޙަފުލާތައް) ކަތީބުގެ ޣައިރުހާޒިރުގައެއް ނުބޭއްވެއެވެ. މިހެން ކަންކައްތައް ހުރުމުން ރަށުގެ ޙާލަތު ކަތީބަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އިޤުތިޞާދީ ގޮތުން އެންމެ ފުދުންތެރި ރައްޔިތަކީ ކޮންމެ ރަށެއްގައި ވެސް ކަތީބުކަމުގައި ވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮވެއެވެ.
1959ގެ ފަހުން ދައުލަތުގެ މުވައްޒިފުންނަށް މުސާރަ ކަނޑާއެޅުމާ ހިސާބުން ރައްޔިތުންގެ އަތުން ވެރީންނަށް ބައިލިބޭ އުޞޫލު ކެނޑިގެން ދިޔައީއެވެ. ނަމަވެސް ރަށުގެ މަދަނީ އަދި އިޖުތިމާޢީ ބާރު ކަތީބުންގެ ކިބައިގައި އޮވެއެވެ. ރަށުގެ މަދަނީ އަދި އިޖުތިމާޢީ ބިނާރު ގާއިމުކުރުމަކީ ރައްޔިތުންގެ މަޝްވަރާގެ މަތީން ކަތީބު ހަމަޖައްސަވާ ކަމެކެވެ. މި ދެންނެވީ ރަށުތެރެ ސާފުކުރުމާއި އޮފީހާއި މިސްކިތު ފުރާޅުގައި ފަންގިލުމާއި މިސްކިތުގައި ކުނާ އެޅުންފަދަ ކަންކަމާއި މަގުތައް ހެދުމާއި ލަފައިފުރުން ފަސޭހަކުރުމަށް ޓަކައި ނެރު ފުންކުރުމާއި ގޯތި ކޮނުން ފަދަ ހުރިހާ ކަމަކީ މައި ސަރުކާރާ ނުބެހި ލާމަރުކަޒީ ގޮތެއްގައި އެ ރަށަކުން ހަމަޖައްސަވާ ކަމެކެވެ. ހިލޭ ސާބަހަށެވެ.
ރާއްޖޭގެ ޢުމްރާނީ ތަރައްގީއަށް ސީދާ ސަރުކާރުން މަސައްކަތް ފެއްޓެވީ 1980ގެ ތެރޭގައި "ރާއްޖެތެރެ ތަރައްގީކުރުމުގެ މަޝްރޫޢު"ގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް އިޢުލާނުކުރައްވައިގެންނެވެ. މިއީ އަތޮޅުތަކުގެ ރަށްރަށުގައި ބިނާރު ގާއިމުކުރުމަށް ޓަކައި ސަރުކާރުގެ ފަރާތުން ފުރަތަމަ ފެއްޓެވި ވަރަށް ބޮޑު މަޝްރޫޢެކެވެ. މި ދުވަސްވަރު ރާއްޖޭގައި އުމްރާނީ މަސައްކަތްކުރާ މާ ގިނަ ކުންފުނިތަކެއް ނުހުރެއެވެ. އެހެންކަމުން ރަށްރަށުގައި މި މަޝްރޫޢުގެ ދަށުން ކުރި ކުދިކުދި ގިނަ މަސައްކަތްތައް ކުރީ ރައްޔިތުންނެވެ. މަސައްކަތަށް ބޭނުންވާ ތަކެތި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓުން ފޯރުކޮށްދިނުމުން ރައްޔިތުން ނުކުމެ މަސައްކަތްކުރާ ގޮތަށެވެ. މަސައްކަތުގެ އަގު ރައްޔިތުންނަށް ލިބޭ ގޮތަށެވެ. މިއީ މިސްކިތް ބިނާކުރުން ފަދަ ކުދިކުދި މަޝްރޫޢުތަކެވެ. މީގެ އިތުރަށް ރަށްރަށުގެ ހެލްތު ޕޯސްޓް އެޅުމާއި އިސްކޫލުތައް ބިނާކުރުން ފަދަ މަސައްކަތްތައް ވެސް މި ގޮތުމުގެ މަތީން ކުރެވުނެވެ. މި ގޮތަށް ލިބޭ ފައިސާ ރަށުގެ ރައްޔިތުންގެ އެކައުންޓަށް ޖަމާކޮށްގެން ރަށްރަށުގެ ކަރަންޓުލުމުގެ މަސައްކަތްކުރި ވަރަށް ގިނަ ރަށްރަށް ވެސް ހުއްޓެވެ.
ރާއްޖެތެރެ ތަރައްގީކުރުމުގެ މަޝްރޫޢުތައް ފެށުނު ދުވަސްވަރު ރައްޔިތުންގެ އެދުންތައް ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭރު ރައްޔިތުން އެދެނީ މިސްކިތު ފުރާޅު ޓިނު ޖެހުމާއި މިސްކިތުގައި ތަރަފާލު އެޅުން ފަދަ އަދި ފަޅަށް ވަންނަ ނެރު ފުންކޮށްލުން ފަދަ ކުދިކުދި ކަންތަކަށެވެ. މި ފަދަ މަސައްކަތަކަށް ރައީސް މައުމޫންގެ ސަރުކާރުން ފުރަތަމަ އެހީދެއްވީ މާވަށު ބޮޑުވެލުގައި ފިރިހެނުން ނަމާދުކުރާން ހުންނަ "އަށިގޭ" (މިސްކިތު)ގެ ފފުރާޅުގައި ޓިނު ޖެހުމަށް ދެއްވި ދީލަތި އެއީއެވެ. އެ އެހީގެ މިންވަރު އެނގިވާދއިގަތުމުން ތިޔަ ބޭފުޅުން ޙައިރާންވެވަޑައިގަންނަވާނެއެވެ. ނަމަވެސް އެއީ އޭރުގެ ހަގީގަތެވެ. އެ ކަމަށް ދެއްވީ 40 ހާސް ރުފިޔާއެވެ. އެ ވަރުން އޭރު ފުދެއެވެ. ދެން ރައްޔިތުން ބޭނުންވާން ފެށީ ބަނދަރު ހެދުން ފަދަ ބޮޑެތި މަސައްކަތްތަކަށެވެ. މި ފަދަ މަސައްކަތްތަކަކީ ރައްޔިތުންނަށް ކޮށްލެވޭ ވަރުގެ ކުދިކުދި ކަންތަކެއް ނޫނެވެ.
އެ ދުވަސްވަރު ސަރުކާރުން ވަރަށް މުހިންމު ފިޔަވަޅެއް އެޅުއްވިއެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދެވި އުފެއްދެވުމެވެ. މިއީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޕަބްލިކް ކުންފުންޏެވެ. 1980 ޑިސެންބަރު 18ވަނަ ދުވަހު ސަރުކާރުން އުފެއްދެވި މި ކުންފުނި ވީ ރަށްރަށުގެ ބިނާރު ގާއިމުކުރި އެންމެ ބޮޑު އެހީތެރިޔަކަށެވެ. އެމްޓީސީސީގެ ޙަރަކާތްތެރިކަން ވެސް އެކި ދުވަސްވަރު ހުރީ އެކި މިންވަރަށެވެ. ފަޅު ފުންކުރުމާއި ބަނދަރު ހެދުން ފަދަ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ދުވަސްވަރާއި މަސައްކަތްތައް މަޑުޖެހިލާ ދުވަސްވަރު ވެސް އާދެއެވެ. އަދުގެ ޙާލަތަށް ބަލާއިރު ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ޙަރަކާތްތެރި ކުންފުންޏެއްކަމަށް ފެންނަނީ ވެސް އެމްޓީސީސީއެވެ. ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ޙަރަކާތްތެރިކަމާއެކު މަސައްކަތްކުރާ ކުންފުންޏަކީ އެއީކަމުގައި ދެންނެވިދާނެއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، މުޅި ސަރުކާރުގެ މަޝްރޫޢޫތައް ކުރިއަށް ގެންދެވެނީ އެ ކުންފުޏިގެ އެހީގައެވެ. އެމްޓީސީސީގެ މިއަދުގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމަކީ އޭނާ ޙަވާލުވެވަޑައިގަންނަވާ ކޮންމެ ކުންފުންޏެއްގައި ވަރަށް މުރާލިކަމާ އެކު ނަތީޖާ ދައްކަވައިފައިވާ ބޭފުޅެކެވެ. އެމްޓީސީއިން މިއަދު ފެންނަ ޙަރަކާތްތެރިކަމުގެ ސިއްރަކީ އެއީކަމަށް ވެސް ވެދާނެއެވެ.
މިއަދު ރައްޔިތުންގެ މުހުތާދުތަކާއި ބޭނުންތައް މި ވަނީ އިތުރުވެފައެވެ. މިސްކިތެއްގައި މުށިޖަހައިލުމަކީ ރައްޔިތުންނަށް ކުރީން ބޮޑު ކަމެއްކަމަށް ވިޔަސް މިއަދު ރައްޔިތުން ބޭނުންވާނީ ބިން ހިއްކުމާއި މަގުހެދުމާއި އެއަރުޕޯޓު ގާއިމުކުރުން ފަދަ ބޮޑެތި މަސައްކަތްތަކަށެވެ. ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމު ގާއިމުކުރުން ފަދަ ކަންކަމެވެ. މިއަދު އިޖުތިމާޢީ ބިނާރު ގާއިމުކުރުމުގައި ރައްޔިތުންގެ ހިއްސާ ވަރަށް ކުޑައެވެ. އެންމެ ކުޑަމިނުން ރަށްރަށުގައި ރަށުތެރެ ސާފުކުރުމުގެ މަސައްކަތަކީ ވެސް މިއަދު ރައްޔިތުން ޒިންމާވާ ކަމެއް ނޫނެވެ. މި ބާވަތުގެ ހުރިހާ މަސައްކަތެއް މިއަދު ކުރާންޖެހޭނެ ކަމަށް ރައްޔިތުން ގަބޫލުކުރަނީ ދައުލަތުންނެވެ. މިއީ ޒަމާނަށް އައި ބަދަލުގެ ސަބަބުން ރައްޔިތުންގެ ވިސްނުމަށް އައި ބަދަލުގެ ނަތީޖާއެވެ.
_________________________________
ބައެއް ލަފުޒުގެ މާނަ:
ބިނާރު: ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭޏުންވާ މާއްދީ ތަރައްގީގެ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާތާރްތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމުކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.