Advertisement

ނަޞްރު ސޫރަތުގެ މައްޗަށް އަވަސް ކަޅިއެއް

25 Apr 2024 | 00:31
ނަޞްރު ސޫރަތް

ޑރ. ޢަބުދުލްޣަފޫރު ޢަބުދުއްރަޙީމް

އަދަބީ ނައްސެއްގެ މައްޗަށް ބަލައިލައި އެއްޗެއް ދެންނެވުމުގެ ކުރީން ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް އޮވެއެވެ. އެ ނައްސުގެ ސިޔާގީ ފަހަތުގައި (ކޮންޓެކްސްޗުއަލް ބެކްގުރައުންޑުގައި) އޮތީ ކޮން ވާހަކަތަކެއްތޯ، ކޮންކޮން ކަމެއްތޯ ބަލާލުމެވެ. ޖުމްލަ ގޮތެއްގައި ބުނާނަނަމަ، ނައްސެއްގެ ސިޔާގީ ޚަލްފިއްޔާއަކީ އެ ނައްސަކާ ބެހޭ ހުރިހާ ވާހަކަތަކެވެ. ސޫރަތެއްގެ މައްޗަށް ބަލައިލާ ނަމަ، އެކަން ގުޅެނީ އެ ސޫރަތް ބާވާލެއްވުމަށް މެދުވެރި ކުރުވި ސަބަބުތަކެވެ. އެ ނައްސަު ވުޖޫދަށް އައުމަށް މެދުވެރި ކުރުވި ހާލަތެވެ. އިހުގެ ތަފުސީރުގެ އިސްތިލާހުގެ އިބާރާތުން ބުނާ ނަމަ، 'އަސްބާބުއް ނުޒޫލި' އާދެ، ސޫރަތް ބާވާލައްވާން މެދުވެރިވި، ނުވަތަ މެދުވެރި ކުރުވި، ސަބަބުތަކެވެ. އެހެންވެ، ނަސްރު ސޫރަތުގެ މައްޗަށް ބަލައިލާ އިރު، އެ ސޫރަތް ބާވާލައްވާން މެދުވެރިވި ސަބަބުގެ މައްޗަށް ބަލައިލާން ޖެހެއެވެ. ސޫރަތުގެ މާނަ ވިސްނި، ރަނގަޅަށް ފަހުމުވެ ދިޔުމަށް ޓަކައެވެ.

ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތައް ބާވައިލައްވާން މެދުވެރިވި ސަބަބުތައް އެނގެނީ ކިހިނެއްހެއްޔެވެ؟ ހަދީސާއި ތަފުސީރު ފޮތްތަކުންނެވެ. ސިޔަރަތާއި ތާރީޚީ އެކިއެކި ރިވާޔަތްތަކުންނެވެ. އަދި، މި ބާވަތުގެ ވާހަކަތަކަށް ޚާއްސަކުރެވިގެން ލިޔެވި ތައުލީފުކުރެވުނު އަސްބާބުއްނުޒޫލުގެ ފޮތްތަކުން ވެސް މެއެވެ. ތަފުސީރު ފޮތްތަކަށް ބަލައިލާ އިރު، އެއް ފޮތަކުން މި ފަދަ ވާހަކަތައް ލިބޭން އޮތް އެންމެ މުހިންމު އެއް ފޮތަކީ ސުޔޫތީގެ "އައްދުއްރު އަލްމަންޘޫރު"އެވެ. ތަބަރީގެ ޖާމިޢާއި އިބުނު ކަޘީރުގެ ތަފުސީރާއި އަދި ފަހުގެ މުއުތަބަރު ތަފުސީރުތަކުގެ ތެރޭގައި ހިމެނޭ ޝައުކާނީގެ ފަތުހުލްޤަދީރު ފަދަ ފޮތްކުން ވެސް ސޫރަތްތަކާއި އާޔަތްތައް ބާވައިލައްވާން މެދުވެރިވި ސަބަބުތައް އެނގޭން އޮވެއެވެ. ހަދީސް ފޮތްތަކަށް ބަލައިލާ އިރު އެ ފޮތްތަކުގެ ތަފުސީރާ ބެހޭ ބާބުތަކުގައި މި ވާހަކަތައް ވާރިދުވެފައި އޮވެއެވެ. ސިޔަރަތުގެ ފޮތްތަކަށް ބަލައިލާ އިރު، އެންމެ މުހިންމު ފޮތެއްގެ ގޮތުގައި ބެލެވެނީ އިބުނު ހިޝާމުގެ ސިޔަރަތެވެ. ތާރީޚީ ފޮތްތަކުގެ ތެރޭގައި ތަބަރީގެ ތާރީޚުގެ ތެރެއިން ސިޔަރަތާ ބެހޭ ބައިގައި ވަރަށް ވެސް މުހިންމެވެ. އަސްބާބުއްނުޒޫލުގެ މުހިންމު ފޮތްތަކުގެ ތެރޭގައި ވާހިދީ މި ރޮނގުން އެކުލަވައިލެއްވި ފޮތް ހިމެނެއެވެ.

ނަސްރު ސޫރަތް ބާވާލައްވާން މެދުވެރިވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ނުވަތަ އެކަމާ ގުޅޭ ހާލަތަކީ ކޮބައިހެއްޔެވެ؟ އެ ކަން ގުޅެނީ އިތުރު އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަވުމާއެވެ. އެކަލޭގެފާނުންގެ ދައުވަތުގެ މަސައްކަތަށް ނިމުން އައުމާއެވެ. މި ކަމާ ގުޅުވައި، ނަސްރު ސޫރަތުގެ ބާވައިލެއްވުން، ދެ ތާރީޚަކާ ގުޅުވައިލެވެއެވެ. ފުރަތަމަ ތާރީޚަކީ ހިޖުރައިން އައްވަނަ އަހަރުގެ މައްކާ ފަތަހަވުމާއެވެ. ނަސްރު ސޫރަތުގައި ނަންގަނެވިފައިވާ ފަތަހައަކީ މައްކާ ފަތަހަވުންކަމަށް ވާތީއެވެ. މައްކާ ފަތަހަވުމާ ވިދިގެން، އަރަބިކަރައިގައި މުސްލިމުންނާ އިދިކޮޅުވެގަތުމުގެ ބާރު ނެތި، އަރަބީންގެ އެންމެންހެން އިސްލާމް ވެސް ވުމުންނެވެ. ދެވަނަ ތާރީޚަކީ ހިޖުރައިން 10ވަނަ އަހަރެވެ. ކީރިތި ރަސޫލާގެ ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށް ފަހުގައެވެ. އާދެ، މި ތާރީޚު ވެސް ގުޅެނީ ކީރިތި ރަސޫލާގެ ރިސާލަތުގެ ފުރިހަމަ ވުމާއެވެ. އާދެ، މި ސޫރަތާ ބެހޭ ގޮތުން އިބުނު އައްބާސް ވިދާޅުވެފައިވާ ފަދައިން، މި ސޫރަތް އިޝާރަތްކުރަނީ އިތުރު އެކަލޭގެފާނުންގެ ރިސާލަތު ފުރިހަމަކުރައްވައި، އެކަލޭގެފާނު އަވާހާރަވުމުގެ ވަގުތު ކައިރިވެއްޖެކަމެވެ.

ސޫރަތުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ إذا جاء نصر الله މާތްރަސްކަލާނގެ އެހީތެރިކަން ކަލޭގެފާނަށް ލިބިވަޑައިގަނެ، والفتح (ދެން، މައްކާ) ފަތަހަވެ، ورأيت الناس يدخلون في دين الله أفواجا ބައިބަޔަށް، ޖަމާއަތް ޖަމާއަތަށް، މާތްރަސްކަލާނގެ ދީނަށް މީސްތަކުން ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގަތުމުން، فسبح بحمد ربك ފަހެ، ގިނަގިނައިން، ތަސްބީހައެއް ކިޔާހެން، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް، ޝުކުރު ދަންނަވައި، واستغفره އަދި އެކަލާނގެ ހަޒުރަތުގައި ފާފަފުއްސެވުމަށް ވެސް އެދި ދަންނަވާށެވެ. إنه كان توابا. އެހެނީ އެކަލާނގެއީ (އަޅުތަކުން) ތައުބާ ގިނަގިނައިން ގަބޫލުފުޅު ކުރައްވާ ރަސްކަލާނގެއެވެ.

ނަސްރު ސޫރަތުގައި ފާހަގަކުރެވިފައިވަނީ މައްކާ ފަތަހަވުމާއި އެ ފަތަހައިގެ ސަބަބުން، ކީރިތި ރަސޫލާގެ ރިސާލަތު ފުރިހަމަވެ، ކާމިޔާބީ ލިބިވަޑައިގަތް ވާހަކައެވެ. މި ފަތަޙައިން ފަތަހެވެ، ކާމީޔާބީ ލިބިވަޑައިތުމުގައި އެންމެ ފުރަތަމަ، މާތްރަސްކަލާނގެ އެކަމުގެ މަގުތައް ފަހިކޮށްދެއްވީމެއެވެ. ހެޔޮ ވިސްނުން ފުޅެވެ. ރިސާލަތުގެ މަސައްކަތްޕުޅު ކުރެއްވުމުގެ ހިތްވަރުފުޅެއް ދެއްވައި، އަދި އެ ކަމަށް ވާގިދޭނޭ އިޚުލާސްތެރި، އަމިއްލަ އެދުމެއް ނެތް ބަޔަކު ވެސް ތިބެގެންނެވެ. ކީރިތި ރަސޫލާއަށް މި ފަދަ ވާގިވެރިކަމަކާއި އެހީތެރިކަމެއް ފޯރުކޮށްދެއްވުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ އެކަލޭގެފާނުންގެ އަނބިކަނބަލުން ޚަދީޖަތުގެފާނެވެ. އެކަލޭގެފާނުންގެ މާލީ އަދި މައުނަވީ ސަނަދެވެ. ދެން، އެކަލޭގެފާނުންގެ ވަފާތެރި މިތުރު އަބޫބަކުރުގެފާނެވެ. އެކަލާގެފާނަށް ފުރިހަމަ އިތުބާރުކުރައްވައި، އެންމެންހެން އެކަލޭގެފާނުންގެ ވާހަކަފުޅުތައް ދޮގުކޮށް ފުރަގަސްދިން އިރު، އަބޫބަކުރުގެފާނުން ހުންނެވީ އެކަލޭގެފާނަށް އީމާންވެ، ވަފާތެރިކަން މަތީގައެވެ.

މާތްރަސްކަލާނގެ ނަސްރާ އެކު، އެކަލާނެ މަދަދާއި އެހީތެރިކަމާއެކު، މައްކާ ފަތަހަކުރައްވައި އެކަލާގެފާނުންގެ ރިސާލަތު ފުރިހަމަ ކުރެއްވިއެވެ. މައްކާގެ އެންމެން އިސާލާންވެ، މުޅި އަރަބިކަރައިގައި އިސްލާމް ދީން ފެތުރޭން މެދުވެރިވިއެވެ. އާދެ، ނަސްރު ސޫރަތުގައި ބަޔާން ވެފައި އޮތް ފަދައިން، ޖަމާއާތް ޖަމާއަތަށް އަރަބި ކަރައިގެ އެންމެން އިސްލާންވިއެވެ. ދެން، އެ ތަނުން، ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމީ ތައުލީމާތުގެ ނޫރު ފޯރައި ދިޔުމުގެ މަގު ފަހިވެގެން ދިޔައެވެ.

މި މަތިވެރި ކާމީޔާބީ ހާސިލުވުމުން ދެން، ކަންތައް ކުރައްވާންވީ ގޮތުގެ އިރުޝާދު ނަސްރު ސޫރަތުގައި ދެވިފައި ވެއެވެ. އެ ކަމަށް ޓަކައި ގިނަގިނައިން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރާންވީއެވެ. އަދި، ވެވި ހިނގައިދާނޭ ކުށަކަށް މާފަށް އެދި އެކަލާނގެއަށް ދަންނަވާން ވެސްވީއެވެ. ކާމީޔާބީ ވަތުގައި ބޮޑާކަމާއި ފަޚުރުވެރިވުމުގެ ސިފަތަކުން އެއްކިބާވެ ދިޔުމަށް ޓަކައެވެ.

މި ސޫރަތުން މުއުމިނުންނަށް ލިބޭން އޮތް ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ކަމެއް ކުރާން ނިންމައިފި ނަމަ، އެ ކަމާ ކެރިގެން ކުރިމަތިލައި، ހިތްވަރު ދޫނުކޮށް، ކާމިޔާބުގެ އައްސޭރިއާ ހަމައަށް ދާން ގަދައަޅައި މަސައްކަތްކުރުމެވެ. އެ ފަދައިން މަސައްކަތްކުރުމަށް، ކީރިތި ރަސޫލާގެ ސިޔަރަތުން އިލްހާމު ލިބިގަންނާން ވީއެވެ. ކާމިޔާބީގެ އައްސޭރިއަށް ދަތުރުކުރަމުން ދާއރު، ކޮޅިގަނޑުތަކާ ކުރިމަތިވާނޭ ކަމާއި އަދި ކަށީން ފުރިގެންވާ މަގުމަގުގައި ހިނގާން ޖެހޭނޭކަން ވެސް ހަނދާންކުރަމުންނެވެ. މި ފަދަ ގޮންޖެހުންތަކަކީ އަމިއްލަ ނަފުސު އިމްތިހާނުކޮށްލެވޭ ކަމެއްގެ ގޮތުގައި ބަލައި، ތިމާގެ އަޒުމަށް ހީނަރުކަމެއް އަޔަނުދީ މަސައްކަތްކޮށްފި މީހަކަށް، މާތްރަސްކަލާނގެ މަދަދާއި އެހީތެރިކަން ލިބޭނޭކަމުގެ ބިޝާރަތު، އުފާވެރި ޚަބަރު، މި ސޫރަތުގައި ބުނެފައި އޮތްކަން ހަނދާންކުރަމުންނެވެ. އަދި، އެ ހަނދާންކޮށްދިނުމަކީ، އިތުރު ރަސޫލާއަށް ވެސް ކާމިޔާބު ލިބިވަޑައިގަތް ފަދައިން، ތިމާއަށް ވެސް ކާމިޔަބު ލިބޭނޭކަން ހިތުގެ އަޑީން ގަބޫލުކުރަމުންނެވެ. ނަޞްރު ސޫރަތް އެ ކަމަށް އިޝާރަތްކުރާ ފަދައިންނެވެ. ދެން، ގަދައަޅައި މަސައްކަތްކޮށް، ކާމިޔާބުގެ އައްސޭރިއަށް ދެވުމުން، ތިމާގެ ހިތްމަޑުމޮޅިކޮށް، ބޮޑާކަމާއި ކިބުރުވެރިކަމުން ދުރުވެގަނެ، މާތްރަސްކަލާނގެއަށް ހަމްދުކޮށް ޝުކުރުކުރާންވީއެވެ. އަދި، އެ ކަމުގައި އެހީވި އެންމެނަށް ވެސް ޝުކުރުއަދާކުރާން ވީއެވެ. އަދި ކާމިޔާބީއާ ހަމައަށް ވާސިލުވުމުގެ މަސައްކަތުގައި އުޅުނު އިރު، ކުށެއް ކުރެވި ދިޔަ ނަމަ އެ ކަމުން ތައުބާވެ ފާފަފުއްސެވުމަށް އެދި މާތްރަސްކަލާނގެ ހަޒުރަތުގައި ދަންނަވާން ވެސް ވީއެވެ. އާދޭހެވެ! ނަސްރު ސޫރަތުން މުއުމިނުންނަށް މިއަދު ވެސް، ލިބިދޭ ފިލާވަޅުތަކުގެ ތެރެއިން މި ކަންކަން ހިމެނެއެވެ.

________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް