Advertisement

ގައުމީ އެއަރލައިން އިތުރު ހަރުފަތަކަށް - މިހާރު ކޮޅުނބަށް ވެސް – ތަހުނިޔާ!!!

27 Apr 2024 | 14:39
މޯލްޑިވިއަންގެ މަތީންދާ ބޯޓެއް ބައެއް މުވައްޒަފުން

އަބާ މުޙަންމަދު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ގޮތުން ސްރީ ލަންކާގެ، ވެރިރަށް ކޮޅުނބަށް އުދުހޭން ފަށައިފިއެވެ. އުދުހުންތައް ގަވާއިދުން ތާވަލުކުރެވިފައި ވަނީ ކޮންމެ ބުރާސްފަތި ދުވަހަކާއި ހޮނިހިރު ދުވަހެއްގައެވެ. މި ގޮތަށް އުދުހޭ އުދުހުންތަކުގައި ފަސިންޖަރުންނަށް ހިލޭ ގެންދެވޭ ބަރުދަން ވަނީ 30 ކިލޯކަމަށް ހަމަޖައްސަވައިފައެވެ.

މާލެއިން، ކޮޅުބަށް އުދުހޭން ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 19:35އެވެ. އަދި ކޮޅުނބުން މާލެއަށް އަންނާނީ ރޭގަނޑު  22:35 ގައި ކޮޅުނބުން ފުރައިގެންނެވެ. މި ދަތުރުތަކުގައި ބޯޓުމަތީން ކެއުން ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮޅުނބަށް ކުރާ ދަތުރުތައް ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެއްސެވީ، ބުރާސްފަތި ދުވަހު އޮފީސް ނިންމައިލުމަށް ފަހު، ފުރައިގެން ކޮޅުނބަށް ދިޔުމަށް ފަހު، ހޮނިހިރު ދުވަހު އަނބުރައި ރާއްޖެއަށް އާދެވޭ ގޮތަށް ދިވެހީންނަށް ފަސޭހަކަމާއެކު ހަފުތާ ބަންދުގައި ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައިދެއްވުންކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއްވައެވެ.

މޯލްޑިވިއަނުން ދަތުރުކުރާ ފަސިންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތް، 15 އިންސައްތަ ޑިސްކައުންޓާއެކު ލިބޭ ގޮތަށް އިންތިޒާމުކުރެވިފައިވާކަމަށް ވެސް މޯލްޑިވިއަނުން ވިދާޅުވެއެވެ. މި ޚިދުމަތްތަކުގެ ތެރޭގައި ޑޮކުޓަރަށް ދެއްކުމާއި އެކި ޓެސްޓުތައް ހެދުމާއި ލޯ ޓެސްޓުކުރުމާއި ސިއްހީ މައުލޫމާތު ޗެކުކުރުމާއި ހަށިގަނޑުގެ ބުރަދަނާއި ކާނާއާ ބެހޭ ސިއްޙީ ލަފަޔާއި އިރުޝާދު ހޯދުން ވެސް ހިމެނެއެވެ. އަދި ހެލްތު އިސްކިރީނު ޕެކޭޖުތަކުން ޚާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް މޯލްޑިވިއަންގެ ފަރާތުން ވިދާޅުވެފައިވެއެވެ.

އެއަރމޯލްޑިވްސްގެ ބޯޓުތަކެއް<br>

މޯލްޑިވިއަނުން މައުލޫމާތުދެއްވާ ގޮތުގައި، އުމުރުން ދުވަސްވީ ފަސިންޖަރުންނަށް ޚާއްސަކޮށްގެން އިނގިރޭސިބަހާއި ދިވެހިބަހުން ވާހަކަދައްކާން އެނގޭ މުވައްޒަފުން އެހީތެރީންގެ ގޮތުގައި ތިބޭކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

‫ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީއެއަރލައިންގެ ގޮތުގައި އުފެދުނު ކުންފުނި އެއަރމޯލްޑިވްސް އުފެދުނީ، 1974 އޮކުޓޯބަރު ފުރަތަމަ ދުވަހުގައެވެ. އެއީ ސުމުއްވުމްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެމާނު (ނ.ޣ.ޣ.ޢ.ވ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި އަދި ބޮޑުވަޒީރުކަމުގެ މަޤާމުގައި އޮނަރަބްލް އަލްފާޟިލް އަޙުމަދު ޒަކީ ހުންނެވި ދުވަސްވަރުގައެވެ. އެހެންކަމުން މި އަހަރަކީ ދިވެހިރާއްޖޭގެ ވައިގެ ޚިދުމަތުގެ ރަން ޔޫބީލު އަހަރެވެ.

ރާއްޖޭގެ ފުރަތަމަ އެއަރލައިންގެ އުދުހުން މާލެއިން ކޮޅުނބަށް ކޮޅުންބުން މާލެއަށް ދަތުރުކުރި ނަމަވެސް ފަހަކަށް އައިސް މި ޚިދުމަތް ވަނީ މެދު ކެނޑިފައެވެ. އެތައް ދުވަހަކަށް ފަހު، މި ޚިދުމަތް އަލުން މި ވަނީ ފަށައިގަނެވިފައެވެ.

ފާހަގަކުރެވޭ ގޮތުގައި އައިލެންޑް އެވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑް އަލަށް އެކުލަވައިލައްވައި އާ މެނޭޖިންގ ޑިރެކްޓަރަކާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރެއް ހަމަޖެއްސެވުމާއެކު މޯލްޑިވިއަންގެ އުދުހުންތަކަށް ހަލުވިކަން އައިސްފައިވާކަމަށް މި ކަންކަން ގާތުން ބަލާ ފަރާތްތަކުން ބުނެއެވެ. ދިވެހީންގެ ގައުމީ އެއަރލައިނަކީ މޯލްޑިވިއަންކަމަށް ވުމާއެކު މޯލްޑިވިއަނަށް ލިބޭ ކޮންމެ ކުރިއެރުމަކީ ދިވެހީންނަށް ލިބޭ ކުރިއެރުމެކެވެ. ދިވެހީން އެދެނީ ދިވެހިބަހުން ވެސް އެ ކުންފުނީގެ ބޯޓުތަކުގައި ނަން ލިޔެފައިވާ ބޯޓުތަކެއް ޖައްވުގައި އުދުހޭތަން ފެނުމެވެ. އެއީ ދިވެހީންގެ ފަޚުރެވެ. މޯލްޑިވިއަންގެ މި ކާމިޔާބީއަށް ޓަކައި ތަހުނިޔާ އަދާކުރަމެވެ.

______________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން އެކި ނޫސްތަކަށް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް