Advertisement

ނަފުރަތާ ބެހޭ ގޮތުން ބުނެފައިވާ ބުނުން ކޮޅެއް: (ނަފުރަތަކީ ކޮބާ؟ ނަފުރަތު އުފެދެނީ ކީއްވެ؟ އެއިން ސަލާމަތްވާނީ ކިހިނެއް؟)

05 Oct 2023 | 10:33
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

1. ނަފުރަތަކީ ބޮޑު ބައްޔެއްގެ އަލާމާތެކެވެ. ފެށުމެކެވެ. އެއިން ސަލާމަތްނުވެއްޖެ ނަމަ، ދެން، އެ ބަދަލުވަނީ ދެކޮޅުވެރިކަމަށެވެ. އެއަށް ފަހު، ދުޝްމިނުކަމަށެވެ. ދެން، ހަނގުރާމައަކަށެވެ. އެހެންވެ، ނަފުރަތުގެ ބަލި ބޮޑުވެ، ހަނގުރާމައަކަށް ބަދަލުނުވަނީސް އެ ބަލި ނެތިކޮށްލާން ޖެހެއެވެ. އެ ބަލީގެ ޝިފާއަކީ ހެޔޮ އެދުމެވެ.

2. އެހެން މީހުންނަށް ގެއްލުންދޭން އަވަސްވެގަނެ ދުއްވައިގަންނަ މީހާ އޮންނަނީ، އެއްޗެއްގައި އަޅައިގަނެގެން، ވެއްޓިފައެވެ.

3. މީހުންނަށް ނަފަރުތުކުރުމަކީ، ގޭގައި މީދަލެއް އުޅޭތީ، އެ މީދާ މަރައިލުމަށް ޓަކައި މުޅި ގެ އަންދައިލުން ކަހަލަ ކަމެކެވެ.

4. ނަފުރަތުގެ ސަބަބުން، ހަޔާތް ވާކޮށްލައި، ހަޔާތުގެ ކުރިއެރުން ހުއްޓުމަކަށް ގެނުވައެވެ. ނަމަވެސް، ލޯތްބަކީ ހަޔާތަށް ދިރުން ގެނެސް ހަޔާތް ކުރިއަށް ގެންދާ ބާރެކެވެ. ނަފުރަތަކީ ހަޔާތް އޮޅުންބޮޅުންކޮށްލާ ކަމެކެވެ. ނަމަވެސް، ލޯބި، ހަޔާތުގެ އޮޅުންބޮޅުންތަކަށް ހައްލު ހޯދައިދެއެވެ. ނަފުރަތަކީ ހަޔާތަށް އަނދިރިކަން ގެނެސް ހަޔާތް ކަޅުކޮށްލާ އެއްޗެކެވެ. ނަމަވެސް، ލޯތްބަކީ ހަޔާތް އަލިކޮށްލައި ހަޔާތަށް ރޯޝަނީކަން ގެނެސްދޭ އެއްޗެކެވެ.

5. ނަފުރަތަކީ މައްސަލަތައް އުފައްދާ އެއްޗެކެވެ. ނަމަވެސް، އެއީ އެއްވެސް ކަމެއްގެ ހައްލު ހޯދައިދޭ އެއްޗެއް ނޫނެވެ.

6.  ލޯބިވުމަށް ޓަކައި، އަންހެން ކުއްޖަކަށް ގިނަ ވަގުތު ބޭނުން ވެދާނެއެވެ. ނަމަވެސް، ނަފުރަތުކުރުމަށް ޓަކައި އަންހެން ކުއްޖަކު ބޭނުން ވަނީ މަދު ސިކުންތު ކޮޅެކެވެ. މިއާ ޚިލާފަށް، ފިރިހެން ކުއްޖަކަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ލޯބިވެވެއެވެ. ނަމަވެސް، ނަފުރަތުކުރުމަށް ޓަކައި ފިރިހެން ކުއްޖަކު ގިނަ ވަގުތު ބޭނުން ވެއެވެ.

7.  ކޮންޓުރޯލުނުކުރެވިފައި އޮންނަ ކެންސަރެއް ހެން، ނަފުރަތަށް ފުރުސަތު ދީފި ނަމަ، އިންސާނާގެ މުޅި ހަށިގަނޑުގެ ތެރޭގައި ފެތުރި، އޭގެ ވަކިތައް ހިއްޕައިލައެވެ. ދެން، އެ އިންސާނާއަށް ކަންކަން އޮޅޭ ގޮތް ވެއެވެ. ރީތިކަން އޭނާއަށް ފެންނަނީ ހުތުރު ކަމެއްގެ ގޮތުގައެވެ. އަދި ހުތުރުކަން އޭނާއަށް ފެންނަނީ ރީތި ކަމެއްގެ ގޮތުގައެވެ. ހައްގު އޭނާއަށް ފެންނަނީ ބާތިލުގެ ގޮތުގައެވެ. އަދި ބާތިލު އޭނާއަށް ފެންނަނީ ހައްގުގެ ގޮތުގައެވެ.

8.  އިންސާނާ އުފަންވާ އިރު، އޭނާ އުފަން ވަނީ މީހުންނަށް ނަފުރަތުކުރަަމަކުން ނޫނެވެ. ނަމަވެސް، އޭނާ އުފަން ވަނީ މީހުން ދެކެ ލޯބިކުރަމުންނެވެ. މި ކަން ތުއްތު ކުއްޖާ މަންމަ ދެކެ ވާ ލޯބީން ފެނެއެވެ. މިއާ ޚިލާފަށް ނަފުރަތުކުރުމަކީ އިންސާނާ ދަސްކުރާ ކަމެކެވެ. އޭގެ މުގުލުގައި ވަނީ ދަހިވެތިކަމާއި އަމިއްލަ އެދުމެވެ. ހުރިހާ އެއްޗަކާއި ކަމަކީ ވެސް، ހަމަ އެކަނި، ތިމާއަށާއި ތިމާގެ ގާތް މީހުންނާއި އެކުވެރިންގެ ހައްގެއްކަމުގައި ތިމާގެ ހިތަށް ފެނިފައި އޮންނަ އޮތުވެ. އެހެންވެ، ނަފުރަތުގެ ސިފައިން ދުރަށްދާން ބޭނުން ނަމަ، ދަހިވެތިކަމާއި މަވެތިކަމުގެ ސިފައިން ދުރަށް ގޮސް، ތިމާގެ އަމިއްލަ ނަފުސަށް ހެޔޮ އެދޭ ފަދައިން އެހެން މީހުންނަށް ވެސް ހެޔޮ އެދޭން ދަސްކުރާން ޖެހެއެވެ.

9.  މުޅި ދުނިޔޭގައި ނަފުރަތު ފެތުރި، މުޅި ދުނިޔެ ނަފުރަތުން ފުރިފައި ވިޔަސް، މުޅި ދުނިޔޭގައި ލޯބި ފަތުރައި މުޅި ދުނިޔެ ލޯބީން ފުރައިލާން ޖެހެއެވެ. މުޅި ދުނިޔެ، ރުޅިވެރިކަމާއި ދެކޮޅުވެރިކަމުން، ފުރިފައި އޮތަސް، މުޅި ދުނިޔެ، އެކުވެރިކަމާއި އަޅައިލުމުން ފުރައިލާން ޖެހެއެވެ. މުޅީ ދުނިޔޭގައި މާޔޫސްކަން ފެތުރިފައި އޮތަސް، އުންމީދު އާކޮށް ހުވަފެން ދުށުމުން މުޅި ދުނިޔެ ފުރައިލާން ޖެހެއެވެ. ޝައްކާއި ވަހުމުން މުޅި ދުނިޔެ ފުރިފައި އޮތަސް، އޭގެ ބަދަލުގައި އީމާންތެރިކަމާއި އިތުބާރުކުރުން ދުނިޔޭގައި ފެތުރޭތޯ މަސައްކަތްކުރާން ޖެހެއެވެ.

10. ނަފުރަތުގެ މަސްދަރަކަށް ދީން ހަދައިލައިގެން ނުވާނެއެވެ. ދީން ވާން ޖެހޭނީ ލޯތްބާއި އެކުވެރިކަން، ގާތްކަމާއި އަޅައިލުމުގެ މަސްދަރަކަށެވެ. މި ކަމަށް ބާރު އަޅާ އާޔަތްތައް ކީރިތި ގުރުއާނުގައި ވެއެވެ. އޭގެ ތެރެއިން ދެ އާޔަތެއް ލިޔެލާނަމެވެ. އޭގެ ތެރެއިން ފުރަތަމަ އާޔަތަކީ ޙުޖުރާތު ސޫރަތުގެ ދިހަވަނަ އާޔަތެވެ. އެއީ 'إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ، މި އާޔަތެވެ. މާނައަކީ 'މުއުމިނުންނަކީ އެއްބަނޑު އެއްބަފާ ބައެކެވެ. އެެހެންވެ، ކަލޭމެން، މުއުމިނުންގެ، ކަލޭމެން އެއްބަނޑު އެއްބަފާ މީހުންގެ، ދެމެދު އިސްލާހުކުރާށެވެ. އަދި، (އެ ފަދައިން ކަންތައްކޮށް) މާތްﷲއަށް ތަގުވާވެރިވާށެވެ! (އާދެ، އެފަދައިން ކަންތައް ކުރުމަކީ މާތްﷲއަށް ތަގުވާވެރި ވުމުގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ.) ކަލޭމެންނަށް (މާތްﷲގެ) ރަހުމަތް ލެއްވިދިޔުމަށް ޓަކައެވެ.

11. ދެވަނަ އާޔަތަކީ އާލު ޢިމްރާނު ސޫރަތުގެ 159ވަނަ އާޔަތެވެ. އެއީ ' فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ...' މިއާޔަތެވެ. މާނައަކީ 'މާތްﷲގެ ރަހުމަތްފުޅުން، އެ މީހުންނަށް، މާނައީ ކަލޭގެފާނަށް ތަބާވީ މީހުންނަށް، ކަލޭގެފާނު އޯގާތެރިވެވަޑައިގަތެވެ. ހިތްޕުޅު ހަރުކަށި، ޚުލްގު ފުޅު ނުބައި ބޭފަުޅަކަށް ކަލޭގެފާނު ވެވަޑައިންގެނެވި ނަމަ ކަލޭގެފާނާއި ވަކިވެ ކަލޭގެފާނު ދޫކޮށް، އެ މީހުން ދިޔައީހެވެ. ފަހެ، އެމީހުންނަށް ކަލޭގެފާނު އަފޫކުރައްވާށެވެ! އަދި، އެ މީހުންގެ ފާފަފުއްސެވުމަށް އެދި ދުއާކުރައްވާށެވެ. އަދި، އެ މީހުންނާ މަޝްވަރާ ވެސް ކުރައްވާށެވެ!'

އާދޭހެވެ! މި ދެ އާޔަތުން ވެސް އެނގެނީ ދީން ވާން ޖެހޭނީ ލޯތްބާއި އަޅައިލުމުގެ މަސްދަރަކަށެވެ. މީހުން އެއްބައި ކޮށް އެކަތިގަނޑަކަށް ހަދައިލާ ކަމަކަށެވެ.

____________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް