Advertisement

ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް

27 Apr 2024 | 08:20
ދިވެހިރާއްޖެއާއި ތުރުކިޔޭ ދެމެދު ބޭއްވި މިނިވަން ވިޔަފާރީގެ މަޝްވަރާގެ ތެރެއިން (ފޮޓޯ: މޯލްޑިވްސް ފައިނޭންސް ރިވިއު)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ނަގާ ޑިޔުޓީއާއި ކޯޓާއާއި މި ނޫނަސް ވިޔަފާރީގައި ހުންނަ ހުރަސްތައް ކުޑަކުރެވޭނެ އެއްބަސްވުމެކެވެ. މި ފަދަ އެއްބަސްވުމެއް ތަންކޮޅެއް ކުރީން ޗައިނާއާއެކު ވެސް ވަނީ ހަދައިފައެވެ.

ފަހަކަށް އައިސް ދިވެހިރާއްޖެއިން ވިޔަފާރީގެ އަދި ޚާރިޖީ ގުޅުން ބަދަހިކުރަމުން އަންނަ އެއް ގައުމަކީ ތުރުކީވިލާތް (ނުވަތަ ތުރްކިޔޭ)އެވެ. މި ގޮތުން ރާއްޖެއާއި ތުރުކިޔޭއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޓަކައި ދެ ގައުމުގެ މެދުގައި އެ ކަމުގެ މަޝްވަރާތައް ފެށީ މި ދިޔަ މަހުގެ ތެރޭގައެވެ. މި ހަފުތާގެ ތެރޭގައި ވަނީ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން ބާއްވައިފައެވެ.

މި ބައްދަލުވުމުގައި އެއްބަސްވެވިފައިވާ ގޮތުން ތުރުކިޔޭއަށް ބޭރުކުރެވޭ 214 ބާވަތެއް ޑިޔުޓީއާ ނުލައި (ސުން އިންސައްތައިގައި) އެ ގައުމަށް ބޭރުކުރެވޭނެއެވެ. ރާޖޭގެ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެއްބަސްވެވިފައިވާ ކަންކަން ތަންފީޒުކުރުމަށް ޓަކައި މިހާރު ވަނީ ތުރްކިޔޭ ސަރުކާރުގައި ރަސްމީ ގޮތުން ދަންނަވައިފައެވެ.

ވިޔަފާރީގެ މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން އެކްސްޕޯޓުކުރާ ބައެއް މުދާތަކުން ލުއި ގޮތްތަކެއް ހަމަޖެހޭނެއެވެ. މި އެއްބަސްވުމުގެ ދަށުން ހިމެނޭނެ މުދަލުގެ ތަފުސީލު އަދި ހާމަކޮށްފައި ނުވިޔަސް، ރާއްޖެއަށް ބޭނުންވާ ވަރަށް، ކާޑުގެ ބާވަތްތައް ގެންނާން ތުރުކީ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެ ގައުމުން ކާޑުގެ ބާވަތްތައް ގެންނާން ވަނީ ފަށައިފައެވެ. ދިވެހިރާއްޖެއާއި މި ފަދަ އިސްލާމީ ގައުމުތަކާ ދިވެހިރާއްޖެއާ ދެމެދު ގުޅުން ބަދަހިވަމުން އަންނަކަމީ އުފާކުރުން ހައްގު ކަމެކެވެ. އަދި ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޓަކައި އިގުތިސާދީ ގޮތުން ރާއްޖެ މިނިވަންވުމަށް ޓަކައި ޑރ. މުޙަންމަދު މުޢިއްޒުގެ ޤިޔާދަތުގައި މިހާރު ޚާއްސަ މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކުރަމުން އަންނަކަން ވެސް ފާހަގަކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ރާއްޖެއާއި ތުރުކިޔޭއާ ދެމެދު ގާތްގުޅުމެއް ވަނީ ބާއްވާން ފައްޓަވައިފައެވެ. އެ މަނިކުފާނު މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރެއްވީ ތުރުކީއަށެވެ. ތުރުކިޔޭއަކީ 1947ގައި ސޮއިކުރެވިފައިވާ ޖެނެރަލް އެގްރީމެންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް (ގެޓް)ގެ ބައިވެރިއެކެވެ. އަދި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިޔޫ ޓީ އޯ)ގެ މުއައްސިސެކެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް