Advertisement

ހިޔަލުގައި ހުންނަ މީހާގެ ހިޔަންޏެއް ނުހުންނާނެއެވެ.

27 Apr 2024 | 16:13
"ހިޔަލުގައި ހުންނަ މީހާގެ ހިޔަންޏެއް ނުހުންނާނެއެވެ." (ހަރުބަހެއް)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

މިދާކަށް ދުވަހު އީރާނާއި އިސްރާއީލާ ދެމެދުގައި ހިނގި "ސީދާ ކުރިމަތިލުމާ" ބެހޭ ގޮތުން ދުނިޔޭގެ ނޫސްތަކުގައްޔާއި ޚަބަރުފަތުރާ ވަސީލަތްތަކުގައި ތަޙުލީލުތައް އޮހި ބަންޑުންވެގެން ދިޔައެވެ. މި ކުރިމަތިލުމާ ވިދިގެން އިތުރު ކުރިމަތިލުންތަކާއި ކޯޅުންތަކާއި މައްލަވަކުރުންތައް ހިނގައިގެން ހިނގައިދާނެ ގޮތްތަކާ ބެހޭ ގޮތުން ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ އުނދުޅީން ތަށްޓަށް އެއްޗެހި އަޅައިދެއްވިއެވެ.  

ޢަރަބި ދާރިސުން ތުހުމަތުކުރައްވާ ގޮތުގައި މި ލިޔުންތައް ލިޔުއްވި ގިނަ ބޭފުޅުން ތަޙުލީލުތައް ކުރައްވައިފައިވަނީ އަރަބި ދުނިޔޭގެ ކަނުއަނދިރީގެ ތެރޭގައެވެ. ހަށިގަނޑާއި ހިޔަނި ވަންހަނާވެފައިވާ ވެށްޓެއްގެ ތެރޭގައެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ކަނުއަނދިރީން އަރަބީން ވަނީ ހަ ފަރާތުން ބައްދައިލައިފައެވެ. މި އަދިރީގެ ތެރެއިން ބޭރަށް ނުކުމެވޭނެ އަލިކަންޏަކަށް ބޭނުންވެފައިވާ ވަގުތެއްގައި ތަންދޮރު ނުބަލައި ހުރިހައި އެންމެންގެ ބޮލުގައި ތުހުމަތުތައް އަޅުވަމުންނެވެ.  ވަންހަނާ މުއާމަރާތުތަކެއްގެ ނަޒައްރިއްޔާތުތަކަކުން ބަހަނާދައްކަމުންނެވެ. ޙަޤީޤަތް ދެނެގަތުމަށް ނުކުޅެދިފައިވާތީއެވެ. ޚިޔާލާތާއި ޖަޒުބާތުތަކުގައި އާވަރާވެ، ލަފާކުރުމަށް ޖަހާ ހިސާބުތައް އޮޅި ނުބައިވެ، ހަރާދުކިޔުމުގައި ގެއްލުން ލިބިގެންދާތީއެވެ.  

ޙަޤީޤަތާ ދުރު ވިޔަކުރުންތަކެއް

ދިމަޝްޤުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓު އޮފީހަށް އިސްރާއީލުން ދިން ޙަމަލާއަށް ރައްދުދިނުމުގެ ގޮތުން އީރާނުން ދިން ރައްދަކީ، އީރާނާއި އިސްރާއީލާ ދެމެދުގައި ފަރުދާގެ އަނެއް ފަރާތުގައި އޮތް ގުޅުން ފޮރުވުމަށް ޓަކައި، އީރާނުން ކުޅުނު ތަމްސީލިއްޔާއެއް ކަމަށް، ވަރަށް ގިނަ މުޙައްލިލުން ވިދާޅުވިއެވެ.

ޢަރަބި ދުނިޔެއާ ބެހޭ ގޮތުން އީރާނުން ގެންގުޅޭ ގިނަ ސިޔާސަތުތަކަކީ ޢަރަބީން ބަލައިގަންނަ ސިޔާސަތުތަކެއްނޫނެވެ. 1979ން ފެށިގެން އީރާނާ މެދު، ކުރެވޭ ތުހުމަތުތައް ބިނާކޮށްފައިވަނީ  މަޒުހަބީ، ގައުމީ،  ޖަޒުބާތީ ޝުޢޫރުތަކާއި އިޙުސާސްތަކުގެ މަތީގައެވެ. މަޞްލަޙަތާއި ހެޔޮ ވިސްނުމާ ދުރުގައެވެ.

1979ގެ ކުރީން  އީރާނަކީ އެމެރިކާގެ ޒަޢާމަތުގެ ދަށުގައި އޮތް ހުޅަނގުގެ ހިޔާވަހިކަމުގެ ދަށުގައި އޮތް ގައުމެކެވެ. އަވަށްޓެރީންނާ ދެކޮޅަށް ޝެހެންޝާހު ދައްކަވައިފައިވާ ބިރުތަކަށާއި ދެއްވަމުން ގެންދެވި އިންޒާރުތަކަކަށް ހުޅަނގުން އަޅައެއް ނުލައެވެ. މި ތާރީޚުގެ ކުރީން ޝާހަކީ (އީރާނަކީ) ހުޅަނގުގެ ހިޔާވަހިކަމުގެ ދަށުގައި ހުރި ހިޔަންނެއް ނެތް ޝަޚުޞެކެވެ.

ދިގު ރެއެއްގެ ފުން ނިދީން ތެދުވެވުނު އިރު، އީރާން ވަނީ އައު ދުވަހަކަށް އިރުއަރައިފައެވެ. ޝާހު ގެއްލިއްޖެއެވެ. ސާމަރާދޫނީގެ ތަޚުތެއް ނެތެވެ. އީރާނަށް އެ ގައުމުގެ ތާރީޚާއި ޙަޟާރަތާ އެކަށީގެންވާ މަޤާމެއް ދުނިޔޭގައި ލިބިއްޖެއެވެ. މީސްތަކުންގެ ތެރޭގައި އޮތް އޭނާގެ ހިޔަނި ފެންނަމީހަކާ، އެހެން މީހުންގެ ލޮލުން ތިމާގެ ހިޔަނި ދެކޭ މީހާ އެއްވަރެއް ނުވާނެތެވެ. މިއީ އީރާނަށް ކުރާ ތާރީފެއްނޫނެވެ. މިއީ 1979ން ފެށިގެން ޢަރަބީންނާ އީރާނާ ދެމެދުގައި އޮތް ގުޅުމުގެ ޙާލަތެވެ.

ޢަރަބި ބައެއް ލިޔުންތެރީން ވިދާޅުވާ ގޮތުގައި އަރަބީންގެ މިއަދުގެ މަސްއަލައަކީ އެހެން މީހުންގެ ހިޔަލުގެ ތެރޭގައި ޢަރަބީންގެ ހިޔަނި ގެއްލިފައިވުމެވެ. 1830ގައި ހުޅަނގުގެ އިސްތިޢުމާރީ ޙަރަކާތުން ޖަޒާއިރަށް އަރައި، އެ ބިމުގައި ވަކި ހިއްޕައިލި ހިސާބުން ފެށިގެންނެވެ. އެ ހިސާބުން ފެށިގެން ގޮސް ފަލަސްޠީނުގައި ޞިހުޔޫނީ ކިޔާނު އިންދި ހިސާބާ ހަމައަށެވެ. އެ ބޮޑު ހިޔާގަނޑުގެ ތެރޭގައި އަރަބީންގެ ހިޔާގަނޑު ވަނީ ނެތިގެންގޮސްފައެވެ.

މި ކަޅު އަނދިރީގެ ތެރޭގައި ބައެއް ގަލަންތަކުންނާއި ރަސްމީ އިދާރާތަކުން އާންމުން "ހިތްހަމަޖެއްސުމަށް" ޓަކައި މަފުހޫމުތަކެއް ވިއްސާން މަސައްކަތްކުރާތަން ފެނެއެވެ. ވަންހަނާ ގޮތެއްގައި ސިއްރު ސައްލާތައްކުރާ ވާހަކައާއި މުއާމަރާތައް ރާވާ ވާހަކަތައް ދައްކައިގެންނެވެ.    އެހެން މީހުންގެ ބޮލުގައި ތުހުމަތުތައް ނާޅުވައި، އަހުރެމެން އަހުރެމެން ހިޔަނި އަނބުރައި އިޢާދަކުރެވޭތޯ މަސައްކަތް ނުކުރަނީ ކީއްވެގެންހެއްޔެވެ؟ ހަރުބަހެއް ބުނާ ގޮތުގައި ހިޔަނި އަނބުރައި ހޯދާން އެދޭ މީހާ އަވިދެކެ ބިރުގަނެގެން ނުވާނެއެވެ. އަތްވާ ނުލައި ނުވަތަ އަލިކަމާ ނުލައި ހިޔަންޏެއް ނުހުންނާނެތެވެ. އަނދިރި ތަނެއްގައި ހިޔަންޏެއް ނުހުންނާނެތެވެ. ޚިޔާލުގެ އާވާރާގައި ޖެހިފައިވާ މީހުންގެ ފިކުރުގައި މެނުވީއެވެ.

ޝާހުގެ ވެރިކަން ނައްތައިލައިފައި އީރާނުގެ ވެރިކަމަށް އައި މީހުން މިއަދު ވަނީ އީރާނުގެ ހިޔަނި ދުނިޔޭގެ ކަންކޮޅުތަކަށް ފަތުރައިފައެވެ. އެހެން މީހުންގެ ހިޔަނިތައް ނައްތައިލައިފައެވެ. މި ހިޔަނި ދެކެ ބިރުގަންނަ އެތައް ބަޔަކު މި ޢާލަމުގައި އެބަ އުޅެއެވެ.

ބައެއް މުޙައްލިލުން ވިދާޅުވާ ގޮތުގައި އީރާނުގެ ބިމުން އިސްރާއީލަށް ޙަމަލާތަކެއް ދިނުމަށް ފޮނުވައިލި ޑުރޯނުތަކާއި ކުރޫޒު މިސައިލުތަކަކީ ކުޅިސަމާގެ ބަނޑުމުސާރައަށް ބެއްދުމުގެ ކުޅިވަރުތަކެކެވެ. އެއިން އިސްރާއީލުގެ އެއްވެސް ތަނެއް ހަލާކެއް ނުވެއެވެ. އެއިން އެއްވެސް އެއްޗެއް އިސްރާއީލުގެ އަމާޒަކަށް ވާޞިލެއް ނުވެއެވެ. ޢަރަބީންގެ ވައިގެ ސަރަޙައްދުތަކުގެ ތެރޭގައި އެ އެއްޗެހިތައް ވަނީ ވައްޓައިލައި ސުންނާފަތިކޮށްލެވިފައެވެ. އިސްރާއީލުން ނެރެފައިވާ ރިޕޯޓުތައް ތަފާތުކަމުން މި ކަމާ މެދު އިތުރަށް ތަންގީދުކުރުމުގެ ބޭނުމެއް ނެތެވެ. ވަންހަނާ ނުކުރެވޭނެ ޙަޤީޤަތެއް އެބަ އޮތެވެ. އީރާނުގެ ޑުރޯނުތަކާއި މިސައިލްތައް ވައްޓައިލީ އެމެރިކާއާއި ހުޅަނގުގެ ހަތިޔާރުން ކަމެވެ. އެ ކަމާމެދު އެމެރިކާއާއި އިނގިރޭސިވިލަތާއި ފަރަންސޭސިވިލާތުން ވަރަށް "ފޮނިކަނޑައިފައި" ވެއެވެ. ދެވަނަ ޙަޤީޤަތަކީ އީރާނުން މި ފޮނުވައިލި ޑުރޯނުތަކާއި މިސައލްތައް އުފައްދައިފައިވަނީ އީރާނުގެ ފަންނިއްޔާތުންކަމެވެ. އީރާނުގެ ސިކުނޑިތަކުންނެވެ.

ޣައްޒާގެ ހިޔަނި ފަތުރައިފި

އީރާނުގެ ނިޔުކުލިޔަރު ޕުރޮގުރާމު ދެކެ  ޢަރަބީން ބިރުގަންނަ ވާހަކަ ދައްކައެވެ. އަރަބީންގެ ތެރޭގައި ސައެންސީން އެބަ ތިއްބެވެ. އެމީހުންގެ އަތުގައި ފައިސާ އެބަ ހުއްޓެވެ. ވީމާ އަރަބީން ނިޔުކުލިޔަރު ހަތިޔާރު ނޫފައްދަނީ ކީއްވެގެންހެއްޔެވެ؟ އީރާނުން އެމެރިކާއާއި ހުޅަނގާއެކު އެއްބާރުލައި ވާހަކަދައްކާ އިރު، އީރާނަށް ނިޔުކުލިޔަރު ހަތިޔާރު ނޫފެއްދިގެން މި އުޅެނީ ކީއްވެގެންތޯ ސުވާލުކޮށްލާން ޖެހެއެވެ. އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއަދު ވެސް ނައްތައިލައިފި ނަމަ، އީރާނުން ޔޫރޭނިއަމް މުއްސަނދިކޮށް ނިޔުކުލިޔަރު ހަތިޔާރު ވަރަށް އަވަހަށް އުފައްދާނެއެވެ. އިސްރާއީލު އެންމެ ބޮޑަށް ޖެހިލުން ވަނީ މި ކަމާއެވެ.

އެމެރިކާއިން ޖަޕާނަށާއި ޖަރުމަނަށް ނިޔުކުލިޔަރު ހަތިޔާރު އުފައްދާން ހުއްދަ ނުދެނީ ކީއްވެގެން ހެއްޔެވެ؟ ދެވަނަ ބޮޑުހަނގުރާމައިގައި މި ދެ ގައުމު ބަލިކުރުމާވިދިގެން އެ ދެ ގައުމަށް ވަނީ ނިޔުކުލިޔަރު ހަތިޔާރު އުފެއްދުން މަނާކޮށްފައެވެ. މި ދެ ގައުމަކީ އެމެރިކާގެ އެންމެ އެކުވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ މުހިއްމު ދެ ބާރެވެ. "ޖަމާޢަތް ހަތެއް"ގައި ނަގައިކިޔާ ދެ ގައުމެވެ. މި ދެ ގައުމަށް ހައެއްކަ މަސްދުވަހުގެ ތެރޭގައި ނިޔުކުލިޔަރު ހަތިޔާރު އުފެއްދިދާނެއެވެ.

ނޭޓޯގެ މުހިންމު މެންބަރެއް ކަމުގައިވާ ތުރުކީވިލާތަށް ނިޔުކުލިޔަރު ހަތިޔާރު އުފައްދާން އެމެރިކާއާއި ހުޅަނގުން މަނާކުރަނީ ކިއްވެގެން ހެއްޔެވެ؟ ރައީސް އުރުދުޣާން ވަނީ މި ކަމުގެ ޝަކުވާ ކުރައްވައިފައެވެ. ހުޅަނގުން އޭނާއަކަށް ރައްދެއްނުދެއެވެ. ހުޅަނގުން ސިއްރިއްޔާތުގައި އީރާނަށް ނިޔުކުލިޔަރު ހަތިޔާރު އުފެއްދުމުގެ ހުއްދައެއް ނުދޭނެއެވެ. އެކަން ކުރިޔަކަ ނުދޭނެއެވެ. އެހެނަސް އިސްރާއީލަށް ބަލާއިރު، އެ ކިޔާނުގައި ނިޔުކުލިޔަރު ހަތިޔާރު ހުރި ވާހަކަ އެ ތާނގެ ވަޒީރުންގެ ދޫތަކުން ވަނީ ބޭޒާރުވެފައެވެ. އިސްރާއީލުން ގާއިމުކޮށްފައިވާ ދައިމޫނާ މަރުކަޒުގެ  ރިއެކުޓަރުތަކުން މި މަސައްކަތްކުރާކަން އީރާނަށް އެނގެއެވެ. އީރާނުން ދިން ޙަމަލާތަކު އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ މި ރިއެކުޓަރުތަކެވެ. އިސްރާއީލުން ފަހުން އެއްބަސްވެފައިވާ ގޮތުގައި އީރާނުގެ ޙަމަލާތަކުގެ ސަބަބުން މި ތާނގެ ބައެއް ރިއެކުޓަރުތަކަށް ވަނީ ގެއްލުން ވެސް ލިބިފައެވެ.

އީރާނުން ނިޔުކުލިޔަރު ތަޖުރިބާއެއްކުރަންދެން އަރަބީން މަޑުކުރަންވީހެއްޔެވެ؟ އޭރުން އަރަބީންނަށް އެހީވުމަށް ޓަކައި ހުޅަނގަކުން ނުތެދުވާނެތެވެ. އަރަބީން ޞުލްޙަ ޤާއިމުކުރަމުންގެންދާ އިސްރާއީލެއް ވެސް އަރަބީން ދިފާޢުކޮށްދޭކަށް ނުތެދުވާނެތެވެ.

އާދޭހެވެ! ހިޔަލުގައި ހުންނަ މީހާގެ ހިޔަންޏެއް ނުހުންނާނެއެވެ. ޣައްޒާގެ މުޖާހިދުންނަށް ވަނީ މި ޙަޤީޤަތް ދެނެގަނެވިފައެވެ. އެ މީހުންނަށް ކުޅަދާނަވެގެންވީ މިންވަރަކުން އެ މީހުން ވަނީ މި ކަމަށް ތައްޔާރުވެފައެވެ. ޣައްޒާގެ ހިޔަނި ވަނީ ދުނިޔެއަށް ފަތުރައިފައެވެ. ހުޅަނގުގެ ވެރިރަށްތަކުން މިއަދު އެ ދަނީ މިނިވަން ފަލަސްޠީނަށް ޒިންދާބާދު ގޮވަމުންނެވެ. އެމެރިކާގެ ޔުނިވަރސިޓީގެ ދަރިވަރުންތައް އެ ގެންދަނީ ޣައްޒާގެ ހިޔަލުގައި މުޒާހަރާތައް ބާއްވަމުންނެވެ. އިސްރާއީލު ކުށްވެރިކުރަމުންނެވެ.

އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުގެ ޖަރީމާތައް "ބައިނަލްއަޤްވާމީ އިންސާފު ކޯޓު"ގައި މިހާރު އެ ދަނީ ބަލަމުންނެވެ. 2023 ގެ 7 އޮކުޓޯބަރުގެ އަޤްޞާ ޠޫފާނުގެ ކުރީން އިސްރާއީލާ ދެކޮޅަށް މި ފަދަ ފިޔަވަޅެއް އެޅުމާ މެދު މީހަކު ވިސްނައިފައެއް ނުވެއެވެ.

__________________________

ލަފުޒެއްގެ މާނަ:

ނަސްލު ހޭދު     ނ.     އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް