Advertisement

ކަރުނައިގެ އަސަރު (11)

27 Apr 2024 | 00:01
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 އެޕުރީލު 11ވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)

   _______________________________________________________

             އަހަރެންގެ ވާހަކަ އަޑުއެހުމަށް ފަހު، ކަލޭ ކުރާނީ ކީއްހެއްޔެވެ؟

              ދިރިއުޅުމަކީ މަޖާ ދިރިއުޅުމެއް ނޫނެވެ. ވާހަކަ އެބަ ހުއްޓެވެ.

   _______________________________________________________

ރަޢުނާ ގޭގެ ބަންދެއްގައި ހުންނަ މީހެއް ފަދައިން ގެއިން ނުނުކުމެ 15 ދުވަސް ގޭގައި ހުރުމަށް ފަހު، މިއަދު އޭނާ ގެއިން ބޭރަށް ނުކުތެވެ. އޭނާ ގެއިން ނުކުތީ ނިސްރީނު ވަރަށް ވާހަކަދައްކައި ނަސޭހަތްދީ، ގެއިން ނުކުންނާން މަޖުބޫރުކޮށްގެންނެވެ.

ކޮންމެ ގޮތެއްވިޔަސް މައިން ބަފައިންގެ ކުރިމަތީގައި ރަޢުނާ ބޭޒާރުވީހެން އޭނާއަށް ހީވިއެވެ.

ޚާން އަކުބަރު ތޫނު ދެލޮލުން އެތައް ފަހަރަކު ރަޢުނާއަށް ބެލިއެވެ.

ރަޢުނާ ކުއްލިއަކަށް ރެސްޓްހައުސް ދޫކޮށްފައި އެނބުރިއައުމުންނާއި ގެއިން ނުނިކުމެ އިންނާތީ، އެ ކަމާ ބެހޭ ގޮތުން ވަރަށް ގިނަ ފަހަރު ކައުސަރު، ރަޢުނާއާ ސުވާލުކޮށް ހެދިއެވެ. ނަމަވެސް ކައުސަރުގެ އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް ރަޢުނާގެ ކިބައިގައެއް ނުވެއެވެ. ------

ނިސްރީނުގެ ލަފާގެ މަތީން އަދި މައިންބަފައިންގެ ލޯމަތީން ދުރުހެލިވުމަށް ޓަކައި ޢާންމުކޮށް އޭނާ ބައިވެރިވާ ޙަރަކާތްތަކުގައި އުޅޭން ރަޢުނާ ނިންމިއެވެ.

ނިސްރީނަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އެންމެ ބޮޑު އެހީތެރިޔާއެވެ. ހަމަ އެހެންމެ އެންމެ ބޮޑު ސިއްރު ވެރިޔާއެވެ.

ރަޢުނާއަށް އޭނާގެ ވާހަކަތަކަށް ނަޒަރު ހިންގައިލުމުން ވިސްނުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތަންތަނަށް ގޮސް އުޅުން ބުއްދިވެރިކަމުގައެވެ.

އޭނާ އިންޑަސްޓްރީޒަށް ދިޔުމަށް ތައްޔާރު ވަނީއެވެ. -------- އެ ތަނުން އައި ދުވަހަށް ފަހު، އެއް ފަހަރު ވެސް އޭނާ އެ ތަނަކަށް އަދިއެއް ނުދެއެވެ.

އެ ތާނގެ މަސައްކަތްތައް ގިނައިން ބެލެހެއްޓީ އޭނާއެވެ. ޚާން އަކުބަރު ދަނީ ވަރަށް މަދު ފަހަރަކުއެވެ. ޝާހިދަކީ އިންޑަސްޓްރީޒްގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓާ މީހެކެވެ. އެ ތާނގައި ބުރަކޮށް މަސައްކަތް ކުރާ މީހެކެވެ. އަދި އެއީ އިންޑަސްޓްރީޒުގެ ބިންގަލޭ ވެސް ބުނެވިދާނެއެވެ. އިންޑަސްޓްރީޒް އިންޑަސްޓްރީޒެއެއްގެ ގޮތުގައި އެ ތަން ޤާއިމުވެފައިވަނީ އޭނާގެ ރޭގަނޑާއި ދުވާލުގެ ބުރަ މަސައްކަތުންނެވެ. އޭނާއަކީ ތެދުވެރި އިޚުލާޞްތެރިއެކެވެ. އޭނާ ބޭނުންނަމަ، އޭނާގެ އަމިއްލަ ކަންކަމަށް ވެސް ޚަރަދު ކުރެވިދާނެއެވެ. އެހެންނަމަވެސް އޭނާއަކީ އެފަދަ މީހެއް ނޫނެވެ. ޚާން އަކުބަރު، އޭނާއަށް ކޮށްފައިވާ އިތުބާރު ދަމަހައްޓާން އޭނާ ބޭނުންވެއެވެ. އޭނާއެއް ޚާން އަކްބަރަކަށް ކެއްސެއް ނުދޭނެއެވެ.

އޭނާއަށް ތާއީދުލިބެނީ އިންޑަސްޓްރީޒާ އޭނާއާ އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.

ޚާން އަކްބަރަށް، އޭނާގެ ޝަހުވަތްތެރިކަމުގެ ސަބަބުން ހުސް ވަގުތު ނުލިބުނު ނަމަވެސް ރަޢުނާއަށް ދެވެންދެން ވެސް އެތާނގެ ކަންކަން ބެލެހެއްޓީ ޝާހިދެވެ. އެހެންނަމަވެސް ރަޢުނާ އެތާނގެ މަސައްކަތްތައް ބަލަހައްޓާން ފެށި ފަހުން ވެސް ޚާން އަކުބަރު އެ ތަނަށް ދަނީ ވަރަށް މަދުންނެވެ. އެހެންކަމުން އެއީ ކީއްވެތޯ ކުރެވޭ ސުވާލު ރަޢުނާގެ ހިތުގެ ތެރޭގައި ހިނގާތާ މިހާރު ދެ އަހަރު ވެއްޖެއެވެ.

އޭނާ ދެވަނަ ދުވަހު ވެސް އަދި ތިންވަނަ ދުވަހު ވެސް އެ ތަނަށް ދަނީ އެހެންވެގެންނެވެ.

އެއީ އޭނާ އެންމެ ފުރަތަމަ އެ ތަނަށް ދިޔަ ދުވަހެއެވެ.

ޝާހިދު ވެސް އޭނާ ދެކެ ބިރުގަނެއެވެ. އެހެނީ ރަޢުނާގެ ބަހުރަވަ ހުންނަ ގޮތުންނެވެ. އޭނާ އެންމެ އާދައިގެ ކަންކަމުން ފެށިގެން ހުރިހައި ކަމެއްވެސް ޗެކުކުރެއެވެ.                     

އަދި އެ ވަގުތު ޝާހިދު ހުންނަނީ ވަރަށް ކެތްތެރިވެގެންނެވެ.

މިއަދު އޭނާ އިންޑަސްޓްރީޒަށް މިއައީ އަށާރަ ނުވަތަ ނަވާރަ ވަރަކަށް ދުވަސް ފަހުންނެވެ.

އެހެންނަމަވެސް ރަޢުނާ އޮފީހަށް އައުމުން، މުޅި އިންޑަސްޓްރީ، އޭނާގެ ކޮންޓްރޯލުގެ ދަށަށް ގެންނާން ބޭނުންވާކަން ޝާހިދަށް އެނގުނެވެ.

އޭނާ ކުރީން ވެސް ހުރީ ޢާމިރުގެ ސަބަބުން ކަންބޮޑުވެފައެވެ. އެހެންކަމުން އޭނާއަށް އައިސް އެ ތަނަށް ވަދެވުނީ އާދަޔާ ޚިލާފު ގޮތަކަށެވެ.

ޢާމިރު ގަދަކަމުން މިތަނަށް ނެރުމަށް އެއް ފަހަރަކު ޚާނު އަކުބަރު ބުނުއްވިއެވެ.

އެހެންނަމަވެސް ޚާން އަކުބަރު އެހެން ބުނުއްވިތާ ވިއްސަކަށް މިނިޓް ފަހުން ހަމަ އެ ޢާމިރު ފެނުނީ އެތާނގެ ސުޕަވައިޒަރެއްގެ ގޮތުގައެވެ.

ޢާމިރަކީ، ޝާހިދަށް ލުއިދިނުމަށް ޓަކައި އޭނާއަށް އަތް ގާތްކޮށްދިނުމުގެ ގޮތުން ވަޒީފާ ދިން މީހެކެވެ. ނަމަވެސް ކުއްލިއަކަށް ސްޕައިޒަރަކަށް ބަދަލުވުމުން، ޝާހިދަށް ހުރީ ވާނުވާ ނޭނގިފައެވެ. ކުރީން އެ ފަދަ އެއްވެސް ކަމެއް ޝާހިދަށް އެނގިގެން މެނުވީ ޚާން އަކުބަރެއް ނުކުރައްވާނެއެވެ. މި ފަހަރު މިވީ ގޮތެއް ވެސް ޝާހިދަކަށް ނޭނގުނެވެ. އެހެންނަމަވެސް ޢާމިރުގެ ބަލިކަށިކަމުގެ ފައިދާ ޚާން އަކުބަރު ނަންގަވަނީކަމުގެ އިހްސާސް ޝާހިދަށް ކުރެވުނެވެ. ހަމަ އެއާ އެކު، އޭގެ ފަހުން ޚާން އަކުބަރު ވަރަށް ފުންކޮށް ވިސްނާކަން ވެސް ޝާހިދަށް ފާހަގަވިއެވެ.

"އެކަމަކު އެއީ ކީއްވެގެންބާއެވެ.--------؟

ޓިން ----------- ޓިން -------- ޓިން ------- ރަނގަބީލުގެ އަޑުން އޭނާގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތައް އެވަގުތު ފުނޑުފުނޑުވެގެން ދިޔައެވެ.

ދެން ހުރީ ރަޢުނާއެވެ. -------!

ރަޢުނާގެ އަޑު އިވުމުން ޝާހިދު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެއީ ޚިޔާލުތަކުގެ ތެރޭގައި އިނދެވުމުން ރަޢުނާ ކައިރިއަށްދާން ހަނދާން ނެތުމުންނެވެ.

"އަޅުގަނޑު މި އަންނަނީއެވެ. --------"

އެހެން ބުނުމަށް ފަހު ޝާހިދު ފޯނު ބޭއްވިއެވެ.

މަޑުމަޑު ފިޔަވަޅުތަކެއްގައި ބިރުން ހުރެގެން ރަޢުނާގެ އޮފީހާ ދިމާއަށް ޝާހިދު ދިޔައެވެ.

"ގުޑް މޯނިންގ މެމް -------"

"މާ ބިޒީތޯ ----------؟" ރަޢުނާ އަހާލިއެވެ. ޝާހިދަށް ހީވީ އޭނާގެ ނިތްކުރި މަތީގައި އެތި ފަހަރަކުން ޖެހިހެނެވެ.

"މުހިންމު ފައިލެއް ޗެކުކޮށްލީއެވެ.------"

"މަސައްކަތުގެ އިސްޕީޑަކީ ކޮބައިތޯއެވެ؟" މި ސުވާލަކީ ރަޢުނާ ޢާންމުކޮށް ކުރާ ސުވާލެކެވެ.

"ރަނގަޅެވެ. ---------" ޝާހިދުގެ ޖަވާބަކީ ކުރު ޖަވާބެކެވެ.

ޝާހިދު އަދިވެސް ހުރީ ކޮޅަށެވެ.

ޝާހިދު ކައިރީގައި އިށިނުމަށް ރަޢުނާ ނުބުނެއެވެ.

"ފަސް ނަންބަރު ކޮޓަރީގައި ކާކުހެއްޔެވެ. -------؟" ރަޢުނާ ސުވާލުކުރިއެވެ.

"މި އިންޑަސްޓްރީޒުގެ ސުޕަވައިޒަރެވެ. -----"

"އޭނާ މަސައްކަތް ކުރާންފެށީ ކޮންއިރަކު؟ -----"

"މިހާރު 17 ނޫނީ 18 ވަރަކަށް ދުވަސް ވެދާނެ ------"

"ހޫމް -------"

އޭނާ ފުން ނޭވާއެއް ލުމަށް ފަހު، ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތުމުން މުޅި އިންޑަސްޓްރީޒުގައި ބުރެއް ޖަހާން އުޅޭކަން ޝާހިދަށް އެނގުނެވެ.

ޝާހިދު، ރަޢުނާގެ ފަހަތުގައި ހުއްޓެވެ.

އެހެން ކޮޓަރިތައް ފަހަނަޅައި ގޮސް ޢާމިރުގެ ކޮޓަރި ކުރިމަތީގައި އޭނާ މަޑުކޮށްލިއެވެ.

"ވަންނަވާ ------!"

ޝާހިދު، ކޮޓަރީގެ ދޮރު ހުޅުވައިލައި ރަޢުނާ ވަނުމަށް އިޝާރާތް ކުރުމުން ކޮޓަރީގެ ތެރެއަށް އޭނާ ވަނެވެ. އޭނާ ކޮޓަރިއަށް ވަނީ ވަރަށް މަޑުމަޑުންނެވެ.

ޢާމިރަށް ރަޢުނާގެ ފިޔަވަޅު އަޑު އިވުނެވެ. އެހެންނަމަވެސް އަންނަނީ ކާކުތޯ އޭނާ ބަލާކަށް ބޭނުމެއްނުވިއެވެ. އޭނާ އިނީ އިސްދަށަށް ޖަހައިލައިގެން އޭނާގެ މަސައްކަތުގެ ތެރޭގައެވެ.

އޭނާގެ މޭޒުމަތީގައި ވަރަށް ގިނަ ލިޔުންތައް ހުއްޓެވެ.

ކުއްލިއަކަށް ރަޢުނާގެ ހަށިގަނޑު ތުރުތުރު އަޅާންފެށިއެވެ.

އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޢާމިރަށެވެ.

މި ބަދަލު ޝާހިދަށް އިހުސާސެއް ނުކުރެވުނެވެ.

ޢާމިރު އިސްއުފުލައި ބަލައިލިއެވެ. އަދި ހީނލުމަށް ފަހު ބުންޏެވެ.

"އަޅުގަނޑު ކޮށްދޭންވީ ކޮންކަމެއްތޯއެވެ؟"

ޝާހިދު، ޢާމިރުގެ ސަބަބުން ބިރުގަތެވެ. ------- އޭނާ އަވަސްއަވަހަށް ބުންޏެވެ.

"މިއީ މިސްޓަރ ޢާމިރު -------"

"ތަޢާރުފު ކޮށްދިނުމުގެ ބޭނުމެއްނެތެވެ.-------"

ރަޢުނާ މުސީބަތަށް ކެތްކުރާ ފަދައިން ބުންޏެވެ.

ޝާހިދަށް ފައިއޮޅިގެން އެއްފިޔަވަޅު ފަހަތަށް ޖެހެވުނެވެ.

ރަޢުނާ އެސްފިޔަ ވެސް ޖަހައިނުލައި ޢާމިރަށް ބަލަމުން ދިޔައެވެ.

"ވިދާޅުވާށެވެ.---------!" ޢާމިރަށް ވެރިވެފައިވާ ހިނިތުންވުމަކީ ޤާތިލު ހިނިތުންވުމެކެވެ.

"ކަލެއަކީ ކާކު ----------؟" ރަޢުނާ ލޭ އޮހޮރުވާލާ ގޮތެއްގައި ސުވާލު ކުރިއެވެ.

"އަޅުގަނޑަކީ މިއިންޑަސްޓްރީޒުގެ އާ ސުޕައިޒަރެވެ. ކަމަނާއަކީ --------------"

"ޝަޓް-އަޕް --------"

ކުއްލިއަކަށް ޢާމިރުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ------- އޭނާ ޝާހިދަށް ބަލައިލަމުން ބުންޏެވެ.

"އަޅުގަނޑަށް އަމިއްލަ ނަފުސަށް ކެތެއް ނުކުރެވޭނެއެވެ. އަޅުގަނޑުގެ ކޮޓަރި މިހާރު ހުސްކުރައްވާށޭ ކަމަނާއަށް ދަންނަވައިދެއްވާށެވެ."

ޝާހިދު އެއްޗެއް ބުނާން ބޭނުންވިއެވެ. ނަމަވެސް އެވަގުތު ރަޢުނާ ވާހަކަދައްކަން ފެށިއެވެ.

"މެނޭޖަރު ދުރުވާށެވެ. ---------!" ރަޢުނާ ވާހަކަ ދެއްކީ ޝާހިދާއެވެ.

ޝާހިދަށް މިއީ އެންމެ ރަނގަޅު ގޮތްކަމަށް ބަލައި އޭނާގެ ބޮލުގައި ފައިއަޅައިގެން ދުވެފައި ދިޔަ ކަހަލަ ގޮތެއްގައި ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. އިންޑަސްޓްރީޒަށް އަންނާން މިއުޅެނީ ކޮންކަހަލަ ޠޫފާނެއްކަމެއް ނޭނގެއެވެ.

ޢާމިރު އިންތަނުން ތެދުވަމުން ބުންޏެވެ.

"އެނގުމުގައި ކަމަނާ ގޯހެއް ނުހެއްދެވިއެވެ. ------- އަޅުގަނޑަކީ ކަމަނާގެ ދުވަސްވީ ޚާދިމެވެ.

ރަޢުނާ އެއްވެސް އެއްޗެއް ނުބުނެއެވެ.

އޭނާ މިހާރު ވެސް ލޭ އޮހޮރާލާ ގޮތެއްގައި ޢާމިރަށް ބަލަމުން ދިޔައެވެ.

"އިށީންނަވާށެވެ!. މުޙްތަރިމާ! ----- ކިހާއިރަކު ކޮޅަށް ހުންނަވާނަންތޯއެވެ؟"

"މިހާރު ކަލޭ ބޭނުންވަނީ ކޮންކަމެއްހެއްޔެވެ.-------؟"

ރަޢުނާގެ އެހެންބުނުމާއެކު ވިލާގަނޑުގެ ގުގުރިއެއްފަދައިން އޭނާ އަޑު ގުގުމާލިއެވެ. އޭނާ މާބޮޑަށް ރުޅިއައިސްގެން އޭނާގެ ތުންފަތް ފޮރުވިއެވެ.

"އަޅުގަނޑަށް ހީވަނީ އިށީނދެގެން ތިބެ ހަމަޖެހިލައިގެން ވާހަކަ ދައްކައިފިއްޔާ ---------!"

"އަހަރެންގެ ސުވާލަށް ޖަވާބުދޭށެވެ. -------" ރަޢުނާ ތުންފަތުގައި ދަތް އަޅަމުން ބުންޏެވެ.

"އަހަރެން އަދިވެސް ބޭނުންވަނީ ކަލާއެވެ.-----"

"ބޭކާރު ވާހަކަ ނުދައްކާށެވެ.------" ރަޢުނާ ތެޅިގަތްފައި ބުންޏެވެ.

ޢާމިރު، ރަޢުނާދިމާއަށް ދުއްވައިގަތެވެ. އޭނާގެ ތިއަރީ ވަރަށް ނުރައްކަލެވެ.

ޢާމިރު، ރަޢުނާ ކައިރިއަށް ގޮސް ހުއްޓުނެވެ. އަދި ރަޢުނާގެ ސީދާ ދެލޮލަށް ބަލައިލަމުން ބުންޏެވެ.

ބަދަލުގެ ހިފުމުގެ އަލިފާންގަނޑު މިހާރުވެސް މިހިތުގައި އަންދަމުންދަނީ ހަމަ އެ ގޮތުގައެވެ.

"ކަލޭގެ ގެ އަނދައި ހުލިވެއްޖެއެވެ. މާނައަކީ ކަލޭގެ ޢިއްފަތްތެރިކަމެއް މިހާރު ނެތެވެ. ------- މިހާރު އަހަރެން ބޭނުންވަނީ އެހެންމީހުން އަނދައި ހުލިވެ ހަލާކުވެގެންދާ ތަން ދެކޭށެވެ."

"އަހަރެންގެ ކިބައިގައި އެއްވެސް އުފާވެރިކަމެއްނެތެވެ. އެކަން ކަލޭމެންނާއެކު ތަޙައްމަލު ކުރާން ބޭނުމެވެ."

"އަދި ކަލޭމެން އަހަންނަށް ދިން ހަމަ އެ ވިހަ، އަހަރެން ވެސް ބޭނުންވަނީ ކަލޭމެންނަށް އަނބުރާދޭށެވެ."

"ތިއީ ވަރަށް ނުލަފާ މީހެކެވެ. ------"

"ކަލޭގެ ބައްޕައަށްވުރެ ބޮޑަށް ނުލަފައެއް ނުވާނެއެވެ. ------" ޢާމިރު ބުންޏެވެ.

ރަޢުނާއަށް ހުރެވުނީ ލޭ ބޯ މީހެއްފަދައިންނެވެ.

މި ވަޙުޝީ އިންސާނާއާ ދެވަނަ ފަހަރަށް ބައްދަލުވެދާނެކަމަށް ރަޢުނާގެ ހިތަކަށް ނާރައެވެ. ----- ރަޢުނާގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލުކުރިއެވެ.

އޭނާ ދެ ފިޔަވަޅު ފަހަތަށް ޖެހުނެވެ. އަދި މަޑުމަޑުން ހިނގަމުން ގޮސް ގޮނޑީގައި އިށީނދެއްޖެއެވެ.

ޢާމިރު މޭޒުގެ އެއްފަރާތުގެ ކަނާ ދިމާގައި ހުއްޓެވެ.

"ޑިލެއް ހަދަމާ ހިނގާށެވެ. -------"

ރަޢުނާ، ޢާމިރަށް ބަލައިލަމުން ބުންޏެވެ.

އޭނާ އާދަޔާ ޚިލާފު ގޮތަކަށް ތެޅިގަތެވެ.

"މިސާލަކަށް --------"

"އަހަރެން ޤަތުލު ކުރާށެވެ. -------"

ރަޢުނާ ވަރަށް ފިނި ގޮތެއްގައި ބުންޏެވެ.

"އަމިއްލައަށް ދަންޖެހޭށެވެ."

"އަމިއްލައަށް މަރުވިކަމުގެ ލިޔުން އަހަރެން ދޭނަމެވެ."

"އެކަމަކު އަހަރެން އެ ގޮތަށް ކަންކުރާންވީ ކީއްވެ؟"

"އެހެނީ އަހަރެންގެ ދިރިއުޅުން މިވަނީ ބައްޔަކަށް ވެފައެވެ. އެކަން އަނިޔާއަކަށް ވެއްޖެއެވެ. އެކަންވަނީ ފުރައްސާރައަކަށް ވެފައެވެ. އޭގެ އަޑު އަހަރެންގެ ކަންފަތުގައި ވިހަ ގުގުރިއެއްގެ ގޮތުގައި ގުގުރި ޖަހަމުންދެއެވެ. އަހަރެންގެ ދުލުން އެއްވެސް ހިތްގައިމު ލަވައެއް ނުނިކުންނާނެއެވެ."

"އުނހޫ --------"

ޢާމިރު ކުޑަކޮށް ރަޢުނާއާ ކައިރިއަށް ޖެހިލިއެވެ.

ރަޢުނާ އެހެންދިމާއަކަށް ބަލައިލިއެވެ.

އަދި ބާރު އަޑަކުން ބުންޏެވެ.

"ކަލޭ އަހަންނާ އިންނާންވީ ނޫންހެއްޔެވެ.-------؟"

"ކައިވެނި  ---------" ޢާމިރު ބާރަށް ހޭންފެށިއެވެ.

"އާނ، ކައިވެނި ----- ކޮންމެ ގޮތެއްވިޔަސް ކަލެއާ އަހަންނާ ގުޅުން އޮންނާން ޖެހެއެވެ. ------ އަހަރެން ކޮންމެ ދުވަހަކު މި ހިތްދަތިކަމުގައި ދިރިއުޅޭކަށް ބޭނުމެއްނޫނެވެ. ކަލޭ އަހަންނާ ކައިވެނިނުކޮށްފިއްޔާ އަހަންނާ އެކު ކަލޭ ވެސް ޖެހޭނީ މަރުވެގެންދާށެވެ."

"އަހަރެން ދިރިއުޅެނީ ކޮންއިރަކު ހެއްޔެވެ.-------؟"

"ކޮންމެ ޙާލެއްގައިވެސް ކައިވެނި ކުރާންޖެހޭނެއެވެ." ރަޢުނާ ހަޅޭލަވައިގެންފައި ކޮޅަށް ތެދުވެއްޖެއެވެ.

އޭރު--------- އޭނާގެ މުޅި ހަށިގަނޑު ރުޅިވެރިކަމުން ތުރުތުރު އަޅައެވެ.

އަދި އޭނާ އެތެރެހަށީގެ ބިރުވެރިކަމާއެކު އިސްއުފުލައި ޢާމިރަށް އޭނާ ބަލައިލިއެވެ.

ޢާމިރު، ރަޢުނާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

"ކަލޭ އަހަރެން ދަންނަކަން ހަނދާން ނައްތައިލާށެވެ."

"މާނައަކީ -------"

"މާނައަކީ އަހަންނަކީ ކަލޭ ދަންނަ މީހެއްނޫނީމުއެވެ."

އެ ކަމުން ކޮން ފައިދާއެއްހެއްޔެވެ؟"

"އަހަރެން ކޮންމެ ޙާލެއްގައި ނަމަވެސް ކަލެއާ ކައިވެނިކުރާނަމެވެ. މިއީ އަހަރެން ވަޢުދެކެވެ.-----"

"އަހަންނަށް ކަލޭ ތިޔަ ދެނީ ކޮން ކުށެއްގެ އަދަބެއްހެއްޔެވެ؟" ރަޢުނާ ޜޯންފެށިއެވެ.

"ހަމަ މިހާރު ހުއްޓައިލާށެވެ. --------" ޢާމިރު ތެޅިގެންފައި ބުންޏެވެ. "އަހަރެން ތިޔަ ކަރުނަތަކަށް ވަރަށް ނަފުރަތުކުރަމެވެ. އިންސާނާއަކީ، ނުލަފާ އަދި އެއްވެސް އެހީތެރިކަމެއް ނެތް މީހަކަށް ތިޔަ ފަދަ ކަރުނަތައް ހަދައެވެ."

ރަޢުނާގެ ތެމިފައިވާ ދެލޮލުން ޢާމިރަށް ބަލައިލުމާ އެކު، އަވަސްއަވަހަށް ބޭރަށް ނުކުމެގެން ހިނގައްޖެއެވެ.

"މޮޔަ އަންހެނާ ------" ޢާމިރު ސިއްރު ސިއްރުން ބުނެލިއެވެ.

              --------------------------------------------------------

      (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް