Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (17)

22 Apr 2024 | 09:05
ކަޢުބަތުﷲ

އަޙްމަދު ފަޔާޟް ޙަސަން

(2024 އެޕްރީލް 15 ވަނަ ދުވަހު ޝާއިޢުކުރެވުނު ބައިގެ ބާކީ)

ބަޤަރާ ސޫރަތުގެ 133ވަނަ އާޔަތުގައި ﷲ ދައްކަވަނީ ބަނޫ އިސްރާއީލްގެ ބަފައިކަލުން ޔަޢުޤޫބްގެފާނު އަވަހާރަވުމުގެ ވަގުތު ކަންކުރެއްވި ގޮތެވެ. އެކަލޭގެފާނު ހުރިހައި ދަރިކަލުން ހާޒިރުކުރައްވައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އަވަހާރަވުމުން ކަލޭމެން އަޅުކަންކުރާނީ ކޮން ފަރާތަކަށްހެއްޔެވެ؟ ޖަވާބުގައި އެ މީހުން ދެންނެވިއެވެ. ތިމަންމެން އީމާންވެ އަޅުކަންކުރާނީ ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުންނަށްވި އިބުރާހީމްގެފާނާއި އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނުގެ އިލާހަށެވެ. އަދި އެ މީހުން ދެންނެވިއެވެ. ﷲއަކީ އެއްކައުވާންތަ ކަލާނގެއެވެ. ތިމަންމެން މި ތިބީ ﷲއަށް އީމާންވެ މުސްލިމުންކަމުގައި ވެގެންނެވެ. އިސްރާއީލްގެ ދަރީން އެ މީހުންގެ ބަފައިކަލުންނަށް ވަޢުދުވީ ﷲ ފިޔަވައި އެހެން ފަރާތަކަށް އީމާންނުވުމަށެވެ. އަދި އެމީހުން މުސްލިމުންގެ ގޮތުގައި ތިބޭން ވެސް އެކަލޭގެފާނުގެ ބާރަ ދަރިކަލުން ވަޢުދުވިއެވެ. އަދި އެ މީހުން އިސްމާޢީލްގެފާނަކީ އެމީހުންގެ ބަފައިކަލުންގެ ދަރިއެއްކަމަށް ވެސް ގަބޫލުކުރިއެވެ.

ޔަހޫދީންގެ ފުލޯކު ވާހަކަތައް ބުނާ ގޮތުގައި އިބުރާހީމްގެފާނުގެ ހުންނަނީ ﷲ އިޚުތިޔާރުކުރެއްވި ދަރިކަލަކާއި ﷲ ލަޢުނަތްލެއްވި ދަރިކަލެކެވެ. ފުލޯކު ވާހަކައިގައި އިޝްމައީލްއަކީ ﷲގެ ކޯފާ ހުށަހެޅިގެންދާ ދަރިކަލެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި ދަރިފަސްކޮޅަކީ ﷲ ކޯފާލެއްވި ބަޔެކެވެ. އަދި އެ ދަރިފަސްކޮޅުގެ ދީނަކަށްވާނީ ޝައިޠާނާގެ ދީނެވެ. ފުލޯކު ވާހަކައިގައި އައިޒެކްއަކީ ﷲ އިޚުތިޔާރުކުރެއްވި ދަރިކަލުންނެވެ. އެހެންވެ ﷲ އިބުރާހީމްގެފާނަށް ޤުރްބާންކުރައްވާން އެންގެވީ ވެސް އައިޒެކްއެވެ. ފަހުން ނަޞާރާ ދީނުގެ ބޮޑުންތައް މި ވާހަކަތައް ތެދުކަމަށް ކަނޑައަޅައި އެ މަގަށް ދީނުގެ ހުރިހައި ކަމެއް ބައްޓަންކުރިއެވެ. އަދި ރަސޫލުﷲ ﷺ ގެންނެވި އިސްލާމް ދީނަކީ ޝައިޠާނާގެ ދީންކަމަށް އެ މީހުން ގަބޫލުކުރިއެވެ. އެކަމަކު މިއީ މުޅިން ދޮގު ބުހުތާން ޚިޔާލީ ވާހަކަތަކެއްކަން އަޅުގަނޑުމެންނަށް އަންގައިދެނީ ކީރިތި ޤުރުއާނެވެ. ޙަމީދުއްދީން ފަރާހީއަކީ ހިބުރޫ ކިޔަވައިވިދާޅުވެގެން ބައިބުލް ދަސްކުރެއްވި ޢިލްމުވެރިއެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ބައިބުލް ބަޔާންކުރާ ގޮތުގައި ވެސް ޤުރްބާންކުރައްވާން އެންގެވި ދަރިކަލަކީ އިސްމާޢީލްގެފާނުއެވެ.

އިބުރާހީމްގެފާނުގެ ވާހަކަ ނިންމަވަމުން ބަޤަރާ ސޫރަތުގެ 134ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ ބަނޫ އިސްރާއީލްގެ ވާހަކައެވެ. ﷲ މިވާހަކަ ފެއްޓެވީ ވެސް އެ މީހުންގެ ވާހަކައިންނެވެ. އެ މީހުންނާ މެދު، ﷲ މި އަންގަވަނީ އެއީ ހަމަކަށަވަރުން ފާއިތުވެ ހިނގައްޖެ އުންމަތެއްކަމަށެވެ. އެ އުންމަތް ހޯދިކަމެއް އޮންނާނީ އެ އުންމަތަކަށްކަމުގައި ﷲ އަންގަވައެވެ. މިއިން ލިބޭ މެސެޖަކީ އަޅުގަނޑުމެން ހޯދާ ކަމެއް އޮންނާނީ އަޅުގަނޑުމެންނަށްކަމެވެ. އަދި އަޅުގަނޑުމެންގެ ކުރީގެ އުންމަތަކުން ކޮށްފައި އޮތް ކަމަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ޖަވާބުދާރީވާން ނުޖެހޭނެކަމަށެވެ. ﷲ މި ބަޔާންކުރެއްވީ އަޅުގަނޑުމެން ވަރަށްބޮޑަށް ނަޒަރު ހިންގަންޖެހޭ ވާހަކަތަކެކެވެ. މިހާރު އަޅުގަނޑުމެންނަށް މި ވާ ގޮތަކީ އިބުރާހީމްގެފާނުގެ ވާހަކަ ކިޔައި އަޑު އަހައިފައި އެކަލޭގެފާނާމެދު އުފާކޮށް ފަޚުރުވެރިވޭވެ ތިބުމެވެ. ހަމަ އެ ގޮތަށް މޫސާގެފާނުގެ ވާހަކަ ކިޔައި އަޑުއަހައިފައި އެކަލޭގެފާނާ މެދު ވެސް އުފާކޮށް ފަޚުރުވެރިވޭވެ ތިބުމެވެ. އަނެއް ކޮޅުން އަޅުގަނޑުމެންގެ މާތް ސާހިބާ ނަބިއްޔާ ﷺގެ ސިޔަރަތު ކިޔައި އަޑުއަހައި އެކަލޭގެފާނާމެދު އުފާކޮށް ފަޚުރުވެރިވޭވެ ތިބުމެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ އުންމަތަށް ޓަކައި އެއްވެސް ކަމެއް ނުކުރަމުއެވެ.

ﷲ މި އަންގަވަނީ މާޒީގެ ކާމިޔާބީތަކާ މެދު، ހިތްހަމަޖައްސައިގެން އެ ކަމާ ފަޚުރުވެރިވެގެން އުޅެވޭން ނެތްކަމަށެވެ. ކާމިޔާބު ހޯއްދެވި ބޭކަލުންގެ ކާމިޔާބުން އަޅުގަނޑުމެންނަށް އާޚިރަތުގައި ކުރާނެ ފައިދާއެއް ނެތެވެ. އެ ބޭކަލުން ކުރެއްވި މަސައްކަތްޕުޅަށް ﷲ އެ ބޭކަލުންނަށް ހެޔޮ ޖަޒާދެއްވާނެއެވެ. އަޅުގަނޑުމެންނަށް މިހާރު އޮތީ ގަދައަޅައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދުމެވެ. އަޅުގަނޑުމެން ކުރި ކަމަކުން މެނުވީ އާޚިރަތުގައި އަޅުގަނޑުމެންނަށް ފައިދާއެއް ނެތްކަމަށް ﷲ މި ހަނދާންކޮށްދެއްވަނީއެވެ. ޔަހޫދީން ހެދި ގޮތަކީ އެ މީހުންގެ ކާބަފައިންނަށް ފަޚުރުވެރިވެގެންތިބެ މުޅިން ޝައިޠާނާގެ މަގު އިޚުތިޔާރުކުރުމެވެ. އަޅުގަނޑުމެން ﷲއަށް ޖަވާބުދާރީވާން ޖެހޭނީ އަޅުގަނޑުމެން ކުރާ ކަންތަކަށް އެކަންޏެވެ. އެހެންކަމުން މާޒީގެ ކާމިޔާބީތަކުން ޚިޔާލީ ފޮލާ ކެއްކުމުގެ ބަދަލުގައި އުންމަތަށްޓަކައި ފައިދާ ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

އިބުރާހީމްގެފާނު އެ ކަލޭގެފާނުގެ ބައްޕައަށް ދުޢާކުރެއްވިއެވެ. އެ ފަހަރު ﷲ އެކަލޭގެފާނަށް އެންގެވީ އެ ކަލޭގެފާނުގެ ބައްޕައަކީ ޢަދުއްވެއްކަމަށެވެ. ﷲގެ އަމުރުފުޅު އައުމުން ބައްޕައަށް ދުޢާކުރެއްވުން އެކަލޭގެފާނު ހުއްޓަވައިލެއްވިއެވެ. ރަސޫލުﷲ ﷺއާ ވެސް މި ކަހަލަ ހާލަތެއް މެދުވެރިވެވަޑައިގަތެވެ. އެކަލޭގެފާނު އަވަހާރަވުމަށް އެދުނު އެތައް މުޝްރިކުންނެއް މައްކާގައި އުޅުނެވެ. އެކަމަކު އެފަދަ ނުބައި އެތައް ބަޔެއްގެ ގާތް ތިމާގެ މީހުން އެކަލޭގެފާނުގެ ޞަޙާބީންގެ ތެރޭގައި ވިއެވެ. އެ މީހުންގެ ނުބައިކަމުގެ ސަބަބުން އެ މީހުންނާ ރަސޫލުﷲ ﷺގެ މެދުގައި ކިތަންމެ ބޮޑު ތިމާގެ ކަމެއް އޮތަސް އެ ކަމަށް ނުބެއްލެވުމަށް ﷲގެ އަމުރުފުޅު އައެވެ. ހަމަ އެ ގޮތަށް އިބުރާހީމްގެފާނަށް ވެސް ﷲ އަންގަވަނީ ލޫޠުގެފާނުގެ ގައުމުގެ މީހުންނަށް އޮތް ޢަޒާބު ލަސްކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެ ކަމާ އެކަލޭގެފާނު ވާހަކަނުދެއްކެވުމަށެވެ. އެކަމަކު މި ވާހަކައިން ލިބޭ އެއް މެސެޖަކީ އިންސާނާއަށް އެ ކަލޭގެފާނުގެ ކިބައިގައި ހުރި ބޮޑު ލޯތްބެވެ. އަދި އިންސާނާއަށް ތެދުމަގު ލިބުމަށް އެކަލޭގެފާނު ބޭނުންފުޅުވީ މިންވަރެވެ.

ރަސޫލުﷲ ﷺއާއި އެ ކަލޭގެފާނަށް ﷲ ބާވައިލެއްވި ކީރިތި ޤުރުއާނަކީ އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައިގެ އެންމެ މުހިންމު ދެ ތަނބެވެ. އެކަލޭގެފާނަށް ﷲ ބާވައިލެއްވި ދީން އަޅުގަނޑުމެންނަށް ގެނެސްދެއްވީ ރަސޫލުﷲ ﷺއެވެ. ނުތާހިރުކަމުގައި އަޅުގަނޑުމެން ތިއްބައި އަޅުގަނޑުމެން ޠާހިރުކުރެއްވުމަށް ﷲ ބާވައިލެއްވީ ކީރިތި ޤުރްއާނެވެ. މިއީ އިބުރާހީމްގެފާނު ކުރެއްވި ދުޢާގެ އިޖާބައެވެ. މި ތަރިކަ އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ އަޅުގަނޑުމެން މުސްލިމުންގެ ވާޖިބެކެވެ. މި ކަމުގައި ކުޑައެއް ބޮޑެއް އަންހެނެއް ފިރިހެނެއް

ޒުވާނެއް މުސްކުޅިއެއް ނުވެއެވެ. މި ކަމުގައި ދައްކާނެ ބަހަނާއަކާއި އުޒުރެއް ނުވެއެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ވީ ވަރަކުން އެ މީހެއްގެ ފެންވަރާއި މިންވަރުން އިސްލާމް ދީނާއި އިސްލާމީ އުންމަތަށް ނަސްރު ހޯދައިދިނުމަށް މަސައްކަތްކުރާންޖެހެއެވެ. މި މަޒުމޫނަކީ އެ ގޮތުން ކުރެވުނު ކުޑަކުޑަ މަސައްކަތެކެވެ. މި ފަދަ މަސައްކަތްކުރުމުގެ ހެޔޮ ތައުފިޤު މުސްލިމުންނަށް މިންވަރުކުރައްވާނދޭވެ. އާމީން

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް