Advertisement

އިސްރާއީލް ބުނަނީ "ރަފަޙަށް ޙަމަލާދިނުން ކުރިއަށް ދަނީ"ކަމަށް. އެ ކަމަށް ބޭނުންވާ ފައިސާ އެމެރިކާއިން ދޭން ނިންމައިފި.

25 Apr 2024 | 13:01
ރަފަޙަށް ޙަމަލާދީ ހަލާކުކޮށްލައިފައިވާ ގެޔެއްގެ ކައިރީގައި ދެ ފަލަސްތީނީއަކު. މިއީ 1.5 މިލިއަން މީހުން ބޯހިޔާވަކިކަން ހޯދަމުން ގެންދާ ސިޓީއެކެވެ.

އަބާ މުޙަންމަދު

އިސްރާއީލީ ސަރުކާރުގެ ތަރުޖަމާނު ދާއޫދު މިންސަރު ބުނަނީ  ދެކުނު ޣައްޒާގެ ސިޓީއެއް ކަމަށްވާ ރަފަޙަށް ޙަމަލާދިނުމުގެ ކަންކަން އެ މީހުންގެ "އަސްކަރީ ތަދުބީރު"ގައި ވާ ގޮތަށް ހަމަ ކުރިއަށް ދަނީކަމަށެވެ. މި ކަމަށް ބޭނުންވާ 2.5 ބިލިޔަން ޑޮލަރު އެމެރިކާއިން ވަނީ ހަމަޖައްސައިދީފައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ރަފަޙައަކީ ފަލަސްތީނުގެ 1.5 މިމިއަން މީހުން މިހާރު ބޯހިޔާވަކިކަން ހޯދަމުން ގެންދާ ސިޓީއެކެވެ. ނަމަވެސް އެ ސިޓީއިން ފަލަސްތީނު މީހުން ވަގުތުން ބޭރުވާން ވެސް އިސްރާއީލު ސިފައިން ހަރުކަށިކަމާއެކު އަމުރުކުރަމުން އެބަ ގެންދެއެވެ.

އަނެއްކޮޅުން ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުން އިސްރާއީލު ސިފައިން ޝަހީދުކޮށްލި އެތައް ބައިވަރު މީހުންނެއް ވަޅުލައިފައިވާ މައްސަލަ ތަހުގީގުކުރުމަށް ގޮވައިލާ އަޑު ދަނީ ގަދަވަމުންނެވެ. މި ގޮތަށް ވަޅުލައިފައިވާ 310 މީހުން މިހާތަނަށް ވަނީ ފެނިފައެވެ. ޣައްޒާގެ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލު ސަރަހައްދު ރޭޑުކޮށް އެތައް ބަޔަކު ހައްގުން ކަމަކާ ނުލައި ޝަހީދުކޮށްލި މައްސަލައެވެ. މި ކަން މިހެން ހިނގަމުންދާ އިރު، އުތުރު ޣައްޒާގެ ބައިތު ލަޙިޔާގައި ތިބި އެތައް ހާސް ބަޔެއްގެ ދިރިތިބުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެހެނީ "އިތުރު ބާރާއެކު" އިސްރާއީލު ސިފައިން އެ ސިޓީއަށް ޙަމަލާދެމުން އެ ތާގައި ދިރިއުޅޭ އެންމެން އެހެން ތަންތަނަށް "ހަމަ މިހާރު" ދާން ހަރުކަށިކަމާާ އެކު އަމުރުކުރަމުން ގެންދަނީއެވެ.

އަނެއްކޮޅުން ޙަމާހުން އިއްޔެ އާންމުކުރި ވީޑިއޯ ފުޓޭޖަކުން ފެންން ގޮތުގައި ޖެރޫސަލަމްގައި އެތައް ސަތޭކަ ބަޔަކު އިސްރާއީލުގެ ބޮޑުވަޒީރާ ދެކޮޅަށް މުޒާހަރާކުރަމުން އޭނާ ދިރިއުޅޭ ރަސްމީ ގެޔާ ދިމާއަށް ހިނގަމުން ދަނީއެވެ. އަދި އެންމެ ހައިރާރާންކުރުވާ ކަމަކީ ޙަމާހުން އަސިރުކޮށްފައިވާ ހާރޝް ގޯލްޑްބަރގް ޕޯލިން ކިޔާ މީހަކު ވެސް ކުއްލިއަކަށް އެ މީހުންގެ ތެރެއިން ފާޅުވުމުންވެ. އެ މީހުން ގޮވަމުން ގެންދިޔައީ ލަސްނުކޮށް ޢަމަލީ ފިޔަވަޅު އަޅައި މި ހަމަނުޖެހުން ނިމުމަކަށް ގެންނާށެވެ. އަދި އަސީރުން މިނިވަންކުރުމުގެ މަސައްކަތްކުރުމަށެވެ.

އިސްރާއީލުން ކިތަންމެ އަނިޔާވެރި ވިޔަސް އެ މީހުންނަކަށް ވެސް އަމާންކަމެއް ނެތެވެ. އެކި ދިމަދިމާއިން އެމީހުންނަށް ހުރި ފިއްތުންތަކާއި ނުރައްކާ ވެސް އަންނަނީ އިރުރުވަމުންނެވެ. ޔަމަނުގެ ޙޫޘީ ހަނގުތާމަވެރީން އިއްޔެ ބުނެފައިވާ ގޮތުގައި ޔަހޫދީ މަނަވަރަކަށާއި އަދި ގަލްފު އޮފް ޢަދަނުން ދަތުރުކުރި އެމެރިކާގެ މަނަވަރަކަށާއި އިންޑިއާ ކަނޑުން ދަރުތުކުރި ޔަހޫދީންނަށް ނިސްބަތްވާ މަނަވަރަކަށް އިއްޔެ އެ މީހުންގެ ޙަމަލާތައް އަމާޒުކުރިއެވެ. މި ކަމުގެ ތަފުޞީލެއް އަދި މިހާތަނަށް އެއްވެސް ބަޔކު އާންމުކޮށްފައެއް ނުވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް އެކި ނޫސްތަކަށް ލިޔެފައިވާ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް