Advertisement

ފަލަސްތީނު މައްސަލައަކީ އިންސާނީ ތާރީޚުގައި ވެސް ފެންނާން އޮތް އެންމެ ބޮޑު މުންކަރާތެވެ.

18 Apr 2024 | 06:08
ފަލަސްތީނުގެ މިއަދުގެ ޙާލަތު

އިސްމާޢީލް މުބާރަކް

ފަލަސްތީނުގެ މައްސަލައަކީ އިންސާނީ ތާރީޚުގައި ފެންނާން އޮތް އެންމެ ބޮޑު މުންކަރާތޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. މި ފަހުން  އިޒްރޭލުން ދޭންފެށި ޙަމަލާތަކުގައި  މަދު ދުވަސްކޮޅުގެ ތެރޭގައި ފަލަސްތީނުގައި ކުށެއްނެތް ސާޅީހަކަށް  ހާސް  އަންހެނުންނާއި ކުޑަކުދީން  ޔަހޫދީން ގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އިރު ފާއިތުވި  50 އަހަރުގެ ތެރޭގައި  އެތައް މިލިއަން ފަލަސްތީން ރައްޔިތުން މަރައި އެތައް ބަޔަކު  ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ޤައުމުތަކުގައި ޙާލުގައި ޖައްސައިފިއެވެ.

 މިއަދުގެ ދުނިޔޭގައި ފައިސާއާއި މުއްސަނދިކަން ލިބިފައިވާ ޢަރަބިންގެ ފުށުގައި މިހާރު މިހުރީ ސީދާ ޔަހޫދީންގެ ސިފައޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ނުވަތަ ފާޑުފާޑުގެ ތޮށިގަނޑު ތެރެއަށް ބަރަވެލި ވަންނަހެން މި ވެރީން މީ  ޢަރަބި ތޮށިގަނޑެއްގެ ތެރެއަށް ވަދެތިބި ޔަހޫދީންނޭ ވެސް ބުނެވިދާނެއެވެ. 

 މޫސާގެފާނުގެ އަރިހުގައި  ހަނގުރާމަކޮށް އޭރުގެ އޫރު ޝާލިމް، (މިއަދުގެ ޖެރޫސަލަމް) އަށް  ވަންނާން، މާތް ﷲ ޔަހޫދީންނަށް  އަމުރު ކުރެއްވުމުން ޔަހޫދީން  ބުންޏެވެ. "ކަލޭގެފާނާއި ކަލޭގެފާނުގެ ކަލާނގެއާ  ވަޑައިގެން  ހަނގުރާމަކުރައްވާށެވެ! ތިމަންމެން މި ތަނުގައި އިށީނދެ ތިބޭނަމެވެ ".

އެ ޙާދިޘާ އިން އެނގުނީ އެ ބަޔެއްގެ  އަމިއްލަ ޤައުމު  އަދި އަނބިދަރީންނާއި ޢާއިލާ،  ވަޒަނާއި މުދަލާއި  ގެދޮރު، ޖައްބާރު ދުޝްމަން ޢަދުއްވުންގެ ކިބައިން   ޙިމާޔަތް ނުކޮށްދެވޭ  މީހުން  އެކަން ކުރެވޭ މީހުންނަށް ފުރުޞަތު ދިނުން ރަނގަޅުވާނެކަމެވެ.  އަދި ހަމަ އެ ފަދައިން  އެ ފަދަ މީހުން   އަނބިދަރީން ޙާލުގައި ޖެއްސުމަށް ވުރެ،  މީހުންނާ ނުއިނދެ، ރޯދަ ހިފުން މާ އައުލާކަން ބޮޑެވެ.  ނަޞްރު ދެއްވައިތޯ ﷲއަށް ދުޢާކުރާން ޖެހޭނީ  ޢަމަލީގޮތުން ނަޞްރު ހޯދާން ނުކުމެ ތިބެއެވެ.

މިއަދު ޢަރަބިންނާއި  ޢަރަބިންގެ އޯބިޓްގައި އެނބުރޭ ދިވެހިރާއްޖެ ފަދަ ޢަރަބިން ނޫން  ގިނަ  މުސްލިމް ޤައުމުތަކުގެ މީހުން ވެސް މިތިބީ ޔަހޫދީން ފަދައިން އިށީންދެގެންނެވެ. މިހެން ތިބެފައި މި ބުނަނީ  اللًهم الأنصر اخواننا  المسلمين  المستضعفين في غزة  (ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ ،  غزة ގައި ނިކަމެތި ޙާލް ޖެހިފައިވާ  މުސްލިމް އަޚުންނަށް ނަޞްރު ދެއްވާންދޭވެ !)އެވެ.  މިހެން  ބުނުމާއި  ކަލޭގެފާނާއި ކަލޭގެފާނުގެ ކަލާނގެއާ ވަޑައިގެން ހަނގުރާމަކުރައްވާށޭ ތިމަންމެން އިށީނދެ ތިބޭނަމޭ  ބުނުމާ ހުރި ތަފާތަކީ ކޮބައިތޯއެވެ؟

ހަނގުރާމަކުރާން އެންގެވުމުން ހަނގުރާމަނުކޮށް  ކަލާނގެ ޙަޟުރަތުން  ނަޞްރުދެއްވުން އެދޭ ނަމަ، އެ ބުނެވެނީ ކީކޭކަން ވިސްނައިލީމާ އަޅުގަނޑަށް  ވިސްނެނީ "ހަނގުރާމަކުރާ ބަޔަކާ ކަލާނގެއާ ވަޑައިގެން ހަނގުރާމަކުރަށްވާށޭ،  ތިމަންމެން  އިށީނދެ ތިބޭނަމޭ" ބުނާ މާނައިގައެވެ.  އަޅުގަނޑުގެ ވިސްނުން ކޮށީކަމަށް ވެސް ވެދާނެއެވެ .

އަދި މިހެން  ތިއްބައި ޢަރަބިން ނޫން އީރާނުގެ ފާރިސީންގެ  ބަޔަކު ގޮސް ޔަހޫދީންނަށް މިސައިލް އާއި ޑްރޯނުން ޙަމަލާ  ދޭން ފެށުމުން  އެ ތަކެތީން ޔަހޫދީން  ދިފާޢުކޮށްދޭން  މަސައްކަތްކުރުމަކީ މި  ވައްތަރު ޢަރަބިންނަކީ ޔަހޫދީންކަމަށް ހީވާ ހީވުން ޔަޤީންވުން  ނޫންތޯއެވެ! 

ކަންހުރީ މި ބުނި މަގުންކަމަށް ވީ ހިނދު، ސޫރިޔާއާއި ލީބިޔާއަށް  ޢަރަބިންނާއި މުސްލިމް  ޤައުމުތަކުން ގޮސް  15 އަހަރު ވަންދެން ހަނގުރާމަކޮށް މިލިއަނެއްހާ މުސްލިމުން މެރީ  ޖިހާދުއްނިކާޙާއި ޖާރިޔާއިންގެ  މަތިވެރި ނިޢުމަތް ޙާޞިލްކުރުންނޫން ދެން ކޮން ކަމެއްގައިތޯއެވެ؟"  ޖިހާދުއްނިކާޙް" މި ލަފުޒަކީ  ބައެއް ބޭފުޅުންނަށް އާ ކަލިމައަކަށް ވެދާނެތީ އަޅުގަނޑު ތިޔަ ލޮބުވެތި ކިއުންތެރީންނަށް އެކަލިމަ ބަޔާން ކޮށްލައިދޭނަމެވެ. 

ޖިހާދުއްނިކާޙަކީ  މުސްލިމް ކަނބަލުން،  އެ ކަނބަލުންގެ ކައިވެނީގައި ފިރީން ބޭނުން ކުރާހެން  ސުއްނަތަށް ޓަކައި  ޖިހާދުކުރާ މުޖާހިދުންނަށް ހިތްވަރުދިނުމުގެ ގޮތުން ޖިހާދެއްގެ  ގޮތުގައި އަނބިފިރިކަން ފުއްދައިދިނުމެވެ.   އެއީ  އެ ކަނބަލުންގެ ނަފުސުތަކުން ކައިވެނިނުކޮށް، ކުރެވޭ ކައިވެނީގެ ޖިހާދެއް ކަމަށް [އެ މީހުންނަށް] ވެއެވެ .  

ދިވެހިރާއްޖޭން ވެސް  ޖިހާދުއްނިކާޙްގެ ޖިހާދުކުރާން ހަމަ ގިނަ އަންހެން ކަނބަލުން ދިޔައެވެ .   އެ ހަނގުރާމަ ނިމުނު އިރު މުޖާހިދުންނަށް ޓަކައި  އެ ކަނބަލުންގެ ނަފުސުތަކުން ކޮށްދިން ޖިހާދުގެ ސަބަބުން  "ޣަނީމާގެ ގޮތުގައި"  ތަފާތު  ހައެއްކަ މުޖާހިދުންގެ ދަރީން އެއިން ކޮންމެ ކަނބަލެއްގެ ގާތުގައި ތިއްބެވެ. ސަރުކާރުން މި ކަނބަލުންނާއި ޣަނީމާ މުދަލުގެ ގޮތުގައި ލިބުނު ކުދީން ރާއްޖެ ގެންނާން ބެލިއިރު، އެއީ ކޮން ޤައުމެއްގެ ކޮން މުޖާހިދުންނެއްގެ ދަރީންނެއްކަމެއް ވެސް ކަށަވަރެއް ނުވިއެވެ.

ސޫރިޔާއާއި ލީބިޔާއަށް ދިވެހި ރާއްޖޭންނާއި  ޢަރަބި ޤައުމުތަކުން ދިޔައީ އެ މީހުން ޤަބޫލުކުރާ  މުންކަރާތެއް   ނަހީކުރާން ވެގެންނޯލައެވެ. އެ ކަން އެނގެނީ  އޭރު ހަނުހުރުމަކީ  ޚިޔާނާތަކަށް އޮތީވެފައެވެ. މިއަދު  ޔަހޫދީން ފަލަސްތީނު ރައްޔިތުން މަރައި ހުސްކުރާ އިރު،   ހަނުހުރުމަކީ އަމާނާތަކަށް މި އޮތީ ވެފައެވެ. އަދި   މުންކަރާތް ނަހީކުރުމަކީ  ޔަހޫދީންނަށް  ޙިމާޔަތް ދިނުން ކަމުގައި މިއޮތީވެފައެވެ. ހަމަ ގައިމުވެސް   ޙަދީޘްފުޅުގައި   މުންކަރާތް ނަހީ ކުރާން އަންގަވައިފައިވެއެވެ .الحديث الصحيح يقول ﷺ: من رأى منكم منكرًا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان (رواه مسلم في الصحيح.) މާނައަކީ: "ތިޔަބައިމީހުންގެ ތެރޭން މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، ފަހެ، އެ ކަން ހުއްޓުވާހުށިކަމެވެ! އަތުން ނުހުއްޓުވިއްޖެ ނަމަ ދުލުންނެވެ. ދުލުން ނުހުއްޓުވިއްޖެ ނަމަ ހިތުންނެވެ. ހިތުން އެ ކަމަށް އިންކާރުކުރުން އެއީ އީމާންކަމުގެ އެންމެ ކުޑަ މިންވަރެވެ."

އަދި އަންހެނުންނާއި ކުޑަކުދީން މަރާ އިރު ބަލާން ނުތިބެ، ހަނގުރާމަކުރާން ކީރިތި ޤުރްއާނުގައި  އަންގަވައިފައިވެއެވެ. "مَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا" (ﷲގެ މަގުގައި ހަނގުރާމަ ނުކޮށް ތިޔަބައިމީހުންނަށް ތިޔަ ތިބީ ކިހިނެއް ވެފައި ހެއްޔެވެ؟  ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީން ނިކަމެތި ޙާލުގައި ޖައްސައިފައިވާ ހިނދު  އެ މީހުން އެބަ ބުނެއެވެ.  ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ މި އަނިޔާވެރި މީހުން ތިބި ރަށުން އަޅަމެން ނެރުއްވާންދޭވެ!އަދި އިބަރަސްކަލާނގެ ޙަޟުރަތުން ވާގިވެރިއަކު އަޅަމެންނަށް ލައްވާނދޭވެ! އަދި އިނބަރަސްކަލާންގެ ޙަޟުރަތުން ނަޞްރުވެރިއަކު އަޅަމެންނަށް ލައްވާނދޭވެ!) (سورة النساء:75)

މިއަދު ޢަރަބީންނާއި  ދިވެހިރާއްޖެ ފަދަ, ޢަރަބި ޤައުމުތަކުގެ އޯބިޓްގައި އެނބުރޭ ޤައުމުތަކުގެ ގިނަ މުސްލިމުން ގަބޫލުކުރާ މުންކަރާތް ނަހީކުރުމަކީ މުސްލިމުން މުސްލިމުނާ ހަނގުރާމަކުރުން ކަމަށް ވެސް ވެދާނެއެވެ. އަދި މުސްލިމުން ކާފަރުކޮށްފައި މެރުމާއި  ޔަހޫދީންނަށް ޙިމާޔަތްދިނުންކަމުގައި ވެދާނެއެވެ. ނޫންނަމަ  ތިޔަ ބޭފުޅުން ތިޔަ އުޅުއްވާ އިސްލާމްދީން އަޅުގަނޑަށް ނޭނގެނީކަމަށް ވެސް ވެދާނެއެވެ.

ކޮންމެ އަކަސް  ފަލަސްތީނަށް  އީރާނުން ޙަމަލާދީފިއެވެ. ފަލަސްތީނު މައްސަލައަކީ  ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ. 1970ގެ ފަހުން   އިޒްރޭލްގެ ސައިޒު އެ މީހުންނަށް  އަންގައިދެވުނު  ޤައުމެއް   އީރާނު ނޫނީ މި ދުނިޔޭގައި ވެސް ނެތެވެ. އީރާނުން އިޒްރޭލަށް ޙަމަލާދިން ރެއަކީ ފަލަސްތީނުގެ ޣައްޒާގައި ތިބި ރައްޔިތުން އެތައް ދުވަހަކު ބިރުން ސިހިސިހި ނުނިދައި ތިބެފައި  ހަމަ ނިދި ނިދައިލެވުނު ރެއެކެވެ. ނަމަވެސް މިސްރާއި   އުރުދުނާއި ސަޢުދީ ޢަރަބިއްޔާ އާއި ޤަތަރުގެ  ސިފައިން އެރޭ ތިބީ ކޮންތާކުތޯއެވެ ؟  އިޒްރޭލާއި އެމެރިކާއާއި  އިނގިރޭސިވިލާތުގެ  ސިފައިންނާއެކު އެރޭ ތިބީ  އޮޕަރޭޝަން ރޫމެއް ހަދައިގެން އިޒްރޭލު ދިފާޢުކޮށްދޭން  އެ ތަނުގެ ތެރެއަށް ވަދެއެވެ .

ޖުއްބާ ލުމާއި ހަތަރު ފަސް އަނބީންނާ  އިނުމާއި ބަނޑަކަށް އަށެއްކަ ދަރީން ހޯދުމަކީ  ސުއްނަތެކޭ ބުނުމާއި  އަދި އެއީ މާތް ﷲގެ މަގުގައި  ކުރެވޭ ޖިހާދެކޭ ބުނުމަކީ ﷲ އާއި ރަސޫލާއަށް ކުރެވޭ   ވަރަށްބޮޑު  ފުރައްސާރަ އަކަށް ނޫނީ ނުވާނެއެވެ . އަދި އެއީ  މުނާފިޤުކަމުގެ އިންތިހާއެވެ.

ތަސްބީޙަ އަތުން ދޫނުކޮށް  ބުރު ނާންގައި  އޭގެ އޮށްތައް  ގުނުން އެއީ އާދައަކަށް ހަދައިގެން  އިނގިލިތަކުގެ ކަސްރަތަށް ޓަކައި  ފިޒިއޮތެރަޕީއަށް ކުރާ ކަމެއްކަމުގައި  ވާ ނަމަ، އެއީ ވަރަށް ރަނގަޅު ކަސްރަތެކެވެ. ނުވަތަ އެއީ  އިނގިރޭސި ބަހުން މިކިޔާ އޮބްސިވް ކޮމްޕަލްސަރީ ޑިސްއޯޑަރ (Obsessive compulsory disorder) (ދެވިހިފި ބަލި ނުވަތަ އަމިއްލަ ނަފްސަށް މަޖުބޫރުވެފައި ހުންނަ އާދަ) މިހެން ކިޔާ ނަފުސާނީ ބައްޔެކެވެ. ޒިކުރުކުރުމަކީ، އަތުން ކުރެވޭ ކަމެއް ނޫނެވެ. އެއީ ހިތުން ކުރެވޭ ކަމެކެވެ.

ސޫރިޔާއާއި  ލީބިޔާއަށް  ހަނގުރާމަޔަށް ދިޔަ ހެން ، ފަލަސްތީނަށް ޖިހާދުކުރާން ދާނެ އެއްވެސް ދިވެއްސަކު އަދި ޢަރަތްބަކު ވެސް މިއަދު  ނެތީ  ޖާރިޔާއިންނާއި ޖިހާދުއްނިކާޙުގެ ނަސީބު ލިބޭން ނެތީމާކަމަށް ވެދާނެއެވެ .ނޫނީ  ޔަހޫދީންނަކީ ޝީޢީން ފަދަ "ކާފަރުން"ކަމުގައި ނުވާތީކަމަށް ވެސް ވެދާނެއެވެ. ސޫރިޔާގެ ބައްޝާރުލްއަސަދަކީ [އެ މީހުންގެ ނަޒަރުގައި] ޝީޢީ ކާފަރެކެވެ. އެހެންވީމާ ސޫރިޔާއަށް ހަނގުރާމައަށް ދާން ޖެހޭނެ ނޫންތޯއެވެ!  ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ޖިހާދުކުރާން މި ޖެހެނީ ކަލާނގެއާއި ކަލާނގެއާ އެކީ ދެން ހަނގުރާމަ ކުރާ ޝީޢީންނަށެވެ. އަހަރުމެން ސުއްނީން މިތާ އިށީނދެ ތިބޭނަމެވެ.

ކޮންމެއަކަސް ޔަމަނު ކަހަލަ ފަޤީރު ޤައުމެއްގައި ތިބި ޝީޢީ ޙޫޘީން ނޫނީ  ޢަރަބި އެއްވެސް ޤައުމަކުން  މި ސުންނަތް އަދައެއް ނުކުރިއެވެ. އީރާނަކީ ވެސް ދެން މުސްލިމުންނެއް ނޫންތާއެވެ. ޝީޢީންނެވެ. އެހެންވެ އެމީހުންގެ ވާހަކަ ދެއްކުމެއް ވެސް ނެތްތާއެވެ!  އެއީ، ޝީޢީ ކާފަރުން ވިއްޔާއެވެ!

ސުންނަތަކީ ގިނަ މީހުންނާ އިނުމާއި ޖާރިޔާއިން ގެންގުޅުމާއި މުތުޢާގެ ކައިވެނި ކުރުމާއި ފަޓުލޫނުގެ ފައިކުރި ކުރުކުރުމާއި  ގަމީހުގެ އަތުކުރި ދިގު ކުރުމާއި ތުނބުޅި ބެހެއްޓުމާއި އަދި ޖިންސީ ޣަރީޒާ ފުރިހަމަކުރާން ކުރާ ކަންކަންކަމުގައި ގިނަ ބަޔަކު ދެކޭ ޒަމާނެއް މިއޮތީ އައިސްފައެވެ. ރިވެތި އަޚްލާޤާއި ހިތްވަރުގަދަކަމާއި ސާބިތުކަމާއި  އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއި ތަޤްވާވެރިކަމާއި  ތެދުވެރިކަމަކީ ރަސޫލާގެ ސުންނަތްކަމުގައި އިޝްތިހާރުކުރާނެ ހަމަ އެއްވެސް ޢާލިމަކު އަދި ދަންނަބޭކަލު ވެސް މިއަދަކު ނެތް ކަހަލައެވެ.  އަޅުގަނޑު ކުރީން މި ދެންނެވީ  އަޅުގަނޑު ކިއެވި އިސްލާމް ދީނެވެ. ތިޔަ ބޭފުޅުން އުޅުއްވަނީ މީގެ ކުރީން އަޅުގަނޑު ބަޔާންކުރި އިސްލާމްދީނުގައި ނަމަ، ތިޔަ އުޅުއްވަނީ އަޅުގަނޑު ކިޔެވި އިސްލާމްދީނުގައެއް ނޫނެވެ. އަދި އަޅުގަނޑުގެ ކާބަފައިން އުޅުނު އިސްލާމް ދީނުގައެއް ވެސް ނުމެ ނޫންމެއެވެ.

އަޅުގަނޑު އެދޭ އޮތީ ހަމަ އެންމެ އެދުމެކެވެ. ތިޔަ ބޭފުޅުން ތިޔަ އުޅުއްވާ އިސްލާމްދީން އަޅުގަނޑަށް  މަޖްބޫރު ނުކުރައްވާށެވެ! އަޅުގަނޑު ވެސް އަޅުގަނޑު އުޅޭ އިސްލާމްދީން ތިޔަ ބޭފުޅުންނަކަށް މަޖުބޫރެއް ނުކުރަމެވެ.

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ މުސްލިމް އެންމެހާ އަޚުންނާއި އުޚުތުންނަށް އިސްރާއީލިއްޔަ ޙަދީޘްތަކުން މިންޖުވެގެންވާ  ، ރަސޫލާގެ ސާފުސީދާ ސުއްނަތުގެ ތެދުމަގު މަތިވެރި ﷲ، މިންވަރު ކޮށްދެއްވުމެވެ. 

وباالله التوفيق. لكم دينكم ولي دين

އެޑިޓަރުގެ ނޯޓް
އިސްމާޢީލް މުބާރަކަކީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް އަދި އަދީބެއްކަމުގައިވި އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަޙުއްﷲ)ގެ އަރިހުން ދަރިވަރުވެވަޑައިގެންފައިވާ، އޭނާގެ އުފަން ދަރިކަލެކެވެ. ބައިނަލްއަޤުވާމީ މަސްރަޙާއި އިސްލާމް ދީނަށް ލޯފުޅު ހުޅުވިފައިވާ، އަދި ކަންކަމާ މެދު، ފިކުރުކުރައްވައި މަނޠިޤީ ހަމަތަކުން ވިސްނައިވަޑައިގަންނަވާ ޢިލްމީ ބޭފުޅެކެވެ.

Advertisement

ކޮމެންޓް
މުޙަންމަދު ޙަލީމް
ކަނުންނަށް އަލިކަން ފެނިއްޖެފަދައެވެ! ޝުކުރިއްޔާ މުބާރަކް
21 Apr 2024