Advertisement

ޝައިތާނާއަށް ނަފުސު ވިއްކައިލުން

23 Apr 2024 | 07:49
ޝައިތޯނުންގެ ކިބައިން ވާތްގަށް އެދުމަކީ މަުފުރެދުމެވެ.

އިސްމާޢީލް މުބާރަކް

"އަ ޑީލް ވިތު ދަ ޑެވިލް" ނުވަތަ ޝައިތާނާއަށް ނަފުސު ވިއްކައިލުމަކީ މެދު ޒަމާނުގެ ވިލާތުގައި ހިނގި ވާހަކަތަކުގެ ތެރެއިން އެންމެ އާންމު ތާރީޚީ އެއް ވާހަކައެކެވެ. މި ބާވަތުގެ ވާހަކަތަކުގެ ތެރެއިންގެ އެންމެ އާންމު މިސާލަކީ ލިއުންތެރީންކަމަށްވާ ޖޯހަން ފައުސްޓާއި މެފިސްޓޯފިލިސްގެ "ބާޖެއިން" ވާހަކައެވެ. ނަމަވެސް، ތާރީޚީ އެހެން ގިނަ ވާހަކަތަކުން ވެސް މި ވާހަކަ ފެނެއެވެ. އެހެންކަމުން ލޮބުވެތި ކިޔުންތެރީން، "ޝައިޠާނީ ކޮންޓްރެކްޓް"ގެ ތަފުސީލުތަކަށް ފުންކޮށް ވިސްނައިލުމަށް ދައުވަތުއަރުވަމެވެ.

ކްރިސްޓިއަން އަދި ޔަހޫދީ ސިއްރުވެރީން ސިފަކުރާ ގޮތުގައި އިބިލީހާ އެކު ކުރެވޭ މުއާމަލާތަކީ ސިހުރުވެރިކަމުގެ ގޮތުގައި، އެ މީހަކާއި އިބިލީހާއި، ޖިންނީން ނުވަތަ އެތައް ޖިންނިތަކަކާ ދެމެދު ވެވޭ މުޢާހަދާއަކުން ފެށޭ ކަމެކެވެ. މި މުޢާހަދާއަށް ފަހު، މީހުން އެ މީހުންގެ ނަފުސު (ފުރާނަ)، އަނދިރި ބާރުތަކަށް ހުށަހަޅައެވެ.

ފުރަތަމަ ބައި

ޒުވާންކަމާއި، ޢިލްމާއި، މުއްސަނދިކަމާއި، ބާރުވެރިކަން ހޯދުމަށް ޓަކައި، އެ ކަންކަމުގެ ބަދަލެއްގެ ގޮތުން، ކުޑަ އަގެއްގައި މީހުން، އެ މީހުންގެ ފުރާނަ އިބިލީހަށް ވިއްކައިލައެވެ. ފާހަގަކޮށްލާންޖެހޭ ކަމަކީ ކީރިތި  ޤުރުއާނުގެ ބަގަރާ ސޫރަތުގެ 14 ،15، 16، މި އާޔަތްތަކުގައި މާތް ﷲ  އެ ޚަބަރުތައް އަންގަވައިފައިވާ ކަމެވެ.

ރުޤްޔާ ކުރުމުގައި ބަގަރާ ސޫރަތް ޚާއްސަވެގެންވެއެވެ. ރުޤްޔާ އަކީ އިނގިރޭސި ބަހުން މި ކިޔާ ވައިޓް މެޖިކް (White Magic)އެވެ. ﷲ ނޫން ފަރާތްތަކުން ވާތްގާއި މަދަދު އެދިގެން ހަދާ ކޮންމެ ފަންޑިތައަކީ ބުލެކް މެޖިކް (Black Magic)އެވެ. އެއާ ކައިރި ނުވުމަށް ލޮބުވެތި ކިއުންތެރީންނަށް ނަޞޭޙަތްތެރިވެ ވަސިއްޔަތްކުރަމެވެ.

އަނދިރި ބާރުތަކުގެ ޢާލަމު، އަޅުގަނޑުމެންނަށް ﷲ ޙިޖާބުކުރައްވައިފައި ވަނީ ސަބަބުތަކެއް ހުރެގެންނެވެ. އެ ޢާލަމު އަމިއްލަ އަތުން ކަޝްފުކުރުމަށް ފަހު، އަދި އެ ޢާލަމަށް ތިމާގެ ނަފުސު ހުޅުވައިލުމަށް ފަހު، ތިމާގެ އަނބިދަރީންނާއި  ތިމާ  އެ ހުށަހެޅިދަނީ ދުވަހަކު ވެސް ތިމާއަށް ފެނިފައިނުވާ އަދި ގޮތް ނޭނގޭ ރޫޙާނީ މަޚުލޫޤުންތަކެއްގެ ތެރެއަށެވެ. އެ މީހުންގެ އަޚުލާޤެއް، ސިފައެއް، ޤާނޫނެއް، ގަބޫލުކުރާ އުސޫލެއް، މިއިން އެއްވެސް އެއްޗެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ .

ޖިންނީންގެ ޢާލަމު ގަބޫލުނުކުރާ މީހާ ޤުރުއާނަށް ކާފިރުވާ މީހެއްކަމުގައި ވާނެއެވެ.  "ޖިންނި" ނަމަކަށް ކިޔާ ސޫރަތެއް ކީރިތި ޤުރުއާނުގައި ވެއެވެ. އަދި ކީރިތި ޤުރުއާނުގެ الرحمن ސޫރަތުގައި މާތް ﷲ މުޚާތަބުކުރައްވައިފައި ވަނީ ޖިންނީންނާއި އިންސީންނާ ދެ ބައި މީހުންނަށެވެ.

ކޮންމެއަކަސް بقرة ސޫރަތުގެ 14 ވަނަ އާޔަތުގައި "واذا لقوا الذين آمنوا قالوا أنا معكم" ("އީމާންވެގެންވާ މީހުންނާ ބައްދަލު ވާ ހިނދު އެމީހުން ބުނެތެވެ. ތިމަންމެން މި ތިބީ ތިޔަބައިމީހުންނާއިއެކުގައެވެ.")  މިހެން މި އާޔަތުގައި މާތް ﷲ  ވަޙީކުރެއްވުމަށްފަހު

ދެން ހަމަ އެ އާޔަތުގައި އަންނަ ފަހުބައިގާ ކުރީން  ދެންނެފައިވާ "لقوا"  މިގޮތަށް (واذا لقوا شياطينهم) މިހެން ވަޙީކުރެއްވުމުގެ ބަދަލުގައި "خلو" މި ގޮތަށް  (واذا  خلو الي شياطينهم) (އެ މީހުންގެ ޝައިތޯނުންނާ އެއްތަންވާ ހިނދު) މިހެން ވަޙީކުރައްވައިފައި އޮތީ ސަބަބެއް ނެތިއެއް ނޫނެވެ.

ރޫޙާނީ ބާރު ހޯދާން މީހުންނާ އެކަހެރިވެ ވަކިތަނެއްގައި އިންނަ އިނުމަށް ފަންޑިތަވެރީން ކިއަނީ ޚިލްވަތު (خلوة)ގައި އިނުމެވެ. އެހެން އިނދެ، އެ ގޮވާ ގޮވެލިތަކާއި ކުރާ ކަންކަމުން އެ ތަނުން ޝައިތޯނާ  ފާޅުވަނީއެވެ. واذا خلوا الي شياطينهم މިހެން ވަޙީކުރައްވައިފައި އޮތީ އެހެންވެގެންނެވެ. މާތް ﷲ އިންސާނާއާ އެ ވެރީންނާ ދެމެދުގައި ލައްވައިފައިވާ ޙިޖާބުގެ ފަރުދާ ކުދިކުދިވެ، ފުނޑުފުނޑުވެގެން ދަނީއެވެ. 

ބައެއް ވައްތަރުގެ މަސްތުވާ އެއްޗިހި ބޭނުން ކުރުމުން ވެސް މިހެން ވާކަމަށް  ރޫޙާނީ އިލްމުގެ މާހިރުން މިހާރު އެބަ ބުނެއެވެ. އެ ވައްތަރުގެ މަސްތުވާ ތަކެއްޗަށް  އިނގިރޭސި ބަހުން DMT  ނުވަތަ   psychedelic drug  (ސައިކޭޑެލިކް ޑްރަގް) މިހެން ކިޔައެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގައި ހެދޭ ގަހެއްގެ ލަކުޑީން ދިޔަފެލައިގެން އެ ކައްކައިގެން ތައްޔާރުކުރާ ބަނގުރަލެއް މީގެ ތެރޭގައި ހިމެނެއެވެ . އެއަށް Ayahusca އޭ  އެ ވެރީން ކިޔައެވެ.

"إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ"

ރަލާއި ޖުވާ ކުޅުމާއި  ބުދުގެ ކައިރީގައި ރަނގަބީލުތަކާއި ބެރުޖަހައިފައި އެ ގަންނަގަނޑުތަކާއި  ނަސީބު ބަލާން ދުނިއުކުމާއި މި ކަންކަމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ޝައިތޯނާ، އިންސާނުންނަށް ދަސްކޮށްދީފައިވާ ބާތިލު ކަންކަމެވެ. އެއްވެސް ޢިލްމެއް،  އަސާސެއް ނެތް ކަންކަމެވެ. އެކަންކަމުން ދުރުވާން ﷲ އަންގަވައިފައި އޮތީ އެހެންވެގެންނެވެ.

ކޮންމެއަކަސް އަޅުގަނޑުމެންގެ މައުޟޫޢަކީ އިބިލީއެކު ކުރެވޭ މުއާހަދާއަކާ އެކު ނަފުސު ވިއްކުމެވެ.  އެހެންކަމުން ސައިކޭޑެލިކް ޑްރަގާ ދިމާއަށް  ނުގޮސް، އަސްލު މައުޟޫޢަށް އެނބުރި ދާން ޖެހެއެވެ .

އާދޭހެވެ!  މި ބާވަތުގެ ކަންކަމުގެ ތެރޭން ލޯބީގެ ކަންކަން ޙާޞިލްކުރާން ބިންމަތީގައި خاتم سليمان ނުވަތަ  ފަސް ކަން ލީ ތަރިއެއް، ވަކިގޮތަކަށް ކުރަހައިގެން އޭގެ މެދުގައި އިށީނދެ އިނދެ، ފަސް އުއްބައްތި ރޯކޮށް ވަކި ބާވަތްތަކަކުން ދުން އަޅައި، ޚިލްވަތުގައި ވަކި މުއްދަތަކަށް އިނދެ ޝައިތޯނާ ފާޅުވަންދެން މިކަން ކުރެއެވެ.

ޝައިތޯނާ ފާޅުވުމުން ހަދާން ޖެހޭ ގޮތަކީ އަތުގެ ޝަހާދަތް އިނގިލީން ލޭދައްކައި ފިނިފެންމަލަކަށް  އޮހޮރައިލައި ވެރިއެއްގެ ގޮތުގައި އިބިލީސް ބަލައިގަންނަކަމަށް އިގުރާރުވެ އެއްބަސްވުމެވެ. މި ގޮތުން "މުޢާހަދާގައި ސޮއިކުރުމެވެ." ބުނެވޭގޮތުގައި ޝައިތޯނާ ފާޅުވުމުން ފާޅުވީކަމުގެ ނިޝާނެއްކަމަށް ވަނީ  އިދިފުށަށް މީހާ ދަމައިގަންނަ ގޮތްވުމެވެ.  އަދި ހީބިހި ނެގުމާ އެކު، މުޅި ގަޔަށް ބާރުގަނޑެއް އަރައި، މީހާ ތުރުތުރުއަޅައިގަތުމެވެ.

ބޮޑެތި ކަންކަމަށް ބޮޑެތި އެއްޗިހި ޝައިތޯނާޔަށް ޤުރުބާންކުރާން ޖެހެއެވެ. އަދި އެ ޤުރުބާނީއަށް ފަހު، ވެރިއެއްގެ ގޮތުގައި އިބިލީސް ބަލައިގަނެ އެ ކަމަށް އިޤްރާރުވެ، އެއްބަސްވާން ޖެހެއެވެ .

ޝައިތޯނާޔަށް އެންމެ ކަމުދާ ޤުރުބާނީއަކަށް ވަނީ  ވިހާން ތައްޔާރުވެފައި ތިބޭ ބަނޑު ބޮޑު އަންހެނުން  ކުޑަދަރިފުޅާ އެކު، ކަތިލާފައި ލޭދެއްކުމުންނެވެ. ރާއްޖޭން ބޭރު ބައެއް ގައުމުތަކުގައި ސިޔާސީ ކަންކަން ކާމިޔާބުކުރުމަށް ޓަކައި، މި ކަން ކުރާ ކަމަށްވެއެވެ. މި ފަދަ ކަންކަމަކީ ވަރަށް ސިއްރިއްޔާތުގައި އަޅުކަމުގެ ގޮތުގައި ކުރާ ކަންކަމެވެ. މި ކަމުގައި ޝިކާރައަކަށްވާ މީހުން ގިނަ ފަހަރަށް ކަތިލަނީ އެ އަޅުކަމުގެ ތެރޭން ބޯންދޭ އެއްޗަކުން ވާނުވާ ނޭނގި ހޭވެރިކަން ދުއްވައިލުމަށް ފަހުގައެވެ.

ލޮބުވެތި ކިޔުންތެރީން ތާރީޚުގެ ތެރެއިން މަޝްހޫރު ބޮޑުހުޅުގެ ތާރީޚު ވިދާޅުވެފައިވާ ނަމަ، ސިޔާސީ ބޭނުމަށް ޓަކައި، މާލޭގެ އޭރުގެ ސިޔާސީ ބޭފުޅުންތަކެއް، ގަނޑުވަރުތެރޭ އުޅުނު އަންހެނަކު ކަތިލައި، ޤުރުބާންކޮށްގެން ފުށްގަނޑެއް މޮޑެގެން ހެދި ފަންޑިތައެއްގެ ވާހަކަ އެނގިވަޑައިގަންނަވާނެއެވެ.  އެ ވާހަކައިގައި އެ ވަނީ އެ ޙާދިސާ ހިނގި ގޮތެވެ.   އެ ފަންޑިތަ ހެދި މީހުން އެ ފަންޑިތަ ބުނެއެއް ނުދެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުން އެކަން ކުރި އެންމެންނަކީ ޝައިތާނާޔާ އެކު މުޢާހަދާގައި ސޮއިކޮށްގެން ތިބި މީހުންނެވެ.

ހަމަ މިބާވަތުގެ ވާހަކަތަކުގެ ތެރެއިން މި ދެންނެވި ބީދައިން ހުވަދު އަތޮޅުގެ އަތޮޅުވެރިކަން ހުވަދުއަތޮޅުގެ މީހުންނަށް ހޯދުމަށް ޓަކައި، މުޙައްމަދު އަމީން ދައުރުގައި،  ޙަކީމްދީދީ ކިޔާ ސިޙުރުވެރިއަކު  ހެދި ފަންޑިތަތައް ފާހަގަ ކޮށްލެވެއެވެ.  އޭރު އޮންނަ ގޮތަކީ އަތޮޅުވެރީން އަތޮޅުތަކަށް ފޮނުވަނީ މާލޭންނެވެ.

އެ ވާހަކަ ތުންތުންމަތީން ރިވާވެގެން އައި ގޮތުގައި ނުވަތަ ބުނެވޭ ގޮތުގައި ޙަކީމްދީދީ ފުރަތަމަ ހެދި ފަންޑިތައަކީ ރަން ފަށުވި ރޮއްޖެއްގައި ރަން ބުޅިއެއް ލައިފައި ބޭނި ހިކައެއް ސައިކުރައަކަށް ލައިގެން އުނދުން މަތީ ބަހައްޓައިގެން އެ ކިއެވި އެއްޗެއް ކިޔެވުމަށް ފަހު، އެ ކެއްކި ސައިން އޭރު މާލޭން އައިސް ހުރި އަތޮޅުވެރިޔާއަށް ސައިފޮދުހިއްޕަވާން އެރުވީއެވެ.

އެ ސައިތަށި ހިއްޕެވުމަށް ފަހު  އެހެން އެއްވެސް ބަހެއް ވިދާޅުނުވެ، އަވަހާރަވަންދެން ވެސް އެ އަތޮޅުވެރިޔާ ވިދާޅުވިކަމަށްވަނީ ފެންދޭށެވެ. އެހެންކަމުން  ރުނބައެއްގެ ފެން އޮޑިއަކަށް ލައިގެން މާލެ އަންނާން ދަތުރުކުރަމުން ދަނިކޮށް އެއަށް ފަހު ތިން ދުވަސް ވެސް ނުވަނީސް އަތޮޅުވެރިޔާ އަވަހާރަވީކަމަށް ވެއެވެ.

ދެން ވެސް ކަން ވީ ގޮތެއްކަމަށް ވަނީ ހުވަދު އަތޮޅުން އަތޮޅުވެރިއަކު ހަމަޖެއްސެވުމުގެ ބަދަލުގައި އޭރު ހުންނެވި ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އަނެއްކާ ވެސް މާލޭން އަތޮޅުވެރިއަކު ފޮނުއްވީއެވެ.   މުޙަންމަދު އަމީން އަވަހާރަކޮށްލާން ހެދި ބޮޑު ސިޙުރު ހެދީ އެ ހިސާބުން ކަމަށްވެއެވެ.

ރިވާތަކުން ބުނާ ގޮތުން، އެ ކަމަށް ހޯދާން ޖެހުނީ މޫނުގައި އެއްވެސް ލަކެއް އަދި ޢައިބެއް ވެސް ނެތް  ބާލިޣުނުވާ ޞާލިޙު ކުޑަ ފިރިހެން ކުއްޖެކެވެ.  ބުނެވޭ ގޮތުގައި އެ ކުއްޖާ ވަރަށް މަސައްކަތުން މުޅި އަތޮޅު އަތްފުނާއަޅައިގެން އެވެރީން ހޯދިއެވެ. އަދި ރިވާތަކުން ބުނާ ގޮތުން ޙަކީމްދީދީ އެއްޗެއް ކިޔަވައިފައި އެ ކުއްޖާ ބޮލުގައި ފިރުމައިލުމުން ތިން ދުވަސް ނުވަނީސް އެ ކުއްޖާ ނިޔާވި ކަމަށްވެއެވެ. އެހެންނަމަވެސް  އަޅުގަނޑު އެ ރިވާއާ އެއްބަހެއް ނުވަމުއެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ދިރިހުއްޓައި އެ ކުއްޖާ ގެންގޮސް، އަފިހުން ކަހަލަ އެއްޗެއް އޮޑިހަނެއްގައި ގާނައިފައި ކިރުސަޔަށް އަޅައި ބޯންދީފައި އެ ކުއްޖާ ބުރާންތިވެ، އަމަލުވުމުން ގެންގޮސް خلوةގައި  ޝައިތޯނާޔަށް އަޅުކަންކުރާން ހަދައިފައި ހުރި ކުޑަ ހަރުގެއެއް ކަހަލަ ތަނަކަށް ވައްދައި ޤުރުބާންކޮށް  ބޯ ބުރިކޮށްލުމަށް ފަހު، ވަޅުލީއެވެ.  ދެން  ފުއްގަނޑަކުން ބުދެއް ހަދައިގެން އެކޮޅުކޮޅުން ތިބެ ކެއުމާއި، ދެން ވެސް މިވެރީން ކުރިކަމަށް ބުނާ މި ފަދަ ކަންކަމަކީ އަސްލު އޮޅުވައިލާން ކުޅުނު ޗަރުކޭހެކެވެ.

ކޮންމެއަކަސް އިސްވެ ދިޔައީ ރާއްޖޭގައި ޝައިތޯނާޔަށް އަޅުކަންކޮށް މުއާހަދާތަކުގައި ސޮއިކޮށް ހެދިކަމުގެ ސަގާފަތެއް އޮތްކަމުގެ ތާރީޚީ ހެކިތަކެވެ. މި ވާހަކަތައް ދިވެހި ތާރީޚުގައި ކަޅާއި ހުދުން އެ ހުރީ ލިޔެވިފައެވެ.  ޙަކީމް ދީދީއާއި އޭނާގެ އައުވާނުން މާލެ ގެނެސް ހުޅުލޭގައި ކަނުބަނދެފައި ބައިތިއްބައިގެން ބަޑިޖަހައި މެރިކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ.  ޙަކީމްދީދީ މަރުވިޔަސް އޭނާ ޝާއިތޯނާގެ ކިބައިން އެދުނު އެދުން  ކޮންމެ ގޮތަކުން ނަމަވެސް މި ވަނީ ފުދިފައެވެ.

އޭނާ މަރުވީ އޭނާގެ ފުރާނައަކީ ޝައިތޯނާއަށް ވިއްކައިފައިވާ އެއްޗަކަށްވާތީއެވެ. މުޢާހަދާގައި ސޮއިކޮށްފައިވާ ގޮތަށް އެ ކަން ހިނގީއެވެ.

މިއަދު އަތޮޅުވެރިކަން ވެސް މުޅި ރާއްޖޭން ވެސް ވަނީ ނެތި ގޮސްފައެވެ. މިއަދު މި އޮތީ ކައުންސިލްތަކެވެ. ކައުންސިލްތަކުގެ ބާރު, ވަނީ އެ އަތޮޅެއްގެ މީހުންގެ އަތަށް ލިބިފައެވެ. މިހާރު ހުވަދުއަތޮޅަކީ، އަތޮޅުވެރިކަންކުރި ތިނަދޫއަކީ، އިދާރީ ގޮތުން މާލޭން ބާރުތައް ވަކިވެފައިވާ ވަކި ސިޓީއެކެވެ. ޙަކީމްދީދީގެ ހުވަފެން ޙަޤީގަތަކަށް މި ވަނީ ވެފައެވެ. މިނިތެޔޮ ހާނައިގެން ފުއްގަނޑު މޮޑެގެން ކެއީކަމަށް އަޑުއެރުވީމާ އިންސާނުން ޝައިތޯނާޔަށް ޤުރުބާންކުރިކަމުގެ އެއްވެސް ހެތްކެއް ނެތެވެ.  ހުރިހާ ސަމާލުކަމެއް ގޮސް ހުއްޓުނީ މިނިތެލާއި ފުށްގަނޑަށެވެ. އަސްލަކީ މިއީ ވެސް މުއާހަދާއެއްގައި ސޮއިކޮށްގެން ޝައިތޯނާޔާއެކު ހެދި ޑީލެކެވެ. ކުރި ވިޔަފާރިއެކެވެ.

ދެން އަޅުގަނޑުމެން ޔޫރަޕަށް އެނބުރިލަމާތޯއެވެ!

ދެން މި އޮތީ ކްރިސްޓިއަން ދީނުގެ މަގުފުރެދިފައިވާ މަޒުހަބުތައްކަމަށްވާ ކެތޮލިކް މަޒުހަބާއި  ޕްރޮޓެސްޓެންޓް މަޒުހަބާ މި ފަދަ މަޒުހަބުތަކާއި ވަރަށް ގާތުން ގުޅިފައިވާ ވާހަކައެކެވެ. އެހެން މި ދަންނަވާން ޖެހުނީ (މާތް ﷲގެ ޙަޟުރަތުން ޢިސާގެފާނު ގެނެސްދެއްވި ރިސާލަތު، އަކުރުން އަކުރަށް، ބަރާބަރަށް، ގަބޫލުކޮށްގެން އުޅުނު) ނަޞާރާ ދީނުގެ އެންމެންނަކީ މަގުފުރެދި ކާފަރުވެފައިވާ ބަޔެކޭ ދަންނަވާން އަޅުގަނޑަށް ނުކުރޭތީއެވެ.

އެއިގެތެރެއިން ބަޔަކު ރެއާދުވައިލު ﷲ ޒިކުރުކޮށް ކަރުނަ އަޅާ ކަމަށް ކީރިތި ޤުރުއާނުގައި އޮތް އާޔަތެއް  އަޅުގަނޑަށް ފެނިފައިވެއެވެ.  ލޮބުވެތި ކިޔުންތެރީން ގަބޫލުކުރައްވާ ގޮތަކަށް ގަބޫލުކުރަށްވާށެވެ!  މީހުންގެ ކާފަރުކަމާއި ފާސިޤްކަން އަދި އީމާންކަމާއި ތަޤުވާވެރިކަމާ މެދު ގޮތެއް ނީންމާން އަޅުގަނޑަކީ ކާކުތޯއެވެ!  ޙިސާބު ބެއްލެވުން މާތް ﷲ އަށް އަޅުގަނޑު ވަކީލުކުރަމެވެ.

އެހެންކަމުން މި ރާއްޖޭގައި ޙަކީމްދީދީ މެން އުފެދުނު ފަދައިން ކްރިސްޓިއަނުން ތެރޭގައި އެލެސްޓަރ ކްރޯލީ ކަހަލަ ސިހުރުވެރީން އުފެދިފައިވެއެވެ.

މެދު ޒަމާނުގެ މި ބާވަތުގެ ވާހަކަތަކުގެ ތެރޭން، އިނގިރޭސިވިލާތުގައި ފައްޅި އަޅާން ޙަވާލުވި ފަރާތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމުމުން، ޖިންނީންގެ ތެރޭން ޝައިޠާނީ މާރިދުންގެ ބަޔަކާ އެއްބަސްވުމެއް ހެދިއެވެ. އެ މާރިދުންތައް އެއް ރެއެއްގެ ތެރޭގައި އެފައްޅި ބިނާކޮށް ފުރިހަމަ ކުރިކަމަށްވެއެވެ.  އަދިވެސް މި ބާވަތުގެ ވާހަކަތަކުގެ ތެރޭން އިންސާނުން ޝައިޠާނާއާ އެކު ހެދި މުޢާޙަދާއެއްގެ އެއް މިސާލަކީ "ކޮޑެކްސް ގިގާސް"އޭ ކިޔުނު ބޮޑު މާސިންގާ ފޮތެވެ.

މި ބިޔަ ފޮތުގައި ޝައިޠާނާގެ ފުރިހަމަ ތަސްވީރެއް ކުރަހައިފައިވާ ސަފުޙާއެއް ވެއެވެ. ޒަމާނުއްސުރެ މި ފޮތް މަޝްހޫރުވެފައިވަނީ "ޝައިޠާނާގެ ބައިބަލް"ގެ ގޮތުގައެވެ. މި ފޮތުގެ ހުރިހައި މަސައްކަތެއް އިންސާނަކު ކޮށްފިއްޔާ މި މަސައްކަތަށް  20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށްވެއެވެ.

.މި ފޮތުގައި 310 ޕާޗްމަންޓް ޝީޓް ހިމެނޭއިރު، ލިޔުން ލިޔެފައިވަނީ 106 ސަފުހާގެ ދެ ކޮލަމެއްގައެވެ. މި ފޮތުގެ ބޯމިނަކީ 22 ސެންޓިމީޓަރުކަމަށާއި، ފޮތުގެ ބަރުދަނަކީ 75 ކިލޯ ކަމަށް ވެސް ވެއެވެ. މިއީ ދެ މީހަކު ތަންޑިޔާ ލައިގެން މެނުވީ އެއް ތަނުން އަނެއް ތަނަށް ނުއުފެއްލޭވަރުގެ ބޮޑު ފޮތެކެވެ. މިއީ މުޅި ވިލާތުގެ ފޮތުގެ ސަގާފަތުގައި ވެސް ބޮޑުމިނާއި ވޮލިއުމްގެ ގޮތުންނާއި އަދި އަތުން ބަނޑޭރިގަނޑުލައި ހަދައިފައިވާ އަތުން ލިޔެފައިވާ އެންމެ ބޮޑު ފޮތެވެ.

ރޫޙާނީ އިލްމުގެ ގިނަ މީހުން މި ފޮތް ދެކެނީ އިންސާނާއާއި އިބިލީހާ ދެމެދު ކުރެވުނު ސީދާ މުޢާމަލާތެއްގެ ގޮތުގައެވެ. ބުނެވޭ ގޮތުގައި މި ފޮތް ލިޔެފައި ވަނީ އެންމެ ރެއެއްގެ ތެރޭގައި ޖިންނީންނެވެ.

އަދި ވިލާތުގައި މަޝްހޫރު "ދަ ޓްރޭޓައިސް އޮފު ޑެމޮނޮލޮޖީ"އާއި  "ދަ ހެމަރ އޮފު ދަ ވިޗްސް" މި ފަދަ ފޮތްތަކުގައި ޝައިޠާނާއާ އެކު ކުރެވޭނެ މުޢާމަލާތްތަކާއި އެއްބަސްވުންތަކުގެ ވާހަކަތައް ބަޔާންކޮށްފައި ވެއެވެ. މި ފޮތްތަކުގައި ބުނެފައި ވާ ގޮތުން ހުރިހާ  ސިހުރުވެރީން ވެސް ސިޙުރުވެރިއަކަށް ވުމުގެ ކުރީން ކޮންމެވެސް ވައްތަރެއްގެ ޖިންނިއަކާ އެއްބަސްވުމެއް ހަދާން ޖެހެއެވެ.

ފަންޑިތަވެރިކަމުގެ ބާރުލިބެނީ އެއަށްފަހުގައެވެ. ނަމަވެސް ރާއްޖޭގައި ބައެއް މީހުންނަށް މި ކަން ކުރެވެނީ މިއީ ކިހާ ވަރެއްގެ ކަމެއްކަން ވެސް ނުއެނގިއެވެ. ފަންޑިތަ / ސިޙުރުގައި  ގިނަ ފަހަރަށް ތިމާ މި ގޮށްޖެހެނީ  ޝައިޠާނާއެކުކަމެއް  ނުއެނގެއެވެ.

ޢަރަބި ފަންޑިތަ ފޮތްތަކުގެ ތެރޭގައި "تسخير الشياطين" (ޝައިތާނުން ތިމާގެ ބާރުގެ ދަށަށް ގެނައުން) މި ނަމުގައި މިޞްރުގެ السيد عبد المفتاح التوخي ލިޔުއްވައިފައިވާ ފޮތެއް އަޅުގަނޑު ދުށީމެވެ. عبد الفتاح التوخيއަކީ މީލާދީން 1920 ގައި މިޞްރުގެ ޤާހިރާ އަށް އުފަންވެ ވަޑައިގަތް ބޭކަލެކެވެ . ބައިވަރު ފަންޑިތަ ފޮތްތަކާއި دعاءތަކާއި ނަކަތްރާހި އިރުވަރާ ބެހޭ ގޮތުން ބައިވަރު ފޮތްތައް ލިޔުއްވައިފައިވާ ބޭކަލެކެވެ. ކޮންމެއަކަސް އަޅުގަނޑު ދަންނަވާން މި އުޅޭ ވާހަކަ އަކީ އަޅުގަނޑަށް ا السيد عبدالفتاح التوخي އެ ލިޔުއްވި تسخير الشياطين މި ނަމުގެ މާނަޔާ އެއްބަސް ނުވެވޭ ވާހަކައެވެ.

ފަންޑިތަ ފޮތްތަކުގައި  طلسماتގެ ނަމުގައި އަދި އެކިއެކި ޢަޒިމަތަކުގެ ނަމުގައި ލިޔެފައި ހުންނަ އެއްޗިހި މި ކިޔެނީ އަދި ލިޔެވެނީ ކޯއްޗެއްކަން ވެސް އެނގިވަޑައިނުގެން ނުލިޔުއްވާށެވެ. އަދި ވިދާޅުނުވާށެވެ.  ތިމާޔާ ތިމާގެ އަނބިދަރީން މުޅި ޢުމުރަށް  ބިރުވެރިކަމެއްގެ ތެރެއަށްވަދެ ނަފުސާނީ ބަލިތަކާއި   ކެންސަރު ފަދަ ބަލިތައް ޖެހި، ކުއްތާ ފަދަ އެއްޗިހި ދަތްއަޅައި،  މޫދަށް އެރިއުޅުމުގެ ތެރޭގައި ކަޅުވެނާއި މިޔަރު ފަދަ އެއްޗިހި ދަތްއެޅުމާއި މީހާ މޮޔަވެ ވަރަށް ދެރަ ގޮތްތައް މެދުވެރިވެދާނެއެވެ.  އަނދިރި ބާރުތަކުން ދިފާޢުވުމަށް އިންސާނުންނަށް މާތް ﷲ ދެއްވައިފައިވާ ރޫޙާނީ ދިފާޢީ ފާރު ޝައިތޯނާޔާ އެކު މުޢާޙަދާއެއް ކޮށްގެން  އަމިއްލަ އަތުން ފޫދުއްވައިނުލާށެވެ! (ނުނިމޭ)

ލަފެޒެއްގެ މާނަ:

ޑީލު      ނަން      ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

އެޑިޓަރުގެ ނޯޓް
އިސްމާޢީލް މުބާރަކަކީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް އަދި އަދީބެއްކަމުގައިވި އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަޙުއްﷲ)ގެ އަރިހުން ދަރިވަރުވެވަޑައިގެންފައިވާ، އޭނާގެ އުފަން ދަރިކަލެކެވެ. ބައިނަލްއަޤުވާމީ މަސްރަޙާއި އިސްލާމް ދީނަށް ލޯފުޅު ހުޅުވިފައިވާ، އަދި ކަންކަމާ މެދު، ފިކުރުކުރައްވައި މަނޠިޤީ ހަމަތަކުން ވިސްނައިވަޑައިގަންނަވާ ޢިލްމީ ބޭފުޅެކެވެ.

Advertisement

ކޮމެންޓް
ޢާދިލް
ތާރީޚީ މުހންމު މަޢުލޫމާތު ކޮޅެއް. ޝުކުރިއްޔާ މުބާރަކު!
24 Apr 2024