Advertisement

ކޮލަމް ހަމަ (3): "އާއި" މި އަކުރާއި "އާ" މި އަކުރު ބޭނުންކުރާންވީ ރަނގަޅު ގޮތާއި އައިބައިފިލީގެ ހަމަ

21 Apr 2024 | 11:13
ބަހުގެ ބައެއް ހަމަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ނޫހަކުން ފެނުނު ޚަބަރެއްގައި އޮތް ޖުމުލައެކެވެ. "ފުލުހުންގެ އިދާރާ ކުރިމަތީ ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ." މި ޖުމުލައެވެ. މި ޖުމުލައިގައި އަޅުގަނޑަށް ފާހަގަކުރެވޭ ދެތިން ކުށެއް އެބަ އޮތެވެ. ފުރަތަމަ ކުށަކީ އައިބައިފިލި ބޭނުންކޮށްފައިވާ ގޮތެވެ. އެހެންވީމާ ފުރަތަމަ އެ ފިއްޔާ ބެހޭ ގޮތުން އެއްޗެއް ދަންނވާނަމެވެ. ވިސްނުންތެރިކަމާ އެކު ވިދާޅުވުން އެދެމެވެ.

އިސްވެ ދެންނެވުނު ޖުމުލައިގައި އެ އޮތް "ހުންނަވާ" މި ލަފުޒުގެ ފަހު އަކުރުގައި އެ އޮތް އާބާފިއްޔާ ބެހޭ ގޮތުން ފުރަތަމަ އެއްޗެއް ދަންނަވާނަމެވެ. ހަގީގަތުގައި އެ އަކުރުގައި އޮންނާން ޖެހޭނީ އައިބައިފިއްޔެކެވެ. ކީއްވެގެންތޯއެވެ؟ ސަބަބު ދަންނަވާނަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މި ޖުމުގައިގައިވާ ގޮތުން ފުލުހުންގެ އިދާރާގެ ކުރިމަތީގައި ހުންނެވުމާއި ނޫސްވެރީންނާ ވާހަކަދެއްކެވުމަކީ އެކަކު ވިދިވިދިގެން، ނުވަތަ އެއް ވަގުތެއްގައި ހިންގި ދެ ޢަމަލެކެވެ. މި ފަދަ ޙާލަތަތްކުގައި "ކަންކުރި ފަރާތް އެއް ގޮތްވުމާއެކު އެއް ކަމެއް އަނެއް ކަމާ ގުޅަމުން ގެންދިޔުމުގައި" އައިބައިފިލި ޖެހުމަކީ އައިބައިފިލީގެ އެއް ހަމައެވެ. މި ޖުމުލައިގައި މި ބުނާ ދެ ކަން ކުރީ އެކެކެވެ. އެހެންވީމާ މި ހަމައިގެ މަތީން އެ ވާވުގައި ޖަހާން ޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. އައިބައިފިލީގެ އެއް ހަމައިގެ މަތީންނެވެ. އެ އަކުރުގައި އާބާފިލިޖެހީމާ، އެ ކަން (ލަފުޒު) ބަދަލުވާނީ ޖެހިގެން އޮތް "ނޫސްވެރީން" މި ލަފުޒަށް ދެވޭ އިތުރު ތަފުޞީލަކަށް ވާތީ، އެ ލަފުޒު ވާނީ ނަންއިތުރަކަށެވެ. އޭރުން ވާނީ ފުލުހުންގެ އިދާރާގެ ކުރިމަތީގައި "ހުންނަވާ" ނޫސްވެރިއަކަށެވެ. ނަމަވެސް އެ ޖުމުލައިގެ މަގުސަދަކީ އޭނާ އެ ވާހަކަދެއްކެވި ޙާލަތު، އެ ވަގުތު، އޭނާ ހުންނަވައިގެން، އެ ވާހަކަދެއްކެވިކަން ބަޔާންކުރުމެވެ. ވީމާ، އެ ލަފުޒު "ހުންނަވާ" މި ލަފުޒުގައި އައިބައިފިލި ޖަހައިގެން "ހުންނަވައި" މި ގޮތަށް ބަދަލުކުރައްވާން ޖެހެއެވެ. ނުވަތަ "ހުންނަވައިގެން" މި ގޮތަށް "ގެން" އިތުރުކޮށްގެން ކަންއިތުރަކަށް ބަދަލުކޮށްލެއްވިޔަސް މާނަ ފުރިހަމަވާނެ އެވެ.

ދެވަނަ ކުށަކީ އެ ޖުމުލައިގައި އޮތް "ނޫސްވެރީންނާއި" މި ލަފުޒުގައި "ނޫސްވެރީން" މި ލަފުޒުގެ ފަހަތަށް އިތުރުކޮށްފައި އޮތް "އާއި"އެވެ. މި ލަފުޒު މިހާރު ބޭނުންކުރާ ހަމައަކީ، ދޭދޭ ލަފުޒު ގުޅުވުމަށް ޓަކައި ނޫނީ، "އާއި" ބޭނުންނުކުރުމެވެ. އެއްޗަކާ ނުވަތަ މީހަކާ ނުވަތަ ތަނަކާ ބެހޭ ގޮތުން، ނުވަތަ ޙަވާލާދީ، ނުވަތަ ނިސްބަސްކުރާން ވާހަކަދައްކާ ނަމަ، ބޭނުންކުރާންޖެހެނީ "އާ"އެވެ. "އާއި"އެއް ނޫނެވެ. ބައެއް މިސާލު ދަންނަވައިލިއްޔާ ފަސޭހަފުޅުވާނެތީ ބައެއް މިސާލު ދަންނަވައިލާނަމެވެ. 

"އާއި" ބޭނުންކުރާ ގޮތުގެ ބައެއް މިސާލު:

     އޭނާއާއި އަޅުގަނޑު ވެސް ދާނަމެވެ.

     ފަންސުރަކާއި (ފަންސުރު+އެއް+އާއި) ފޮތެއް ދޭށެވެ.  

     މާތްވެގެންވާ އިސްލާމް ދީނާއި (ދީން+އާއި) ދިވެހި ޤައުމިއްޔަތު  

މި މިސާލުތަކުގައި ވާ ގޮތުގެ މަތީން "އާއި" ބޭނުންކުރެވޭނީ ދެދޭ ލަފުޒު ގުޅުވުމަށް ޓަކައެވެ.

"އާ" ބޭނުންކުރާ ގޮތުގެ ބައެއް މިސާލު: 

     އެކަމާ (ކަން+އާ) ބެހޭ ގޮތުން ވާހަކަ ނުދައްކާށެވެ.

     އެ ފިހާރައާ މެދު، ދެކެނީ ކިހިނެއްހެއްޔެވެ؟

     ވަކި މީހަކާ (މީހެއް+އާ) ޙަވާލާ ދޭނެކަމެއް ނެތެވެ.

މީގެ އިތުރަށް ނަން ޚާއްޞަކުރުމަށް ޓަކައި ވެސް "އާ" މި އަކުރު ބޭނުންކުރެވެއެވެ.

މިސާލު:

     މަލާއިކަތާ (މަލާއިކަތް + އާ)، އިންސާނާ (އިންސާން + އާ)، ރަސޫލާ (ރަސޫލު + އާ)

އަދި ކުޑަކުޑަ އެހެން ކަމެއް ވެސް މި ޖުމުލައިގައި ރަނގަޅުކޮށްލާން ޖެހެއެވެ. އެއީ އެ ޖުމުލަ އެންމެ މާތް ދަރަޖައިން ލިޔުއްވައިފައި އޮތީމާ، ހުރިހައި އެ ޖުމުލައިގައި އޮތް "ވާހަކަ" މި ލަފުޒުގެ ބަދަލުގައި "ވާހަކަފުޅު" ލިޔުއްވުމެވެ.

އިސްވެ ދެންނެވުނު މިސާލުތަކާއި ބަހުގެ ހަމަތަކަށް ބަލާ އިރު، މިއަދު އަޅުގަނޑު މި ނަކަލުކޮށްލި ޖުމުލަ އޮންނާން ޖެހޭނެ ރަނގަޅު ގޮތަކީ "ފުލުހުންގެ އިދާރާ ކުރިމަތީ(ގައި) ހުންނަވައި، ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޖަމީލު ވިދާޅުވިއެވެ." ނުވަތަ "ފުލުހުންގެ އިދާރާ ކުރިމަތީ(ގައި) ހުންނަވައިގެން، ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޖަމީލު ވިދާޅުވިއެވެ." މިއީއެވެ. އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުއްވާ ލިޔުންތަކުގައި މި ކުށްތައް ތަކުރާރުނުކުރައްވައި ވޭތޯ، ހުރިހައި ނޫސްވެރީންނާއި ލިޔުންތެރީން ވިސްނުންފުޅު ބަހައްޓަވާނޭކަމަށެވެ.

__________________________________

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް