ދިވެހިބަހުގެ ނުކުތާޖެހި އަކުރުތައް ލިޔާނެ ހަމައާއި ލަފުޒު ދުރުކޮށް ލިޔުމުގެ ގަވާއިދު ނެރެފި
އަބާ މުޙަންމަދު
ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެޕުރީލު މަހު 14ވަނަ ދުވަސްކަމަށް ވިޔަސް އެކި ސަބަބުތަކާ ހުރެ މި އަހަރު އެ ދުވަސް ފާހަގަކުރުން ލަސްކޮށް އެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ރޭ އިސްލާލީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވިއިރު އެންމެ ފާހަގަކޮށްލެވޭ ކަމެއްކަމަށް "ފަރަގު"ން ފާހަގަކުރަނީ "ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު"ގެ އާ އިސްދާރެއް އެ ޖަލްސާގައި ނެރުއްވިކަމެވެ. މިއީ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ދައުރެއްގައި ވެސް ނެރުއްވައިފައިވާ ފޮތެކެވެ. ނަމަވެސް މި ފަހަރު މިއީ އެއަށް ވުރެ ތަފުސީލުކޮށް އޮޅުންފިލުވައިދިނުމަށް ޓަކައި ތައްޔާރުކޮށްފައިވާ މުޅީން އާ އިސްދާރެކެވެ. އަދި ލަފުޒު ދުރުކޮށް ލިޔުމުގެ ގަވާއިދެއް ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވެސް ކުރީން އެކުލަވައިލައިފައިވެއެވެ. ނަމަވެސް ކުރީން ކަނޑައަޅުއްވައިފައި ހުރި ގާވާއިދުތަކުގައި އިތުރު ތަފުސީލު ބޭނުންވާ ކަންތައް ހުރުމާއެކު މީހުން ކުރާ ސުވާލުތަކަށް ޖަވާބު ލިބޭ ފަދަ ގޮތަކަށް އާ އިސްދާރެއް އަލުން ނެރުއްވީކަމަށް އެނގިފައިވެއެވެ. މި ފޮތް ނެރެދެއްވީ ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މީގެ އިތުރަށް "ދިވެހިބަހުގައި ހުރި ނުކުތާޖެހި އަކުރުތައް ލިޔުމުގެ އުސޫލު" ވެސް މުޅީން އަލަށް ނެރުއްވިއެވެ. މި ފޮތް ނެރެދެއްވީ ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާނު ސިޓީތަކާއި އިދާރީ ހިންގުމާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ ރޭ ނެރުއްވި ފޮތްތައް ސަރުކާރުގެ މުއައްސަސާތަކަށާއި އިސްކޫލުތަކަށް ފޮނުވާނެ ކަމަށެވެ.
ލަފުޒު ދުރުކޮށް ލިޔުމުމުގެ ގަވާއިދު ދިވެހިބަހާ ބެހޭ ވަޒިރު ނެރެދެއްވަނީ<br>
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަޝްރަފު ވިދާޅުވި ގޮތުގައި ދިވެހިބަހަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކުން އިނގިރޭސި ބަހުން ފޮނުވާ އީމެއިލްތަކަށް އެ އެކެޑަމީއިން މިހާރު ޖަވާބުނުދެއްވާ ގޮތަށް ހަމަޖައްސަވައި އޭގެ ބަދަލުގައި ދިވެހިން އީމޭލު ފޮނުވާން އަންގަވާކަމަށެވެ. މިއީ ވަރަށް ކުރީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ކަނޑައަޅުއްވައި ދައުލަތުގެ އިދާރާތަކަށް އަންގަވައި ޢަމަލުކުރައްވަމުން ގެންދެވި އުސޫލެކެވެ. މި އުސޫލަށް އެ އޮފީހުން ޢަމަލުކުރައްވަމުން ގެންދެވުމުގެ ސަބަބުން އެ ކަން ފާހަގަކުރައްވައި ދިވެހިބަހުގެ އެކެޑަމީއިން އެ އޮފީހަށް ތަޢުރީފުގެ އައްޑަނައެއް ވެސް ދެއްވައިފައިވެއެވެ. ނަމަވެސް މި އުޞޫލަށް މިހާރު އެ އޮފީހުން ޢަމަލުކުރައްވާކަމެއް ނޭނގެއެވެ.
ވުޒާރާތަކާއި ސަރުކާރު ކުންފުނިތައް އަދި އިސްކޫލުތަކާއި އިދާރާތަކުން ވެސް ބާއްވާ އެކިއެކި ހަފުލާތަކުގެ ނަންބޯޑުތަކާއި ދަމައިފައި ހުންނަ ފޮތިގަނޑުތަކުގައި ދިވެހިބަހުން ލިޔުއްވާން އެދިވަޑައިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝަރަފް އަބްދުއްރަހީމް ރޭ ވަނީ ބާރުއަޅުއްވައި ވާހަކަފުޅުދައްކަވައިފައެވެ.
ދިވެހިބަހާބެހޭ ވަޒީރު ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަނީ ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނޭ ހަމަތަކުގެ މައްޗަށް ބައްވައިލައްވައިފައެވެ.
މި ބޭބޭފުޅުންގެ އިތުރަށް އުތީމު އާދަމް ޢަބްދުއްރަޙުމާނާއި ދިވެހިބަހުގެ އެކެޑަމީގެ މެންބަރު މުޙަންމަދު ޝާހިދު ޙަލީމު ވެސް ރޭގެ ޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރަކު ވެސް ވަރަށް ހަރުދަނާ ވާހަކަތަކެއް ރޭގެ ޖަލްސާގައިވަނީ ދައްކައިފައެވެ.
ރޭގެ ޖަލްސާގައި ދައްުލަތުގެ ޢިއްޒަތްތެރި ބައެއް ބޭފުޅުންނާއި އަދަބީ ޚިދުމަތްތެރީންނާއި އިސްކޫލުތަކުގެ ދަރިވަރުން ވެސް ބައިވެރިވިއެވެ.