Advertisement

ގޯސް ކަމެއް ގޯހޭ ބުނާން ކެރޭ ބައެއް ނަމަ، ރަނގަޅު ކަންކަން ރަނގަޅޭ ވެސް ބުނާން ކެރޭން ޖެހޭނެއެވެ.

23 Apr 2024 | 20:38
ޑރ. މުޙަންމަދު ސަޢީދު ޢަލީ ސަޢީދު (ފޮޓޯ: އކބވ ގެ ފޭސްބުކު ޞަފުޙާ)

އަބާ މުޙަންމަދު

މީހުންނަށް އެނގެނީ ހަމައެކަނި ފަނާކުރަނިވި ފާޑުކިޔާށެވެ. ބިނާކުރަނިވި ފާޑުކިޔުމަކީ ގިނަ ބަޔަކު ދަންނަ ކަމެއް ނޫނެވެ. އަދި މީހުންގެ ފަރާތުން ފެންނަ ނޭދެވޭކަމެއް ނުވަތަ ނޭދެވޭކަމެއްހެން ހީވާ ކަމެއް ނަމަ، އެ ވާހަކަ މީސްމީޑިއާގައި ތެދު ނޫން މަޢުލޫމާތާއެކު "އަނބުރާން" ފަށައެވެ. ނަމަވެސް ރަނގަޅު ކަމެއް، ރަނގަޅު ސިފައެއް ޢަމަލެއް ފެނިއްޖެ ނަމަ ގިނަ މީހުން އިޚުތިޔާރުކުރަނީ ހަނު ތިބޭށެވެ.

ފާހަގަކޮށްލާން ޖެހޭ ކަމަކީ ކަމެއް އިސްލާހުކުރުމުގެ ނިޔަތް އޮތް ނަމަ، މީހާއަށް ފާޑު ކިޔުމުގެ ބަދަލުގައި އެ ކަމަށް އެޑުރެސްކުރާން ޖެހެއެވެ. ކަމެއް ގޯސް ނަމަ ގޯސްވީ ކީއްވެގެންކަން ބަޔާންކުރުމާ އެކު، އެ ކަން ރަނގަޅުކުރާނޭ ގޮތް ވެސް ބުނެދޭން ޖެހޭނެއެވެ. "ފަރަގު" ނޫހުން މި ކުރަނީ އެ މަސައްކަތެވެ. ގޯސް ކަމެއް ގޯހޭ ބުނާން ޝައުޤު ހުން ވަރަށް ވުރެ ބޮޑަށް ރަނގަޅު ކަމެއް ރަނގަޅޭ ވެސް ބުނާން އަޅުގަނޑުމެންގެ ހިތްވަރު ހުންނާނެއެވެ. ހަގީގަތް ހާމަކުރުމަކީ އެއީއެވެ.

މި ވާހަކަ މިއަދު އަޅުގަނޑުމެން ދައްކާ އިރު، މިއަދުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކީ ދިވެހީންގެ ފަޚުރެކޭ ދަންނަވާން ކެރޭން އެބަ ޖެހެއެވެ. މި ހެން މި ދެންނެވީ އެ މަނިކުފާނުގެ ސަބަބުން ދިވެހި ޤައުމަށް ލިބޭ ރީތި ނަމުގެ ސަބަބުންނެވެ. އެ މަނިކުފާނަކީ އިސްލާމީ އުންމަތުގެ އެންމެ ނުފޫޒު ގަދަ 500 ޢިލްމުވެރީންގެ ތެރޭގައި އެއް އަހަރަށް ވުރެ ގިނަ އަހަރު، ހިމެނިވަޑައިގެންފައިވާ ޢިލްމުވެރިއެކެވެ. ދީނީ ރޮނގުން އެންމެ މަތީ ފާސްކަމުގައިވާ ޕީއެޗްޑީ ޙާޞިލުކުރައްވައިގެން ހުންނެވި ހިންގުންތެރި ވަޒީރެކެވެ. َޤުރުއާން ހިތްޕުޅުން ދަސް މުޤުރީއެކެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ، ޙާފިޡެކެވެ. ރީތިކޮށް ޤުރުއާން ކިޔަވައިވިދާޅުވާ ޤާރީއެކެވެ. ނަމަވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ އޮތް ބަޔަކު އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، އެ މަނިކުފާނުގެ ވަޒީރުކަމަށް ރުހުން ނުދީ، ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުން ރައްދުކުރިއެވެ. ޤާނޫނުގައިވާ ރުހުން ނުދީ ރައްދުކުރީ އެއްވެސް އަސާސެއް ނެތި، ޖެއްސުންކުރުމުގެ ގޮތުންކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެ ކަން މި ދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ދިވެހީން ސާބިތުކޮށްދީފިއެވެ. އެ މަނިކުފާނަށް ނޫނެކޭ ވިދާޅުވި މެންބަރުންނަށް ރައްޔިތުން ވެސް ނޫނެކޭ ދެންނެވީ އެހެންވެގެންނެވެ. އެހެނީ ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަކީ އެންމެ ޤާބިލު އެއް ވަޒީރުކަން ކުރީން ވެސް އެ މަނިކުފާނު ވަނީ ކެބިނެޓުގައި ސާބިތުކޮށްދެއްވައިފައެވެ.

ޑރ. މުޙަމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އިސްލާމީ ގައުމުތަކުގެ ޖަމުޢިއްޔާގެ އަމީންޢާންމުކަމުގެ ދައުރެއް ފުރިހަމަކުރައްވައިފައެވެ. ދާދި ފަހުން އެ މަނިކުފާނު ވަނީ ރާބިޠަތުލްޢާލަމުލްއިސްލާމިއްޔާ (މުސްލިމު ވޯލްޑް ލީގު)ގެ އެންމެ މަތީ ކައުންސިލްގެ މެންބަރަކަށް ޢައްޔަންކޮށްފައެވެ. މިހާރު އެ މަނިކުފާނު ހުންނެވީ މިއަދު ބޭއްވުނު އެ ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި، ސައުދީ ޢަރަބިއްޔާއަށް ވަޑައިގެން އެ ގައުމުގެ ވެރިރަށް ރިޔާޟްގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އެ މަނިކުފާނު ފުރައިވަޑައިގަތީ އިއްޔެއެވެ.

މި ހުރިހައި ކަންކަމަކީ އެ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް ރީތި ނަމާއި ޝަރަފު ލިބުނު ކަންކަމެވެ. އެހެންކަމުން ދިވެހި ޤައުމަށް ޑރ. މުޙަންމަދު ޝާހީމް ޢަލީ ސަޢީދު ހޯއްދަވައިދެއްވި އަދި ހޯއްދަވައިދެއްވަމުން ގެންދަވާ ރީތި ނަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ. ދިވެހި ރައްޔިތުންގެ ހެޔޮ އެދުމާއި ހެޔޮ ދުޢާ ވަނީ އެ މަނިކުފާނާއެކުގައެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ އެހެން ބައެެއް ނޫސްތަކަށް ވެސް ކުރީން ލިޔެފައިވާ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
މަރީ
ބަރާބަރު ތެދެއް
24 Apr 2024
خالد أحمد
ފަނާ ކުރުމާއި ޙަސަދަ ވެރިކަން އިސްކޮށްގެން އުޅޭބައެއްގެ ކިބައިން، ބިނާކުރުމާއި އިޙްސާންތެރިކަން ފެންނާނީ ކިހިނެއްތޯ؟
28 Apr 2024