Advertisement

ކަންކަމަށް މީހުން އިސްކުރުމުގައި ބަލާން ޖެހޭ މީޔާރުތައް

19 Apr 2024 | 07:10
ރައްޔިތުންގެ މަޖުލިސް ހުވައިކުރައްވަނީ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ކަންކަންކުރުމުގެ ނިޒާމަށާއި މަސައްކަތްތައް ރާވައި ހިންގުމަށް (އެއީ އަޅުކަންތައްކަމުގައި ވިޔަސް) އިސްލާމްދީން ވަރަށް ޚާއްޞަ ޢިނާޔަތެއް ދީފައިވެއެވެ. މިސާލަކަށް ބަލާ ނަމަ، ނަމާދުކުރާ އިރު، މީސްތަކުންނަށް އެމީހުން ތަބާވާންޖެހޭ އިމާމަކަށް ބޭނުންވާނެއެވެ. މީސްތަކުން ސަފުތައް އަތުރައިލާން ޖެހޭނީ އޭނާގެ ފަހަތުގައެވެ. އޭނާއަށް ވުރެ ކުރިއަށް އެރި މީހާގެ ނަމާދު ބާޠިލުވާނެއެވެ. ނަމާދުގައި އިމާމާގެ އަމުރުތަކަށް ވަގުތުން ތަބާވާން ޖެހޭނެއެވެ. އިމާމާ މި ކަމަށް އަމުރުކުރާނީ ތަކުބީރުތަކުންނެވެ. ދެ ރުކުނެއްގައި އިމާމާގެ އަމުރާ ޚިލާފުވެއްޖެ ނަމަ، އެ މީހާގެ ނާމާދު ބާޠިލުވާނެއެވެ.

ކަންކަންކުރުމުގައި ޒަޢާމަތަކަށް ބޭނުންވާނެއެވެ. މަސައްކަތުގައި ހިމެނޭ ޢުންޞުރުތައް ގުޅި ލައިމެހިގެން، ކުރުންތެރިކަމާއެކު ޙަރަކާތްތެރިވެވޭނީ މި ޢުންޞުރުތަކަށް އިރުޝާދުދީ ބަލަހައްޓާނެ އިސްވާރެއް ހުރެގެންނެވެ.

ކީރިތި ޤުރުއާނުގައި އިސްވާރުން އިޚްތިޔާރުކުރުމަށް ބޭނުންވާ  ތަފާތު މީޔާރުތައް ވާރިދުވެފައި ވެއެވެ. ޙާޞިލުކުރާން ބޭނުންވާ އަމާޒުތަކާއި މަޤުޞަދުތަކާ އެއް ގޮތް ވާ ގޮތުގެ މަތީންނެވެ. މީގެ ތެރޭގައި މި ދަންނަވާ މީޔާރުތައް ވެއެވެ:-

ޢިލްމާއި ތަޖުރިބާއާއި ހުނަރު

މި މީޔާރުތައް ކީރިތި ޤުރުއާނުގައި ޔޫސުފުގެފާނުގެ ދޫފުޅުމަތީން އައިސްފައި ވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ [1]‎- އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ خزانةތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.))

މިޞްރުގެ ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު ޔޫސުފުގެފާނު ނޫން މީހަކަށް މާނަކޮށެއް ނުދެވުނެވެ. ރަސްގެފާނު އޭރު އަދި އިސްލާންވެވަޑައެއް ނުގަންނަވައެވެ. އެހެނަސް އެއީ ގައުމު ހިންގުމުގެ ޢަމަލުތަކުގައި ވަރަށް ވިސްނުންތޫނު ޙިކުމަތު އަމަލީ ބޭފުޅެކެވެ. އޭނާގެ އަރިސް ބޭކަލަކަށް ޔޫސުފުގެފާނު ހައްދަވާން ބޭނުންފުޅުވިޔަސް އެ ރަސްގެފާނު އެ ގޮތަށް ޢަމަލުކުރެއްވުމުގެ ކުރީން ޔޫސުފުގެފާނުގެ އަމާނަތްތެރިކަމާއި ތެދުވެރިކަމާއި ވިސްނުންފުޅުގެ ތޫނުކަން ދެއްކެވުމަށް ޓަކައި އެ ރަސްގެފާނު ޔޫސުފުގެފާނު އިމްތިޙާނުކުރެއްވިއެވެ. މި ޒަމާނުގައި މި ބުނާގޮތަށް ވަޒީފާއަށް ޤާބިލުކަން ދެއްކެވުމަށް ޓަކައި، އިންޓަވިއު ކުރެއްވިއެވެ. މަތްﷲ މި ވާހަކަތައް ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. (( وَقَالَ الْمَلِكُ ائْتُونِي بِهِ أَسْتَخْلِصْهُ لِنَفْسِي ۖ فَلَمَّا كَلَّمَهُ قَالَ إِنَّكَ الْيَوْمَ لَدَيْنَا مَكِينٌ أَمِينٌ [2] - ރަސްގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ތިމަންގެ خدمةއަށް خاص ކުރުމަށް ޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ! ފަހެ، އެކަލޭގެފާނާ ވާހަކަ ދައްކަވައިފައި، އެ ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ أمانة ތެރިޔަކީމުއެވެ.))

((أَسْتَخْلِصْهُ لِنَفْسِي  - އެކަލޭގެފާނު ތިމަންގެ خدمة އަށް خاص ކުރުމަށްޓަކައެވެ.)) މި ބަސްފުޅުން ޔޫސުފުގެފާނު ރަސްގެފާނުގެ އަރިސް ބޭކަލަކަށް ހައްދަވާން ބޭނުންފުޅުވާ ކަން އެނގެއެވެ.

ދެން  (( فَلَمَّا كَلَّمَهُ - ފަހެ، އެކަލޭގެފާނާ ވާހަކަ ދެއްކެވިއެވެ.)) އިންޓަވިއު ކުރެއްވިއެވެ.

މި އިންޓަވިއުގެ ނަތީޖާއަކަށް ވީ ((إِنَّكَ الْيَوْمَ لَدَيْنَا مَكِينٌ أَمِينٌ - ހަމަކަށަވަރުން، ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ أمانة ތެރިޔަކީމުއެވެ.))

ރަސްގެފާނު ޔޫސުފުގެފާނަށް މަޤާމު ދެއްވީ މި އިންޓަވިއުން އެކަލޭގެފާނުގެ ޤާބިލުކަން އެނގިވަޑައިގަތުމުންނެވެ. އަދި ދަރުބާރުގައި ތިއްބެވި  ބޭކަލުންނަށް އެ ކަން ހާމަކޮށްދެއްވައިފައެވެ. ފާޑުކިޔުންތެރީންނަށް ޖާގަނުދެއްވުމަށް ޓަކައެވެ.

ކީރިތި ޤުރުއާން މި ގޮވައިލަނީ އެކަށީގެންވާ މީހާއަށް އެކަށީގެންވާ މަސައްކަތް ދިނުމަށެވެ. ވަޒީފާތައް ދިނުމުގައި ގާތްކަމަށާއި އެކުވެރިކަމަށާއި މީހާގެ ރީތިހުތުރުކަމަށް  ނުބެލުމަށެވެ.

އައްޝައިޚު މުޙައްމަދު މުތަވައްލީ އައްޝަޢުރާވީ ވިދާޅުވާ ގޮތުގައި ރަސްގެފާނު ޔޫސުފުގެފާނާ ވާހަކަދެއްކެވުމުން އެނގިވަޑައިގަތީ ޔޫސުފުގެފާނަކީ އެކަލޭގެފާނުގެ ނަފުސުފުޅު އެންމެ ބާރުގަދަ ޣަރީޒާއިން (ޖިންސީ ޣަރީޒާއިން) ރައްކައުތެރިކުރައްވައިފައިވާ ބޭކަލެއްކަމެވެ. އަދި އެކަލޭގެފާނުގެ ކުށެއް ނެތްކަން ސާބިތުވުމުގެ ކުރީން އެކަލޭގެފާނު ހުރަގެއިން ނުކުމެވަޑައިގަތުމާ ދެކޮޅުހެއްދެވިކަމެވެ. އެކަލޭގެފާނު ރަސްގެފާނުގެ ހުވަފެންފުޅު ތަޢުބީރުކޮށްދެއްވި ގޮތުން އެކަލޭގެފާނަކީ ޢިލްމުވެރިއެއްކަން އެނގިވަޑައިގަތެވެ. ޝައިޚު ޝަޢުރާވީ ވިދާޅުވާ ގޮތުގައި އިސްކަންދޭން ޖެހޭނީ ޢިލްމަށާއި ތަޖުރިބާއަށާއި އަމާނަތްތެރިކަމަށެވެ. ރައްޔިތުންނަށް އަމާނަތްތެރި،  ވެރިމީހާއަށް އިތުބާރުކުރެވޭ، ތަޖުރިބާކާރު މީހާއަށެވެ. ﷲގެ މަންހަޖާ އެއް ގޮތަށް ޙަޔާތް ތަވާޒުނު ވާނީ އޭރުންނެވެ.

ޔޫސުފުގެފާނު މިޞްރު ބޮޑު ތަދުން ސަލާމަތްކުރެއްވުމަށް ޓަކައި ވިދާޅުވިއެވެ. (( اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ [3]‎- (مصر ގެ) ބިމުގެ خزانة ތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.))

ޔޫސުފުގެފާނު މި ބަޔާންކޮށްދެއްވަނީ އިސްވާރުކަމުގެ ޝަރުޠުތަކެކެވެ. ފުރަތަމަ ޝަރުޠަކީ މަސައްކަތަށް ރައްކައުތެރިވުމެވެ. ރައްކައުތެރިވުމުގެ މާނައަކީ އެ ކަން ރަނގަޅަށް ކުރުމާއި އާންމު މުދާ ގެއްލިގެންދިޔަނުދިނުމާއި އެ މުދަލަށް ޚިޔާނަތްތެރިނުވުމެވެ.

ދެވަނަ ޝަރުޠަކީ ޢިލްމެވެ. ތަޖުރިބާއާއި ހުނަރެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((فَسْـَٔلْ بِهِۦ خَبِيرًا [4]- ފަހެ، އެކަލާނގެއާމެދު މޮޅަށް خبر ދަންނަ ފަރާތަކާ[5] ކަލޭގެފާނު سؤال ކުރައްވާށެވެ.))

ޔޫސުފުގެފާނުގެ ވާހަކަފުޅުގައި އެކަލޭގެފާނަކީ ރަސޫލެކޭ އަދި ނަބީއެކޭ ވިދާޅެއް ނުވެއެވެ. އެހެނަސް އެކަލޭގެފާނު ވިދާޅުވީ އެކަލޭގެފާނު އިސްކުރާން ޖެހޭ މަޤާމަށް ބޭނުންވާ ޢިލްމާއި ތަޖުރިބާ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާކަމެވެ. އެކަލޭގެފާނު ވަނީ އެކަލޭގެފާނު ބައްލަވައިގަތް މިޞްރުގެ ކުރީގެ ޢަޒީޒާއެކު މިޞްރުގެ ތަފާތު ރަށްރަށަށް ދަތުރުފުޅުކުރައްވައިފައެވެ. ޢަޒީޒާއެކު ކުރެއްވި ދަތުރުފުޅުތަކުގެ ރިޕޯޓުތައް ލިޔުއްވެވީ ޔޫސުފުގެފާނެވެ. ޔޫސުފުގެފާނު އިސްކުރެވުނީ މި ޒަމާނުގެ ގޮތަށް ބަލާ ނަމަ، މިޞްރުގެ އިޤްތިޞާދީ ނުވަތަ މާލީ ވަޒީރުކަމަށެވެ. ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި ބޮޑުވަޒީރުކަމަށެވެ.

އަލްޤުރުޠުބީ ވިދާޅުވެފައިވެފައިވާ ގޮތުގައި ޔޫސުފުގެފާނު އެކަލޭގެފާނަކީ ޙަސީބު ބޭކަލެކޭ (ނަސަބުގެ ގޮތުން މާތް ބޭކަލެކޭ) ވިދާޅެއް ނުވެއެވެ. ނަބިއްޔާ e ޔޫސުފުގެފާނާ ބެހޭ ގޮތުން ޙަދީސްކުރެއްވިއެވެ. ((الكَرِيمِ ابنُ الكَرِيمِ ابْنِ الكَرِيمِ ابْنِ الكَرِيمِ يُوسُفُ بنُ يَعْقُوبَ بنِ إسْحاقَ بنِ إبْراهِيمَ[6]. – އެއީ މާތް ބޭކަލެއްގެ ފުތް މާތް ބޭކަލެއްގެ ފުތް މާތް ބޭކަލެއްގެ ފުތް މާތް ބޭކަލެކެވެ. އިބަރާހީމުގެފާނުންގެ ފުތް އިސްޙާގުގެފާނުންގެ ފުތް ޔަޢުޤޫބުގެފާނުންގެ ފުތް ޔޫސުފުގެފާނެއެވެ.)) އެކަލޭގެފާނު އެކަލޭގެފާނަކީ ރީތި  ޒުވާނެކޭ ވެސް ވިދާޅެއް ނުވެއެވެ. އެހެނަސް ވިދާޅުވީ ((إِنِّي حَفِيظٌ عَلِيمٌ [7]‎-  ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާ ބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.))  އެ މަޤާމަށް އެދިވަޑައިގަތީ އެކަލޭގެފާނުގެ ކިބައިގައި ހުރި ރައްކާތެރިކަމާއި ޢިލްމާ ހެދިއެވެ. ނަސަބާއި ރީތިކަމާހެދިއެއް ނޫނެވެ.[8]

މިޞްރުގެ ހުރިހާ ޖިންސުއްލަޠީފުން ވަނީ އެކަލޭގެފާނު ރީތިފުޅުކަމާ މެދު ޙައިރާންވެފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَقَالَتِ ٱخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُۥٓ أَكْبَرْنَهُۥ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَٰشَ لِلَّهِ مَا هَٰذَا بَشَرًا إِنْ هَٰذَآ إِلَّا مَلَكٌ كَرِيمٌ [9] -  އެ އަންހެނުން އެކަލޭގެފާނު ދުށް ހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާމެދު حيران ވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. [حاش للَّه] އެވެ. (اللَّه ގެ ހުސްطاهر ވާންތަ ކަމާއެވެ!) މިއީއަކީ آدمގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ ملائكةއަކު ކަމުގައި ނޫނީ ނުވެތެވެ.))

އައްޒަމަޚްޝަރީ ވިދާޅުވާ ގޮތުގައި ((إِنِّي حَفِيظٌ عَلِيمٌ [10]‎- ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.))ގެ މާނައަކީ ޔޫސުފުގެފާނަކީ ރައްކައުތެރިކުރާން ޖެހޭކަންތައްތައް ރައްކައުތެރިކުރައްވާން އެނގިވަޑައިގަންނަވާ އަމާނަތްތެރި ބޭކަލެކެވެ. އެކަލޭގެފާނަށް ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ޤާބިލުކަން ލިބިވަޑައިގެންފައި ވެއެވެ. މި ކަންކަން ކުރެވޭނެ ވަރުގެ އެހެން ދެވަނަ މީހަކު އެ ވަގުތު ނުވާކަން މާތް ﷲ އެކަލޭގެފާނަށް އެންގެވިއެވެ.[11]

އަލްފަޚްރުއްރާޒީ ވިދާޅުވާ ގޮތުގައި އަމިއްލަ ނަފުސަށް ތާރީފުނުކުރާން މާތް ﷲ އައްނަޖުމު ސޫރަތުގައި އަންގަވައިފައިވެއެވެ. (( فَلَا تُزَكُّوٓا۟ أَنفُسَكُمْ [12]ۖ-ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތާރީފުކޮށް فخرވެރިނުވާށެވެ! )) މި ބަސްފުޅާ ޔޫސުފުގެފާނުގެ ބަސްފުޅު ((إِنِّي حَفِيظٌ عَلِيمٌ [13]‎-  ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާ ބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.)) މި ބަސްފުޅާ ދެމެދުގައި އެއްވެސް ތަޢާރުޟެއް ނެތެވެ. މާތް ﷲ އަމިއްލަ ނަފުސަށް ތާރީފުކުރުން މަނާކުރެއްވީ ފަޚުރުވެރިވުމާއި ބޮޑާކަމުގެ ގޮތުން އެ ކަން ކުރާނަމައެވެ. [14]

މިޞްރުގެ ރަސްގެފާނުގެ ވާހަކަފުޅަށާއި ޔޫސުފުގެފާނުގެ ވާހަކަފުޅަށް ބަލާ އިރު ރަސްގެފާނު އިސްކަންދެއްވައިފައި ވަނީ ޢިލްމަށެވެ. ދެން އަމާނަތްތެރިކަމަށެވެ. އޭނާ ބޮޑަށް އިސްކަން ދެއްވައިފައި މިވަނީ އޭނާގެ ގައުމާ ކުރިމަތިވެދާނެ ނާޒުކު މަރުޙަލާގައި ޔޫސުފުގެފާނުގެ ޢިލްމުފުޅުން ފައިދާލިބިގަނެ ގައުމު ސަލާމަތްކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުއްވުމަށެވެ.

އެހެނަސް ޔޫސުފުގެފާނު އިސްކަންދެއްވައިފައި މި ވަނީ އަމާނަތްތެރިކަމަށެވެ. ރަސްގެފާނު އެކަލޭގެފާނުގެ އެހީ ހޯއްދަވާން ބޭނުންފުޅުވާކަން އެނގިވަޑައިގަތުމުން އެކަލޭގެފާނު އެދިވަޑައިގަތީ މިޞްރުގެ ޚަޒާނާގެ ވެރިކަމެވެ. އެއީ ދައުލަތުގެ މުއްސަނދިކަމެވެ. މި މުއްސަނދިކަމުގެ ނަފާ ޔޫސުފުގެފާނު ބޭނުންފުޅުކުރައްވައިފާނެކަމުގެ ޝައްކު އުފެދިދާނެތީ ޔޫސުފުގެފާނު ވިދާޅުވީ އެކަލޭގެފާނު މި މުދަލަށް ރައްކައުތެރިވެވަޑައިގަންނަވާނެ ވާހަކައެވެ. އެއަށް ޚިޔާނަތްތެރިވެވަޑައިނުގަންނަވާނެ ވާހަކައެވެ. އެކަލޭގެފާނުގެ ނަޒާހަތްތެރިކަމުގެ ވާހަކައެވެ. ދައުލަތުގެ ޚަޒާނާގެ ވެރިޔާ ސާފު ތާހިރު ޒިންމާދާރު މީހަކަށް ވާން ޖެހޭނެ ވާހަކައެވެ. މިއީ މަސްއޫލުވެރީން ސަމާލުކަންދޭން ޖެހޭނެ ކަމެކެވެ. ދައުލަތުގެ މުދަލާ ޙަވާލުވާ މީހާ (މާލީ ވަޒީރު) މި ފަދަ ޒިންމާދާރު މީހަކަށް ވާން ޖެހޭނެއެވެ. ދައުލަތުގެ ވެރިޔާ އެއީ މި ފަދަ ނަޒާހަތްތެރި އަމާނަތްތެރި މީހެއްތޯ ބަލާން ޖެހޭނެއެވެ.

ޙަވާލުކުރެވޭ މަސައްކަތް އަދާކުރެވޭ ވަރުގެ ގައިބާރާއި ދުޅަހެޔޮކަން ލިބިފައިވުން

މަސައްކަތެއް  ޙަވާލުކުރާ އިރު، ބަލާން ޖެހޭ މީޔާރުތަކުގެ ތެރޭގައި އެ މީހާއަކީ ދުޅަހެޔޮ މީހެއްތޯ ބެލުންވެއެވެ. މި ޒަމާނުގައި މި ހަދާ މެޑިކަލް ޗެކަޕަކީ މި މީޔާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހީވާގިކަމާއެކު  ޙަރަކާތްތެރިވެ މަސައްކަތް ހިނގަމުންދާ ތަންތަނަށް ގޮސް އުޅެވޭ ވަރުގެ ގައި ބާރު ހުރި މީހަކަށް ވާންޖެހޭނެއެވެ. ޖިސްމާނީ ގޮތުން ނުކުޅެދުންތެރި ބަލިމާނަކަށް ބުރަ މަސައްކަތްތަކެއް ނުކުރެވޭނެއެވެ.

ރިވެތި އަޚްލާޤުގެ ވެރިއަކަށްވުން

ރިވެތި އަޚްލާޤަކީ ވެރިޔެއްގެ ކިބައިގައި ހުންނާން ޖެހޭ ވަރަށް މާތް ސިފައެކެވެ.

މި ދެ މީޔާރާ ބެހޭގޮތުން ﷲ ތަޢާލާގެ ބަސްފުޅުތަކަށް ބަލައިލަމާތޯއެވެ! މި ދެ މީޔާރު ޝުޢައިބުގެފާނުންގެ ދަރިކަނބަލުންގެ ދޫފުޅުމަތީން އައިސްފައިވެއެވެ. އެކަލޭގެފާނު އޭރު އުޅުއްވީ މަދުޔަނުގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( قَالَتْ إِحْدَىٰهُمَا يَٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ ‎[15] - އެ ދެ އަންހެނުން ކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވައިފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއްކަމުގައި ބަހައްޓަވާން އެންމެރަނގަޅު މީހަކީ، ގައިބާރު ހުރި އަމާނާތްތެރިޔެކެވެ.)) އެހިނދު އެ ކަމަނާގެ ބަފައިކަލުން ވިދާޅުވިއެވެ. (ދަރިފުޅަށް  އޭނާގެ  ގައިބާރު ގަދަކަމާއި އަމާނަތްތެރިކަން ހުރި މިންވަރު އެނގުނީ ކިހިނެއްހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. އޭނާގެ ގައިބާރު ގަދަކުން އެނގުނީ ދިހަ މީހުންނަށް ނޫނީ އުފުއްލައިނުލެވޭ ވަޅުގެ މަތިގަނޑު އޭނާ އުފުއްލައިލީތީއެވެ.[16] އޭނާގެ އަމާނަތްތެރިކަން އެނގުނީ އޭނާ ބުންޏެވެ. ތިޔަ ކުއްޖާ މަގޭ ފަހަތުން އަންނާށެވެ. އެއީ ވައިރޯޅީގެ ސަބަބުން އަޅުގަނޑުގެ ހެދުން އުފުލި އަޅުގަނޑުގެ ހަށިގަނޑުގެ ސިފަ އޭނާއަށް ފެނިދާނެތީއެވެ. [17]

ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި ޠާލޫތާ ބެހޭ ގޮތުން ވަޙީކުރެއްވިއެވެ. (( وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوٓا۟ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ ٱلْمَالِ ۚ قَالَ إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةً فِى ٱلْعِلْمِ وَٱلْجِسْمِ[18]- އަދި، އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި طالوت ފޮނުއްވައިފިއެވެ. އެއުރެން ދެންނެވޫއެވެ. އޭނާއަށް ވުރެން ރަސްކަމަށް ތިމަންމެން حقކަން ބޮޑުކަމުގައިވާ އިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއް ވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيارކުރެއްވިއެވެ. އަދި، އޭނާއަށް علمއާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ.))  އަލްމައުލާ U  ޠާލޫތަށް ތާރީފުގެ ބަސް ވަޙީކުރައްވައިފައި މި ވަނީ އޭނާގެ ގައިބާރުގަދަކަމުންނާއި އޭނާގެ ޢިލްމުވެރިކަމުންނެވެ. އެހެންވެ ވެރިކަމަށް އިސްކުރެވޭ މީހާގެ ކިބައިގައި މި ދެ ސިފަ ހުންނާން ޖެހޭނެއެވެ. ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރެވޭނީ އޭރުންނެވެ. އޭރުން އިރުއިރުކޮޅުން ބޭސްފަރުވާކުރުމަށް ޓަކައި ހަސްފަތާލަށް ދާކަށް ނުޖެހޭނެއެވެ.

ޢަދުލުވެރިކަމާއި ހަވާނަފުސަށް ތަބާނުވުން

ވެރިކަމަށް މީހަކު އިސްކުރާއިރު އެންމެ ބޮޑަށް ބަލާން ޖެހޭނީ މި މީޔާރަށެވެ. ކީރިތި ޤުރުއާނުގައި ޢަދުލުވެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވެއެވެ. ވަރަށް ގިނަ އާޔަތްތަކެއްގައި ޢަދުލުވެރިވުމަށް މާތް ﷲ ގޮވައިލައްވައިފައި ވެއެވެ. މާތް ﷲ ދާވޫދުގެފާނަށް އެންގެވިއެވެ. (( يَٰدَاوُۥدُ إِنَّا جَعَلْنَٰكَ خَلِيفَةً فِى ٱلْأَرْضِ فَٱحْكُم بَيْنَ ٱلنَّاسِ بِٱلْحَقِّ وَلَا تَتَّبِعِ ٱلْهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِ[19] - އޭ داودގެފާނޭވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكمކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّهގެ މަގުން އެއްކިބާކޮށްފާނެތެވެ.))

މުސްލިމުންނަށް ޢަދުލުވެރިވުމަށް އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَٰنَٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ [20]- ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރީންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާ ނަމަ، عدلއަށް حكمކުރުމަށް ވެސް، أمرކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާ މެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ!))

ޙައްޤާއި ޢަދުލު އިންސާފާއި ހަމަހަމަކަމާއި ހަވާނަފުސަށް ތަބާނުވުމުގެ ގިޔަމުތަކަކީ ކާމިޔާބު އިސްވާރިއްޔަތުގެ ތަޅުދަނޑިތަކެވެ. ގައުމުގެ ވެރިޔާ ޢަދުލުވެރި މީހަކަށް ވާންޖެހޭނެއެވެ. ޢަދުލުވެރި ޙާކިމާއަކީ ﷲގެ ޙަޟްރަތުގައި މަތިވެރި ދަރަޖަތަކެއް  ލިބިގެންވާ މީހެކެވެ. ﷲގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ޤިޔާމަތް ދުވަހުގައި އޭނާއަށް މާތްﷲ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެއެވެ. މީގެ އިތުރަށް އޭނާގެ ދުޢާ މާތް ﷲ އިޖާބަކުރައްވާނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ހީކުރާގޮތުގައި މި މީޔާރުތަކަކީ ބޭރުން އެތެރެކޮށްފައިވާ މީޔާރުތަކެކެވެ. މިއީ އިސްލާމް ދީނުގައި ކަނޑައަޅުއްވައިފައިވާ މީޔާރުތަކެކެވެ. އޮޅުވައިލާން އުޅުނަސް ޙަޤީޤަތް ވާނީ ހަމަ ޙަޤީޤަތަށެވެ.

________________________________

ބައެއް ލަފުޒުގެ މާނަ:

ތަވާޒުނު      ނ.     ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.   

މީޔާރު       ނ.    (1) އާންމު ހަމަ. (2) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (3) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (4) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.

ބަލިމާނު      ނ.    ރާމާމަކުނު އާއިލާގެ އެއަށްވުރެ އިންސާނެއްގެ ސޫރައާ ވައްތަރު ބޮޑު ބަނޑެއް ހުންނަ ޙައިވާނެއް.

ޙަވާލާ:

[1]  - يوسف : 55

[2]  -  يوسف : 54

[3]  - يوسف : 55

[4]  -  الفرقان : 59

[5]  - މޮޅަށް ޚަބަރުދަންނަ މީހަކީ ތަޖުރިބާކާރެވެ. އެއީ  ޢިލްމުވެރިޔާއެވެ.

[6]  - أخرجه البخاري (٣٥٢٥) و الترمذي (٣١١٦) وأحمد (٨٣٨٠) 

[7]  - يوسف : 55

[8]  -  الجامع لأحكام القرآن : 9 / 216

[9]  -  يوسف :  31

[10]  - يوسف : 55

[11]  -  الكشاف : 2 /  482

[12]  -  النجم  :  32

[13]  - يوسف : 55

[14]  -  مفاتح الغيب : 18 / 473

[15]  -  القصص : 26

[16]  - ބައެއް ރިވާޔަތްތައް ބުނާ ގޮތުގައި އެއީ ސާޅީސް މީހުންނަށް އުފުއްލައިލެވޭ ވަރުގެ ބަރު މަތިގަނޑެކެވެ.

[17]  - معالم التنزيل : 6 / 202

[18]  -  البقرة : 247 

[19]  -  ص : 26

[20]  -   النساء : 58

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް