Advertisement

އިސްލާމީ ޖާސޫސީ މުއައްސަސާ އުފެދި ތަރައްޤީވުން (1)

18 Apr 2024 | 20:02
އިސްލާމީ ޖާސޫސީ އިދާރާ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

"އަހުރެންގެ ދޮރުމަތީގައި ހަތަރު މީހަކު ހުންނާން ޖެހެއެވެ. އެއީ ވެރިކަމުގެ ހަތަރު ތަނބެވެ. އެ މީހުންނާ ނުލައި ވެރިކަން ރަނގަޅު ނުވާނެތެވެ. ފުރަތަމަ މީހަކީ ޤާޟީ (ޢަދުލު އިންސާފާ ބެހޭ ވަޒީރު)އެވެ. އޭނާ ﷲގެ ވަޖުހުފުޅަށް ޓަކައި އެއްވެސް މީހެއްގެ ބޮލަކަށް ކަނދުރާއަކަށް ބަލައިގެން ނުވާނެއެވެ.  ދެވަނަ މީހަކީ  ފުލުހުންގެ ވެރިޔާ (ދާޚީލީ ވަޒީރު)އެވެ. އޭނާ ބާރުގަދަ މީހުންގެ ކިބައިން ނިކަމެތީންނަށް އިންސާފު ހޯދައިދޭން ޖެހޭނެއެވެ. ތިންވަނަ މީހަކީ ޚަރާޖުގެ ވެރިޔާ (މާލީ ވަޒީރު)އެވެ. އޭނާ ކަންތައްތައް ބަލައި، ރައްޔިތުންނަށް އަނިޔާވެރިވެގެން ނުވާނެއެވެ. ހަތަރުވަނަ މީހަކީ ބަރީދުގެ ވެރިޔާ (ޖާސޫސީ އިދާރާގެ ވެރިޔާ)އެވެ. އޭނާ އަނެއް ފަރާތްތަކާ ބެހޭ ގޮތުން ތެދު ޚަބަރު ދޭންވާނެއެވެ."

މުއައްރިޚުންގެ ޝައިޚުކަމުގައި ބެލެވޭ އަލްއިމާމުއްޠަބަރީ (އަވަހާރަވީ  310هـ/922م) މި [ދެންނެވި] ބަސްފުޅު ނިސްބަތްކުރައްވަނީ ޢައްބާސީ ދައުލަތުގެ ޙަޤީޤީ ބާނީ އަބޫ ޖަޢުފަރުލްމަންޞޫރު (އަވަހާރަވީ 158هـ/775م)އަށެވެ. މި ބަސްފުޅުތަކުން  އިސްލާމީ ދައުލަތުގެ ނިޒާމުގެ އަސާސީ ފިކުރުގެ ފުންކަމާއި ތައުގީދުކަން އެނގެއެވެ. ދައުލަތުގެ ސިޔާދަތީ ވުޒާރާތަކުގެ (ޢަދުލުއިންސާފާއި އަމްނާއި އިޤްތިޞާދާއި މައުލޫމާތުގެ) އިސްތިރާޖީ ދުރުމިންތައް އެނގެއެވެ. ދައުލަތް ހިންގުމުގެ ބާރުތަކުގެ އިދާރީ އޮނިގަނޑު ހާމަވެއެވެ.

ވާދަވެރި ހަތުރުވެރި ދުނިޔެއެއްގައި ހަނގުރާމައިގެ މައިދާނުގައި ސަފުތައް ރުކުރުވައިލައިގެން ދުޝްމަނުންގެ ޙަރަކާތްތަކަށް އަބަދު ވެސް ކަޅިއަޅައިގެން، ފާރަލައިގެން، އޮންނާން ޖެހިފައިވާ އިސްލާމީ ދައުލަތަށް ބަލާ އިރު، މަޢުލޫމާތު ޖަމާކުރާނެ އިދާރާއެއް އޮތުމަކީ މަންޠިޤީ ކަމެކެވެ.  ދައުލަތުގެ އެތެރެ ގަޑުބަޑުކޮށް އާންމު ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފައްދާން މަސައްކަތް ކުރަމުންދިޔަ ޖާސޫސުންނާއި ބޭރުގެ އޭޖެންޓުން ގިނަވެ އުތުރިއަރައިފައިވާތީ ވަރުގަދަ ޖާސޫސީ އިދާރާއަކަށް ދައުލަތް ވަނީ ބޭނުންވެފައެވެ.  އަދިރިކަން ބޮޑު، އަޑީސަރުކާރުތަކާ ކުރިމަތިލުމަށް ޓަކައި ދައުލަތުގެ ކަންތައް ރާވައި ހިންގުމުގައި "ފުން ވިސްނުމެއް"ގެ ވެރި ޖާސޫސީ އިދާރާއަކަށް ވަނީ ބޭނުންވެފައެވެ. އިސްލާމީ ޖާސޫސީ އިދާރާގެ ތާރީޚުގެ ފަތްފުށްތަކުން އެނގޭ ގޮތުގައި އެއީ ވަގުތާއެކު އަބަދު ވެސް އަދާހަމަކޮށް ތަރައްޤީވަމުން ކުރިއަރަމުން ގޮސްފައިވާ ތަޖުރިބާ މުއްސަނދި ތަރިކައެކެވެ.

މަސައްކަތުގެ ބޮޑުކަމަށާއި ޙައްސާސިއްޔަތަށާއި ޚުޠޫރަތްތެރިކަމަށް ބަލާ އިރު" ޚަބަރުގެ ދީވާނު"  ( ޖާސޫސީ މަސައްކަތާ ބެހޭ އާންމު އިދާރާ) އަކީ އިސްލާމީ ދައުލަތުގައި ވަރަށް އިސް މަޤާމެއް ދެވިފައިވާ އިދާރާއެކެވެ. މި އިދާރާގެ ވެރިޔާއަށް  "ޚަޠީރުއްދައުލަތި"ގެ ލަޤަބު ދެވިފައިވެއެވެ. މި އިދާރާގެ މުހިންމުކަމުން މި އިދާރާގެ ވެރިކަމަށް ސަޤާފަތުގެ ގޮތުން ފުންނާބު އުސް، އިތުބާރުގެ ގޮތުން ވަރަށް އިޚްލާޞްތެރި، މީހުން ނޫނީ އިސްކުރައްވައިފައެއް ނުވެއެވެ. މި މުއައްސަސާގެ ވެރީންކަމުގައި މަޝްހޫރު ޢާލިމުންނާއި އަދީބުން އިސްކުރެވިފައިވަނީ މިހެންވެގެންނެވެ. ބައެއް ފަހަރަށް  މި މަސައްކަތަކީ ބައެއް ޢާއިލާތަކަށް ވާރުތަވަމުން އައި ކަމެއްކަމުގައި ވެސް ވެފައިވެއެވެ.

ޖާސޫސީ މުއައްސަސާގެ މުހިންމަތުތަކުގެ ތެރޭގައި ހަތަރު ނާރެހެއް ވެއެވެ.

ފުރަތަމަ ނާރެހަކީ: މުހިންމު ޚަބަރުތަކާއި ދައުލަތުގެ މުހިންމު ސަރަޙައްދުތަކުގެ ޙާލުއަޙުވާލު ބަލައި މި ޙާލުއަޙުވާލަށް އަންނަމުންދާ ބަދަލުތައް ގާތުން ބެލުމެވެ.

ދެވަނަ ނަރެހަކީ: ދައުލަތުގެ އިސް ބޭފުޅުންގެ ތެދުވެރިކަން ބަލައި ކަށަވަރުކުރުމާއި އެ ބޭފުޅުން ގުޅުންތައް ބާއްވަވާ ފަރާތްތައް ދެނެގަތުމެވެ.

ތިންވަނަ ނާރެހަކީ: އިދިކޮޅު މީހުންނާއި ފާޑުކިޔުންތެރީންނާއި ސަރުކާރާ ދެކޮޅަށް އިޙުތިޖާޖުކޮށް ގައުމު ހަލަބޮލިކޮށް ފިތުނަފަސާދަ  އުފައްދުމަށް ރާވާ މީހުންގެ ޙަރަކާތްތައް ބެލުމެވެ.

ހަތަރުވަނަ ނާރެހަކީ: ބޭރުގެ ދުޝްމަނުންގެ ޚަބަރުތައް ޖަމާކުރުމެވެ.

މި މަސައްކަތްތަކަށް ބަލާ އިރު، ޖާސޫސީ މުއައްސަސާގެ މަސައްކަތް ބެހެނީ ދެ ބަޔަކަށެވެ. އެއީ މަދަނީ ބައަކާއި ޢަސްކަރީ ބައެކެވެ. މަދަނީ ބަޔަށް "ޞާޙިބުލް ޚަބަރި"ގެ ނަން ދެވިފައިވެއެވެ. ދެވަނަ ބަޔަށް "ޞާޙިބުލް ޢަސްކަރި"ގެ ނަން ދެވިފައި ވެއެވެ. އައްޔޫބީންނާއި މަމްލޫކީންގެ ވެރިކަމުގައި މި ބަޔަށް "އަލްޔަޒަކު" މި ނަން ދެވިފައި ވެއެވެ.

ޖާސޫސީ އިދާރާގެ މަސައްކަތަށް ބަލާ އިރު، މި މުއައްސަސާގެ  މަސައްކަތަކަށް ވެފައިވަނީ ވާދަވެރި ހަތުރުން ބަލަހައްޓައި މައިތިރިކުރުމެވެ. އެއީ މި ޒަމާނުގައި މި ފެންނަ ފަދަ ގޮތަކަށް އާންމު ރައްޔިތުންގެ ޙަޔާތަށް "ގަނާކުރުމެއް" ނޫނެވެ. އެ މީހުންނަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޖަލުގެ ފާރުތަކުގެ ތެރެއަށް ލުމެއް ވެސް ނޫނެވެ.

މި ދިރާސާގައި ބަލައިލާނީ އިސްލާމީ ދައުލަތުގެ މި މުއްސަސާގެ މާސްކު ނަގައި މި މުއައްސަސާ ހެދިބޮޑުވިގޮތާއި މި މުއްސަސާގެ ލަޑުދަނޑިތަކާއި މަޤްޞަދުތައް ހާމަކުރުމަށާއި މި މުއްސަސާގެ މުހިންމަތު އަދާކުރުމުގައި ގެންގުޅެފައިވާ އިސްލާމީ ރިވެތި އަޚްލާޤިއްޔާތަށާއި ގިޔަމުތަކަށެވެ.އެއީ ސަލާމަތީ ޢަމަލާއި ފިކްރީ އިދާރާއާއި ފިޤްހީ މަޤާޞިދުތަކުގެ ރިވެތި ނަމޫނާއެކެވެ.

އިސްލާމީ ޖާސޫސީ އިދާރާގެ މަސައކަތުގެ ތެރެއިން<br>

މަލަސް:

ނަބިއްޔާ صلى الله عليه وسلّم ގެ ޒަމާނުގައި އަދި ރާޝިދު ޚަލީފާއިންގެ  ޢަޞްރުގައި  ސަލާމަތީ މަސައްކަތްތައް ކުރުމަށް ޚާއްޞަ އިދާރާއެއް އުފައްދައިފައެއް  ނުވެއެވެ. އެހެނަސް އިސްލާމީ ދައުލަތުގެ މި ޅަފަތުގައި ވެސް ދުޝްމަނުން ޙަރަކާތްތެރިވަމުންދިޔަ ގޮތާ ބެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ވަރަށް މަތީ ފެންވަރެއްގައި އެކަމަށް ޤާބިލު ބޭކަލުން ބޭނުންފުޅު ކުރައްވައިގެން ކުރައްވައިފައިވެއެވެ. ދުޝްމަނުންގެ ޖާސޫސީ މަސައްކަތްތައް ހުއްޓުވުމަށް ޓަކައި ވެސް ފިޔަވަޅުތައް އަޅުއްވައިފައިވެއެވެ. ކައު ރަސޫލާ މައްކާ ފަތަޙަކުރެއްވުމުގެ ކަންތައްތައް  ރާއްވަވަމުން ގެންދަވައިފައިވަނީ މައްކާއަށް މި ޚަބަރު ލިބިދާނެ ވަސީލަތްތަކަށް މި ޚަބަރު ވާންހަނާކުރައްވައިގެންނެވެ. އަބޫ ސުފްޔާން މަދީނާއަށް ވަޑައިގެން ރަސޫލާގެ ޢަމަލުފުޅުތައް ބައްލަވާން މަސައްކަތް ކުރެއްވިއެވެ. އޭނާއަށް މި ކަމުގައި އޭނާގެ ދަރިކަނބަލުން ކައު ރަސޫލާގެ ލޮބުވެތި އަނބިކަނބަލުން އުންމު ޙަބީބާ ރަމްލާ ބިންތު އަބީ ސުފްޔާންގެ އަރިހުން ވެސް  އެއްވެސް މަޢުލޫމާތެއް ލިބިވަޑައެއް ނުގަތެވެ.

މައްކާގެ މަރްޙަލާއަށް ބަލާއިރު އަލްޙަކަމު ބިން އަބިލް ޢާޞަކީ ރަސޫލާއަށް  ޖާސޫސުކުރަމުން ދިޔަ ކާފަރެކެވެ. އޭނާ އެކަލޭގެފާނުގެ ޚަބަރުތައް ޤުރައިޝުންގެ މަޖިލިސްތަކަށް ގެންގޮސްދީފައި ވެއެވެ.

ސިބްޠު އިބްނުލް ޖައުޒީ[1] (އަވަހާރަވީ 654هـ/1256م) އޭނާގެ މަޝްހޫރު ފޮތެއް ކަމުގައިވާ  "މިރްއާތުއްޒަމާނި"ގައި ލިޔުއްވައިފައިވާ ގޮތުގައި މުސްލިމުން މަދީނާއަށް ހިޖުރަކުރުމާ ވިދިގެން މަދީނާގައި ދިރިއުޅެމުންދިޔަ ޔަހޫދީން ޤުރައިޝުންނާ އަތުގުޅައިލައިގެން މުސްލިމުންގެ ސިއްރުތައް ޤުރައިޝުންނަށް ފޮނުވައިދެމުން ދިޔައެވެ. އަލްބަލާޛުރީ (އަވަހާރަވީ 279هـ/892م)  "އަންސާބުލްއަޝްރާފު" ނަމަކަށް ކިޔާ ފޮތުގައި ލިޔުއްވައިފައިވާ ގޮތުގައި މާލިކު ބިން އަބީ ޤައުޤަލް މުސްލިމެއްކަމަށް ހެދިގެން ނަބިއްޔާގެ ޚަބަރުތައް ޔަހޫދީންނަށް ގެންގޮސްދީ ހެދިއެވެ.  

ނުރައްކާތެރި ޖާސޫސީ ޙަރަކާތްތަކުގެ ސަބަބުން ސަލާމަތީ ފާރުތައް ފޫއަޅުވައިލުމަށް ޓަކައި، މުސްލިމުން ވަނީ ބޮޑެތި އަގުތަކެއް ދައްކައިފައެވެ. އަލްއިމާމުލްބައިހަޤީ (އަވަހާރަވީ 458هـ/1066م) "ދަލާއިލުއް ނުބުއްވަތި"ގައި ލިޔުއްވައިފައިވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ހިޖުރައިން ހަތްވަނައަހަރު ޢުމްރަތުލްޤަޟާއިން އެނބުރި މަދީނާއަށް ވަޑައިގަތް މަގުމަތީގައި މަދީނާގެ ކައިރީގައި ދިރިއުޅޭ ބަނީ ސުލައިމު ވާންހައިގެ މީހުންނާ ދެކޮޅަށް ސަރިއްޔާ (ހަނގުރާމައިގެ ފައުޖު)އެއް  ފޮނުއްވިއެވެ. ބަނީ ސުލައިމުގެ ޖާސޫސަކު މަދީނާގައި ހުށްޓެވެ. މި ފައުޖު މަދީނާއިން ނުކުތުމުން މި ޖާސޫސް ބަނީ ސުލައިމުވާންހައިގެ މީހުންގެ ގާތަށް ގޮސް މި ޙަމަލާގެ ޖާސޫސީ މަޢުލޫމާތު ދިނެވެ. ރަސޫލާގެ މި ފައުޖާ ކުރިމަތިލުމަށް ޓަކައި އެ މީހުން ވަރަށް ގިނަ ބަޔަކު ހަނގުރާމައަށް ޖަމާކުރިއެވެ. ރަސޫލާގެ ޞަޙާބީން ބަނީސުލައިމުވާންހައިގެ މީހުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުން އެ މީހުން އެ ކަމާ ދެކޮޅުހެދިއެވެ. އެ މީހުން ފިލައި ތިބެފައި މުސްލިމުންގެ  ލަޝްކަރުގެ މައްޗަށް ދުނިދަނޑީގެ ޙަމަލާތަކެއް އޮއްސައިލިއެވެ. މި ޙަމަލާގެ ސަބަބުން މުސްލިމުންގެ ވަރަށް ގިނަ ބަޔަކު ޒަޚަމުވިއެވެ. އަދި އެތައް ބަޔަކު ޝަހީދުވިއެވެ.

ދުޝްމަނުންގެ ޚަބަރުތައް ހޯދައިގެން ގެނެސްދޭނެ މީހުންތަކެއް ރަސޫލާގެ އަރިހުގައި ތިއްބެވެ. އަލްބުޚާރީ (އަވަހާރަވީ 256هـ/870م) އެކަލޭގެފާނުގެ ޞަޙީޙުގައި ވިދާޅުވެފައިވާ ގޮތުގައި ރަސޫލުﷲގެފާނު ޢުމްރާއެއް ކުރައްވާން ވެގެން އިޙުރާމު ބަންނަވައިފައި ޚުޒާޢަތު ވާންހައިގެ މީހުންގެ ޚަބަރުތައް ބައްލަވާން ވެގެން ޖާސޫސަކު ފޮނުއްވިއެވެ. ރަސޫލާ މި ޖާސޫސު ފޮނުއްވީ ދަތުރުފުޅުކުރައްވާ މަގު އަމާންކުރެއްވުމަށް ޓަކައެވެ. ޤުރައިޝުންގެ ޔަޤީން ޚަބަރުތައް އޭނާ ގެނެސް އަރުވާންދެން ރަސޫލުﷲގެފާނު ދަތުރުފުޅު ކުރިއަށް ގެންދެވިއެވެ. އޭނާ އައިސް ރަސޫލާއަށް ދެންނެވިއެވެ. ޤުރައިޝުން ކަލޭގެފާނާއި ގެފުޅާ ދެމެދަށް ހުރަސްއެޅުމަށް ޓަކައި ތިބީ ހަނގުރާމަކުރާން ޢަޒުމުކަނޑައަޅައިގެންނެވެ.

އިބްނު ޢަބްދުލްބިއްރި (އަވާހާރަވީ  463هـ/1070م)  "އަލްއިސްތީޢާބު" ނަމަކަށް ކިޔާ ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި ކައުރަސޫލާގެ ބޮޑުބޭބޭފުޅު ޢައްބާސުގެފާނު (އަވަހާރަވީ  32هـ/652م)  ބަދުރު ހަނގުރާމައިގެ ކުރީން އިސްލާންވެވަޑައިގެންފިއެވެ. އެ ކަލޭގެފާނު މައްކާގެ ޚަބަރުތައް ރަސޫލުﷲގެފާނަށް ފޮނުއްވަމުން ގެންދެވިއެވެ. ޢައްބާސުގެފާނު މަދީނާއަށް ހިޖުރަކުރައްވާން އުޅުއްވުމުން ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. ((ހަމަކަށަވަރުން ކަލޭގެފާނުގެ މަޤާމު މައްކާގައި މާ ހެޔޮކަން ބޮޑެވެ.))

މުސްލިމުންނާ އިދިކޮޅު ޖާސޫސުން ނައްތައިލެއްވުމަށް ޓަކައި، ކައު ރަސޫލާ صلى الله عليه وسلم ހަރުދަނާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވައިފައި ވެއެވެ. އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވައިފައިވާ ގޮތުގައި ރަސޫލާ صلى الله عليه وسلمގެ އަރިހަށް މުޝްރިކުންގެ ޖާސޫސަކު އައެވެ. އެމީހާ ސިއްރުސިއްރުން ނުކުމެ ފިލާން އުޅުމުން އެ މީހާ ގެނެސް މަރައިލުމަށް އަމުރުކުރެއްވިއެވެ. ޞަޙާބީން އެ ކަމަށް އަވަސްވެވަޑައިގަތެވެ. އޭނާ ގަތުލުކުރެއްވީ ސަލަމަތު ބިނުލްއަކްވަޢު (އަވަހާރަވީ 74هـ/693م)އެވެ.   (ނުނިމޭ)

ބައެއް ލަފުޒުގެ މާނަ

ގަނާކުރުން   މ.   (1) އުނދަގޫކުރުން ނުވަތަ ތޮޅުން ނުވަތަ ހޭރުވުން. (2) ދިމާކުރުން. (3) ގޯނާކުރުން ނުވަތަ ބުލީކުރުން.

ހަތުރު     ނ.   (2) ދުޝްމިނު. (2) ޢަދާވާތްތެރިޔާ. (3) ދެކޮޅުވެރިޔާ

އަދާހަމަ    ނ.   (1) އެއްޗަކާ ނުވަތަ ކަމަކާބެހޭ އެންމެފަހުގެ މަޢުލޫމާތު. (2) އެއްޗެއް ނުވަތަ ކަމެއް ނުވަތަ މަޢުލޫމާތެއްގެ އެންމެ ފަހުގެ ފެންވަރު.

ޚުޠޫރަތްތެރި  ނއ.  (1) ނާޒުކު. (2) ޙައްސާސީ  (މި ލަފުޒުގެ މާނަ ރަދީފަކު ނެތް)

ތައުގީދު    ނއ.  (1) އޮޅުންބޮޅުން ބޮޑު. (2) ދޭހަކުރާން ނުވަތަ ދެނެގަންނާން އުނދަގޫ.

މަލަސް    ނ.   ކޯދު

ޙަވާލާ:

[1]  - އިބްނުލް ޖައުޒީގެ ކާފަދަރިކަލެކެކެވެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ތާރީީޚީ ޘާބިތު ކަންތައްތަކެއް ހާމަވާ މޮޅު ލިޔުއްވުމެއް.
24 Apr 2024