Advertisement

ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި ތަރައްގީކަން ސާބިތުކޮށްދިފި. "މިސްރާބު ހަމަމަގަށް" އެޅުވުމަށް ޓަކައި ސަރުކާރަށް ބޮޑު އަޣުލަބިއްޔަތު ދިނީ އެހެންވެގެން.

22 Apr 2024 | 22:15
"ދިވެހީންގެ ރާއްޖޭގެ މަޖިލީހަށް މަރުހަބާ"ގެ ނަމުގައި މިރޭ 9:00ގައި މާލޭ ހެދި ގޮނޑުދޮށް ސަރަހައްދުގައި ބޭއްވި އެއްވުމުގައި ރައީސް ޑރ. މުޙަންމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ. (ފޮޓޯ: ފަރަގު މީޑިއާ)

އަބާ މުޙަންމަދު

އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީއާއި އެ ބޮޑު ކާމިޔާބީ ފާހަގަކުރާން މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި އެތައް ސަތޭކަ ބަަޔަކާ އެކު މިރޭ ބޭއްވި ބައްދަލުވުން ދައްކައިދިން ހަގަީގަތަކީ، ޑިމޮކްރެސީއަކީ މަގުތައް ހަލަބޮލިކޮށް ހަމަޖެހުން ނަގައިލުންކަމަށް ދައްކާން މާޒީގައި ބަޔަކު ކޮށްފައިވާ މަސައްކަތް މިއަދު ރައްޔިތުން ގަބޫލުނުކުރާކަމެވެ.

ގިނަ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި ގޮނޑި ވެސް ނާތުރައި ރޭ ބޭއްވި ބައްދަލުވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވީ ހިނިތުންވުމާއެކުގައެެވެ. ފަރަގުގެ މުރާސިލުންނަށް އެ ހިސާބަށް ދެވުނު އިރު ކައިރިވެވޭން ވެސް ނެތެވެ. މުޅި ސަރަހައްދު އޮތީ ފުރި ބާރުވެފައެވެ. އެންމެން ތިބީ އުފާވެރިކަމުގެ ހިނިތުންވުކަމާ އެކީގައެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު މިރޭ ބޭއްވި އެއްވުމުގައި ހާޒިރީންނާ މުޚާޠަބުކުރައްވައި ދެއްވި ކުރު ތަޤުރީރުގައި އެދިވަޑައިގަތީ ހުރިހާ ސިޔާސީ ވެރިންނާއި ޕާޓީތަކުން އެކުގައި ގައުމީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ގައުމު، މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ގައުމު. އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާ އެކު އަތުކުރި އޮޅައިލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށް ދާން. އޭގެން އެންމެންނަށް ވެސް ލިބޭނީ" އުފާވެރިކަމެވެ.

"އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ. ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެ އިން ކޮންމެ ރައްޔިތެއް ދެކެ އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު. އެހެންވީމާ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެ ބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުން." ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

ހެދިގޮނޑުދޮށު ސަރަހައްދަށް އެއްވި ތިވި އެތައް ހާސް ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސް ވިދާޅުވީ "ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އެންމެންގެ ވެސް ފަޚުރަކަށް ހަދާން ޖެހޭކަމަށާއި އެންމެން އެކުވެރިކަމާ އެކު ކުރިއަށް ދިއުމުން އެންމެން ވެސް ތިބޭނީ އުފަލުން"ކަމަށެވެ. "އަޅުގަނޑު މި ގޮވައިލަނީ އެންމެން އެކުގައި ކުރިއަށް ދާން ހިނގާށޭ،" ރައީސް ވިދާޅުވި އެވެ.

ހެދިގޮނޑުދޮށު ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ "މިއަދު އާ ކުރަންވީ އަޒުމަކީ މި މުޖުތަމައުގައި ހަގީގީ މާނައިގައި ހަމަޖެހުން ގާއިމުކުރުމުގެ އަޒުމު" ކަމަށާއި "ނުތަނަވަސްކަން އޮތް މާޒީ، މާޒީއަށް ދޫކޮށްލާން ޖެހޭ"ކަމަށެވެ.

ދިވެހީންގެ ރާއްޖެ މަޖިލީހަށް އެއްވުމުގައި ހަވާއަރުވަނީ (ފޮޓޯ: ފަރަގު މީޑީއާ)<br>

މިރޭގެ އެއްވުމުގައި ސާރުކާރުގެ ތާއީދާއެކު މަޖިލީހަށް އިންތިޚާބުވެވަޑައިގަތް ހުރިހާ ބޭފުޅުން އިސްޓޭޖަށް އަރައިމަޑައިގަތުމަށް ނަންފުޅުއިއްވަމުން ގެންދެވި އިރު، ހާޒިރީންގެ ތެރެއިން އެކަކު އުފަލާއެކު ބުނެލި އަޑު އަޅުގަނޑު އެހީމެވެ. "ނިމޭކަށް ވެސް ނެތެވެ." އެއީ ތެދެކެވެ. އިންތިޚާބުގައި ދާއިރާތަކަށް ވަޑައިގަތް ބައެއް ބޭފުޅުންނަށް މި ރޭގެ ބައްދަލުވުމުގައި ބައިވެރިވެވޑައިނުގެންނެވުނު ނަމަވެސް ހުރިހައި ބޭފުޅުންގެ ނަންފުޅުތައް ހީނާ އިއްވިއެވެ.

ހައްދުންމަތީން އެންމެ ބޮޑު ތާއީދަކާއެކު ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު، ޢަބްދުއަރަޙީމް ޢަބްދުﷲ މިއަދު އެ މަނިކުފާނުގެ ދާއިރާގައި އުޅުއްވި ނަމަވެސް މިއަދު ހަވީރުގެ ވަގުތެއްގައި މާލެވަޑައިގެން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

މި ރޭ އުފާ ފާޅުކުރުމަށް ބޭއްވި ބައްދަލުވުން ކުރިއަށް ގެންދެވީ ހަވާއެރުމުގެ ޕްރޮގްރާމަކާ އެކީގައެވެ. ޖަލްސާ ނިންމައިލެއްވީ ޚާއްޞަ ދުޢާއަކާއި ޤައުމީ ސަލާމަށް ފަހުގައެވެ.

ދިވެހީން ނަކީ ސުލްޙައަށް ލޯބިކުރާ ބަޔެކެވެ. އިއްޔެ ބޭއްވި އިންތިޚާބާއި މިރޭ ބޭއްވި ބައްދަލުވުމުން ދިވެހީން އެ ބުނެދިނީ، ރައްޔިތުން ބޭނުންވަނީ އޭރަކު އޮންނަ ސަރުކާރަކާއެކު ސުލްހަވެރިކަމާއެކު ތަރއްގީގެ ރޭހުގައި ކުރިއަށް ދާންކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙާއެކު ވެސް ކުރިއަށް ދާން ރައްޔިތުން ބޭނުންވެގެން މަޖިލީހުގެ އަޣުލަބިއްޔަތު ރައްޔިތުން ދިނެވެ. ނަމަވެސް ރައްޔިތުން އެ ދިން އިތުބާރު އޭރު ސަރުކާރުން ބޭނުންކުރީ ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެންކަމަށް ރައްޔިތުން ގަބޫލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީއަށް ރައްޔިތުން މި ފަހަރު ނޫނެކޭ ބުނީއެވެ. މަޖިލީސް އިންތިޚާބުގައި އެމްޑީޕީއިން ބޭނުންކުރި "މިޞްރާބު ހަމަމަގަށް" މި ޝިޢާރުގައި އެޅުވޭނީ ތަރައްގީއާއި ހަމަޖެހުމަށް ޓަކައި ސަރުކާރުން މަސައްކަތްކުރާހައި ހިނދަކު ސަރުކާރާއެކުގައި ދެމި ތިބެގެންކަމަށް ރައްޔިތުން ގަބޫލުކުރިކަން މި ފަހަރުގެ އިންތިޚާބުން ރައްޔިތުން ސާބިތުޮށްދީފިއެވެ. ގައުމުގެ "މިސްރާބު ހަމަމަގަށް" އަޅުވާން ރައްޔިތުން ބޭނުންވީ ރައީސް ޢަޒުލުކޮށްގެންނެއް ނޫނެވެ. ހަމަނުޖެހުން އުފައްދައިގެނެއް ނޫނެވެ. އެހެންވީމާ ގައުމުގެ "މިޞްރާބު ހަމަމަގަށް" އެޅުވުމަށް ޓަކައި ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނީއެވެ. އެމްޑީޕީއަށް ނޫނެކޭ ބުނީއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން އެހެން ބައެއް ނޫސްތަކަށް ވެސް ލިޔުނު ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް