ހައްގު (10)
އަސްމާ އަބޫބަކުރު
(ވާހަކައިގެ އެންމެ ފަހުބައި)
"މާމައާއި ކާފަ ވަރަށް އަވަހަށް މިތަނުން ގެންދާނަން." އަހަރެން ދުރަށް ހިނގައިގަތީ އެހެން ގޮތެއް ނެތިގެންނެވެ. މާމަގެ ހިތްދަތި ޙާލު ފެނުމުން ކިތަންމެ ފަހަރަކު އެ މަރުކަޒާ ދުރަށްދާން ނިންމި ކަމުގައިވިއަސް ކާފަގެ ގާތަށް ނުގޮސް ނިކުންނަ ހިތެއް ނުވިއެވެ.
ފިރިހެނުން ތިބޭ ބަޔަށް ދެވުނު އިރު އަހަރެންގެ ދެފައިން ވަރުދޫވާން އުޅޭހެން ހީވިއެވެ. ކެތްތެރިކަމާއެކު ކާފަގެ އިންތިޒާރުގައި އަހަރެން ހުންނަތާ ދިހަ މިނިޓު ފަހުން ކާފަ އަތުވެއްޖެއެވެ.
"ކާފާ. އަހަރެން މި އައީ ކާފައާ ބައްދަލުކޮށްލާން." ކާފަ ވެސް ފުރަތަމަ އަނގައިން ނުބުނެ ބަލަހައްޓައިގެން އިނީއެވެ. ކާފައާއި މާމައަށް ވެސް އަހަރެމެން މިހާރު ނޭނގެނީއެވެ.
"ކާފާ. މީ ސަލީމުގެ ޔޫލީ އޭ. އެކްސިޑެންޓުން ހަމައެކަނި ސަލާމަތްވީ އަހަރެން. ކުރީ ދުވަހު ރަށަށް ދިޔައީ ކާފަމެންނާ ބައްދަލުކޮށްލަން." ކާފަ ރުއްސަން ވެސް އެތައް ވާހަކައެއް ދައްކަން ޖެހުނެވެ. އަށްޑިހައިގެ އަހަރުތައް ގުނަމުންދާ މުސްކުޅިންނަށް ދޮންބެ ޖެއްސި ޙާލުން އެމީހުން އެތިބީ ދުނިޔެ ދެކެ ފޫހިވެފައވެ.
ކާފައާއި މާމަގެ އިތުބާރު ހޯދާން މަރުކަޒަށް ޔޫލީ ގިނަގިނައިން ދާން ފެށިއެވެ. އަދި އެ މީހުން ބެލުމަށް ޔޫލީ ޒިންމާވާނެކަމަށް އެތައް ލިޔުމެއް ހުށަހަޅާން ޖެހުނެވެ. ވަކީލެއްގެ އެހީގައި ލިޔުންތައް ތައްޔާރުކުރުމަށް ފަހު، ސަރުކާރުގެ ކަމާ ގުޅުން ހުރި މުވައްސަސާތަކަށް ހުށަހަޅާން ދުވަސްތަކެއް ވޭތުވެ ހިނގައްޖެއެވެ. މި މުއްދަތުގެ ތެރޭގައި ކާފައާއި މާމަ ކޮންމެ ވެސް ވަރަކަށް ޔޫލީއާ ވާހަކަ ދައްކާން ފެށިކަމީ ހެޔޮ ފާލެކެވެ.
"ޔޫލީ. މާމައާއި ކާފަ މަރުކަޒުން ގެނެސް ގެންދާނީ ކޮންތާކަށް" އަލީމު ކުރީ ރަނގަޅު ސުވާލެކެވެ.
"އަހަރެން ބޭނުންވަނީ މާމައާއި ކާފަ ގާތުގައި ހުންނަން. މިއަދު އެމީހުންނަށް އަޅައިލުމާއި ލޯބި ބޭނުންވާނެ"
"އާނ. މިއަދު އެމީހުންނަށް އަޅައިލުން ބޭނުންވާނެ. އެކަމަކު މާމައާއި ކާފަ މާލޭގައި ތިބޭނެތަ"
"މިހާރު ދެން ރަށުގައި އެމީހުންގެ ގެދޮރެއް ވެސް ނެތް. އަހަރެން އެހެންތަނެއް ކުއްޔަށް ހިފަން އެބަ ވިސްނަން" ޔޫލީ ބޭނުންވާގޮތް އަލީމަށް ކިޔައިދިނެވެ.
"ހަލޯ" ނީނާ ފޯން ނެގިއެވެ. ޔޫލީގެ ކޯލެއްކަން އެނގުމުން ނީނާ ކޮޓަރިއަށް ވަދެ ކޮޓަރި ތަލުލިއެވެ.
"ޔޫލީ ދައްތާ. މާމައާއި ކާފަގެ ޙާލު ކިހިނެއް؟" އެ ވަގުތު ނާހިލާއި ނިހާން ވެސް ކޮޓަރީގައި ތިބި ވަގުތެކެވެ.
"މާމައާއި ކާފަގެ ޙާލު ރަނގަޅު. މި ހުރީ މާމަ ކައިރިގައި." މާމައާއި ހުރިހާ ކުދީން ވާހަކަދެއްކިއެވެ. ސިއްރުސިއްރުންނެވެ. ހަމަ އެ ގޮތަށް ކާފަ ކައިރިއަށް ގޮސް ޔޫލީ އެ ކުދީންނާ ކާފައާ ވާހަކަދެއްކުވިއެވެ. މާމައާއި ކާފަގެ މޫނުމަތީން އުފާވެރިކަން ފެނިގެން ދިޔައީ އެތައް ދުވަހަކަށް ފަހުގައެވެ. ޔޫލީގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލިއެވެ.
އުންމީދު ކަނޑައިނުލައި އިންތިޒާރުކުރާން ބުނެފައި އެ ދުވަހު ވެސް ޔޫލީ ވަކިވެގެން ދިޔައީ ވީހައި ވެސް އަވަހަކަށް ކާފައާއި މާމަ މަރުކަޒުން ގެންދެވޭނެ ދުވަހަކަށް އިންތިޒާރުކުރާން ބުނެފައެވެ.
އެ ދަނޑިޅުގައި ޔޫލީއަށް މާމައާއި ކާފައާ މެދު މާ ގިނައިން ވިސްނޭން ފެށިއެވެ. އަބަދު އަލީމު ގާތުގައި ވެސް އެ ވާހަކަދެކެވޭން ފެށިއެވެ. އެ ކަމާ އަލީމު ހިތްހަމަނުޖެހޭން ފަށައިފިއެވެ.
އޭގެ މަހެއްހާ ދުވަސް ފަހެވެ. ޔޫލީއަށް ލިބުނު ސިޓީއިން އުފަލުން ގޮސް ރޮވިއްޖެއެވެ. މާމައާއި ކާފަ މަރުކަޒުން ގެންދިއުމާމެދު އިޢުތިރާޟްނުކުރާކަމަށް ޖެންޑަރ މިނިސްޓްރީން ފޮނުވި ސިޓީއެކެވެ. އޮފީސް ނިންމައިފައި ގެއަށް އައިސް ޔޫލީ ތައްޔާރުވަމުން ދިޔައީ މާމައާއި ކާފަ ބަލައި ދިއުމަށެވެ. އެ ވާހަކަ ބުނުމަށް އަލީމަށް ގުޅުމުން ފޯނެއް ނުނަގައެވެ.
މާމައާއި ކާފަ ގޮވައިގެން މާލެ ދެވުނު އިރު ރޭގަނޑުގެ އަށެއްޖަހައިފިއެވެ. ގޭގައި އުޅޭ ދައްތަ ހުރީ ކާން ތައްޔާރު ކޮށްގެން އިންތިޒާރުގައެވެ. އެންމެން އެކީގައި ކާން ތިބެގެން ރަށުގެ ކަންކަމާ ގުޅޭ ގޮތުން އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނެވެ.
"މާމަ ދުވަހަކު ވެސް ރަށުގެ މަތީން ހަނދާން ނައްތައެއް ނުލާނެ. މާމައާއި ކާފަ ހުންނާނީ ދެން މަގޭ ގާތުގައި. ރަށަށް ދާނެ ކަމެއްނެތް."
"ދަރިފުޅާ. މާމަމެންނަށް ރަށުގެ ވާހަކަ ދެއްކޭނެއްނު. ރަށުގެ ވަލުތެރެއިން ކާށިކޮޅެއް ކާން ލިބުނަސް ހިތަށް ލިބޭ ހިތް ހަމަޖެހުމެއް ނުލިބޭ އެހެން ތަނަކުން ޖަވާހިރު ލިބުނަސް."
"މާމަގެ ވާހަކައަށް ޔޫލީ ބުނާނެ އެއްޗެއް ނެތެވެ. މާދަން ގޮސް ވަންނާނެ ގެދޮރު ވެސް ނެތެއް ކަމަކު މާމަމެން އަމިއްލަ ވަޒަންދެކެ ހާދަ ލޯތްބެކޭ އެ ވަނީ" ޔޫލީ ހިތާހިތާ ކިޔައލިއެވެ.
ޔޫލީގެ ކޮޓަރީގައި މާމައާއި ކާފަ ހިތްހަމަޖެހިގެން ތިބޭނެކަމަށްޔޫލީއަށް ހީކުރެވުނެވެ. ޔޫލީ އޮފީހުން ޕްރޮމޯޝަން ލިބިގެން ގެއަށް ތަންކޮޅެއް އަވަހަށް އާދެވުނު ދުވަހެކެވެ. ކޮޓަރީ ދޮރާ ހަމަވި އިރު ކާފަ ބުނާ އަޑުއިވުނެވެ.
"ޙައްވާ. އެ މަންޖެ ކިހާ ދެރަވާނެ އަހަރެމެން ރަށަށް ދާން އުޅެންޏާ. އެ މަންޖެއަށް ވެސް މިއަދު އަހަރެމެން ފަދައިން އަޅައިލާނެ ބަޔަކު ބޭނުންވާނެ."
"ކަން އޮތީ ތިޔަ ހެން. އަހަރެން ތިޔަ ވާހަކަ ޤަބޫލުކުރަން. އެކަމަކު ޔޫލީ ވެސް އަހަރެމެންނާ އެކު ރަށުގައި އުޅޭން ވިސްނާނެ ނަމަ."
"ރަށަށް އެ ކުދީން ގޮސްގެން ކުރަނީ ކީއް؟ ވަޒީފާއާއި ބޭސް ފަރުވާ ވެސް ލިބޭނީ މި ތަނުން ނޫންތަ؟"
"ކާފާ. މާމާ. އަހަރެން ވަޒީފާ މަތިވެއްޖެ. މިއީ ކާފައާއި މާމަގެ ހެޔޮ ދުޢާ." ޔޫލީ ކޮޓަރިއަށް ވަދެ ހެވިފައި ހުރެގެން ވާހަކަދެއްކިއެވެ.
"މިއަދު އަހަރެންގެ މަންމައާއި ބައްޕަ ދުނިޔޭގައި ތިބި ނަމަ ކިހާ އުފާވާނެ." ކުއްލިއަކަށް ޔޫލީގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އެ ވަގުތު މާމަ ގޮސް ޔޫލީ އަތުގައި ހިފައިގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ.
"މާމައާއި ކާފަ މި ތިބީ ވަރަށް އުފަލުން. ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވެ ވަޒީފާއަށް ގޮސް ހުރިހާ ކަމަކަށް އެބަ ވިސްނާ. ފިރިހެން ދަރިއަކަށް ވާނެކަމަށް ހީކުރި ކޮންމެ ކަމެއް އަންހެނަކަށް ވީތީ ނުކުރެވޭނެއޭ ކިޔައިފައި ހުއްޓައެއް ނުލާ."
އެ ރޭ ނިދާން އޮށޯވެ އޮވެގެން ޔޫލީ ވިސްނަމުން ދިޔައީ އަލީމަށް ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަވެފައިވާތީ އެކަމާއެވެ. ގުޅިއަސް މިހާރު ފޯން ނަގަނީ މަދު ފަހަރަކުއެވެ. ފޯން ނަގާ ފަހަރު ވެސް ބިޒީކަމަށް ބުނެ ފަހުން ގުޅާނެ ވާހަކަ ބުނެފައި ފޯން ބާއްވައެވެ.
އެކަމާ މަޝްވަރާކުރުމަށް ޒާރާއާ ބައްދަލުކޮށްލުމަށް ދާނީއޭ ހިތައި އެރޭ ޔޫލީ ނިދައިފިއެވެ.
އަނެއް ދުވަހު އޮފީސް ނިމިގެން ޔޫލީ ދިޔައީ ޒާރާގެ ގެއަށެވެ. އަންގައި ވެސް ނުލައި ދެވުނު ފުރަތަމަ ފަހަރު ޒާރާ ހުންނާނެ ގޮތް ހިތަށް ގެންނަމުން ޔޫލީ ގާތަށް ހިނިއައެވެ.
ޒާރާގެ ގެއަށް ވަން އިރު ގޭތޭރޭގައި އެއްވެސް މީހެއްގެ އަޑެއް ނެތެވެ. މަޑުމަޑުން ވާހަކަ ދައްކާ އަޑު އިވެމުން ދިޔައީ ޒާރާގެ ކޮޓަރި ހުންނަ ދިމާގެ ބެލްކަނީންނެވެ. ޔޫލީ މަޑުމަޑުން އެ ދިމާއަށް ދިޔައީ ޒާރާ އެކުވެރިއަކާ ވާހަކަ ދައްކަނީކަމަށް ހިތަށް އަރައި ސަޕްރައިޒެއް ދޭނަމޭ ހިތަށް އަރުވައިގެންނެވެ. އެ ވަގުތު ޔޫލީއަށް ފެނުނީ ޒާރާއާއި އަލީމް އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ތިއްބައެވެ. ޔޫލީއަށް ލިބުނު ޝޮކުން ބުނާނެ އެއްޗެއް ނޭނގުނެވެ.
"އަލީމަށް ބަދަލު އައި ސަބަބީ މިއީތާ." ޔޫލީ ހިތަށް އަރަމުން ދިޔައެވެ. ކާފާއާއި މާމަގެ ކަންތަކުގައި ޔޫލީ އަށް އުޅޭން ޖެހުމުން އަލީމަށް ވަގުތު ދެވޭ ވަރު މަދުކަން ޔޫލީއަށް ވެސް އިޙްސާސްކުރެވެއެވެ. އެއްވެސް އަޑެއް ނީއްވައި މަޑުމަޑުން ފަހަތަށް ޖެހެމުން ޔޫލީ އެ ގެއިން ނިކުތެވެ. އެ ދެ މީހުންނަށް ޔޫލީ އައިކަމެއް ނޭނގެއެވެ.
އޭރު ޔޫލީގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. މި ޒަމާނުގައި އިތުބާރުކުރާނީ ވަކި ކާކަށްހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާއާއި ލޯބިވެރިޔާ ވެސް ޔޫލީއަށް ކެހި ދިނީއެވެ. ގެއަށް ގޮސް މާމައާއި ކާފަ ކުރިމަތީގައި ނުރޮއި ހުރެވޭނެބާއޭ ޔޫލީ ހިތަށް އެރިއެވެ. ގެއަށް ދެވުމާ އެކު ފާޚާނާއަށް ވަދެ ފެން މާގަނޑު ދަށުގައި އެތައް އިރެއް ވަންދެން ޔޫލީ ހުރީ ކަރުނަ ހިފެހެއްޓޭތޯއެވެ.
"ލޯބިން ގޮސް ނުކައި ނުބޮއެ އުޅުނު އަލީމް. ރޭގަނޑު ލޮލަށް ނިދި ނާންނަ ކަމަށް ހެދިގެން އުޅުނު އަލީމް އެއީ." ޔޫލީ ހިތުން އަލީމަށް އެއްޗެހި ގޮވަމުން ދިޔައެވެ.
ރޭގަނޑުގެ އަރާމު ނިދީގެ ތެރެއަށް އެންމެ ގެއްލިފައި ވިޔަސް ޔޫލީގެ ލޮލަކަށް މިރޭ ނިންޖެއް ނައެވެ. އެކިއެކި ހަނދާންތައް ހިތަށް އަންނަމުން ދިޔަ ވަރަކަށް ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެންމެ ފަހުން ޔޫލީ ނިންމީ މާމައާއި ކާފައާއެކު ރަށަށް ބަދަލުވުމަށެވެ. ދެނެއް ޔޫލީއަކަށް މި ފަސްގަނޑަކަކު ނޫޅެވޭނެއެވެ. މަގުމަތީން ވިޔަސް އެހެން ތަނަކުން ވިޔަސް ޒާރާ އާއި އަލީމު ފެންނަ ހިސާބުގައި އުޅޭކަށް ޔޫލީ ބޭނުމެއް ނުވެއެވެ.
އާ ދުވަހަކަށް އެރި އިރު ހިނިތުންވުމާއެކު، ދުނިޔެއަށް އުފާވެރިކަން ގެނެސްދިނެވެ. މޫސުން ރީތި ނަލަ ދުވަހެއްކަމުން އިރު އޭގެ ވާޖިބު އަދާކުރުމުގައި ހުރީ އުފަލުންނެވެ. ދުނިޔެ ކިތަންމެ އުފާވެރިކޮށް ފެނުނު ކަމުގައިވިއަސް ޔޫލީއަށް މިއަދަކީ ބަނަ ދުވަހެކެވެ. މޫނުމަތީން ދެއްކުންތެރިކަމުގެ ހިނިތުންވުން ގެނެސްގެން ޔޫލީ، މާމައާއި ކާފަ ގޮވައިގެން ދަތުރަށް ތައްޔާރުވެގެން ގެއިން ނިކުމެއްޖެއެވެ. "ދައްތާ. އަހަރެމެންގެ ކޮޓަރި ދައްތަ ބޭނުން ނަމަ ކުއްޔަށްދީ." ގޭގެ އެއްބަސްވުން ފަދަ މުހިންމު ލިޔުންތައް ދައްތައާ ޙަވާލު ކުރުމަށްފަހު ޔޫލީމެން ފުރައިގެން ހިނގައްޖެއެވެ.
މާމައާއި ކާފަ ގޮވައިގެން ގެއަށް ދެވުމުން ނީނާއާއި ނާހިލް އަދި ނިހާން އުފަލުން މާމައާއި ކާފައަށް މަރުޙަބާ ކިޔަން ދޮރުމަތީ ތިއްބެވެ. އެންމެން ގެއަށް ވަދެވަދެ ތިއްބައި ނަދީމު އައިސް ވާހަކަ ދައްކަން ފެށިއެވެ.
"މިއަދު އަހަރެން ވަރަށް ދެރަވެ ލަދުގަންނާން ޖެހިއްޖެ. މަންމައާއި ބައްޕައަށް ކަންތައް ކުރެވުނު ގޮތުން އަހަރެން މިހުރީ ވަރަށް ދެރަވެފައި. މަންމަ އާއި ބައްޕަ އަހަރެން ބޮޑުކުރީ ހިލޭ މީހެއްގެ ދަރިއެއްކަން އަހަންނަށް އިޙްސާސް ވިޔަ ނުދީ. އެކަމަކު އަހަރެން ކިހާ ގޮތެއް ހެދީން. އެ ވަރުން ވެސް މަންމައާއި ބައްޕަ އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ."
"މައިން ބަފައިންނަށް އެމީހުންގެ ދަރިންނެއް ގޯހެއް ނުވާނެ. އަދިވެސް ތިޔައީ އަހަރެމެންގެ ދޮށީދަރި ނަދިމް" މާމަގެ ވާހަކައަށް ދޮންބެގެ މޫނުމަތީން ހިތްހަމަ ޖެހުން ފެނުނެވެ. ނިހާން އޭރު ހުރީ ކާފަގެ އަތުގައި ހިފައިގެން ހިނިތުންވެފައެވެ.
"އަހަރެން ދެން ދުވަހަކު ވެސް މައިން ބަފައިންނަކަށް ދެރަ ގޮތެއް ނުހަދާންކަމަށް ވަޢުދުވަން. ގޭގެ ރަޖިސްޓްރީ ވެސް މަންމައާއި ބައްޕަގެ މައްޗަށް ބަދަލުކުރާނަން. އަހަރެން ކުރި ކުށަކީ މަޢާފު ޙައްޤު ކުށެއް ވެސް ނޫން. މިހާ ތަނަށް މި ޢާއިލާއަށް އަހަރެން ދިނީ ހިތްދަތިކަން. އެ ކަމަށް ވަރަށް ބޮޑަށް މަޢާފަށް އެދެން."
މާމައާއި ކާފަ ޔޫލީއާ ދިމާއަށް ބަލައިލިއެވެ.
"ޔޫލީގެ މަސައްކަތުން އަހަރެމެންނަށް އަނބުރައި ގެއަށް މި އާދެވުނީ" ކާފަ ބުންޏެވެ.
"އަހަރެން ކުރި ހުރިހާ ކަމެއް ފަސޭހަވެގެން ދިޔައީ ނީނާގެ ބައިވެރިވުމާއެކު. އަހަރެމެން އެންމެންނަކީ އެއް ޢާއިލާއެއް. އެންމެން އެކީ ގޭތެރެއަށް ވަދެއްޖެއެވެ. އޭރު ޒަހީރާ ތަންކޮޅެއް ދުރުގައި ބަލާން ހުއްޓެވެ. ގޭތެރެއަށް އުފާވެރިކަން އަތުވެއްޖެއެވެ. ޔޫލީގެ ޙައްޤަށް އެންމެ ގާތް އެކުވެރިޔާ ވަނީ އަރައިގެންފައެވެ. އަދި ލޯބިވެރިޔާ ވަނީ ޙައްޤު ނިގުޅައިގެންފައެވެ. އެހެންނަމެވެސް އޭނާގެ މަސައްކަތުން މިއަދު މާމައާއި ކާފައަށް ލިބެންވާ ޙައްޤު ހޯދައިދެވިއްޖެއެވެ.
(ނިމުނީ)