Advertisement

މަސްވެރިކަމުގެ ވަސީލަތްތައް ގާއިމުކުރެވޭންވާނީ މަސްވެރީންގެ ރައުޔަށް ރިޢާޔަތްކޮށްގެންނެވެ.

19 Apr 2024 | 21:01
މަސްވެރިކަމާ ބެހޭ ވުޒާރާއިން ގާއިމުކުރާ ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ހިނގަމުން ދަނީ.

އިޖުތިމާޢީ މުރާސިލު

ހޮބީއެއްގެ ގޮތުން މަސްވެރިކަން ކުރާ މީހުން ކުރާ މަސްވެރިކަމަށާއި (ސްޕޯޓްސް ފިޝިންގ) ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން މަސްކަނދުފަތިތަކެއް އަޅާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކުރައްވައި މި ފަދަ ކަނދުފަތިތަކެއް ގާއިމުކުރައްވަމުން ގެންދެވުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މި ކަމަށް ޓަކައި ޝުކުރުވެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. މި ފަދަ ކަނދުފަތިތައް ގާއިމުކުރައްވަމުން ގެންދަވަނީ ރަށުގެ އުރަފަށުން ފެށިގެން ތިން މޭލާއި ހަ މޭލާ ދެމެދުގެ ދުރުމިނެއްގައިކަމށް މަޢުލޫމާތު ލިބިފައިވެއެވެ.

މީހުން ދިރިއުޅޭ ރަށްރަށާ ކައިރީގައި، އެ ވުޒާރާގެ ފަރާތުން، ރަށްރަށުގެ ފުށޮޅުގައި ޤާއިމުކުރައްވާން ފެއްޓެވި ވަދު ކަނދުފަތި، ފަރުމާކުރައްވައިފައިވަނީ ދުރަށް އަލި ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ "ރާޑަރ ރިފްލެކްޓަރ"އަކާ އެކުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ވަދުމަސް ކަނދުފަތީގެ ގޮތުގައި ހަރުކުރަނީ ރީނދޫކުލައިގެ ބޮއެވެ. މިއީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ކުރުމަށް ޓަކައި ޚާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެކެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ތަފާތުކުރާން ފަސޭހަ ވާ ގޮތަށް އަދި ނުލުގެ އުދަރެހާއެކު، ރީނދޫކުލައިގައެވެ. އެއީ ދެނެގަނެ، ކަނދުފަތި ހޯދާން ފަސޭހަވާނޭ ގޮތުގެ މަތީންނެވެ.

މި ހަފުތާ ތެރޭގައި ތިން އަތޮޅެއްގައި ވަދު ކަނދުފަތި ގާއިމުކުރައްވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފައިވަނީ މި ދިޔަ ބުދަދުވަހުއެވެ.  

އެ އަތޮޅުތަކަކީ، މ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ލ. އަތޮޅެވެ. އޭގެ ތެރެއިން، މ. އަތޮޅުގައި ގާއިމުކުރާ ކަނދުފަތި، ވޭވަށް ބޭރުގައި އަޅައިފައި ވަނީ ވެސް ބުދަ ދުވަހުއެވެ. އަދި ތ. އަތޮޅުގައި އަޅާ ކަނދުފަތި، ބުރުނީ ބޭރުގައި އަޅައިފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މި ކަނދުފަތީގެ ނަންބަރަކީ K09V01 18 އެވެ. ލ. އަތޮޅުގައި އަޅާ ކަނދުފަތި ގާއިމުކޮށްފައި މި ވަނީ މިއަދު (އެޕްރީލު 19ގައި) ފޮނަދޫ ކައިރީގައެވެ. މި ކަނދުފަތީގެ ނަންބަރަކީ M10V01 އެވެ.

ހައްދުންމަތީގައި ފަރުމަސްވެރިކަންކުރާ ގިނަ ޒުވާނުން ބުނާ ގޮތުގައި ހައްދުންމަތީގައި މި ފަދަ ކަނދުފައްޗެއް ހަރުކުރާން އެންމެ ރަނގަޅު ތަނަކީ އެއީއެއް ނޫނެވެ. ސަބަބަކީ ފޮނަދޫއަކީ ދައުލަތުގެ ވަޒީފާތަކަށް ބަރޯސާވެގެން އާމްދަނީ ހޯދާ ރަށަކަށް ވެފައި އެއީ މަސްވެރި ރަށަކަށް ނުވާކަމެވެ. އެހެންކަމުން ފޮނަދޫ ކައިރީގައި އެ ކަނދުފަތި ހަރުކޮށްފައިވަނީ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާއެއް ކުރައްވައިގެންކަމަކަށް އަދި އެ ކަމާ ބެހޭ ދިރާސާއެއް ހައްދަވައިގެންކަމަކަށް ވެސް ގަބޫލުކުރާން އުނދަގޫކަމަށް މަސްވެރީން ބުނެއެވެ. ހައްދުންމަތީގައި އެންމެ ކަނދުފައްޗެއް އަޅާ ނަމަ، އެ ކަނދުފަތި އަޅާން އެންމެ ރަނގަޅީ، އިސްދޫ ނުވަތަ މުންޑޫ ނުވަތަ ހިތަދޫ ނުވަތަ މާވަށާ ވީ ސަރަހައްދުތަކުގައިކަމަށް ވެސް މި ކަންކަމާ ވިސްނާ މީހުން ބުނެއެވެ. ސަބަބަކީ މި ދެންނެވި ރަށްރަށަކީ މަސްވެރި ރައްޔިތުން ދިރިއުޅޭ އަދި ކަނޑުއޮޅިއާ ކައިރި ރަށްރަށްކަމަށް ވާތީއެވެ. ސްޕޯޓްސް ފިޝިންގއަް ލޯބިކުރާ އަދި ވަދު މަސްވެރިކަން ކުރާ މީހުން އުންމީދުކުރަނީ މި ކަމާ ސަރުކާރުން ވިސްނައި ވަޑައިގެން އިތުރު ކަނދުފައްޗެއް އެކަށީގެންވާ އެހެން ދިމާއެއްގައި ހައްދުންމަތީގައި ގާއިމުކުރައްވާނެކަމަށެވެ.

ރާއްޖޭގެ ކަނދުފަތީގެ ވިއުގައިގައި 14 ވަދު މަސްކަނދުފަތި ގާއިމުކުރެވިފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މީގެ ކުރީން ވަނީ ހާމަކުރައްވައިފައެވެ. އެ ސިލްސިލާއަށް މިހާރު ތިން ކަނދުފަތި މިވަނީ އިތުރުވެފައެވެ.

Advertisement

ކޮމެންޓް
ޢަލީއާދަމް
ލިޔުއްވުމުގައި ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ތާއީދުކުރަން.
20 Apr 2024