Advertisement

އީރާނުގެ ޙަމަލާގެ ދުވަސްވަރު އިމާރާތާއި ސުޢޫދީގެ ވައިގެ ސަރަހައްދު އިސްރާއީލާއި އެމެރިކާގެ އުޅަނދުތަކަށް ހުޅުވައިލާން އިންކާރުކުރުމަކީ އިސްލާމީ އުންމަތަށް ލިބުނު ހިތްހަމަޖެހުމެކެވެ.

18 Apr 2024 | 00:32
އެކުވެރި އިމާރާތުގެ އެންމެ މަތީ ކޮމާންޑަރުގެ ނާއިބު އަދި އަބޫ ޡަބްޔުގެ ވަލީޢަހުދު ޞާޙިބުލްމަޢާލީ ޝައިޚު މުޙަންމަދު ބިން ޒައިދު އާލް ނަޙުޔާން (ކ) އާއި ސުޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު އަދި ބޮޑުވަޒީރުގެ ނާއިބު އަދި ދިފާޢީ ވަޒީރު ސުމުއްވުލްއަމީރު މުޙަންމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު (ވ)

ބައިނަލްއަގުވާމީ މުރާސިލު

އިސްތިޢުމާރީ ދައުލަތާ ދެކޮޅަށް އީރާނުން މި ދިޔަ ހޮނިހިރު ދުވަހު ފޮނުވައިލި އިންޓަރސެޕްޓް މިސައިލާއި ޑުރޯނުތަކާ ގުޅިގެން އެއްވެސް ކަމަކަށް ސުޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތުގެ ވައިގެ ސަރަހައްދު އިސްތިޢުމާރީ އިސްރާއީލާއި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހުޅުވައިލުމާ އެ ދެ ގައުމުން ދެކޮޅުހެދުމަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަށް ލިބުނު ކުރިއެރުމެކެވެ. މި ކަމަށް މި ދެ ގައުމުން ދެކޮޅު ހެދި ނަމަވެސް ވޯލް ސްޓްރީޓް ޖާނަލްއާ ޙަވާލާދީ ޢަރަބި އޮފިޝަލަކު ވިދާޅުވި ގޮތުގައި އީރާނުގެ ޙަމަލާ ސައްތައިންސައްތަ ކާމިޔާބު ވިޔަ ނުދިނުމަށް ޓަކައި ބޭނުންވާ ޖާސޫސީ މަޢުލޫމާތު މި ދެ ގައުމުން އެމެރިކާއާއި އިސްރާއީލާ ޙިއްސާކުރިކަމަށް ވެއެވެ. އެހެންނަމަވެސް ޔަހޫދީ ޙަމާއެއްގައި އީރާނުގެ ހަތް އޮފިޝަލަކު ޝަހީދުކޮށްލުމުގެ ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ދިން ޙަމަލައާ ގުޅިގެން މެދުއިރުމަތީގައި އުފެދުނު ހަލަބޮލިކަމުގައި ވަކި އަތަކަށް ނުޖެހި ތަވާޒުނުކޮށް ތިބޭން އަބޫ ޡަބްޔާއި ރިޔާޟް މަސައްކަތްކުރިކަމަށް އެ ނޫސް ބުނެއެވެ.

އަނެއް ކޮޅުން އުރުދުނުން ބުނެފައިވަނީ އެމެރިކާއާއި އިސްރާއީލުގެ ހަތިޔާރުއެޅި "އުދުހޭ ތަކެތި" (ހަނގުރާމމަތީ އުޅަނދުތައް) އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނީ އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައިކަމަށެވެ. މި ދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އުރުދުންގެ ވަޒީރުންގެ މަޖިލީހުން ބުނެފައިވަނީ، އެހެންނަމަވެސް އެ ގައުމުގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ ކޮންމެ ޙަރަކާތެއް، އެއީ ވައިން ނުވަތަ ބިމުން އަންނަ ޙަމަލާއެއް ނަމަވެސް، ހުއްޓުވާނެކަމަށެވެ. އުރުދުނުން އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރާން އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަތީ އުޅަނދުތަކަށް ހުއްދަ ދިންކަމަށް ބުނެ އިސްލާމީ އުންމަތުން އުރުދުނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެއެވެ.

އީރާނުން އިސްރާއީލަށް ޙަމާދިނީ، މި އެޕްރީލް މަހު ފުރަތަމަ ދުވަހު އިސްތިޢުމާރީ އިސްރާއީލުން، ސޫރިއާގެ ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ ހަތް އޮފިޝަލުން ޝަހީދުކޮށްލިކޮށްލުމަށް ބަދަލުހިފުމުގެ ގޮތުންކަމަށް އީރާނުން ބުނެފައިވެއެވެ. އަދި އެއީ އެ ޙަމަލާއާއި އެއްވަރުގެ އިންސާފުވެރި ބަދަލެއްކަމަށާއި އެހިސާބުން އެ ކަން އެ ނިމުނީކަމަށް ވެސް އީރާނުންބުނެފައިވެއެވެ.

އީރާނުން ދިން ރައްދު ޙަމަލައާ ގުޅިގެން އެ ކަމުގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނެކަމަށް އެމެރިކާއާއި އިސްރާއީލުން ކުރިން ބުންޏެވެ. ނަމަވެސް އީރާނުން އިންޒާރުކުރީ ދުޝަމަނުން އެ ފަދަ ކަމެއް ކޮށްފި ނަމަ، މެދު އިރުމަތީގައި ހުރި އެމެރިކާގެ ހުރިހައި މަޞްލަހަތުތަކަކަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމަށެވެ. އީރާނުގެ މި އިންޒާރަށް ފަހު، އެމެރިކާއިން ފަހުން ބުނެފައިވަނީ އީރާނާ ދެކޮޅަށް އިސްރާއީލުން ދޭ ޙަމަލާއެއްގައި އެމެރިކާއިން ބައިވެރި ނުވާނެކަމަށެވެ. އެހެންކަމުންމި ހަމަނުޖެހުންތައް އިތުރަށް ބޮޑުވެގެން ހިނގައިދާނެކަމަކަށް ނުބެލެވެއެވެ. އީރާނަކީ އެމެރިކާއާއި އިސްރާއީލުން ޖެހިލުންވާ ހަމައެކަނި އިސްލާމީ ގައުމެވެ. (ބައެއް މައުލޫމާތު: މިޑްލްއީސްޓް މޮނިޓަރ)

ބައެއް ލަފުޒުގެ މާނަ

ތަވާޒުނު        ނ.      ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ، ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.

އަބޫ ޡަބްޔު      ނ.      (އިނގިރޭސިބަހުން ކިޔަނީ އަބޫ: ދާބީ)  އެކުވެރި އިމާރާތުގެ ވެރިރަށް

ރިޔާޟް        ނ.      (އިނގިރޭސިބަހުން ލިޔަނީ: ރިޔާދް) ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް  

Advertisement

ކޮމެންޓް