Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (1)

29 Apr 2024 | 00:44
ރަސޫލާއަށް ޢިއްޒަތް ދޭން ޖެހޭނެއެވެ.

އަޙުމަދު ފަޔާޟު ޙަސަން

މިހާރުގެ ހާލަތާއި ފަސްމަންޒަރު

ފަލްސަވާވެރީންގެ ބަހުގައި އަޅުގަނޑުމެން އިންސާނުން މިހާރު ދިރިއުޅެމުން މިދަނީ ޕޯސްޓް މޮޑްނިސްޓް ދުވަސްވަރުގައެވެ. އެހެން އިބާރާތަކުން ބަޔާންކުރާ ނަމަ މިއީ ދުނިޔެ ޒަމާނީވުމުގެ ނުވަތަ ޒަމާނީ ދުނިޔޭގެ ފަހުގެ ދައުރެވެ. މިއީ އިންސާނީ ތާރީޚުގައި އޭނާގެ ވިސްނުމާއި ފިކުރަށް އެންމެ ބޮޑެތި ބަދަލުތައް ގެނުވި ވަގުތެވެ. މި ވިސްނުމުގައި ހައްގު ތެދަކީ ނޯންނަ އެއްޗެކެވެ. މި ފިކުރުގައި އިންސާނުން މުހިންމުކަން ދޭން ޖެހެނީ އޭނާގެ ތަޖުރިބާތަކަށާއި ސަގާފަތަށެވެ. މި ދުވަސްވަރުގެ ހަމައަކީ ތިމާއަށް ފެންނަ ގޮތް އެއީ ރަނގަޅު ނުވަތަ ތެދު ގޮތެވެ. އަޅުގަނޑުމެންގެ ވަށައިގެން، ކަން ހިނގާ ގޮތުން މިހާލަތް ދެނެގަންނަން ފަސޭހަވެއެވެ.

މިއަދު އިންސާނުންގެ މެދުގައި ފާހަގަކުރެވޭ އެންމެ ޚާއްޞަ ސިފައަކީ ކޮންމެ ކަމަކަށް ފާޑުކިޔައި ނުވަތަ ކޮންމެ ކަމަކަށް ފާޑުކިއުމުގެ ނަޒަރުން ބެލުމެވެ. އެހެން ނޫނީ ކޮންމެ ކަމަކަށް ޝައްކާއި ވަހުމުގެ ނަޒަރުން ބެލުމެވެ. ޕޯސްޓް މޮޑްނިސްޓް ދައުރުގައި އިންސާނާގެ ފިކުރު ބަދަލުވާން މެދުވެރިވި ކަންކަމުގެ ތެރޭގައި މީސްމީޑިއާއި އިންޓަނެޓާއި މުނިފޫހިފިލުވުން ހިމެނެއެވެ. މި ދުވަސްވަރު އެންމެންގެ ފޯކަސްއަކީ އުފަލާއި މަޖަލެވެ. އާދޭހެވެ! އެންޖޯއިކުރުމަކީ އެންމެންގެ މަގުސަދެވެ. އިންސާނާގެ ވިސްނުމަށް އައި މި ބޮޑު ބަދަލުގެ ނޭދެވޭ އަސަރާ މުސްލިމުން ވެސް ކުރިމަތިލާން ޖެހިފައިވެއެވެ. ޙައްސާސްކަން ބޮޑު މި ދަނޑިވަޅުގައި މޮޑްނިޒަމްގެ ކުރިއަށް ޖެހިލާން ޖެހެއެވެ. ނުވަތަ ދުނިޔެ ޒަމާނީވުމުގެ ކުރީން އޮތް ހާލަތަށް ބަލައިލާން ޖެހެއެވެ.

ޒަމާނީ ދައުރު އައުމުގެ ކުރިން (ޕްރީ މޮޑްނިސްޓް ޒަމާނުގައި) ދުނިޔޭގައި ބޮޑެތި ޙަޟާރަތާއި ސަގާފަތްތައް އޮތެވެ. އޭގެ ތެރޭގައި ހިންދުކަރައާއި ސީނުކަރައާއި ފާރިސްކަރައާއި ހުޅަނގުގެ ނުވަތަ ވިލާތާއި އެފްރިކާގެ ޙަޟާރަތްތައް ހިމެނެއެވެ. އެ ޙަޟާރަތްތަކުގައި އެ މީހުން އިޙުތިރާމްކޮށް ގަދަރުކުރި ކަންކަން ހުއްޓެވެ. އެއީ ދުވަހަކު ވެސް އެ މީހުން މަލާމާތްކޮށް ހަޖޫޖަހައި މަޖަލަކަށް ހަދައިފައިނުވާ ކަންކަމެވެ. އެ ފަދަ ކަންކަމަކީ އެމީހުންގެ ޢިއްޒަތާއި ހައިބަތުގެ ރަމްޒުތަކެވެ. އޭގެ ތެރޭގައި ހުރުމަތްތެރިވި ދީނީ ފޮތްތަކާއި ޤައުމީ އަބުޠާލުންނާއި ޚާއްޞަ ބިނާތަކާއި ތާރީޚީ ވާހަކަތަކާއި އަސާސީ ޤާނޫނުތަކާއި އާދަކާދަތައް ހިމެނެއެވެ.

އެކަމަކު ޕޯސްޓް މޮޑްނިސްޓް ދައުރުގައި ފާހަގަކުރެވޭ އެއް ކަމަކީ ޒުވާނުންގެ ވިސްނުމާއި ފިކުރު އެއްކޮށް ބަދަލުވެފައިވުމެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން އިހުތިރާމްކޮށް ކަމޭހިތާ އެއްވެސްކަމެއް ނުވެޔޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. މައިންބަފައިންނަކަށް އިހުތިރާމެއްނުކުރެއެވެ. މަގުމަތީގެ އަދަބެއްސަދަބެއް ނެތެވެ. މުޖުތަމަޢުގެ އާންމު ހަމަތަކާއި އަސާސްތަކަށް ބެލުމެއްނެތެވެ. މިއީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ލޮލަލަށް ތަކުރާރުކޮށް ފެންނަ މަންޒަރެވެ. ފަހަރުގައި ގަބޫލުކުރާން ބޭނުން ނުވިޔަސް މިއީ ހިނގަމުން މިދާ ޒަމާނުގެ ހަގީގަތެވެ. ހުރުމަތާއި ކަރާމަތަކީ އެ މީހުންގެ ކުރިމަތީގައި ނުވާ އެއްޗެއްފަދައެވެ.

މިއަދު ފާހަގަކުރެވޭ އެހެން ހަގީގަތެއް ވެސް އޮވެއެވެ. އެއީ އަނެކުންގެ ސަމާލުކަން ހޯދުމަށް ޓަކައި ކުރާން އެންމެ މޮޅު ކަމަކީ އެހެން ކަންކަމާއި ތަންތަނާއި މީހުންނަށް ފުރައްސާރަކޮށް ހަޖޫޖެހުންކަމަށް ދުށުމެވެ. މީހުން ހުރުމަތްތެރިކޮށް ހިތާ ކަންކަމުގެ ހުރުމަތް ކަނޑާން އުޅުމެވެ. މީހުން އިހުތިރާމްކުރާ ކަންކަމަށް އިހުތިރާމް ކުޑަކުރާން އުޅުމެވެ. ހުރުމަތްތެރިވެގެންވާ ކަންކަމަށް ހަޖޫޖަހައި އެއީ ހެއްވާ ކަމަކަށް ހަދާން އުޅުމެވެ. އެއްޗެއްގެ އަގު ވައްޓައިލެވުމަކީ ކުރެވޭ އެންމެ މޮޅު ކަންތަކަށްވުމެވެ. ބައެއް ނޫސް މަޖައްލާތަކުގައި ހުންނަ ލިޔުމަކީ މި ދެންނެވި ފަދަ މިސާލެކެވެ. ހަމަ އެ ގޮތަށް ނޫސް މަޖައްލާތަކުގައި ހުންނަ ލިޔުންތަކަށް މީހުން ފާޅުކުރާ ބައެއް ޚިޔާލަކީ މި ދެންނެވި ބަހުގެ ހެތްކެކެވެ. ނޫސް މަޖައްލާތަކުން، ޝާއިޢުކުރުމުގައި އިސްކަންދެނީ ކިޔުންތެރިން ބޭނުންވާ ވާހަކަތަކަށެވެ. އެއީ މީހުންނަށް މަޖަލަކަށްވާ ވާހަކައެވެ.

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ޕޯސްޓް މޮޑްނިސްޓް ދުވަސްވަރު އިންސާނުންގެ އިޙުތިރާމާއި ލޯތްބާއި ގަދަރު އެންމެ ބޮޑަށް އަމާޒުކުރެވިފައިވަނީ މުނިފޫހިފިލުވުމަށެވެ. ސިނާޢަތަކަށް ބަލައިފި ނަމަ މިއީ މިއަދު އެންމެ ނަފާ ބޮޑު ވިޔަފާރިއެވެ. ޓިކްޓޮކާއި ޔޫޓިއުބްގައި ހުންނަ ވީޑިއޯތަކާއި ލަވައާއި މިއުޒިކަކީ މި ދެންނެވި ބަހުގެ ހެތްކެކެވެ. އަދުގެ އިންސާނާއަށް އެންމެ މޮޅު އެއްޗަކީ އޭނާ އެންމެ ބޮޑަށް ހެއްވައިލާ ކަންކަމެވެ. އެއީ މުޅީން ވެސް އޭނާގެ ފޫހިފިލުވުމަށް ޓަކައި ހުރި ކަންކަމެވެ. ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އަބަދު ވެސް ބަންގީގެ އަޑު އިވޭ ފަދައިން ދުނިޔޭގެ ކޮންމެވެސް ތަނެއްގައި އަބަދުވެސް މުނިފޫހިފިލުވުމުގެ ބޮޑު ހަފުލާއެއް ހިނގައެވެ. އޭގެ ތެރޭގައި ތަފާތު ކުޅިވަރުތަކާއި މިއުޒިކާއި ކޮންސަޓްތަކާއި ހަވާއެރުވުން ހިމެނެއެވެ.

މީޑިއާގައި މަސައްކަތްކުރާ މީހުންނަށް މި ހަގީގަތް ވަރަށް ރަނގަޅަށް އެނގެއެވެ. އެ މީހުންނަށް އެނގޭ ގޮތުގައި މީހުންނަށް އެންމެ ކަމުދަނީ އެ މީހުންނަށް އެންމެ ބޮޑަށް ހެވޭ އެއްޗިއްސެވެ. އެހެންވެ އެފަދަ އުފެއްދުންތައް އުފެއްދުމަކީ އަދުގެ އެންމެ ކާމިޔާބު ވިޔަފާރިއެވެ. މީހުން ހެއްވައިލެވޭކަމަށްވާ ނަމަ އެ ލިބެނީ ފައިސާއެވެ. ފަހެ މިއީ ކިހައި މޮޅު ކަމެއްހެއްޔެވެ! މި ކަމުގެ ސަބަބުން އަދުގެ މި ދުނިޔޭގައި ޢިލްމުވެރީންނާއި ފަންނުވެރިންނާއި ހިންގުންތެރީން އެ މީހުންގެ މަސައްކަތް، ކޮޅެއްގައި ޖެއްސުމަށް ޓަކައި ބޮޑު ޚަރަދުކޮށްގެން ފިލްމު އުފައްދައެވެ. ޔުނިވަސިޓީތަކުގައި އުނގަންނައި ދިނުމުގައި ފިލްމަކީ މިއަދު މުހިންމު އެހީއެކެވެ.

މިއަދުގެ އެންމެބޮޑު ގޮންޖެހުމަކީ އަދި އެންމެ އޮޅުންބޮޅުން ބޮޑު އެއް ކަމަކީ އިންސާނާ އިޙުތިރާމްކުރާ އެއްވެސް ކަމެއް ނެތުމެވެ. އަމްދުން ކަމޭ ހިތާ އެއްވެސް ތަނެއް ނުވަތަ މީހަކު ވެސް ނުވުމެވެ. އޭނާ މަޖަލަކަށް ޖޯކަކަށް ނުހަދާ އެއްވެސް ކަމެއް ނެތުމެވެ. އޭނާގެ ފުރައްސާރައާއި މަލާމާތް އަމާޒުނުވާ ހަމަ އެންމެ ކަމެއް ވެސް ނެތުމެވެ. މިސާލަކަށް ޓީވީ ސިލްސިލާ ސެސަމް ސްޓްރީޓަށް ބަލައިލަމާތޯއެވެ؟ އެ މީހުން ތާރީޚީ މުހިންމު ޝަޚުސިއްޔަތު ކާޓޫނަށް ބަދަލުކޮށް މަޖާ އެއްޗަކަށް ހަދައިފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަން ފަދަ ބޭފުޅުން ހިމެނެއެވެ. މި ކަމުގެ ބޭނުމަކީ ކޮންމެ ކަމެއް މަޖަލަކަށް ހެދުމެވެ. އެހެންވެ އަދުގެ އެންމެ ބޮޑު ހަގީގަތަކީ އިންސާނާ ހަޖުލަކަށް ނުވަތަ މަޖަލަކަށް ނުހަދާނެ އެއްވެސްކަމެއް ދުނިޔެއަކު ނުވާކަމެވެ.

މުނިފޫހި ފިލުވާދޭ ސިނާޢަތް އެންމެ ވަރުގަދަ އެއް ގައުމަކީ އެމެރިކާއެވެ. އެމީހުންގެ ޓީވީ ސިލްސިލާ ސިމްސަންސްއަށް ބަލައިލަމާތޯއެވެ! މި ސިލްސިލާގައި ކަލާނގެއަށް ހަޖޫޖަހައި ކަލާނގެ ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކޮށްދީފައިވެއެވެ. މީގެ އިތުރަށް ރަސޫލުންނާއި ނަބިއްޔުންގެ މައްޗަށް ފިލްމު ހަދައި އެ ބޭކަލުންގެ ޢިއްޒަތާއި ހުރުމަތް ވެއްޔާއި މޮޑެފައިވެއެވެ. އެ ބޭކަލުން ގެންނެވި މުޢުޖިޒާތްތަކާ މެދު ވެސް މީޑިއާގައި މީހުން ފުރައްސާރަކުރެއެވެ. މިއީ އަޅުގަނޑުމެން ދިރިއުޅެމުންދާ ޒަމާނީ ދައުރުގެ ފަހުގެ ހާލަތެވެ. މިއީ ހަމަ ކޮންމެ ކަމެއް ޖޯކަކަށް ހަދާ ޒަމާނެވެ. މާތްކޮށްހިތުމަކީ މިހާރު އެ ކަމަށް ފުރައްސާރަކުރެވޭ ކަމެކެވެ. އެހެންވެ މާތްކޮށްހިތާން މީހުން ފަސްޖެހި ބިރުގަނެއެވެ. އަދި މާތްކޮށް ހިތާ ނަމަ، އެ ކަން ކުރަނީ އެ ކަން ކުރާން ނުޖެހޭ ފަރާތަކަށެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް