Advertisement

"ކުރިއަށް އޮތް ދުވަސްތަކުގައި" އަސްކަރީ ފިއްތުންތައް ހަމާހުގެ މައްޗަށް އިތުރުކުރާނެޔޯ!

22 Apr 2024 | 10:41
ޔަހޫދީ ބޮޑުވަޒީރު އަދި ދުނިޔޭގެ އެންމެ ބޮޑު ނިރުބަވެރިޔާ ބުންޔަމީން ނަތަންޔާހޫ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޙަމާސް ޖަމާޢަތުން އަސީރުކުރި ޔަހޫދީންތަކެއް މިނިވަންކުރާންކަމަށް ބުނެ ޣައްޒާއަށް އިސްރާއީލުން މިދިޔަ އަހަރު އޮކުޓީބަރުމަހުން ފެށިގެން ދޭން ފެށި ވަރުގަދަ އަސްކަރީ ޙަމަލާތަކުގައި ސާޅީހެއް ހާސް މީހުން ޝަހީދުކޮށްލައި މުޅި ޣައްޒާ ތަޅައި ސުންނާފަތި ކޮށްލިކަމަށް ވިޔަސް އެބުނާ "އަސީރުން" ވީ ތަނެއް ނުހޯދުނެވެ. އެ މީހުންގެ އަމާޒު ހުރީ ބަޔަކު ހޯދައި މިނިވަންކުރުމަށް ވުރެ ބޮޑަށް ޣައްޒާ ތަޅައި ސުންނާފަތިކޮށް ފަލަސްތީނުގެ ނަސްލު ނައްތައިލުމާ ދިމާއަށެވެ. ތަނެއްދޮރެއް ނުބަލައި ގިނަ މީހުން ތިބޭ ކޮންމެ ތަނަކަށް ޙަމަލާދީ ޝަހީދުކުރަނީއެވެ. ހޮސްޕިޓަލްތައް ރޭޑުކޮށް ބަލި މީހުންނާއި ސިއްހީ ޚިދުމަތްތެރީންނަށް ޙަމަލަދީ ޝަހީދުކުރަނީއެވެ. ބައިނަލްއަޤުވާނީ ގާނޫނަކަށް ގަވާއިދަކަށް ނުބަލައެވެ. އދ. އިން ފާސްކުރާ ޤަރާރަކަށް އިހުތިރާމެއް ނުކޮށެވެ. އެ މީހުންނަށް ހިތްވަރުދީ އެހީތެރިވަނީ ދުނިޔެ ސުލްހަކުރުމުގެ ނަމުގައި މުޅި ދުނިޔެ ފަސާދަކުރާ އެމެރިކާއާއި އިނގިރޭސިވިލާތާއި ވިލާތުގެ ބާރުގަދަ ގައުމުތަކުންނެވެ.

ޣައްޒާގެ އަދުގެ ޙާލަތު<br>

އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އިއްޔެ ބުނެފައިވަނީ ޙަމާހުން ޣައްޒާގައި ހިފަހައްޓައިފައިވާ އަސީރުން މިނިވަންކުރުމަށް ޓަކައި އިތުރު މަސައްކަތާއި ބާރާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ފިއްތުންތައް އިތުރުކުރާނެކަމަށެވެ. މީގެ މާނައަކީ އެ މީހުންގެ ފަނާކުރަނިވި ޢުދުވާނުތައް ފަލަސްތީނު ރައްޔިތުންގެ މައްޗަށް އިތުރުކުރުމެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެން ހަމާހުގެ މައްޗަށް އަސްކަރީ އަދި ސިޔާސީ ފިއްތުންތައް ކުރިމަތިކުރާނަމެވެ. އަސީރުން މިނިވަންކުރެވޭން އޮތް ހަމައެކަނި މަގަކީ މިއީއެވެ." ޔަހޫދީންގެ ޕެސޯވަރ ހަފުތާ ބަންދުކަމަށްވާ އާދީއްތަދުވަހު (އިއްޔެ) އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުނެފައިވެއެވެ. "ވޭންދެނިވި އިތުރު ކަންތައްތައް ރައްދުކުރާނަމެވެ." ނަތަންޔާހޫ އިތުރަށް ބުނެފައިވެއެވެ.

އަސްކަރީ ތަރުޖަމާނު އެޑްމިރަލް ދާނިއަލް ހަގާރީ އިއްޔެ ޓީވީއިން ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ "ހަނގުރާމައިގެ އިތުރު ހަރުފަތްތަކަށް މިހާރު ޗީފް އޮފް ސްޓާފް ހުއްދަ ދީފައިވާ"ކަމަށެވެ.

"މި ޕެސޯވަރ ދުވަހު އަހަރެމެން މި އިޢުލާނުކުރަނީ، އަސީރުން ހިފެހެއްޓިފައިވާތާ 200 ދުވަސް ފާއިތުވެފައިވާ އިރު،..... ތިޔަ އެންމެންނަށް އެނބުރި ގައުމަށް އާދެވެންދެން އަހަރެމެން ހަނގުރާމަކުރަނަމެވެ." އެޑްމިރަލް ހަގާރީ ބުނެފައިވެއެވެ. (މައުލޫމާތު: އޭއެފްޕީ/ދަ ނޭޝަނަލް)

Advertisement

ކޮމެންޓް
މަރީ
ތިޔަ މުނާފިގު ކަލޭގެ މާތް ﷲގެ މަގަށް ރުޖޫޢަ ނުވެއްޖެ ނަމަ، އޭނާއަށް ލަޢުނަތް ލައްވާށި!
22 Apr 2024