Advertisement

އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން

07 Oct 2023 | 08:52
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އަހުމަދު އަވަސްއަވަހަށް ގެއަށް ވަދެގެން ގޮސް، މަންމަ ގާތަށް ދިޔައެވެ. އަދި ބުންޏެވެ. "މަންމާއެވެ! އަހަރެން މި އައީ އީދަށް ފަޓުލޫނެއް ގަނެގެންނެވެ. ނަމަވެސް، ފަޓުލޫނުގެ ފައިކުރި މާ ދިގެވެ. ހަތަރު ސެންޓިމީޓަރު ބުރިކޮށްލާން ޖެހެއެވެ. މި ކަން ކޮށްލެވިދާނެ ހެއްޔެވެ؟"

ދެން މަންމަ ބުންޏެވެ. "މިއަދު މި އުޅެނީ ވަރަށް ބުރަކޮށެވެ. އެއްޗެހި ދޮވެ އިސްތިރިކުރުމުގައެވެ. އެހެން ދުވަހަކުން ތިޔަ ކަން ކޮށްލާ ނަމެވެ.

ދެން އަހުމަދު އޭނާގެ ދޮންތަ ގާތަށް ދިޔައެވެ. އަދި ފަޓުލޫނުގެ ފައިކުރިން ހަތަރު ސެންޓިމީޓަރު ބުރިކޮށްލައިދޭން އެދުނެވެ. ނަމަވެސް، ދޮންތަ ވެސް ބުނީ މާ އަވަދި ނެތިއުޅޭ ވާހަކައެވެ. އަދި ކޮންމެވެސް އެހެން ދުވަހަކުން އެ ކަން ކުރާނެ ވާހަކައެވެ.

ކޮންމެއަކަސް އަހުމަދު ބޭނުންވަނީ ޖެހިގެން އައި ދުވަހު ފަޓުލޫނު ލާށެވެ. އެހެންވެ، ގޭ ދޮށު ހުންނަ ފަހާ ފިހާރައަކަށް ގޮސް، ކުޑަ އުޖޫރައެއް ދީގެން އަހުމަދު ބޭނުން ވަރަށް ފަޓުލޫނު ފައިކުރި ބުރިކޮށް، ފަތިޖެއްސުވިއެވެ. ދެން، އުފަލުން ގެއަށް އައިސް ނިދިއެވެ.

މަންމަ މަސައްކަތް ނިންމައިފައި ހިތަށް އެރީ އަހުމަދު ބުނި ކަންތައް ކޮށްލާށެވެ. އަދި އޭނާގެ އަލަމާރީން ފަޓުލޫނު ނަގައިގެން ފައިކުރީން ހަތަރު ސެންޓިމީޓަރު ބުރިކޮށް ފަތިޖެހުމަށް ފަހު، އަހުމަދުގެ އަލަމާރީގައި ފަޓުލޫނު  އަޅުވައިލިއެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަހުމަދުގެ ދޮންތަ ވެސް ހިތަށް އެރީ މަސައްކަތް ނިންމައިލައިފައި ނިދާނީ އަހުމަދުގެ ފަޓުލޫނު ކުރުކޮށްފައިކަމެވެ. އެހެންވެ، އަހުމަދުގެ ފަޓުލޫނު ނަގައިގެން އައިސް ހަތަރު ސެންޓިިމީޓަރު ކުރުކޮށްލުމަށް ފަހު، ފަތިޖަހައި ފަޓުލޫނު ރީތިކޮށްލައިގެން ގޮސް އަހަމަދުގެ އަލަމާރީގައި އަޅުވައިފައި ބެހެއްޓިިއެވެ.

ހެނދުނު އަހުމަދު ތެދުވެ، ފެންވަރައި ހަދައިގެން ފަޓުލޫނުލިއެވެ. ނަމަވެސް، ކަމަކު ދާކަށް ނެތެވެ. ފަޓުލޫނު ހުރީ ކަކުލާ ހަމައިގައެވެ! ހަތަރު ސެންޓިމީޓަރު ބުރިކުރާން އޮތް ފަޓުލޫނުން ބާރަ ސެންޓިމީޓަރު ބުރިކުރެވުނީމާ ވާނީ ވެސް އެހެންތާއެވެ!

އާދޭހެވެ! މި ވާހަކައިން ރަމްޒުކޮށްދެނީ ކަންކަން ކުރުމުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ. އެއްބަޔަކު އަނެއް ބަޔަކާ ވާހަކަދައްކައިގެން ގުޅިގެން، ވިލަރެސްކޮށްގެން ކަންކަން ކުރުމުގެ މުހިންމުކަމެވެ. މިއީ ކަންކަން ހަލުވިކޮށް ކަންކަންކުރާ ނަމަ، ވިސްނާން ޖެހޭ ކަމެކެވެ. އެހެން ނޫން ނަމަ، ބައެއް ފަހަރު، އަހުމަދުގެ ފަޓުލޫނަށް ވީ ގޮތަށް ކަންތައް ވެދާނެއެވެ. ކިތަންމެ ހެޔޮ އެދިގެން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރިކަމުގައި ވިޔަސް އެ މަސައްކަތުން އެދެވޭ ރަނގަޅު ނަތީޖާއެއް ނުނިކުމެ، ކުރާ މަސައްކަތް ބޭކާރުވެގެން ހިނގައިދާނެއެވެ.

_____________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް