Advertisement

ހުޅަނގު އައްްސޭރީގައި ވަޒަންވެރިކޮށްފައި ތިބޭ ޔަހޫދީން، ފަލަސްތީނު ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން ހިންގުން ހައްދުން ނެއްޓިފައި – މަންޒަރު ދުށް މީހުން

24 Apr 2024 | 16:50
ފަލަސްތީނު ރައްޔިތުންގެ އަތުން ފޭރުނު ބިންތަކެއް އިސްރާއީލު ސަރުކާރުން ޔަހޫދީންނަށް ގެދޮރު އެޅުމަށް ޓަކައި ސާފުކުރަނީ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ބައިނަލްއަގުވާމީ ސަމާލުކަން ޣައްޒާގެ މައްޗަށް އެނބުރުނު ވަގުތު ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް، އެ ރަށުގައި އިސްރާއީލުން ގަވާއިދާ ޚިލާފަށް ވަޒަންވެރިކޮށްފައިވާ ޔަހޫދީން ކުރަމުން ގެންދާ އަނިޔާތައް އެތައް ގުނައަކަށް އިތުރުކޮށްފައިވެއެވެ. އެ މީހުން ފަލަސްތީނީންނަށް އަނިޔާކުރުމަކީ އާންމު ކަމަކަށް ވަނީ ހަދައިފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ސަރުކާރުން ގާނޫނާ ޚިލާފަށް ގެދޮރުއަޅައިދީގެން ވަޒަންވެރިކޮށްފައި ތިބެނީ އިސްރާއީލުގެ ރައްޔިތުންނެވެ. މި އަނިޔާވެރިކަން ހިނގަނީ ފަލަސްތީނީންނަށް ދުއްތުރާކޮށް ދުރަށްލައިގެން އެ މީހުންގެ ގެދޮރު ތަޅައި ސުންނާފަތިކުރުމަށް ފަހު އެ ބިންތައް ފޭރުމަށް ޓަކައެވެ. މި ގޮތަށް ފޭރޭ ބިންތަކުގައި އެމެރިކާގެ މާލީ އެހީގައި އިސްރާއީލު ސަރުކާރުން ޔަހޫދީން ވަޒަންވެރިކުރާން ގެދޮރުއަޅައިދެނީއެވެ.

ދާދި ފަހުން، މި ދިޔަ އަހަރު ސެޕްޓެންބަރު މަހު، އދ.ގެ ފަރާތުން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވާ ގޮތުން ފަހަކަށް އައިސް ހުޅަނގު އައްސޭރީގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީން ފަލަސްތީނު ރައްޔިތުންނަށް އާދަޔާ ޚިލާފަށް އަނިޔާވެރިވަމުން ގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިއީ މި ދިޔަ އަހަރު އޮކްޓޫބަރު މަހު ޣައްޒާއަށް ދޭންފެށި ޢުދުވާނުގެ މާ ކުރީއްސުރެ ހިނގަމުން އަންނަ ކަމެކެވެ.

2023 އޮކުޓޫބަރު 28ގައި އެކަނިވެރިވީ ފަހުން، ޢުމުރުން 43 އަހަރުގެ އަބޫ ޚާލިދު އދ.ގެ އޮފިޝަލަކަށް ކިޔައިދިނެވެ. "ޔަހޫދީން ހަމަ އަންނަ ގޮތަށް އަރައިގަނެ އަހަރެމެންނަށް ޙަމަލާދެނީއެވެ. ގެދޮރާއި ފެންތާނގީއާއި ސޯލާޕެނެލާއި އަހަރެމެންގެ ކާރު ހަލާކުކޮށް ސުންނާފަތިކޮށްލަނީއެވެ." އޭނާ ކިޔައިދިން ގޮތުގައި އޭނާގެ ގެއަށް ޙަމަލާ ދިން ދުވަހު އެއީ އޭނާގެ ޙަޔާތުގެ އެންމެ ފަހު ދުވަސްކަމަށް އިޙުސާސްކުރެވުނެވެ. "އެހެންކަމުން އަހަރެންގެ ޙާޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން އެ ދުވަހު ނިންމާން ޖެހުނެވެ. އަހަރެންގެ ހުރިހައި މުދަލަކާއި ގެދޮރު ހަނދާނަށް ދޫކޮށް ޖާނު ސަލާމަތްކުރުމަށް ޓަކައި ދުރަށް ދިޔައީއެވެ. އެއީ އަހަރެންގެ ކުދި ދަރީންގެ ފުރާނައަށް ޓަކައި ނިންމި ނިންމުމެކެވެ." އޭނާ ކިޔައިދިނެވެ.

އަބޫ ޚާލިދު ކިޔައިދިން ގޮތުގައި އެ އަވަށް ދޫކޮށް ނު ގޮސް ތިބި މީހުންނަކަށް ރައްކާތެރިކަމެއް ނެތެވެ. "އަހަރެމެން ގެދޮރު ދޫކޮށް ނުކުންނަ އިރު "އަހަރެމެންގެ ގެރިބަކަރިކޮޅު ގެންދާން ވެސް ހުރަސްއަޅައެވެ." ފަލަސްތީނު ރައްޔިތުންނަށް ޔަހޫދީން ހަމަލަދެނީ ބަޑިއާއި ކޯރާޑިއާއި ގަލާއި މި ފަދަ ހުރިހައި އެއްޗަކުންނެވެ.

ހުޅަނގު އަސްސޭރީގެ "ޢައިނު ޝިކްލީ" އަވަށުގައި ދިރިއުޅޭ ޢުމުރުން 90 އަހަރުގެ މުޙަންމަދު އަބޫ ސައިފު ކިޔައިދިން ގޮތުގައި އޭނާ "ދިރިއުޅެމުން ގެންދިޔައީ ގެރިބަކަރި ގެންގުޅޭ މުޖުތަމަޢެއްގައެވެ. މި މަސައްކަތުގައި އުޅޭތާ 40 އަހަރުވެއްޖެއެވެ. ނަމަވެސް ޔަހޫދީންގެ ސަބަބުން މުޅި ދިރިއުޅުންވަނީ ވަރަށް ޚުޠޫރަތްތެރި ޙާލަތެއްގައެވެ."

މިއަދު ވެސް ދުނިޔޭގައި ހިނގަމުންދަނީ ފިރުޢައުނީ ފަލަސަފާކަމަށް ވާތީ އިސްރާއީލުގެ މި ޢުދުވާނު ހުއްޓުވުމުގެ ބާރެއް ދުނިޔެއަކަށް ލިބިފައެއް ނެތެވެ. މުޅި ދުނިޔޭގައި ގޮށްމުށުގެ ބާރުން މިއަދު ވެރިކަން ހިންގަނީ އިޒުރޭލު ފަދައެވެ. އދ.ގެ ގަރާރުތަކަކީ، ބައިނަލްއަގުވާމީ ގާނޫނަކީ، އިސްރާއީލުން ޢަމަލުކުރާއެއްޗަކަށް ނުވެއެވެ.

ފަލަސްޠީނީންގެ އަތުން މި ދެންނެވި ގޮތަށް ގަދަކަމުން ފޭރޭ ބިންތަކަކީ އިސްރާއީލޭ ކިޔާ ނިރުބަވެރި ދައުލަތުގެ ބައެއްކަމުގައި އެ މީހުން ބަލައިގަނެ އެ ބިން އެ މީހުންގެ ދައުލަތަށް އިތުރުކޮށްލައެވެ. އެހެންކަމުން ފަލަސްތީނުގެ ބިންތައް ފޭރޭން ފޮނުވާ ބައިގަނޑަކީ އިސްރާއީލުގެ ސަރުކާރުން އިޚުތިޔާރާއި ބާރާއި އެހީ ދީފައި ބިން ފޭރޭން ފޮނުވާ ޓީމުތަކެއްކަން ޝައްކެއް ނެތި ޔަގީންވެއެވެ. އެއީ ބައިނަލްއަގުވާމީ ހުރިހައި ގާނޫނަކާ ޚިލާފަށް ހިންގާ ޢަމަލެއްކަމަށް ވިޔަސް އެ މީހުން ސަރަމެކޭ ވެސް ހިތަކަށް ނާރައެވެ.

މުނާފިގު އެމެރިކާއިން ބަހުން މި ކަން ކުށްވެރިކޮށްލަނީ ފޭރޭ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރާން ގެދޮރު އެޅުމަށް ޓަކައި ބިލިޔަނުންބިލިޔަނުން އެހީވަމުން ގެންދިޔުމާއެކީގައެވެ. މި ކަން އެމެރިކާއިން ބަހުން ކުށްވެރިކުރާ ކުރުން ވެސް 2019 ނޮވެންބަރުމަހުގެ ތެރޭގައި އޭރުގެ ރައީސް ޓްރަމްޕު ބަދަލުކޮށްލިއެވެ. އޭނާ ބުނަނީ "އެ ގޮތަށް ފޭރޭ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ނޫން"ކަމަށެވެ. އެހެންނަމަވެސް ހަތަރުވަނައަށް ފާސްކުޅަ ޖެނީވާ ކޮންވެންޝަންގެ 49ވަނަ މާއްދާގައި އެއީ ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަމެކެވެ.

މިއީ ލިޔެ ކޮޅުން ނުލާ ފަދަ އަސަރު ގަދަ ދިގު ވާހަކަތަކެކެވެ. އިންސާފޭ ޢަދުލޭ، އިންސާނީ ހައްގޭ ކިޔައިގެން މީހުން މަގުފުރައްދާން އުޅޭ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަމަލުކުރަނީ އެ މީހުންގެ ދުލުން ބުނާ ބަސްތާކާ ޚިލާފަށް ފިރުޢައުނީ ފަލްސަފާ ކުރިއަށް ނެރެގެންނެވެ. މި ވާހަކަ މިހެން ދަންނަވައިލިޔަސް މި ވޭނާއި އަނިޔާ ތަޙައްމަލުކުރަމުން ގެންދާތާ 75 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފަލަސްޠީނުގެ ޙާލަތު އަޅުގަނޑުމެންނަށް އިޙުސާސެއް ވެސް ނުކުރެވޭނެއެވެ.

އިސްރާއީލުގެ ބިން ބޮޑުކޮށް އިތުރު ޔަހޫދީން ވަޒަންވެރިކުރުމަށް ޓަކައި އިސްރާއިލުން ގެންގުޅޭ އަނިޔާވެރި ސިޔާސަތުގެ އެންމެ މުހިންމު ބަޔަކީ ފަލަސްތީނު ރައްޔިތުންގެ ގެދޮރާއި މުދާ ހަލާކުކޮށް ފަނާކޮށް ސުންނާފަތިކޮށް ބިން ސާފުކުރުމެވެ. އިސްރާއީލުގެ ރަސްމީ ފަރާތްތަކުން އާންމު ގޮތެއްގައި މި ކަން ކުރަމުން ގެންދެއެވެ. އަދި މި ގޮތަށް ސުންނާފަތިކުރާ ބިންތަކުގައި އަލުން ގެދޮރު ބިނާކުރުމުގެ ހުއްދައެއް ވެސް ފަލަސްތީނު ރައްޔިތުންނަކަށް ނުދެއެވެ. ނަމަވެސް ޔަހޫދީންނަށް އެ މީހުން ދިރިއުޅޭން ގެދޮރު ބިނާކުރުމަކަށް ހުއްޓުމެއް ނާދެއެވެ. މި ގޮތުން ފޭރިގެންފައިވާ ބިންތަކުގައި މި ދިޔަ އަހަރު އެކަނި ވެސް ޔަހޫދީން ވަނީ 24300 ހައުސިން ޔުނިޓު ގާއިމުކޮށް އެ ތަންތާނގައި ޔަހޫދީން ވަޒަންވެރިކުރުވައިފައެވެ. މި އަހަރު އިތުރަށް 3476 ގެޔެއް ޔަހޫދީންނަށް އަޅައިދޭނެކަމަށް މި ދިޔަ މާރިޗު މަހުގެ ތެރޭގައި މި ވަނީ އިޢުލާނުކޮށްފައެވެ.

މި އިޢުލާނާ ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ އެ ކަން އަނގައިން ކުށްވެރިކޮށް އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުކަމެއްކަމަށް ބަޔާންކުރިޔަސް އިސްރާއިލުގެ ނިރުބަވެރި ސަރުކާރަށް ސަރަމެކޭ ވެސް ހިތަށް އަރާނެހެއްޔެވެ؟

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނަށް އިންސާނީ ހައްގުތަކާއި އަދުލު އިންސާފު ކިޔައިދޭން ހުޅަނގުން އަންނަ ދޮން މީހުން ގާތު މި ވާހަކަ ބުނެލައި، ކަލޭމެން އަހަރެމެންގާތު ތިޔަ ދައްކަނީ ކޮން އިންސާފެއްގެ ވާހަކަހޭ އަހައިލާން އަޅުގަނޑުން މުސްލިމު ގައުމަކަށްނުކެރޭކަމެވެ. (މައުލޫމާތު: ދަ ގާޑިއަން/ މުނާ ޝަލަބީ)


ލަފުޒެއްގެ މާނަ:

ސަރަމު     ނ.    (1) ލަދު.  (2) ބިރު.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް