Advertisement

ޤުދުސާ ބެހޭ ގޮތުން ޞިހުޔޫނީން ކުރާ ދަޢުވާގެ ޙަޤީޤަތް

26 Apr 2024 | 00:30
ޤުދުސްގެ ކުރީގެ ފޮޓޯއެއް (ފޮޓޯ: ވިކިޕީޑިއާ)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ޤުދުސަކީ މުޤައްދަސް ސަހަރެކެވެ. އެއީ މި ދުނިޔޭގެ އެންމެ ޒަމާންވީ ސަހަރުތަކުގެ ތެރެއިން އެއް ސަހަރެވެ. އެއީ މަދީނަތުއްސަލާމެވެ. އެއީ ބަރަކާތްތެރި އަލްމަސްޖިދުލްއަޤްޞާގެ ބިމެވެ. އެއީ އުފެދުމުގައި ޢަރަބިވަންތަ، ޝަޚުޞިއްޔަތުގައި އިސްލާމްވަންތަ ރަށެކެވެ. އެއީ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ވަޠަނެވެ. އެއީ މާތް ރަސޫލާ صلى الله عليه وسلمގެ މަސްރާގެ ބިމެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އެއީ ދަތުރުކުރުމުގެ ބުރަ އުފުލައިގެން އެ ތަނަށް ދިޔުން ޝަރުޢުކުރައްވައިފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް ހުރި ފަސްގަނޑެވެ.

އުފެދުމުގައި ޢަރަބިވަންތަކަން

ޤުދްސުގެ ތާރީޚު ގުޅިފައިވަނީ  ކަންޢާނީންގެ ބިމުގެ ތާރީޚާއެވެ. ކަންޢާނީން ޢަރަބިކަރައިން ހިޖްރަކޮށް ފިލަސްޠީނު ބިމުގައި ވަޒަންވެރިވީ މީލާދީ ކަލަންޑަރުގެ 4 ހާސް އަހަރުކުރިންނެވެ. އެ ހިސާބުން ފެށިގެން އެ ބިމަށް ކަންޢާނުންގެ ބިމޭ ކިޔުނެވެ.އެމީހުން އެ ބިމުގައި ޢަރަބި ސަޤާފަތާއި ޙަޟާރަތާއި ތަހުޒީބު ޤާއިމުކޮށް ފެތުރިއެވެ. އެބައިމީހުންނަކީ ދަނޑުވެރި ވިޔަފާރިވެރި ކިސަޑާއި މައްޓާއި ބިއްލޫރިއާއި ވިޔުމުގެ ޞިނާޢަތުގައި އުފެއްދުންތެރި ބައެކެވެ. މި ބިމުން ފެނިފައިވާ އާސާރުތައް މި ކަމަށް ހެކިވެއެވެ.

މީލާދީން ބާރަވަނަ ސައްތައިގެ ކުރިން  މެޑިޓެރޭނިއަން ކަނޑުގެ ކްރީޓް ޖަޒީރާގައި އުޅުނު ޤަބީލާއެއް ޣައްޒާއާއި ޔާފާ ސަރަޙައްދަށް ހިޖްރަކޮށް އެ ސަރަޙައްދުގައި ވަޒަންވެރިވިއެވެ. މި ޤަބީލާގެ ނަމަކީ (ބިލަސްޓް)އެވެ. މި ޤަބީލާގެ މީހުން ކަންޢާނީންނާއި ގުޅި ލާމެހިގެން ގޮސް އެއް ބަޔަކަށް ވެގެން ދިޔައެވެ. މީލާދީން ހަތަރުވަނަ ސައްތައިގައި، ހީރޯޑޮޓް ފަދަ ހުޅަނގުގެ މުއައްރިޚުން ކަންޢާނު ބިމުގެ އައްސޭރިފަށުގެ ބިންތަކަށް "ބިލަސްޓީން" ކިޔެއެވެ. އެއަށް ފަހު ކަންޢާނީންގެ މުޅި ބިމަށް މި ނަންދިނެވެ. މި ކަލިމަ ޢަރަބި ވެގެން ދިޔައީ "ފިލަސްތީން"އަށެވެ. އެއަށްފަހު "ފިލަސްޠީނު"އަށެވެ. މި ހިސާބުން ފެށިގެން ކަންޢާނުންގެ  ބިމަށް ފިލަސްޠީނު ކިޔުނެވެ.

ބޯދާ ޢަރަބިބަހުގައި "ކަންޢާނު"ގެ މާނައަކީ ކުރަކިކަމާއި ރާޅުކަމާއި ހަރުކަމެވެ. ކަންޢާނުން މަޝްހޫރުވެފައިވަނީ ބާރުގަދަ ހިތްވަރުގަދަ  ޖެހިލުން ކުޑަ ބައެއްގެ ގޮތުގައެވެ. [1]

ޤުދުސްގެ ކުރީގެ ފޮޓޯއެއް<br>

ޤުދުސް ބިނާކުރެވުނީ ޢީސާގެފާނުގެ މީލާދުގެ ހަތަރު ހާސްވަނަ އަހަރުގައެވެ. މި ރަށް ބިނާކުރީ ކަންޢާނީ ޤަބީލާއެއް ކަމުގައިވާ "ޔަބޫސު"ންނެވެ. އެމީހުން  "ޔަބޫސް ސަހަރު" (ނުވަތަ ޤުދުސް) ބިނާކޮށްފައިވަނީ ޖޯގްރަފީ ގޮތުން ވަރަށް ރަނގަޅު އިމެއް ބަލައިގެންނެވެ. ފިލަސްޠީނުގެ މެދުތެރޭގައި ސިލްވާން ނަމަކަށް ކިޔާ ރަށުގެ ކައިރީގައި އޮންނަ ފަރުބަދައެއްގެ ޙިމާޔަތާއި ރައްކައުތެރިކަން ލިބޭ ގޮތަށެވެ. ތިން ފަރާތުން ޤުދުސަށް ވަނީ ޙިމާޔަތާއި ރައްކައުތެރިކަން ލިބިފައެވެ. މި ސަހަރުގެ ދިފާޢު ވަރުގަދަކުރުމަށް ޓަކައި އެ މީހުން ރަށުގެ ވަށައިގެން ވަރުގަދަ ފާރެއް ލިއެވެ. [2] އެހެންކަމުން ޤުދުސަކީ ދުނިޔޭގެ އެންމެ ޤަދީމީ އެއް ސަހަރެވެ. މި ސަހަރުގެ ޢުމުރަކީ ހަ ހާސް އަހަރެވެ.

ޒަމާނަށް އަންނަމުން ދިޔަ ބަދަލުތަކާ އެކު ޤުދުސުގެ ނަމަށް ވެސް ބަދަލުތައް ދިޔައީ އަންނަމުންނެވެ. މި ސަހަރުގެ ފުރަތަމަ ނަމަކީ މި ރަށުގެ ބާނީންކަމުގައިވާ ޔަބޫސީންނަށް ނިސްބަތްކޮށް ކިޔައިފައިވާ ނަމެވެ. ޔަބޫސް ސަހަރެވެ. ޢީސާގެފާނުގެ މީލާދުގެ 11ވަނަ ސައްތައާ ހަމައަށް މި ނަން ދެމިއޮތެވެ. މި ރަށަށް "އޫރޫ ސާލިމު" ވެސް ކިޔުނެވެ. އެއީ ކަންޢާނީންގެ ކަލާނގެ (ސާލިމު) އަށް ނިސްބަތްކޮށެވެ. ނުވަތަ މި ރަށް ބިނާކުރެއްވުމުގެ މަސައްކަތް ބެލެ ހެއްޓެވި ޔަބޫސީ  އިސްވާރު "ސާލިމު" (ނުވަތަ ސާލީމު)އަށް ނިސްބަތްކޮށެވެ. އާޝޫރީންނާއި ހީރޫޣުލަފީ ލިޔުންތަކުގައި މި ނަން ވާރިދުވެފައިވެއެވެ. ފަރަންޖީ ނަން (Jerusalem) އައިސްފައިވަނީ މި ނަމުންނެވެ. ޔަހޫދީން މިއަދު ވަނީ މި ނަން އެ މީހުންނަށް ކިޔޭގޮތަށް ކަސިޔާރުކޮށް އޫރުޝެލޫމަށް[3] ބަދަލުކޮށްފައެވެ. ޜޯމަނުންގެ ޒަމާނުގައި މި ރަށުގެ ނަމަކީ އިލްޔާ ކެޕިޓަލީނާއެވެ. ރޯމަން އިމްބަރާޠޫރުގެ ޢާއިލާ އީލިޔޮސްއަށް ނިސްބަތްކޮށެވެ. މި ރަށުގެ ނަން އަލްޤުދުސަށް ނުވަތަ ބައިތުލްމަޤްދިސަށް ބަދަލުވީ މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޚިލާފަތުގައި ހިޖްރައިން 15ވަނަ އަހަރު މުސްލިމުން އެ ރަށް ފަތަޙަކުރުމާ ވިދިގެންނެވެ.[4]

ޤުދުސްގެ ކުރީގެ ފޮޓޯއެއް (ފޮޓޯ: ޝަޓަރސްޓޮކް.ކޮމް)<br>

މި ވާހަކަތަކުން އެނގެނީ ޤުދްސުގެ ނަންތަކަކީ އަޞްލު ޢަރަބި ނަންތަކެއްކަމެވެ. އެއްވެސް ޒަމާނެއްގައި މި ރަށަށް ޢިބްރީ ނަމެއް ކިޔައިފައެއް ނުވެއެވެ. އަދި އެ ރަށް، ބަނީ އިސްރާއިލަށް ތަބާވާ ރަށެއްކަމުގައި ވެސް ވެފައެއް ނުވެއެވެ.

އާސާރުތަކުގެ ހެކިބަސް

ޤުދްސުން ފެންނާން ހުރި އަދި ފެނިފައިވާ އާސާރުތަކުން ވެސް އެ ރަށަކީ ޢަރަބި އިސްލާމީ ރަށެއްކަން އެނގެއެވެ. މިސާލެއްގެ ގޮތުން ދެތިން ދަލީލެއް ބަޔާންކޮށްލައިފައި ފުއްދައިލާނަމެވެ. ފުރަތަމަ ދަލީލަކީ ޢައިން ސިލްވާން ނުވަތަ ސިލްވާން ފެންގަނޑެވެ. މި ފެންގަނޑު ނުވަތަ ކުޅި އޮންނަނީ އަޤްޞާ މިސްކިތުގެ އިރުދެކުނު ފަރާތުގައި 300 މީޓަރު ދުރުގައެވެ. މަޤްދިސީން (ޤުދްސް މީހުން) މި ފެންގަނޑަށް "އުއްމުލްދަރަޖު"އޭ ކިޔައެވެ. އެއީ ހަރުފަތްތަކަކުން ލައިފައި މި ފެންގަނޑަށް ދެވޭން އޮންނާތީއެވެ. މާތްﷲ ރުއްސުންލެއްވި ޢުޘްމާން ބިން ޢައްފާނުގެ ޚިލާފަތުގައި އެކަލޭގެފާނު މި ފެންގަނޑު މި ސަހަރުގެ ފަޤީރުންނަށް ވަޤްފުކުރެއްވިއެވެ.

މީގެ އިތުރަށް އާސާރިއްޔާތުގެ ޢިލްމުވެރީންނަށް ވަނީ ޔަބޫސީން ބިނާކޮށްފައިވާ މި ރަށުގެ ބޮޑުފާރުގެ ބައިތަކާއި ޔަބޫސީ ކިއްލާތައް (ޔަބޫސް ކިއްލާ) ފެނިވަޑައިގެން އެ ތަންތަން ދިރާސާކުރައްވައިފައެވެ.

މި ދަލީލުތަކަށް ބާރު ލިބިދޭ ދަލީލުތަކުގެ ތެރޭގައި ޤުދުސުން ފެނިފައިވާ ގެވެހި ކަންވާރުތަކާއި އަރަބި ދުނިދަނޑިތައް ފުދެއެވެ.

ވިހިވަނަ ސައްތައިގެ މެދުތެރޭގައި އާސާރިއްޔާތުގެ ޢިލްމުވެރިންނަށް ޤުދުސުން ވަނީ ކަންޢާނީ ބަހުން ލިޔެފައިވާ މަށީގެ ފިލާތަކެއް ފެނިވަޑައިގެންފައެވެ. އެ ބޭފުޅުން ކަށަވަރުކޮށްދެއްވައިފައިވާ ގޮތުގައި މިއީ ޢީސާގެފާނުގެ މީލާދުގެ 2500 އަހަރު ކުރީގެ ފިލާތަކެކެވެ.

މީގެ އިތުރަށް ތައުރާތުގެ ވަރަށް ގިނަ ނައްޞުތަކުގައި ކަންޢާނުން މި ރަށަށް ދީފައިވާ ނަން އެތައް ފަހަރަކު ވާރިދުވެފައިވެއެވެ. މި ރަށް ބިނާކޮށް އާރާސްތުކޮށްފައި ވަނީ، ބަނީ އިސްރާއީލު ބާގައިގެ މީހުން ވުޖޫދުވުމުގެ އެތައް ސައްތަ އަހަރެއްގެ ކުރީންނެވެ.[5] ޢީސާގެފާނުގެ ފަނަރަ ސައްތަ އަހަރު ކުރީން މިޞްރު މީހުން ކަންޢާނީންގެ ބިން ހިފި އިރު، މިޞްރު މީހުން މި ރަށަށް ޔަބޫސީ ނަމުން (ޔާބީޝީ) ކިޔައިފައި ވެއެވެ. އަދި ބައެއްފަހަރަށް ކަންޢާނީ ނަމުން (އޫރުސާލިމް) ވެސް ކިޔައިފައި ވެއެވެ.[6]

ޤުދްސާއި ބަނީއިސްރާއީލުން

ބަނީ އިސްރާއީލު ބާގައިގެ މީހުންނާ ޤުދްސާ އެއްވެސް ގުޅުމެއް ނެތެވެ. އެ ރަށް އުފައްދައި، އާރާސްތުކޮށް ފުޅައުކުރީ ޢަރަބީ ކަންޢާނީ ދަރިފަސްކޮޅުގެ މީހުންނެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުން އެ ސަހަރުގައްޔާއި އެ ސަހަރުގެ ވަށައިގެންވާ ބައެއް ރަށްތަކުގައި ތިބީ ކުޑަ ދުވަސްކޮޅަކު މަގުހުރަސްކުރާ ބަޔަކު ފަދައިންނެވެ.

ބަނީ އިސްރާއީލު ބާގައިގެ މީހުން ނިސްބަތް ވަނީ އިބްރާހީމުގެފާނުންގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނަށެވެ. އިބްރާހީމުގެފާނު ދުނިޔެއަށް ވަޑައިގަތީ ޢީސާގެފާނުގެ ކުރިން 19ވަނަ ސައްތައިގައި ދެކުނު ޢިރާޤުގައެވެ. އެކަލޭގެފާނު ޢިރާޤުން  ހިޖްރަކުރެއްވީ ކަންޢާނުގެ ބިމަށެވެ. ފަލަސްޠީނަށެވެ. ކަންޢާނީން އެކަލޭގެފާނަށް މަރްޙަބާ ދަންނަވައި އެކަލޭގެފާނަށް މެހެމާންދާރީ އަދާކޮށް މާތްކޮށް ހިތިއެވެ. އެކަލޭގެފާނު އުޅުއްވި ރަށަށް (ޙިބްރޫން)ގެ ނަން ދިނެވެ. މި ރަށުގެ ޢަރަބި ނަމަކީ "އަލްޚަލީލު"އެވެ. އިބްރާހީމުގެފާނާއި އެކަލޭގެފާނާއެކު އައި މީހުން ފުރާތު ކޯރު ހުރަސްކޮށް އައިސްފައިވާތީ އެމީހުންނަށް ޢިބްރީންނޭ ކިޔުނެވެ.

ޤުދުސް މިއަދު (ފޮޓޯ: ޝަޓަރސްޓޮކް.ކޮމް)

ބަނީއިސްރާއީލުން ނިސްބަތްވަނީ ޔަޢުޤޫބުގެފާނުގެ ބޭފުޅުންނަށެވެ. މި ބޭފުޅުންގެ ދަރިފަސްކޮޅު އުޅުނީ ޢީސާގެފާނުންގެ ކުރިން 13ވަނަ ސައްތައިގައެވެ. މިބައިމީހުން ހެކްސޫސުންގެ ޒަމާނުގައި މިޞްރަށް ހިޖްރަކުރިއެވެ. އެ މީހުން މިޞްރުގައި މޫސާގެފާނުގެ ޒަމާނާ ހަމައަށް ދިރިއުޅުނެވެ. މޫސާގެފާނަށްފަހު އެބައިމީހުން ކަންޢާނުގެ ބިމަށް އެރީ ހަނގުރާމަކޮށް ބިން ހިފައި، ބައެއްގެ ގޮތުގައި ޔޫޝަޢު ބިން ނޫނު[7]ގެ ޒަޢާމަތުގައެވެ.[8]

ބަނީއިސްރާއީލު ބާގައިގެ ޤަބީލާތައް ފަލަސްޠީނުގެ ބިމުގައި ދިރިއުޅެމުން ދިޔައީ ބައިބައިކޮށް ވަކިވަކިންނެވެ. އެއް ޤައުމެއްގެ ގޮތުގައެއް ނޫނެވެ. މި ގޮތަށް އެ މީހުން ދިރިއުޅެނިކޮށް އެބައިމީހުން އެއް ޤައުމަކަށް ހެއްދެވީ ދާވޫދުގެފާނެވެ. އެއީ މީލާދީގެ ކުރިން 11ވަނަ ސައްތައިގެ ފަހުކޮޅުގައެވެ. އެކަލޭގެފާނު ކަންޢާނުގެ ބިމުން ތަންކޮޅެއްގައި މުސްތަޤިއްލު ވެރިކަމެއް ޤާއިމުކުރެއްވިއެވެ. އެކަލޭގެފާނުގެ ވެރިކަމުގެ ސާޅީސް އަހަރުގެ ތެރޭގައި ޔަބޫސް ސަހަރު (ޤުދުސް) އެކަލޭގެފާނުގެ ރަސްކަމުގެ ބޭހެއްކަމުގައި ހެއްދެވިއެވެ. އެ ރަށުގައި ދާވޫދުގެފާނުގެ ކިއްލާގެ ނަމުން ނަންދެވިފައިވާ ކިއްލާއެއް ބިނާކުރެއްވިއެވެ. ދެން މި ވެރިކަން ލިބިވަޑައިގަތީ  އެކަލޭގެފާނުންގެ ދަރިކަލުން ސުލައިމާނުގެފާނަށެވެ. އެ ވެރިކަން ތިން ދަހަރު ދެމި އޮތެވެ. ދާވޫދުގެފާނާއި ސުލައިމާނުގެފާނުގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް ޔަބޫސީން އެ މީހުންގެ ރަށްރަށުގައި މިނިވަންކަމާއެކު ދިރިއުޅުނެވެ. ސުލައިމާނަށް ފަހު އެކަލޭގެފާނުގެ ބޭފުޅުން[9] ބައިބައިވެ ކަންޢާނީންގެ ބިމުގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔައެވެ. އެބައިމީހުންގެ މެދުގައި އަރައިރުންތައް ގިނަވެ ހަނގުރާމަތައް ހިނގުމުގެ ސަބަބުން އާޝޫރީންނާއި ބާބިލީންގެ ދަށުވެ އަޅުވެތިވެގެން ދިޔައެވެ. އާޝޫރީންނާއި ބާބިލީން ޔަހޫދީންގެ ހުރިހާ މުޤައްދަސް ތަންތަނެއް ތަޅައި ކުދިކޮށް ނައްތައިލިއެވެ. ސުލައިމާނުގެފާނު އަޅުކަންކުރައްވަން ބިނާކުރެއްވި "މަޢުބަދު" ވެސް ތަޅައިލައި ނައްތައިލިއެވެ. އެއީ ޢީސާގެފާނުގެ ކުރިން 586ވަނަ އަހަރުގައެވެ. އެއަށްފަހު ފާރިސީންގެ ވެރިކަމުގައި ޔަހޫދީންގެ ތެރެއިން ބައެއް މީހުން ފިލަސްޠިނަށް އެނބުރި އައިސް ސުލައިމާނުގެފާނުގެ މަޢުބަދު ފަދަ މަޢުބަދެއް ބިނާކުރިއެވެ. އެއަށް ފަހު ފިލަސްޠިނަށް ވެރިވެގަތީ ރޯމަނުންނެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތީ މި ވެރިކަމުގެ ތެރޭގައެވެ. ޔަހޫދީން ރޯމަނުންނާ ދެކޮޅަށް ގަޑުބަޑުތައް ހިންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ރޯމަނުން ޔަހޫދީންގެ ބާރު މުޅިން ކަނޑުވައިލިއެވެ. އެ މީހުންގެ ވެރިކަން ނައްތައިލިއެވެ. ރޯމަން އިމްބަރާޠޫރު ހެޑްރިއަންގެ ވެރިކަމުގެ ދުވަސްވަރުގައި މީލާދީން 135ގައި ރޯމަނުން އެ މީހުންގެ ފައްޅިތައް ތަޅައި މުޅީން ނައްތައިލިއެވެ. ރޯމަނުން ޤުދުސްގައި އެ މީހުން ދިރިއުޅުން މަނާކުރިއެވެ. ރޯމަނުންގެ އަޅުވެތިކަމުން ސަލާމަތްވާންވެގެން ޔަހޫދީންގެ ވަރަށް ގިނަ ބަޔަކު ޔޫރަޕަށް ހިޖުރަކުރިއެވެ. އެ ދުވަސްވަރު ޔަހޫދީ އާބާދީއަކީ 40 ހާހެވެ.

މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޒަމާނުގައި މީލާދީން 636ވަނަ އަހަރު އެ ސަހަރު ފަތަޙަކުރައްވަންދެން އެ ސަހަރު އޮތީ ރޯމަނުންގެ އަތްދަށުގައެވެ. [10]

އިސްވެ ދިޔަ ވާހަކަތަކުން އެނގެނީ

- ޤުދުސް ސަހަރަކީ ޢަރަބިންގެ ސަހަރެއްކަމެވެ. އެ ސަހަރު އުފައްދައި އާރާސްތުކޮށް ފުޅައުކުރީ ޢީސާގެފާނުގެ މީލާދުގެ ހަތަރު ހާސް އަހަރު ކުރީން ޢަރަބި ދަރިކޮޅެއް ކަމުގައިވާ ޔަބޫސީންނެވެ. އިބްރާހީމުގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 20 ސައްތަ އަހަރު ކުރީންނެވެ. ބަނީ އިސްރާއީލުން ނިސްބަތްވާ އިބްރާހީމުގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނުންގެ 27 ސައްތަ އަހަރު ކުރީންނެވެ. ދާވޫދުގެފާނާއި ސުލައިމާނުގެފާނުންގެ 30 ޤަރުނު ކުރިންނެވެ. މި ސަހަރުގައި އޮތް ޢަރަބީންގެ ވުޖޫދު އެއްވެސް ޒަމާނެއްގައި ފުހެވިގެން ގޮސްފައެއް ނުވެއެވެ.

- ފަލަސްޠީނާއި ޤުދުސްގައި އޮތް ބަނީއިސްރާއީލު ބާގައިގެ މީހުންގެ ވުޖޫދަކީ ފަލަސްޠީނުގެ އެކި ހިސާބުހިސާބުގައި ވިއްސިވިހާލިވެފައި އޮތް ވުޖޫދެކެވެ. އެއް ޤައުމެއްގެ ގޮތުގައި އެ މީހުން ވުޖޫދުވެފައެއް ނުވެއެވެ. ދާވޫދުގެފާނާއި ސުލައިމާނުގެފާނުގެ ހަތްދިހަ ވަރަކަށް އަހަރުގެ ވެރިކަމުގެ ދުވަސްކޮޅުގައި މެނުވީއެވެ.

______________________________

ޙަވާލާ:

[1]  - فلسطين أرض الحصارات ، شوقى  ِشعث ، دار الأوائل للنشر والتوزيع ، دمشق ـ 2000م ، ص : 8-9

[2]  -  القدس عربية  إسلامية ، سيد فرج راشد ، دار المريخ ، الرياض ، 1986  ، ص : 29

[3]  - ޢިބްރީ ބަހުގައި ސީނު ކިޔަނީ ޝީނަށެވެ. މޫސާ ކިޔަނީ މޫޝޭއަށެވެ.

[4]  -  القدس عبر التاريخ  دراسة جغرافية تاريخية أثرية  ، ميخائيل مكسى ، 1972 ، ص : 6

[5]  - ملامح من تأريخ القدس عبر العصور  ، ص: 17-21

[6]  - تاريخ القدس ، عارف باشا ، ص : 13

[7]  - ޔޫޝަޢުގެފާނަކީ މޫސާގެފާނުގެ އަރިހުގައި ޚިޟްރުގެފާނާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅުގައި ގެންދެވި ޒުވާނާއެވެ.

[8]  -  ملامح من تاريخ القدس ، ص : 17-21

[9]  - އެކަލޭގެފާނުގެ ބޭފުޅުން ދެ ޤަބީލާއަކަށް ބައިބައިވެގެން ދިޔައެވެ. އެއް ޤަބީލާއަކީ އިސްރާއީލު ޤަބީލާއެވެ. އަނެއް ޤަބީލާއަކީ ޔަހޫޛާ ޤަބީލާއެވެ. ޔަހޫޛާ ބަދަލުވީ ޔަހޫދަށެވެ. މި ހިސާބުން ބަނީ އިސްރާއީލުން ޔަހޫދީންނަށް ބަދަލުވިއެވެ.

[10]  -  القدس الشريف ، حقائق التاريخ و آفاق المستقبل ، ص :11-13

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް