Advertisement

އިސްލާމީ ޖާސޫސީ މުއައްސަސާ އުފެދި ތަރައްޤީވުން (2)

23 Apr 2024 | 00:10
އިސްލާމީ ޚިލާފުގެ ޒަމާނުގައި ޖާސޫސީ މުއައްސަސާ

އިބްރާހީމް ރަޝީދު މޫސާ

(18.04.2025ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ރާޝިދު ޚަލީފާއިންގެ ޒަމާން

ރާޝިދު ޚަލީފާއިންގެ ޒަމާނުގައި އަބޫބަކްރުގެފާނު (އަވަހާރަވީ 13هـ/624م) ސަލާމަތީ މަސައްކަތްތަކަށް ޚާއްޞަ ޢިނާޔަތެއް ދެއްވިއެވެ. ސިބްޠު އިބްނުލްޖައުޒީ، މިރްއާތުއްޒަމާނިގައި ބަޔާންކުރައްވައިފައިވާ ގޮތުގައި އިސްލާމީ ލަޝްކަރުގެ އިސްވާރެއްކަމުގައިވާ ޔަޒީދު ބިން އަބީ ސުފްޔާނަށް (އަވަހާރަވީ 18هـ/629م) ވިދާޅުވިއެވެ. "ކަލޭގެފާނުގެ އަރިހަށް ދުޝްމަނުންގެ މަންދޫބަކު އަތުވެއްޖެ ނަމަ، އޭނާގެ މެހެމާންދާރީ ރިވެތިކުރައްވާށެވެ! ފަހެ ހަމަކަށަވަރުން އެއީ ކަލޭގެފާނުގެ އަރިހަށް އެ މީހުންގެ ފަރާތުން އަންނަ އެންމެ ފުރަތަމަ ހެޔޮ ކަމެވެ. މުސްލިމުންގެ ސިއްރުތައް އެމީހުންނަށް ހާމަވެދާނެތީ އެމީހުން ކަލޭގެފާނުގެ އަރިހުގައި ތިބޭތިބުން ދިގުނުކުރައްވާށެވެ. ކަލޭގެފާނުގެ ކަންތައްތައް އެނގިދާނެތީ ކަލޭގެފާނުގެ ސިއްރުތައް ރައްކައުތެރިކުރައްވާށެވެ! ކަލޭގެފާނުގެ ޢަސްކަރީންގެ ޚަބަރުތައް ވަންހަނާކުރައްވާށެވެ! ކަލޭގެފާނުންގެ ކޮށިތަކުގައި ޖާސޫސުންނާއި ފާރަވެރީން ޙަރަކާތްތެރިކުރައްވާށެވެ!"

ޢުމަރު ބުނުލްޚައްޠާބު (އަވަހާރަކޮށްލީ 23هـ/645م) ވެސް ޢަމަލުކުރައްވައިފައި ވަނީ ހަމަ މި ބީދައިންނެވެ. އެކަލޭގެފާނު މުޢާވިޔަތު ބިން އަބީ ސުފްޔާނަށް (އަވަހާރަވީ 60هـ/680م) ޝާމުކަރައިގެ އައްސޭރިފަށަށް އަހައްމިއްޔަތު ދެއްވުމަށާއި ފާރަވެރިން ނެރުއްވައިގެން އައްސޭރިފަށް ބެލެހެއްޓެވުމަށާއި ބައްތިތައް ދިއްލެވުމަށް އަމުރުކުރެއްވިއެވެ. އިބްނު ޝައްބާ ( އަވަހާރަވީ 262هـ/876م) އޭނާގެ ފޮތް ތާރީޚުލް މަދީނަތީގައި ލިޔުއްވައިފައިވާގޮތުގައި ޚުދް މުޢާވިޔަތުގެފާނު ރޭގަނޑު ނުކުމެވަޑައިގެން މަގުތައް ދިއްލައިފައިވޭތޯ ބެއްލެވިއެވެ.  

އަލްވާޤިދީ (އަވަހާރަވީ 207هـ/822م) ފުތޫޙުއް ޝާމި ފޮތުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި މުސްލިމުންގެ ޖާސޫސުންނާއި ރޯމަނުންގެ ޖާސޫސުންނާ ދެމެދުގައި އެތައް ކޮށްޓުންތަކެއް ހިނގައިފައިވެއެވެ.

އިބްނު ޙަޖަރު (އަވަހާރަވީ 852هـ/1448م)ގެ ބަސްފުޅުތަކުން އެނގޭގޮތުގައި ރަސްމީ ސިފައެއްގައި މުއައްސަސާއެއްގޮތުގައި އިސްލާމީ ދައުލަތުގައި ޖާސޫސީ މަސައްކަތް ފެށުނީ އުމަވީ ދައުލަތުގައެވެ. އިބްނު ޙަޖަރު ފަތުޙުލްބާރީ ގައި  ފުލުހުންގެ އިދާރާ އުފެދުނު ގޮތް ބަޔާންކުރައްވައިފައިވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ނަބަވީ ޒަމާނުގައި ފުލުހުންގެ އިދާރާއެއް ނެތެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި ޞާޙިބުއް  ޝުރްޠާ (ފުލުހުންގެ ވެރިޔާ)ގެ މަޤާމު އުފެދުނީ އުމަވީ ދައުލަތުގައެވެ.

އުމަވީންގެ އިސްނެގުން

އުމަވީން ޤާއިމުކުރި ސަލާމަތީ އެންމެ މުހިއްމު މުއައްސަސާއަކީ "އަލްބަރީދު" އިދާރާއެވެ. މި މުއައްސަސާގެ ވެރިޔާއަށް ޞާޙިބުލްބަރީދި ނުވަތަ ޞާޙިބުލް ޚަބަރި ކިޔުނެވެ. އެއީ މި ޒަމާނުގައި ނަމަ އިންޓެލިޖެންސް ސަރވިސްގެ ވެރިޔާއެވެ. އަލްޢަސްކަރީ ( އަވަހާރަވިކަމަށް ބެލެވެނީ  395هـ/1004م)  އޭނާގެ ފޮތް  "އަލްއަވާއިލު" ގައި ވިދާޅުވެފައިވާ ގޮތުގައި އިސްލާމީ ދައުލަތުގައި އަލްބަރީދުގެ މަސައްކަތް އެންމެ ފުރަތަމަ ފެށްޓެވީ މުޢާވިޔަތު ބިން އަބީ ސުފްޔާނެވެ. މި މުއައްސަސާ ވަރުގަދަކުރެއްވީ ޢަބްދުލްމަލިކު ބިން  މަރްވާން ( އަވަހާރަވީ 86هـ/716م) އެވެ. އޭނާ ބަޔާންކުރައްވައިފައިވާ ގޮތުގައި ޚަލީފާ ޢަބްދުލް މަލިކު އޭނާގެ ކާތިބު ސާލިމު އަބުއްޒުޢަޔިޒިޢަތު  ބަރީދުގެ ވެރިޔާގެ މަޤާމަށް އިސްކުރެއްވިއެވެ. ޚަލީފާ ޢަބްދުލްމަލިކު އަމުރުކުރައްވައިފައިވާ ގޮތުގައި ބަރީދުގެ ވެރިޔާ ޚަލީފާގެ އަރިހަށް ވަނުން އެއްވެސް ވަގުތެއްގައި ( ރޭގަނޑުގެ ވަގުތެއް ކަމުގައި ވިޔަސް ދުވާލުގެ ވަގުތެއް ކަމުގައި ވިޔަސް) މަނާކޮށްގެން ނުވާނެއެވެ. އުމަވީ ބައެއް ޚަލީފާއިން އެބޭފުޅުންނަށް އިތުބާރުކުރެއްވޭ ޚާއްޞަ  ބައެއް ބޭބޭފުޅުން  ޖާސޫސުންގެ ގޮތުގައި އިސްކުރައްވައިފައިވެއެވެ.  އިބްނު ޙަޖަރުގެ "ތަހްޛީބުއްތަހްޛީބި" ފޮތުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު ( އަވަހާރަވީ 101هـ/720م) މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ  ޚާލިދު ބިން އަބިއްޞިލްތު އޭނާގެ ޚާޢްޞަ ޖާސޫސަކަށް ޢިރާޤުގެ  ވާސިޠު ސަރަޙައްދުގައި ޢައްޔަންކުރެއްވިއެވެ.

މި ޒަމާނާ ޚިލާފަށް އެ ޒަމާނުގައި ބަރީދަކީ ހަމައެކަނި ދައުލަތުގެ ރަސްމީ މަސައްކަތްތަކެއް ކުރާ އިދާރާއެކެވެ. ބަރީދު މި ބަސް އައިސްފައި ވަނީ ފާރިސީ ބަހުން ކަމަށް އިބްނުލް އަޘީރު ( އަވަހާރަވީ ( 606هـ/1210م) އައްނިހާޔަތު ނަމަކަށް  ކިޔާ ފޮތުގައި ބަޔާންކުރައްވައިފައި ވެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ބަރީދުގެ މާނައަކީ ބަޣަލެވެ. ބަރީދަށް ބޭނުންކުރާ  ބަޣަލުތަކުގެ ނަގޫ ބުރިކޮށްލައިފައި ހުންނަކަމަށް އިބްނުލް އަޘީރު ވިދާޅުވެފައިވެއެވެ. އެއީ އެހެން ބަޣަލުތަކާ ބަރީދުގެ ބަޣަލުތައް ވަކިކޮށް ދެނެގަތުމަށް ޓަކައެވެ.

އިސްލާމީ ދައުލަތުގެ ފުރަތަމަ ސައްތަތަކުގައި  ބަރީދުގެ ވެރިޔާއަށް "ޞާޙިބުލް ޚަބަރި" ކިޔުނެވެ. އައްސުބްކީ ( އަވަހާރަވީ  771هـ/1369م) ޠަބަޤާތުއް ޝާފިޢިއްޔާ ނަމަކަށް ކިޔާ ފޮތުގައި  ވިދާޅުވެފައިވާ ގޮތުގައި " ޞާޙިބުލް ޚަބަރި -  ޚަބަރު ސާހިބު " އަކީ ސަހަރުގެ ޚަބަރުތައް އަމީރަށް ގެނެސްދޭ މީހާއެވެ. މި ޒަމާނުގައި މި ބޭނުންކުރާ  މުޚާބަރާތާއި  އިސްތިޚްބާރާތު މި ދެ ލަފުޒު ބޭނުން މި ކުރަނީ މި އަސްލުން ނަގައިގެންކަމަށް ލަފާކުރެވެއެވެ.

ބަރީދު އަވަހަށް ގެންދިޔުމަށް ޓަކައި   އިސްޓޭޝަންތަކެއް ވެއެވެ. މި އިސްޓޭޝަނަށް ސިކަކުލް ބަރީދި – ބަރީދު މަގު " ކިޔުނެވެ. އަލްޚަލީލުލް ފަރާހީދީ ( އަވަހާރަވީ  220هـ/786م) އޭނާގެ މަޝްހޫރު ބަސްފޮތް " އަލްޢަޔިނު" ގައި ވިދާޅުވެފައިވާގޮތުގައި ބަރީދުގެ ކޮންމެ ދެ އިސްޓޭޝަނެއް ދެމެދުގައި 12މޭލު ( 22 ކިލޯމީޓަރު ) ހުރެއެވެ. ޚަބަރުތައް ހިފައިގެންދާ މީހާ އެ ހިސާބުން އޭނާގެ ސަވާރީ ބަދަލުކުރާނެތެވެ. ނުވަތަ އޭނާގެ ޚަބަރު ކީސް އޭނާގެ އެކުވެރިޔާއާ ޙަވާލު ކުރާނެއެވެ. 

މުއައްރިޚުންގެ ލިޔުއްވުންތަކުން އެނގޭގޮތުގައި އިސްލާމީ ދައުލަތުގައި ޖާސޫސީ މަސައްކަތުގެ އިދާރާ އުފެދި ތަރައްޤީވެ ކުރިއަރައިފައިވަނީ ފާރިސީ ދައުލަތަށްވުރެ  މާ ބާރަށް މާ ރަނގަޅަށް އިންތިޒާމު ކުރެވިގެންނެވެ. ޖާޙިޡު ( އަވަހާރަވީ 255هـ/868م) " އަލްބިޣާލު " ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ރޯމަނުން މި މަސައްކަތް ކޮޕީކުރީ ފާރިސީންގެ އަތުންނެވެ.

ޢައްބާސީ ދައުލަތުގައި އަދި މާ ބާރަށް

ދީވާނުލް ޚަބަރިވަލް ބަރީދި" ނަމުގައި މި އިދާރާ އޮތުމަށްފަހު ފަންނީގޮތުން  ބަރީދާއި ޚަބަރު ދެ އިދާރާއަކަށް ބަދަލުވީ އިބްނު ކަޘީރު ( އަވަހާރަވީ 774هـ/1372م) ވިދާޅުވެފައިވާ ގޮތުގައި ހިޖްރައިން 4 ވަނަ ސައްތައިގައެވެ. ޚަބަރުތައް ހޯދުމާއި ޖާސޫސީ މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ދިޔައީ  " ޞާޙިބުލް ޚަބަރި " ދަށަށެވެ.

ފާޠިމީ ޚިލާފަތުގައި މަޢުލޫމާތާ ބެހޭ އިދާރާގެ ނަން " ދީވާނުއް ތަރްތީބި " ގެ ނަމަށް ބަދަލުވިއެވެ. އަލްމަޤްރީޒީ ( އަވަހާރަވީ 845هـ/1441م)  އޭނާގެ މަޝްހޫރުފޮތެއް ކަމުގައިވާ "އިއްތިޢާޡުލް  ޙުނަފާ" ގައި ބަޔާންކުރައްވައިފައިވާ  ގޮތުގައި ފާޠިމީ ދައުލަތްނޫން ދައުލަތްތަކުގައި މި އިދާރާގެ ނަމަށް ބަދަލެއް ނާދެއެވެ.

ޞާޙީބުލް ބަރީދިއަށް މައި ސަހަރުތަކުގައި ދާއިމީ މަރްކަޒުތައްވެސް ޤާއިމުކުރެވިފައި ވެއެވެ.  "ދީވަނުލް ބަރީދި ވަލް ޚަބަރި" (އިންޓެލިޖެންސްގެ މައިއިދާރާ)އަށް ފޮނުވަން ޖެހޭ ރިޕޯޓުތައް ލިޔެފައި ބަހައްޓަނީ ޞާޙިބުލްބަރީދިގެ އޮފީހުގައެވެ.

ޢައްބާސީންގެ ޒަމާނުގައި ދީވާނުލްޚަބަރި އަށް ވަރަށް ބޮޑު އިސްކަމެއް ދެވިފައި ވެއެވެ. އުމަވީ ދައުލަތް ވައްޓައިލުމަށް ޓަކައި ޢައްބާސީން ހިންގި ގަޑުބަޑުތަކުގައި ޖާސޫސީ މަސައްކަތްތަކާއި ސަލާމަތީ މަސައްކަތްތައް ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ.

ޢައްބާސީ ދައުލަތުގެ ޙަޤީޤީ ބާނީ އަލްމަންޞޫރު ދައުލަތުގެ ހަތަރު ރުކުނަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ވިދާޅުވި ބަސްފުޅުން  ޖާސޫސީ އިދާރާގެ މުހިންމުކަން އެނގެއެވެ. މި ދިރާސާ ފަށައިފައިވާނީ އެ ބަސްފުޅުންނެވެ.

ޗައިނާއިން ފެށިގެން މަޣްރިބުކަރައާ ހަމައަށް ފެތުރިފައިވާ މި ބޮޑު ސިންގާސަނާ ދެމެހެއްޓުމަށާއި ދާޚިލީ ގަޑުބަޑުތަކުންނާއި ޚާރިޖީ ޢުދްވާނުތަކުން ދައުލަތް އަމާންކުރުމަށް ޓަކައި މަޢުލޫމާތު އަދާހަމަކޮށް ލިބެންޖެހެއެވެ. އަލްޚުވާޒަރްމީ ( އަވަހާރަވީ   383هـ/993م) އަށް ނިސްބަތްކުރެވޭ ފޮތެއް ކަމުގައިވާ " މުފީދުލް ޢުލޫމި ވަ މުބީދުލް ހުމޫމި " ގައި ލިޔުއްވައިފައި ވެއެވެ. (( އަލްޚަލީފާ މައުމޫން  ޞާޙިބުލް ބަރީދިއަށް 4 ހާސް ޖަމަލު،  އެއަށް ބޭނުންވާ އާލަތްތަކާއި ކާބޯތަކެއްޗާއެކު ތައްޔާރުކޮށްދެއްވައިފައިވެއެވެ.ދުނިޔޭގައި ހިނގަމުންދާ ކަންތައްތައް ދުވަހުންދުވަހަށް ޚަލީފާއަށް އެނގިވަޑައިގަންނަވައެވެ. ))

މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ޙައިރާންވާންވީ ކަމެއްނޫނެވެ. ވިސްނުންފުޅު ތޫނު ޙިކްމަތްތެރި ރަސްރަސްކަލުން އެބޭފުޅުންގެ ޚަޒާނާތަކުން ޞާޙިބުލް ޚަބަރީންނަށް ދީލަތިކަމާއެކު ވަރަށް ބޮޑަށް ހޭދަކުރައްވައިފާ ވެއެވެ. އެމީހުންގެ ފަރާތުން ދައުލަތަށް ލިބޭ އާރާއިބާރާއި އަމާންކަމުގެ ސަބަބުން ރަސްރަސްކަލުން އެމީހުންނަށް މުދާ ތަނަވަސްކޮށްދެއްވައިފައި ވަނީ ވަރަށް ދީލަތިކޮށްނެވެ.

އަލްއިމާމުލް މާވަރްދީ ( އަވަހާރަވީ 450هـ/1058م)  އޭނާގެ ފޮތެއް ކަމުގައިވާ " ތަޢުޖީލުލް ނަޡަރި " ގައި ލިޔުއްވައިފައި ވެއެވެ. (( ރަސްގެފާނަށް އޭނާގެ ރައްޔިތުންނާއި އަރިހު ބޭކަލުންނާއި ރަށްރަށުގެ ވެރިންނާއި ވާލީން(ގަވަރުނަރުން )ގެ އެންމެހާ ޚަބަރުތަކާއި ޢަމަލުތައް ރަނގަޅަށް ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭނެއެވެ.މި ކަމަށް ޓަކައި ސިއްރާއި ފާޅުގައި ޞާޙިބުލް ޚަބަރި ރަށްރަށުގައި ތިބެންޖެހޭނެއެވެ. ރަސްގެފާނު އެ މަސައްކަތަށް އިޚްތިޔާރު ކުރައްވަންވާނީ އަމާނަތްތެރި ތަޖްރިބާކާރު އިތުބާރުކުރެވޭ މީހުންނެވެ. އޭނާ ރަސްގެފާނަށް ޙާޒިރުގައްޔާއި ޣައިރު ޙާޒިރުގައި  ނަސޭހަތް  އަރުވަން ޖެހޭނެއެވެ. އެއީ ހަވާނަފްސުގެ މީހަކަށް ވެގެން ނުވާނެއެވެ. ރިޝްވަތަށް ހެއްލޭ މީހަކަށް ވެގެން ނުވާނެއެވެ.))

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް