އަހަރެން ކޮބާ؟
އަސްމާ އަބޫބަކުރު
އަހަރެންގެ ޙަޔާތަށް މީހަކު ގެނައުމުގެ ކުރީން އެތައް ފަހަރަކު ވިސްނީމެވެ. މީހާގެ އަޚުލާގަށެވެ. ސިފަތަކަށެވެ. ޢާއިލީ ގުޅުމަށެވެ. ރައްޓެހީންނާ، އަވަށްޓެރީންނާ ކުރާ މުޢާމަލާތަށް ވެސް ބެލީމެވެ. ސަތޭކަ ޕޮއިންޓު ނުދެވުނަސް ފާޠިޙު ހޯދީ އެންމެ ގިނަ ޕޮއިންޓު ކަމަށް ބަލައި އެންމެ މަތިން މާކުސް ދިނީމެވެ. ފާޠިޙަކީ އަމާނާތްތަކަށް ތެދުވެރި މީހެކެވެ. އޭނާ ބަހެއް ބުނެފިނަމަ، އެކަމެއް ކޮށްދޭނެއެވެ. ވަޒީފާ އަށް ބަރާބަރެވެ. އެހެން މީހުންގެ ވާހަކަތައް އަޑުއެހުމުގެ ގާބިލުކަން ވެސް އޭނާގެ ކިބައިގައި ހުރެއެވެ. އެހެން މީހުންނާ މުޢާމަލާތް ކުރުމުގައި އަޑު މަޑެވެ. ކަންކަމަށް ފަރުވާތެރިއެވެ. ހިތްވަރު ގަދައޭ ވެސް ބުނެވިދާނެއެވެ. އަހަރެން އެދިއްޖެ ކަމެއް ކޮށްދިނުމަށް އަވަސްވެގަނެއެވެ. މި ހުރިހައި ކަމަކަށް ބަލައި، ޙަޔާތަށް ގެންނަން އެއީ އެންމެ ރަނގަޅު މީހާކަމަށް ނިންމައި، ޙަޔާތުގެ ގޮށްޖެހީއެވެ.
ފާޠިޙު އަހަރެން އިޚުތިޔާރު ކުރީ ކޮންކަމަކަށް ބަލައިފައިތޯ އެއްދުވަހަކު އަހަރެން ސުވާލުކުރީމެވެ.
"ތިއީ ވާހަކަ ދެއްކުމުގައި މަޑުމައިތިރި، އެހެން މީހުންނަށް އޯގާތެރި، އެހާމެ ރީތި، ޞާލިޙު އަދި ޢާއިލާގެ އެންމެންނާ ގުޅޭ މީހެއްވީމަ. މިވަރަކުން ނުނިމޭ އިނގޭ. އަހަންނަށް ވަރަށްރީތި އެއްޗެއް މާމެލާމެއްޔަކީ. ގޯތިތެރޭގައި އެއޮތީ، ހުވަނދުމާ، ފިނިފެންމާ، ޢަޞުރުމާ ހައްދާފަ. ތިއީ ވެސް މަލެއްނު. އަހަރެން ބޭނުންވީ ރީތި މަލެއް ޙަޔާތަށް ގެންނަން. އެހެންވެ ރަޙުމާ އަހަރެންގެ ޙަޔާތަށް މުހިއްމީ" ފާޠިޙުގެ ސަމާސާ މިޒާޖުން އޭނާގެ ވާހަކަ ނިންމާލިއެވެ. ކިތަންމެ ބޮޑުކަމެއް ޖެހުނަސް ފާޠިޙުގެ މޫނުމަތިން ކަމަކާ ވިސްނާކަން ވެސް ނުދައްކާނެއެވެ. މަޖާ ބަހެއް ބުނެފައި އެންމެން ހެއްވާލުމުގެ ކުޅަދާނަކަށް ލިބިފައިވާތީ ކަންނޭނގެއެވެ.
ކައިވެނި ކުރުމަށްފަހު އަހަރެން އެންމެ އިސްކަމެއް ދޭން ބޭނުންވީ ފިރިމީހާގެ ކަންކަމަށެވެ. އޭނާއަށް މީރު ތަކެތި ކެއްކުމާއި ރީތި ކުލަތަކުން ގަމީސް ހޯދައިދިނުމަކީ އަހަރެން ކުރާ ކަންކަމެވެ. ފާޠިޙުގެ އެއްވެސް ގަމީހެއް އޭނާ އަމިއްލަ އަކަށް ނުގަންނާނެއެވެ. އެއްފަހަރަކު އަމިއްލައަށް ނެގި ގަމީސް، ފަހުން ކަމުނުދާކަމުގައި ބުނެ އެއްލައިލިއެވެ. އޭގެ ފަހުން އަމިއްލައަށް އެއްވެސް އެއްޗެއް ނުގަންނާނެއެވެ. ހުރިހައި ކަމެއްގައި ބަރޯސާވެފައި ހުންނަނީ އަހަންނަށެވެ.
ބަދަލު ނުވާ އެއްކަމަކަށް ފާޠިޙުގެ ކިބައިން ފެނުނީ އަހަރެން އޮފީހުން އަންނަންދެން ކިތަންމެ ދުވަހަކު ނުކައި އަހަރެންގެ އިންތިޒާރުގައި ހުންނަކަމެވެ. ބައެއް ފަހަރު ތަންކޮޅެއް ލަހުން އޮފީހުން ގެއަށް އާދެވުނަސް އެ ކަމަކަށް ބަދަލެއްނާދެއެވެ. ކައްކައިފައި ހުއްޓަސް އަމިއްލަ އަތުން ކާއެއްޗެއްގައި އަތްވެސް ނުލާނެއެވެ. ކިތަންމެ ފަހަރަކު ކައިގެން ހުރުމަށް ބުނެވުނަސް އެ ކަން ބަދަލެއް ނުވިއެވެ. ބައެއް ފަހަރު ޖެހެނީ އެއްބަޔަކު އަނެއް ބަޔަކަށްޓަކައި ގުރުބާންވާށެވެ. އަހަރެން ފެންނަ އިރަށް ޢާންމުކޮށް ފާޠިހުގެ ބަނޑުގައި އަތްކާއްތައިލާނެއެވެ.
"ވަރަށް ހައިވެއްޖެ. އެކަމަކު ވެސް ރަޙުމާގެ އިންތިޒާރުގައި މިހުރީ އެކީގައި ކާންވެގެން."
ފާޠިޙުގެ ބަދަލުނުވި ދެވަނަ ކަމަކީ ކޮންމެ ރެއަކު ސައިކަލް ބުރުޖަހާން ދިއުމެވެ. އާދަކޮށް ރަށުގެ ހިތްފަސޭހަ މާޙައުލުގައި ތާޒާ ވައި ޖައްސައިލާން ދެވޭތީ އަހަރެން އުފާވެއެވެ. ރަށު ތުނޑީ ހިސާބުގައި ހުންނަ ޖޯލިފަތި ތަކުގައި އިށީނދެލާ ކުޑަވަގުތު ކޮޅެއްގައި ތިބެލަމެވެ. ދަރީން ލިބުމުން އެކަމަށް މަދު ދުވަސްކޮޅަކު ހުއްޓުމެއް އައި ނަމަވެސް ބުރުޖެހުމުގެ އާދަ ކަށީގައި ހިފައިފިއެވެ. މި ފުރުޞަތަކީ ދެ މީހުންގެ ވާހަކަތަކާއި ޝަކުވާތައް އަޑުއަހާން ލިބޭ ރަނގަޅު ފުރުޞަތަކަށް ވާތީ އެކަންކުރެވެއެވެ. ބައެއްފަހަރު ސައިކަލް ބުރު ޖަހަންދާނީ ކޮންމެ ވެސް ލުއި ކާއެއްޗެއް ވެސް ހިފައިގެންނެވެ.
އަހަރެމެންގެ ކައިވެންޏަށް ވިހި އަހަރު ފުރުނު އިރު ދެކުދީން ލިބި އެކުދީން ވެސް ބޮޑެތިވެއްޖެއެވެ. ރާއްޖެއިން ތަޢުލީމް ޙާޞިލްކޮށް، ބޭރަށް މަތީ ތަޢުލީމް ޙާސިލް ކުރަން ފުރީ ދާދިފަހުންނެވެ.
" އަނެއްކާ ވެސް އެކަނިވީ. ލޯ ކުރިމަތީން ދަރީން ވެސް ގެއްލުނީ." އަހަރެންގެ ހިތުގައި ދަރީން ކިޔަވާން ފޮނުވެވުނީތީ އަބަދު ވެސް ނޭނގޭ ބިރުވެރިކަމެއް އޮވެއެވެ. އެ ކަމާ ކަންބޮޑުވެއެވެ. ރައިޙާއަށް އެކަނި ކަންކަން ކުރެވުނަސް ހަގަށް ހުރި ރާޝިހު އެއީ އަދި ވެސް ޅަކޮށް އުޅޭ ކުއްޖެކެވެ. އަމިއްލަ އަތުން އެއްވެސް އެއްޗެއް މޮޑެގެން ނުކާނެއެވެ. ގެއަށް ވަދެއްޖެއްޔާ އަބަދުހެން ހުންނާނީ އަހަންނަށް ގޮވާލަ ގޮވާލައެވެ.
އަހަރެންގެ ޢާއިލާ ތެރޭގައި އެއްކަމެއް ބަދަލު ވެއްޖެކަން ފާހަގަ ކުރެވުނީ ދަރީން ވެސް ބޭރަށް ދިޔަ ފަހުންނެވެ. ވިސްނައިލާން ވެސް ވަގުތު ލިބުނީމައެވެ. އެއްދުވަހަކު ފާޠިހު ގާތު ވާހަކަ ދައްކާން އިނދެފައި އެވާހަކަ ފަށާ ހިތްވެއްޖެއެވެ.
" ކައިވެންޏަށް ފަހު އަހަންނަށް އަހަރެން ގެއްލިއްޖެ" އެ ޖުމްލަ ބުނެވުމާއެކު ފާޠިޙު ނިތްކުރިގައި އަތުގެ އިނގިލިތައް ޖައްސައިގެން ހުރެ ތަންތަން ހޯދާ ގޮތަށް ހޯދާން ފެށިއެވެ.
"އަހަރެންގެ ރަޙުމާ ގެއްލިގެން ނުވާނެ. ކޮންމެތާކު އޮތަސް ހޯދާނަން."
"އެއްކަލަ ފާޠިޙު. އެއްވެސް ވާހަކައެއް ނޯންނާނެ މީނަ ގާތު ބުނެވޭކަށް. ކޮންމެ ކަމެއް ހަދާނީ މަޖަލަކަށް." އަހަރެން ރުޅި އަންނަކަމަށް ހެދުނީމެވެ.
އަހަރެމެން ތެރޭގައި ސީރިއަސް ކަމެއް އެބަ ހިނގާތަ؟ އެ ވާހަކަ ދައްކާން." ފާޠިޙަށް އެހެން ބުނެވުނީ އެއްވެސް ކަމެއް ނޫނީ މައްސަލައެއް ވެސް ދިމާ ވެފައިނުވާތީއެވެ.
އަހަންނަށް ފުން ނޭވާއެއް ލެވުނެވެ. ވާހަކަ ފަށާނެ ގޮތެއް ވެސް ނޭނގެއެވެ. އަހަރެންގެ ނަޒަރުގައި ވިހި އަހަރު އެކީގައި އުޅުނަސް އެކަކު އަނެކަކަށް ދަސް ނުވަނީއެވެ. އެހެންނަމަ މިހާރަކަށް އައިސް އަހަރެން ވިސްނާ ވަރު ފާޠިޙަށް އެނގުނީހެވެ. ގޭތެރޭގައި ކިތަންމެ ކުޑަކަމެއް ދިމާވިއަސް އަހަރެމެން އެބަ ވާހަކަދައްކަމެވެ. އެއީ އަހަންނަށް ގަބޫލުކުރެވުނު ގޮތްކަމުގައި ވިއަސް ހަގީގަތުގައި އެކަކުގެ ގޮތް އަނެކަކަށް ދަސްވެފައިވާ ނަމަ، އެކަކު އަނެކަކަށް މީރު ކާއެއްޗިއްސާއި ރީތި ކުލަ އެނގޭންވާނެއެވެ. އެންމެ ގަޔާވާ ކަންކަމާއި ނަފުރަތު ކުރާ ކަންކަން ވެސް އެނގެން ވާނެއެވެ. ދެމީހުންގެ ގައިގައި ހުރި
ރީތި ސިފަތަކާއި ކަމުނުދާ ސިފަތައް ވެސް އެނގުނީހެވެ. އެންމެ މަތިން މާކުސް ލިބުނު މީހާ އެންމެ ފުލަށް ވެއްޓޭކަން އަހަރެން ނޭދެމެވެ. ގިނަ ދުވަސްވުމުން ލޯބީގެ ބަދަލުގައި އެކަކު އަނެކަކަށް އޮންނަނީ ކުލުނެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ.
ދައްކާން ބޭނުންވި ވާހަކަ އަހަރެން ނުދެއްކީ ފާޠިޙަށް އެކަން ބޮޑުކަމަކަށް ނުވެދާނެއެވެ. ދިމާވާ ކިތަންމެ ކުޑަކަމެއް ވެސް އަހަރެން ނަގަނީ ބޮޑުކަމެއްގެ ގޮތުގައެވެ.
ދިރިއުޅުމެއް ފަށާ ހިސާބުން އެހެން މީހުންނަށް ޓަކައި އަހަރެން އެތައް ޤުރުބާނީއެއް ވާން ޖެހުނެވެ. އެންމެ ފުރަތަމަ ފިރިމީހާއަށެވެ. މައިދައިތައާއި ބަފައިބެއަށެވެ. އޭގެ ފަހުން ދަރީން ލިބުމުން އެ ދަރީންނަށް ޓަކައެވެ. މިހާރު އަހަރެން ވަރުބަލިވެއްޖެއެވެ. ދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކީ އެހެން މީހުންނަށް ޓަކައި ނޭވާލާން ޖެހޭ ދުވަހެކެވެ. ބައެއް ފަހަރު އަހަރެން ހިތަށްއަރައެވެ. އަހަރެމެން އަންހެނުން މި ތިބީ އެހެން މީހުންނަށް ޓަކައި ދުނިޔެއަށް އުފަންވެފައެވެ. އަމިއްލަ މީހާއަށް ވިސްނައިލާން ވެސް ވަގުތެއް ނުލިބެއެވެ.
ކިތަންމެ ރީތި މަލެއް ވެސް އޭގެ ޙައްޤު މަގާމުގައި ނުވާ ނަމަ އިސާހިތަކު މޯޅިވެދާނެއެވެ. އަހަރެން ވެސް މި އުޅެނީ އެކަހަލަ ޙާލަތެއްގައެވެ. ދިރިއުޅުމުގައި މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. ކުދި ކޫސަނި ކަންކަން ފިޔަވައެވެ. އެހެންނަމަވެސް އަހަރެން ވަރުބަލިވެއްޖެކަމުގެ އިޙުސާސް ކުރެވޭން ފަށައިފިއެވެ. ގޭގައި އެތައް އަހަރެއް ވަންދެން ކެއްކި ކަމުގައި ވިއަސް އެހެން މީހުންނަށް މީރުހާ ތަކެތި ކައްކައިފައި ލިސްޓުގެ އެންމެ ފަހަތުގައި އޮންނަ ކެއުން ތައްޔާރުކުރާނެ ހިތްވަރެއް ނުހުރެއެވެ. ހެނދުނުގެ ސަޔަށް އަހަރެން ބޭނުންވަނީ ރޮށްޓާއި ރިހަ ކަމަށްވާ ނަމަ، ފާޠިހު ބޭނުންވާނީ ރޮށްޓާއި މަސްހުންޏެވެ. ހުދުކުލައަކީ އަހަންނަށް ރީތިކުލަކަމުގައި ވާ ނަމަ، ފާޠިޙަށް ރީތިވަނީ ނޫކުލައެވެ.
އަހަރެން ކާހިތްވަނީ ހަރުމަހުގައި ހެދިކާއެވެ. ފާޠިޙަށް މީރީ މަސްދަޅުގެ ހެދިކާއެވެ. ފޮނި އެއްޗެއް ގޭގައި ހެދިއަސް ދެމީހަކަށް އެކައްޗެއް މީރެއް ނުވެއެވެ. ފާޠިހަށް މީރީ ބަޓަރު ކޭކެވެ. ރައިހާއަށް ޕުޑިން މީރުވާ އިރު، އަހަރެން ކާހިތްވަނީ ޗޮކުލެޓެ ކޭކެވެ. އެންމެ ފަހުން އެ ދުވަހެއްގެ މަސައްކަތް ނިމޭ އިރު، މޭޒުމަތީގައި މަދުވާނީ އަހަރެން ކާހިތްވާ ތަކެއްޗެވެ. އެހެން މީހުންނަށް މީރު އެއްޗެހި އަހަރެން ކަނީ ހިތާ ދެކޮޅަށެވެ. އެ ކަމެއް އެކަކަށް ވެސް ފާހަގަނުވަނީ ކީއްވެބާއެވެ؟
ބައެއް ފަހަރު ކާހިތްނުވާކަމުގައި ބުނެވިއްޖެ ނަމަ، ކޮންމެ މީހަކު ވެސް ފާޠިޙު ފަދައިން ބުނާނެއެވެ.
"ބަލަ ގޭގައި ކައްކަނީ އަންހެނުންނެއް ނޫންތަ؟ އެ މީހަކަށް މީރު އެއްޗެހި ވެސް ކައްކަންވާނެ. ތިޔަ ހެން ތިޔަ ހަދަނީ އަމިއްލައަކަށްނު" އެ ފަދަ ވާހަކައެއް ބުނާ އިރު، ކުޑަކޮށް ވެސް ވިސްނައިނުލައި އަނގައިގައިވާ ބަސް ބޭރުކޮށްލެވޭކަން އެނގެއެވެ. ރަމަޟާން މަހު ވެސް އެތައް ވަގުތެއް ކެއްކުމުގައި ހޭދަކުރާ އިރު، ކާތަކެތީގެ ދިގުލިސްޓު ދެނީ ވެސް ފިރިހެނުންނެވެ. އެ ލިސްޓަށް ތަކެތި ތައްޔާރުކުރާ އިރު، އަންހެނުންނަށް އަތްގާތްކޮށްދެނީ މަދު މީހެކެވެ. ފާޠިޙު އެ ލިސްޓުގައި ވެސް ނުހިމެނެއެވެ.
ރައްޓެހީން ގާތު ވެސް އެންމެ ގިނައިން އަހަރެން ބުނާ އެއް ވާހަކައެއް އޮވެއެވެ.
"އަހަންނަށް އަހަރެން ގެއްލިއްޖެ." އަހަރެން އެކުވެރި ޒަޢީމާ ގާތު އެހެން ބުނުމުން ޒަޢީމާ އެ ވާހަކައާ މެދު ވަރަށް ވިސްނާން އިން ކަހަލައެވެ.
"ތިއީ ވަރަށް ބޮޑު ތެދެއް. އަހަރެމެން އަންހެނުންގެ ޙާލަކީ މިއީ. ގޭގައި ހުރިހައި މަސައްކަތެއް ކުރާނީ އަންހެނުން. ކިތަންމެ ވަރަކަށް ކެއްކިއަސް އަންހެނުންނަށް މީރު އެއްޗެއް ގިނަ ފަހަރު ނުކެކޭނެ. އެހެން މީހުންނަށް ޓަކައި ގުރުބާންވުމުގައި ޙަޔާތް ނިމިގެން މި ދަނީ." ޒަޢީމާއަށް އަހަރެންގެ ވާހަކަތައް ވިސްނުނެވެ. އަހަރެންގެ ޙަޔާތް ނިމިދާނީ އަހަންނަށް އަހަރެން ގެއްލިގެން ހުރެއެވެ. އެހެންމީހުންނަށް ޓަކައި އަހަރެމެން އަންހެނުން ޖެހޭނީ ދިރިއުޅޭށެވެ. (ނިމުނީ)