Advertisement

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ): ބައެއް ސަރަހައްދުތަކުގައި ކަރަންޓެއް، އިންޓަރނެޓެއް ފެނެއް ނުލިބޭ. ޢާއިލާތައް ހާލުގައިޖެހިފައި

17 Apr 2024 | 14:15
ޔޫއޭއީ ހާލުގައި ޖެހިފައި.

ބައިނަލްއަގުވާމީ މުރާސިލު

ޔޫއޭސީގެ ޒަމާނީ ތާރީޚުގައި ތަޖުރިބާ ކުރާންޖެހިފައިވާ އެންމެ ގިނައިން އެންމެ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން އެ ގައުމުގެ ގިނަ ރައްޔިތުން ހާލުގައިޖެހިއްޖެއެވެ. އިއްޔެ މެންދު ފަހުއްސުރެ ކުރާން ފެށި ވިއްސާރައިގައި އާދަޔާ ޚިލާފަށް ގުގުރައި ވާރޭވެހުމުގެ ސަބަބުން ގައުމުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ކަރަންޓެއް ފެނެއް އިންޓަރނެޓެއް ނުލިބެއެވެ. ބައެއް ގޭގެ ދޫކޮށް އެހެން ހިސާބުތަކަށް މީހުން ބަދަލުވެސްވެއްޖެއެވެ. ސަލާމަތަށް އެދި މީސް މީހުން ދުޢާކުރަނީއެވެ. ޝާރުޖާގެ އަލްމަޖާޒް ސަރަހައްދުގެ ގިނަ އެޕާޓްމެންޓް ބްލޮކްތަކަށް އިއްޔެއިން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރޭ މެންދަމު (މާލޭ ގަޑީން) އެކެއްޖެހި ފަހުން ވަނީ ކަރަންޓާއި އިންޓަނެޓު ކެނޑިފައެވެ. އިއްޔެ މެންދުރު ފަހުން ފެށިގެން ވެހޭން ފެށި ބޯ ވާރޭގެ ސަބަބުން ލިފުޓުތަކަށް ވެސް ވަނީ ފެންވަދެ ލިފުޓުތަކުން ކަރަންޓު ކެނޑިފައެވެ. އަދި މުޅި ސަރަހައްދުން ވެސް ވަނީ ކަރަންޓް ކެނޑިފައެވެ. ނަތީޖާއެއްގެ ގޮތުން އިންޓަރނެޓު ކެނޑި އޮންލައިނުކޮށް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ވަނީ ގެއްލިފައެވެ.

ޝާރުޖާގައި ދިރިއުޅޭ ރަށްވެއްސެއްކަމުގައިވާ އުންމު އައިމަން ކިޔައިދިން ގޮތުގައި "ރޭ މެންދަމު ތިނަކުން ފެށިގެން އަހަރެމެން ސަރަހައްދުގައި ކަރަންޓެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން އިންޓަނެޓު ވަނީ ކެނޑިފައެވެ. ދުރާލައި ބާލިދީތަކަށް ފެން އަޅައި ރައްކާކުރުމުގެ ސަބަބުން ބޭނުންކޮށްލާނެ ފެން ހުރީތީ ޙަމަދުކުރަމެވެ. ނަމަވެސް މިހާރުވަނީ ފެނުގެ ޚިދުމަތް ވެސް ކެނޑިފައެވެ." އޭނާ އިތުރަށް ކިޔައިދިން ގޮތުގައި އަހަރެމެންނަށް އެއްވެސް ތާކަށް ދެވޭކަށް ނެތެވެ. މުޅި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. މީގެ ކުރީން ކަރަންޓް ކެނޑިއްޖެ ނަމަ، އަހަރެމެން ކާރުގައި އެކި ތަންތަކަށް ދުއްވަނީއެވެ. ނުވަތަ މޯލްތަކަށް ދަނީއެވެ. އަހަރެމެންގެ ސަރަހައްދާ ފަންސާހަކަށް މީޓަރު ދުރުގައި ހައިޕަރ މާރުކޭޓެއް ހުރެއެވެ. ނަމަވެސް މިހާރު އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. މުޅި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން އެއްވެސް ތާކަށް ދެވޭކަށް ނެތެވެ."

ޕޫނަމް ޗައުލާ ކިޔާ މުދޫންގެ ރަށްވެއްސަކު ކިޔައިދިން ގޮތުގައި "ރޭ 7:00ން ފެށިގެން އަހަރެމެންގެ ސަރަހައްދުގައި އިންޓަނެޓެއް ނެތެވެ. ނަމަވެސް ނަސީބަކުން އަދި ކަރަންޓް އެބަހުއްޓެވެ. އެކަމަކު އެހެން ގިނަ ހިސާބުތަކުގައި ކަރަންޓެއް ވެސް ނެތެވެ. އަހަރެމެންގެ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ވެސް ފެންވަދެ އޮޔާ ގޮސްފައިވާތީ މިހާރު ގެއިން ބޭރަށް ފައިއެޅޭކަށް ވެސް ނެތެވެ. އަހަރެމެން މި ތިބީ ގޭގައި ބަންދުވެފައެވެ." އޭނާ ކިޔައިދިން ގޮތުގައި އިއްޔެގެ ހާލަތު އާދައިގެ ގޮތަކަށް ރަނގަޅެވެ. އަހަރެމެންގެ ދަރީންނަށް އޮންލައިނު ކުލާސްތަކަށް ވަދެވެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ދަރީން މި ވަނީ ކްލާސްތަކުން ވެސް މަޙުރޫވެފައެވެ."

"ދާދި އަވަހަށް މި ޙާލަތު ރަނގަޅުވެ އާދައިގެ ޙަލަތަކަށް ބަދަލުވުމަކީ އަޅުގަނޑުމެންގެ އުންމީދެވެ."

މި ހާދިސާގައި މިހާރު އެތައް ބަޔަކު މަރުވެއްޖެއެވެ. ބައެއް މޯލްތަކުގެ ތިރީބުރީގެ ފަނގިފިލާއާ ހަމައަށް ވަނީ ފެންބޮޑުވެފައެވެ. މިއީ ވޭތުވެ ދިޔަ 75 އަހަރުގެ ދިގު ތާރީޚުގައި ޔޫއޭއީއަށް އެންމެ ގިނަ ޢަދަދަކަށް ވާރޭވެހުނު ފަހަރެވެ.  

Advertisement

ކޮމެންޓް