Advertisement

ޕީއެންސީއަކީ ޕްރޯ-ޗައިނާ ޕާޓީއެއް ނޫނެވެ. ދުނިޔޭގެ މީޑިއާތަކަށް ދޮގު މަޢުލޫމާތު ދީގެން ދޮގު ފަތުރަނީއެވެ.

24 Apr 2024 | 10:36
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙަންމަދު މުޢިއްޒާއި މރ. ނަރެންދުރަ މޯދީ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހި ދައުލަތުގެ ސިޔާސަތަކަށް ވާން ޖެހޭނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދިނުމެވެ. އެހެން ގައުމެއް އިސްކުރުމެއް ނޫނެވެ. ރާއްޖޭގައި އޮތް ސިޔާސީ ދެ ފިކުރުގެ ތެރެއިން ލިބަރަލް ފިކުރުގެ ޕާޓީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އިސްކަންދޭ ތަން ފެންނަނީ ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް ކޮންމެވެސް އަވައްޓެރި ގައުމަކަށެވެ.ވިޔާފާރީގެ މުޢާމަލާތެއް އެ ގައުމަކާ އެކު ހިންގިޔަސް އެއްބަސްވަނީ، އެގުރިމެންޓު ހަދަނީ، އެވެރީންނަށް ފައިދާވާ ގޮތަށެވެ.

މިއަދު ރާއްޖޭގެ ވެރިކަމުގައި އޮތީ ކޮންޒަވެޓިވް ފިކުރުގެ ޕާޓީއެކެވެ. މި ފިކުރުގެ ސަރުކާރުން، އެ ބުނާ ގައުމެއް "ފުރަތަމަ"އޭ ވިދާޅެއް ނުވެއެވެ. ވިދާޅުވަނީ "އެންމެ ފުރަތަމަ ޤައުމު"ކަމަށެވެ. އަދި ދިވެހި ގައުމުގެ އިސްތިޤުލާލާއި ސިޔާދަތަށް އިޙުތިރާމްކުރާ ކޮންމެ ގައުމަކާ ގުޅިގެން، ދިވެހި ގައުމުގެ ލާބައާއި މަންފާއަށް ޓަކައި މަސައްކަތްކުރުމެވެ. މި ގޮތުން ލަންކާއެއް، އިންޑިއާއެއް، ޕާސްތާނެއް، މެލޭޝިއާއެއް، ސިންގޕޫރެއް، ޗައިނާއެއް، އަދި އެހެން ގައުމެއް ވިޔަސް އިސްތިސްނާކުރުމެއް ނެތި، ދިވެހި ގައުއުމުގެ ފައިދާއަށް ޓަކައި މަސައްކަތްކުރެއްވުމަކީ މިއަދުގެ ސަރުކާރުގެ ސިޔާސަތަކަށް ހައްދަވައިފިއެވެ.

ޗައިނާއަކީ ފަންނިއްޔާތާއި އިގުތިސާދާއި އަސްކަރީ ގޮތުން ވެސް ކުރިއަރައިފައިވާ އަދި އެހެން ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލަށް ނުހަނު އިހުތިރާމްކުރުމާ އެކު، ފަގީރު ގައުމުތައް މުއްސަނދިކޮށްގެން އުފައްދާ ވިޔަފާރީގެ ގުޅުމުން ނަފާ ހޯދާން މަސައްކަތްކުރާ ގައުމެކެވެ. އެހެންކަމުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ޗައިނާއާ ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރައްވާން ވަނީ ނިންމަވައިފައެވެ. ދިވެހީންގެ ސިޔާދަތަށް އިޙުތިރާމްކޮށް ދިވެހީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ މި ގައުމަށް އެހީވެދޭ ކޮންމެ ގައުމެއްގެ އެހީ މިއަދުގެ ސަރުކާރުން ބަލައިގަންނާނެއެވެ. ނަމަވެސް އަމިއްލަ ފައިދާއަށް ޓަކައި، މި ރާއްޖޭގެ ކޮންމެ ކަމަކަށް ނުފޫޒު ފޯރުވައި މި ރާއްޖެއަކީ ވަކި ގައުމެއްގެ ގޮނޑިކޮއްކޮއަކަށް ހަދާން އުޅު މީހުންނާއި އެ ފަދަ ގައުމުތަކަށް މިއީ ބަލައިގަންނާން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މިއަދުގެ ސަރުކާރަކީ ޗައިނާއަށް އިސްކަންދޭ (ޕްރޯ-ޗައިނާ) ސަރުކާރެއްގެ ގޮތުގައި އިޝްތިހާރުކޮށް އެ ނަން ހަރުކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި ވަނީ ކެންޕޭނުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދުގެ ސަރުކާރަކީ ޗައިނާއަށް އިސްކަންދޭ (ޕްރޯ ޗައިނާ) ސަރުކާރެއްކަމުގެ ދޮގު ނަން، ބޭރުގެ މީޑިއާތަކުން އާންމުކޮށް ބޭނުންކުރާން ފަށައިފިއެވެ. ޑރ

ޑރ. މުޢިއްޒާއި މރ. ޝީ<br>

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕިއެންސީ)އަށް ރައްޔިތުންގެ މަޖިލީގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބުވި ޚަބަރު، ދުނިޔޭގެ އެންމެ މަޝަހޫރު އެއް މީޑިއާ، ބީބީސީ،އިން އެ ޕާޓީ ވެސް ސިފަކޮށްފައިވަނީ "ޕްރޯ-ޗައިނާ ޕާޓީ"ގެ ގޮތުގައެވެ. އެހެން ބައެއް މީޑިއާގައި ކިޔައިފައިވަނީ "ޕްރޯ-މުއިއްޒުގެ ޕާޓީ"ކަމަށެވެ. މިއީ ވަކި ގައުމަކުން ހުއްޓައިނުލައި ކުރި މީޑިއާ ކެންޕޭނެއްގެ ނޭދެވޭ އަސަރެވެ. ނުބައި ނަތީޖާއެވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި މިއީ އަޅުގަނޑާ ނުބެހޭ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ ތިޔަ ބޭފުޅުން ފަދައިން، ސަރުކާރެކޭ ވެސް އެއް ފަދައިން، އަޅުގަނޑާ ވެސް ބެހޭ ކަމެކެވެ. އެހެނީ ދިވެހި ޤައުމޭ، ދިވެހި ދައުލަތޭ މި ކިޔާ ޖުމުލަ މާނައިގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނޭކަމެވެ. ވީމާ މި ގައުމަށް ލިބޭ ކޮންމެ ރީތި ނަމަކާއި ކާމިޔާބީއެއްގެ ހިއްސާ އަޅުގަނޑަށް އޮންނަ ފަދައިން މި ގައުމަށް ލިބޭ ކޮންމެ ނާކާމިޔާބީއަކާއި ބަދުނާމެއްގެ ހިއްސާ ވެސް އަޅުގަނޑަށް ލިބޭނެއެވެ. އެ މީހަކު ނިސްބަތްވާ ގައުމު ޝަރަފުވެރި ނުވާހައި ހިނދަނގު އެ މީހަކު ޝަރަފުވެރިއަކު ކަމުގައި ބެލޭނެ ގޮތެއް ނޯންނާނެއެވެ. ދިވެހި ގައުމަށް ލިބޭ ކޮންމެ އަރުތައަކާއި ކާމިޔާބީއެއްގެ ހިއްސާ އަޅުގަނޑަށް ވެސް އޮންނާނެއެވެ. ދިވެހި ގައުމަށް މަލާމާތާއި ބަދުނާމާއި ގެއްލުން ލިބިއްޖެ ނަމަ، އެ ކަން ވެސް އަޅުގަނޑު ތަޙައްމަލުކުރާން ޖެހޭނެއެވެ. ވީމާ، ވަކި ފަރާތަކަށް ނުޖެހި ތަވާޒުނު ގޮތެއްގައި ހުރިހައި ގައުމަކާ އެކީގައި ރީތިކޮށް މަސައްކަތްކުރުމުގެ ސިޔާސަތު ދިވެހި ގައުމުން ގެންގުޅެނިކޮށް މިއީ، ޗައިނާއަށް އިސްކަންދޭ ގައުމެކޭ ކިޔައިގެން ދިވެހި ގައުމު ބަދުނާމުކުރާ ގައުމުތައް ދެކެ އަޅުގަނޑު ވަރަށް ބޮޑަށް ރުޅި އާދެއެވެ. މިއީ ދިވެހި ގައުމަށް ހެޔޮ އެދޭ އިޚުލާސްތެރި ގައުމުތަކާއި ދިވެހި ގައުމަށް ހެޔޮ ނޭދޭ ގައުމުތައް ދެނެގަނެވޭނެ ކަމެކެވެ.

މި ގައުމުގެ ސިޔާސަތަކީ ވަކި ގައުމަކަށް އިސްކަން ދިނުންކަމަށް ހަދައިގެން ވެރިކަން ހިންގެވި ސަރުކާރުން ވެރިކަން ކުރެއްވި އިރު، ދިވެހިރާއްޖެ ބަދުނާމުކުރާކަށް ޗައިނާއަކުން ނޫޅެއެވެ. "ވަކި ގައުމަކަށް" އިންކަންދޭ ސަރުކާރެއްގެ ގޮތުގައި ލޭބަލުކޮށް ދިވެހިރާއްޖެއަށް މަލާމާތްކުރާކަށް އެ މީހުން ޚިޔާލެއް ވެސް ނުކުޅައެވެ. ނަމަވެސް މިއަދު ދިވެހި ސަރުކާރުން ވަކި ގައުމަކަށް ބަރޯސާ ނުވެ، ވަކި ގައުމަކަށް އިސްކަން ނުދީ، ދިވެހީންނަށް އިސްކަން ދީގެން، ތަވާޒުނު ގޮތެއްގައި ދިވެހި ގައުމުގެ ސިޔާސަތު ބައްޓަންކުރީމާ، އެ ވެރީން ހިތްހަމަނުޖެހިގެން ދިވެހިރާއްޖެ ބަދުނާމުކުރާން މަސައްކަތްކުރީއެވެ. ދިވެހިރާއްޖެއަކީ، މިއަދުގެ ސަރުކާރަކީ، ޗައިނާއަށް ނުވަތަ އިންޑިއާއަށް ނުވަތަ އެ ނޫން އެހެން ގައުމަކަށް ވަކި އިސްކަމެއް ދޭ ގައުމެއް ނޫނެވެ. ދިވެހި ސަރުކާރުގެ މިއަދުގެ ސިޔާސަތަކީ، ހުރިހައި ގައުމަކާއެކު ވެސް މަސައްކަތްކުރުމެވެ. ދިވެހީންނަށް އިސްކަންދިނުމެވެ. ދިވެހި ގައުމަށް އިސްކަންދިނުމެވެ. އެ ގައުމަކީ ދިވެހި އަމިއްލަވަންތަކަމާއި ސިޔާދަތާއި އިސްތިގުލާލަށް އިހުތިރާމްކުރާ ގައުމަކަށް ވާ ނަމައެވެ. އެހެންވީމާ، ބީބީސީއާއި އެހެން މީޑިއާތަކުގައި ދިވެހިރާއްޖެ ބަދުނާމުވާ ގޮތަށް ލިޔާ ވާހަކަތަކަށް ކަމާ ބެހޭ ފަރަތްތަކުން ރައްދުދޭން ޖެހެއެވެ. ދިވެހި ރާއްޖެ ބަދުނާމުކުރާން ކުރެވޭ ކޮންމެ މަސައްކަތަކާ ދެކޮޅަށް އަޅުގަނޑު އަޑު އުފުލާނަމެވެ. އެ ފަދަ ކޮންމެ ބަޔަކާ ގައުމަކަށް އަޅުގަނޑު ނަފުރަތުވެސްކުރަމެވެ. މިއީ އަޅުގަނޑުމެންގެ ފަޚުރުވެރި ޤައުމެވެ. އަޅުގަނޑުމެން ފަޚުރުވެރިވާނީ މި ޤައުމަށް ފަޚުރު ލިބިގެންނެވެ. އަޅުގަނޑުމެން ޝަރަފުވެރިވާނީ ދިވެހިރާއްޖެ ޝަރަފުވެރިވެގެންނެވެ. މިއީ އަޅުގަނޑުމެން އެ ގައުމަކަށް ޓަކައި ފަޚުރުވެރިވާ، ދިވެހީންގެ ރާއްޖެއެވެ. ދިވެހީންގެ ދިވެހިރާއްޖެއެވެ.

______________________________

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް