Advertisement

ވޯޓު ހޯދަން ފަސް އަހަރުން ފަސް އަހަރުން އަންނަ، "މާތް ކަމަނާފާނަށް" ސަލާންކޮށް މަރުހަބާކިޔާށެވެ!

17 Apr 2024 | 00:42
އިންތިޚާބު ދުވަސްވަރު ކެންޕޭނުކުރަނީ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މިއީ ފިލްމު އާންދީ (ތޫފާން)ގެ ސަލާމް ކީޖިޔޭ (ސަލާންކޮށް މަރުހަބާ ކިޔާށެވެ!) މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ލަވައިގެ މައްޗަށް ނަޒަރު ހިންގައިލުމުގެ ކުރީން، ފިލްމުގެ މައްޗަށް އަވަސް ކަޅިއެއް އެއްލާން ގަސްދުކުރަމެވެ.

ފިލްމު އާންދީގެ ވާހަކަ ބިނާވެފައިވަނީ ފިލްމުގެ ބަތަލު ޖޭކޭއާއި ބަތަލާ އާރްތީ ދޭވީގެ ލޯބީގެ ގުޅުމާއި އާރްތީގެ ސިޔާސީ ހަޔާތުގެ ސަބަބުން އެ ގުޅުމަށް އަންނަ ބަދަލުގެ މައްޗަށެވެ. އާރްތީ ދޭވީއަކީ ސިޔާސީ ވެރިއެއްގެ ދަރިއެކެވެ. ޖޭކޭއަކީ ހޮޓަލެއްގެ މެނޭޖަރެކެވެ. އެއް ދުވަހަކު އާރްތީ މަސްތުވެގެން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައި ވަނިކޮށް ޖޭކޭއަށް ފެނިގެން، އާރްތީ ސަލާމަތްކުރެއެވެ. އަދި، އެއަށް ފަހު، ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި ދެ މީހުން ކައިވެނިކުރެއެވެ. ނަމަވެސް، އާރްތީގެ ހަޔާތުގެ އަމާޒަކަށްވީ، ޒަވާޖީ ހަޔާތެއް ބިނާކުރުމަށްވުރެ ބޮޑަށް، ސިޔާސީ ދާއިރާގައި މަސައްކަތްކޮށް މި ގޮތުން ކުރިއަށް ދިޔުމެވެ. އެހެންވެ، ޖޭކޭއާއި އާރްތީގެ ޒަވާޖީ ގުޅުމަށް ހީނަރުކަން އައެވެ. އަދި، އެންމެ ފަހުން އެ ދެމީހުންގެ ގުޅުން ކެނޑި، އެކަކު އަނެކަކާ ވަކިވެ، ދުރަށް ދާން ނިންމިއެވެ.

ދެން ދުވަސްތަކަކަށް ފަހު، އެ ދެމީހުން އަނެއްކާ ވެސް ބައްދަލުވެއެވެ. އޭރު އާރްތީ ވަނީ ސިޔާސީ ދަނޑުގައި ފައިތިލަ ހަރުކޮށްލައިފައިވާ ކާމިޔާބު ސިޔާސީ ވެރިއަކަށްވެފައެވެ. އެހެންކަމަށް ވިޔަސް، އެ ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމުގެ އިހުސާސުތައް، އަދިވެސް، ނެތި ނުގޮސް އޮތްކަން ދެ މީހުންނަށް ވެސް އެ ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. މި ކަން އެންމެ ރަނގަޅަށް ފެނިގެންދަނީ ފިލްމުގެ އެހެން ލަވަޔަކުންނެވެ. ‘ތޭރޭ ބިނާ ޒިންދަގީ ސޭ ކޮއީ’ (ކަލާއާއި ނުލައި ހަޔާތް ވޭތުކޮށްލުން)، މި ލަވައިންނެވެ. (މި ލަވަ އެހެން ފަހަރަކުން ހުށަހަޅައިލެވޭތޯ ބަލާނަމެވެ.)

ކޮންމެ އަކަސް، އެ ދެމީހުން އެކަކު އަނެކަކު ދެކެ އަދިވެސް ލޯބިވާކަން އިހުސާސުކުރެވުނުކަމުގައި ވިޔަސް، އެ ލޯބި އާލާކޮށް އަލުން ދިރުވާކަށް އާރްތީ ބޭނުމެއްނުވިއެވެ. އާރްތީ ޚިޔާރުކުރީ އޭނާގެ ސިޔާސީ ހަޔާތާއިގެން ކުރިއަށްދާށެވެ. އާދޭހެވެ! ސިޔާސީ ގޮތުން ކުރިއަށް ދިޔުމަށް ޓަކައި ލޯބީގެ ހަޔާތް ގުރުބާންކޮށްލާށެވެ.

ފިލްމުގައި މައިގަނޑު ގޮތެއްގައި ބަލައިލެވެނީ ‘ސިޔާސީ މަންފައަތުގެ’ (ޕޮލިޓިކަލް އޮޕޯޗުނިސިމްގެ) މައުލޫއުގެ މައްޗަށެވެ. އާދެ، ސިޔާސީވެރީންގެ، ސިޔާސީ މަސައްކަތަކީ އެ މީހުންގެ އަމިއްލަ ޒާތީ ފައިދާއަށް އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަމުގެ މައުޟޫޢުގެ މައްޗަށެވެ. އަދި، އެ ގޮތުގެ މަތީން ކަންތައްތައްކުރަމުން ދާ އިރު، ދީނީ ނުވަތަ އަޚުލާގީ އެއްވެސް މިންގަނޑަކަށް އެ ވެރީންނަކަށް ނުބެލެއެވެ. ސިޔާސީ ވެރިންނަށް އާންމު މީސްތަކުންގެ މަތީން ހަނދާންވަނީ ވެސް ފަސް އަހަރުން އެއް ފަހަރުއެވެ. އިންތިޚާބުގެ ދުވަސްވަރު އައުމުން ވޯޓު ހޯދާން އުޅޭން ޖެހޭ ދުވަސްވަރުއެވެ.

މި ފިލްމު، 1975ގައި ނިކުތުމުން، އެންމެ ފުރަތަމަ މަނާކުރެވުނެވެ. ފިލްމުގައި، އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު، އިންދިރާ ގާނދީގެ ހަޔާތަށް ފާޑުކިއިފައިވާކަމަށް ބެލެވިގެންނެވެ. ނަމަވެސް، ފަހުން، ފިލްމު ދެއްކުމުގެ ހުއްދަ ދެވި، އާންމުންގެ ތެރެއަށް ނެރެވި، ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ. ޚާއްސަކޮށް ފިލްމުގެ ‘ތޭރާ ބިނާ ޒިންދަގީ…’ ފަދަ ބައެއް ލަވަތައް ހިމެނިގެން ދިޔައީ 1970ގެތެރޭގައި އެންމެ މަގުބޫލުވި ލަވަތައް ކަމުގައެވެ. މީގެ އިތުރަށް ފިލްމުފެއަރގެ އެތައް ވަނަތަކަކަށް ފިލްމު އާނދީ ހުށަހެޅުނެވެ. އަދި، ފިލްމުގެ ބަތަލު ސަންޖީވު ކުމާރާއި ފިލްމުގެ ޑިރެކްޓަރު އަދި ފިލްމުގެ ލަވަތައް ލިޔުނު ޝާއިރު، ގުލްޒާރަށް، ފިލްމު ފެއާރގެ ބައެއް ވަނަތައް ލިބުނެވެ. ‘ސަލާމް ކީޖިޔޭ’ މި ލަވައިގައި ފިލްމުގެ މި ދެންނެވި މައިގަނޑު މައުޟޫޢު، އާދެ، ސިޔާސީ މަންފައަތުގެ މައްޗަށް ބަލައިލެވިފައިވެއެވެ.

ލަވަ ފެށެނީ އާރްތީ ދޭވީ، ކިޔަވާ ކުއްޖަކާ އެއްގޮތް ކުރަމުންނެވެ. އިސްކޫލުގެ ޓާމު ނިމުމުން ވެސް، އެ ކުއްޖާ ދަބަހަށް އެއްޗެހި އަޅައި ބަންދުކޮށް ގެއަށް ދާކަށް ނޫޅޭކަން ފާހަގަކުރަމުންނެވެ. މި ތަނުން އިޝާރަތްކުރެވެނީ އާރްތީގެ ސިޔާސީ ދައުރު ނިމުމުން ވެސް މަޖުލިހުގެ ގޮނޑި ދޫކޮށްލައިފައި ދާން އަދިވެސް ނޫޅޭކަމެވެ. އެ ގޮނޑިއާ މާއްދީ އެތައް ފައިދާތައް ގުޅިފައިވުމުން އެ ގޮނޑި އަދިވެސް ހޯދާން މަސައްކަތްކުރެވެނީއެވެ. ދެން ލަވައިގެ ރާވީ، އާންމުންނާ މުޚާތަބުކޮށް، މަލާމާތުގެ ރާގެއްގައި، އާރްތީއާއި ސަލާންކޮށް އެ ކަމަނާއަށް މަރުހަބާކިޔާން ބުނެއެވެ. ގައުމުގެ ސިޔާސީ ހަޔާތުގައި އާންމުންގެ ދައުރަކީ ފަސް އަހަރުން ފަސް އަހަރުން ސިޔާސީ ވެރީންނަށް މަރުހަބާކިޔުން ކަހަލައެވެ. އަދި، މިކަމުގެ ސަބަބު ވެސް ރާވީ ބަޔާންކޮށްދިނެވެ. ސިޔާސީ ވެރީންނަކީ، އެ މީހުން ހިތުން، ގައުމުގެ، ރަށުގެ މިލްކުވެރީންނެވެ. ރަށުގެ ފާރަވެރިންނެވެ. ރަށުގެ ކަންތައްތައް ބަލަހައްޓައި ރަށް ރައްކާކުރުމުގެ މަސްއޫލިއްޔަތު އަދާކުރާކަމަށް ދައުވާކުރާ މީހުންނެވެ. ފަސް އަހަރުން ފަސް އަހަރުން އެ ވެރިން އާންމުންގެ ކުރިމައްޗަށް އައިސް، އެ މީހުން ކަންތައްތައް ކުރި ގޮތުގެ ހިސާބުކިތާބު ދައްކާން އުޅޭ ގޮތް ދައްކާ ކަހަލައެވެ. އަދި މި ކުޅިގަނޑު ބަލާން އާންމުންގެ އެތައް ބަޔަކު އައިސް އުޅެއެވެ. އަދި، އާންމުންނަށް އޮތީ ސިޔާސީ ވެރިންނަށް ސަޖިދަޖަހައި ބޯލަނބައި ކިޔަމަންގަތުމެވެ. އެ ވެރީންނަށް ދޭންވާނީ ހަމަ އެކަނި ވޯޓެއް ވެސް ނޫނެވެ. އެ ވެރިންނަށް ޓަކައި އާންމުންގެ ފުރާނަ ވެސް ގުރުބާންކޮށްލާން ވާނެއެވެ. މަލާމާތުގެ ރާގެއްގައި ލަވައިގެ ރާވީ ބުނެއެވެ. ‘ބަސް އޭކް ވޯޓް ނަހީ ހައި، ޔޭ ޖާން ހާޒިރް ހައި، ހާނ’! އެ ވެރީންނަށް ޓަކައި ޖާނުން ފިދާ ނުވާންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ވެސް، މަލާމާތުގެ ރާގެއްގައި ލަވައިގައި މި ކަމުގެ ސަބަބު ވެސް ބަޔާންކޮށްދެއެވެ. އާންމުންގެ އަތުން ވޯޓު ގަތުމަށް ޓަކައި ބަނޑުފުރާނަމުއްތިކޮށްލާނޭ ވަރުގެ ކާޑުކޮޅެއް، އާންމުންނަށް، އެ ވެރީން ދިއްކޮށްލައެވެ. އަދި އުނުއޮރިޔާން ނިވާކޮށްލާނޭ ފޮތިކޮޅެއް ވެސް ދެއެވެ. އަދި، ވޯޓު ހޯދާން ވީމާ، އާންމުންގެ ގާތަށް އައިސް، އެ މީހުންގެ ހާލު އަހައި އޮޅުންފިލުވައެވެ. އަދި އެތައް ވައުދުތަކެއް ވެސް ވެއެވެ. ނަމަވެސް، މިއިން އެއްވެސް ވައުދެއް ފުއްދޭނީ ކިހިނެއްކަމެއް ކިޔައެއް ނުދެއެވެ. އާންމުންގެ ތަޖުރިބާއަކީ މިއީ ހުސް ހޮޅި ވާހަކަތަކެއްކަމެވެ. އެހެންވެ، ސިޔާސީ ވެރީންގެ ވައުދުތަކުގެ މައްޗަށް ވިސްނައިލާ އިރު، އެ ވެރިން ސިފަވަނީ ޖާދޫގަރުންގެ ގޮތުގައިވެ. ފުއްޓަތްކެއް ޖަހައިލައި މަޝްރޫއުތައް ނިންމައިލާ ބަޔެއްގެ ގޮތުގައެވެ. ޔޭ ޖާދޫގަރް ހައި، ޔޭ ޗުޓްކީ މޭ ކާމް ކަރްތޭ ހައި (މިއީ ޖާދޫގަރެކެވެ. ފުއްޓަތްކަކުން ކަންތައްތައް ކޮށް ނިންމައިލައެވެ!) ނޫނީ ހުސް ވާހަކާތަކުން އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުހޯދައިދޭ ބަޔެއްގެ ގޮތުގައެވެ. ‘ޔޭ ބޫހގް-ޕޔާސޯ، ބާތޯނ ސޭ ރާމް ކަރްތޭ ހައި’ (ބަނޑުހައި ހޫނުކަމާއި ކަރުހިއްކައިގަތުން ހުސް ވާހަކައިން ފިލުވައިލައެވެ). އާދެ، ސިޔާސީ ވެރީން ވައުދުތައް ވާއިރު، އެ ވައުދުތައް ފުއްދާނީ ކިހިނެއްކަން ބަޔާންކޮށްދިނުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކޭތީއެވެ! ދެން، ލަވައިގައި، ރާވީ ކިޔައިދެނީ ސިޔާސީ ވެރީންނަށް އާންމުން ރައްދު ދޭންވާނޭ ގޮތެވެ. އިންތިޚާބުގެ ދުވަހުގައި ރަނގަޅަށް ވިސްނައިފައި، ގައުމީ މަސްލަހަތު އިސްކޮށް ވޯޓުދިނުމެވެ. ތިމަންމެންނަކީ ފަގީރު ނިކަމެތީންކަމުގައި ވިޔަސް، ވޯޓަކީ ގަނެވިއްކޭ އެއްޗަކަށް ނުހެދުމެވެ. އަދި، ސިޔާސީވެރީން ފަދައިން، ތިމަންމެންގެ އަބުރާއި އިއްޒަތް ވިއްކައިލައި، ކުށްފާފަތައްކުރާ މުޖުރިމުންގެ ބަޔަކަށް ނުވުމެވެ.

އާދޭހެވެ! ފިލްމުގައްޔާއި ލަވައިގައި ބަލައިލެވެނީ ވެރިކަމުގެ ނިޒާމު ސޫރީ ގޮތެއްގައި (ބޭރުފުށުން) ވަކި ގޮތަކަށް ހަމަޖެހިފައި އޮތުމުން، ގައުމަށް ވެސް އަދި އާންމުންގެ ހަޔާތައް ވެސް، ހެޔޮ، އިސްލާހީ ބަދަލުތައް ނުގެނެވޭނޭކަމެވެ. ޑިމޮކުރަސީއެއް، ސޫރީ ސިފައެއްގައި އޮތަސް، އެ ނިޒާމުން ލިބިގަންނަން އެދެވޭ ހަގީގީ މަގުސަދުތަކެއް ހާސިލެއް ނުކުރެވޭނޭކަމެވެ. ޑިމޮކުރަސީއަކީ ހަމަ އެކަނި ފަސް އަހަރުން ފަސް އަހަރުން އޮންނަ ވޯޓުލުމަކަށް ވެފައި، ސިޔާސީ ވެރީންނާއި އާންމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ފެންނަނީ ހަމަ އެކަނި ވޯޓުލާ ދުވަސްވަރުކަމަށް ވެއްޖެ ނަމަ، ޑިމޮކުރަސީއެކޭ އިސްތިބުދާދެކޭ (ޑިކްޓޭޓަރޝިޕްއެކޭ) މާ ބޮޑު ތަފާތެއް ނެތެވެ. ވޯޓުލުން ވެގެންދާނީ ސިޔާސީ ވެރީން އެ މީހުންގެ ގޮނޑިތައް ހޯދުމަށް ބޭނުން ކުރާ ވަސީލަތަކަށެވެ. ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސް، އިގުތިސާދީ ގޮތުން އާންމުންގެ ދިރިއުޅުން އިސްލާހުކުރުމުގެ ބޭނުމުގައި ހިންގޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. ޑިމޮކުރަސީއެއް ކާމިޔާބުކުރުމަށް ޓަކައި، ސިޔާސީ ވެރީންނާއި އާންމު ރައްޔިތުންގެ ދައުރެއް ވެސް ވެއެވެ. ސިޔާސީ ވެރީން، އެ ވެރީންގެ ގައުމީ މަޝްރޫއުއަކީ ކޮބައިކަން، ސާފު ގޮތެއްގައި ބަޔާންކޮށްދީ، އެވެރިންގެ މައިގަނޑު ސިޔާސަތުތައް – ތައުލީމީ، އިގުތިސާދީ، ސިއްހީ، އަދި، ދާޚިލީ، ޚާރިޖީ ސިޔާސަތުތައް – ބުނެދިނުމެވެ. އާންމުން ވާން ޖެހޭނީ މި ފަދަ ސިޔާސަތުތަކުގެ ވާހަކަތައް ކަނުލައި އަޑުއަހައި، އެ ވާހަކަތަކުގެ ހަގީގަތް ދެނެގަނެވޭނޭ ފަދަ ވިސްނުންތެރިކަމެއް ލިބިފައިވާ ބަޔަކު ކަމުގައި ވުމެވެ. އަދި، ސިޔާސީ ވެރީންގެ މޫނަށް ނުބަލައި، އެމީހުންގެ އަގު، އެ މީހުން ހާމަކުރާ ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް، ކަނޑައަޅައި މަސްއޫލުވެރިކަމާއި ޒިންމާދާރުކަމާ އެކު ވޯޓުދިނުމެވެ. އަދި ސިޔާސީ ވެރީންނާއި އާންމުންގެ ގުޅުމަކީ ފަސް އަހަރުން އެއް އަހަރު، ވަކި ދުވަސްވަރަކަށް ގާއިމުވާ ގުޅުމަކަށް ނުވުމެވެ. ސިޔާސީ ވެރީން، ގައުމީ އަދި އަޚުލާގީ އަގުތަކަށް ރައްކާތެރިވެ ތިބެ، އާންމު މަސްލަހަތު އިސްކޮށް، އާންމުންގެ ފައިދާއަށް ޓަކައި މަސައްކަތްކުރުން މަތީ ދެމި ތިބޭން ޖެހެއެވެ. ހީވާ ގޮތުގައި، އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރެވުނުކަމަށް ވާނީ މި ގޮތުގައި ތިބެވިގެންނެވެ. އާންމު ރައްޔިތުން، ސިޔާސީ ވެރީންގެ މަސައްކަތްތައް ފާރަވެރިކަމާ އެކު ބަލާން ތިބެ، ޒާތީ ގޮތުންނާއި ޕާޓީ ތައައްސުބުން (ބަޔަސްވުމުން) އެއްކިބާވެ، އެ ވެރީންގެ މަސައްކަތްތަކަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުން މަތީ ތިބޭން ޖެހެއެވެ. ހީވާ ގޮތުގައި، އާންމުނަށް، މި ވާޖިބު އަދާކުރެވޭނީ އެމީހުންނަކީ ތައުލީމުޔާފްތާ ބަޔަކަށްވެ، އަމިއްލަ ވިސްނުމާއި ފިކުރުކުރުން ތަރައްގީވެ، ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ އާންމު ރައްޔިތަކަށް ވެވިގެންނެވެ.

އާދޭހެވެ! ދެން ލަވައިގެ ތަރުޖަމާ ހުށަހަޅާލަމެވެ. އާރްތީ މަން މާންތީ، ކަހެނާ ކިޔޫނ ނެހީ މާންތިއާރުތީ (ކިޔަވާ ކުއްޖެއްހެން) ރުޅިހަދައި ބޮޑާހާކައިފިއެވެ! އޭނާ ބަސްނާހައި ގަދަހަދަނީ ކީއްވެ ހެއްޔެވެ؟

ޕަތުޝަލޭ ޗުހއްޓި ހޯ ގައީ، ބަސްތާ ކިޔޫނ ނެހީ ބާނދްހތީ (އިސްކޫލު ބަންދުވެއްޖެކަމުގެ) ރަނގަބީލު ވެސް ޖަހައިފިއެވެ. އޭނާގެ އިސްކޫލު ދަބަސް އަދިވެސް ބަންދުނުކޮށް މި އުޅެނީ ކީއްވެ ހެއްޔެވެ؟

އާ އާ އާ އާ، ސަލާމް ކީޖިޔޭ އާއީ ހައި، އާ އާ އާ އާ(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!

ސަލާމް ކީޖިޔޭ އާއީ ހައި، ހާން! އާރާތީ ދޭޥީ(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! އޭނާ ވަޑައިގެންފިއެވެ! (މާތް) އާރްތީ ދޭވީ ކަމަނާފާނެވެ!

އާ އާ އާ އާ، ޔޭ ޓޭހކޭދާރް ހައި، ބާހރަތީ ދޭވީރައްކާތެރިކަމާ އެކު ބަލަހައްޓަވާ މި ކަމަނާފާނެވެ! ރައްކާތެރިކަމާއިއެކު، މި ރާއްޖެ ބަލަހައްޓަވާ ދޭވީ ކަމަނާފާނެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި، ފަސް އަހަރުން ފަސް އަހަރުން ދައްކަވާން ޖެހޭ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

އާ އާ އާ އާ، ސަލާމް ކީޖިޔޭ، އޯ ސަލާމް ކީޖިޔޭ(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!

ޖޯ އިން ޚުދާއޯ ކޯ ސަޖްދާ ކަރޭ ނާ ކާފިރު ހައިކަލެއް(ފަދައިން މި އުޅޭ ކަމަނާފާނަށް) ސަޖިދަކޮށް (ކިޔަމަންވާ) މީހުންނަކީ ކާފަރުންނަކަށް ހަމަ ނުވާނެއެވެ!

ބަސް އޭކް ވޯޓް ނަހީ ހައި، ޔޭ ޖާން ހާޒިރް ހައި، ހާނމި (ސިޔާސީ)ވެރިންނަށް ދޭންވާނީ ހަމަ އެކަނި ވޯޓެއް ވެސް ނޫނެވެ. މީގެ އިތުރުން (ތިމާމެންގެ) ފުރާނަ ވެސް އެ ވެރީންގެ ކުރިމައްޗަށް ގެނެސް (އެ ވެރީންނަށް ޓަކައި ގުރުބާންކޮށްލާން ޖެހޭނެއެވެ.)

ބޮހޮތު ލަގާޔޭ-އުޓާރޭ ހައި ނާމް ކޭ ލޭބަލް،  އެ ވެރީންގެ ނަންތައް ޖަހައި ގިނަގިނައިން ޕޯސްޓަރު ހަދައި ނަގައި އެ ތަންމިތާނގައި ތަތްކުރަންވީއެވެ.

ޗަލާއި ކުރްސިޔާނ ހަމްނޭ ޖަމާޔޭ ހައި ޓޭބަލްއަދި (ޖަލްސާ ބޭއްވުމަށްޓަކައި) ގޮނޑިތަކާއި މޭޒުތައް ގެނެސް އަތުރާންވީއެވެ.

އާ އާ އާ އާ ހިސާބު ދީޖިޔޭ،  ހިސާބު ދެއްކެވުމަށް ޓަކައެވެ.

ހިސާބު ދީޖިޔޭ ހަމް ބޭހިސާބު އާޔޭ ހައި، ހިސާބު ދެއްކެވުމަށް ޓަކައެވެ! (އެ ހިސާބުގެ ވާހަކަ އަޑުއަހާން) އަހަރުމެން މި ތިބީ އަދަދުވެސް ނުކުރެވޭހާ މީހުންނައިގެން މިތަނަށް އައިހެވެ.

ތުމް މިލްކަރްކަލޭ އަޅެ ނިކަން (އެކަމަނާފާނާއި) ބައްދަލުކޮށްލަބަލާށެވެ!

ސަލާމް ކީޖިޔޭ އާލީ ޖަނާބު އާއީ ހައި(އަދި އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި. ފަސް އަހަރުން ފަސް އަހަރުން ދައްކާން ޖެހޭ އެ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައިސަލާންކޮށް މަރުހަބާ ކިޔާށެވެ!

ހަމާރޭ ވޯޓް ޚަރީދޭގޭ، ހަމް ކޯ އާން ދޭ ކަރްއަހަރުމެންގެ ވޯޓު ގަތުމަށް ޓަކައި އަހަރުމެން ބަނޑުފުރާނަ މުއްތިކޮށްލާނޭފަދަ ކާއެތިކޮޅެއް ދޭނެއެވެ!

ޔޭ ނާގޭ ޖިސްމް ޗުހޕާ ދޭތޭ ހައި، ކަފަން ދޭކާރް، އާ އާ އާ އާ … އަހަރުމެންގެ އުނުއޮރިޔާން ނިވާކޮށްލުމަށް ޓަކައި ކަފުން ފޮތިކޮޅެއް ވެސް ދޭނެއެވެ!

ޔޭ ޖާދޫގަރް ހައި، ޔޭ ޗުޓްކީ މޭ ކާމް ކަރްތޭ ހައި،  މިއީ ޖާދޫގަރެކެވެ! ފުއްޓަތްކެއް ޖަހައިލައިފައި، އޭނާ ވައުދުތައް ފުއްދައިލާނެއެވެ

ޔޭ ބޫހގް-ޕޔާސޯ، ބާތޯނ ސޭ ރާމް ކަރްތޭ ހައިއަދި ބަނޑުހައިހޫނުކަންވެސް، ހުސް ވާހަކައިން ފިލުވައިލަދީ ނެތިކޮށްލާނެއެވެ.

އާ އާ އާ އާ ….، ހަމާރޭ ހާލް ޕޭ  އަހަރުމެންގެ ހާލުގެ މައްޗަށެވެ.

ހަމާރޭ ހާލް ޕޭ ލިހކްނޭ ކިތާބް އާއި ހައި،  އަހަރުމެންގެ ހާލު (ބަލައި، އޭގެ) މައްޗަށް ފޮތެއް ލިޔުއްވުމަށްޓަކައި އެ ކަމަނާފާނު އެ ހުންނެވީ ވަޑައިގެންނެވެ!

އަރޭ ބާހއީ އިސްލިޔޭއޭ، އަޚާއެވެ! އެހެންވެއޭ އަހަރެން މިބުނަނީ، 

ސަލާމް ކީޖިޔޭ، އާލީ ޖަނާބް އާޔޭ ހައި  (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި،   ފަސް އަހަރުން ފަސް އަހަރުން ދައްކަންޖެހޭ އެ ހިސާބު ދެއްކެވުމަށް ޓަކައި ވަޑައިގެންފިއެވެ! ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި  (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ހަމާރޭ ޒިންދަގީ އަޕްނީ ހައި، އާޕްކީ ތޯ ނެހީ،   އަހަރުމެންގެ ހަޔާތަކީ އަހަރުމެންގެ އެއްޗެކެވެ! ކަމަނާފާނުގެ މިލްކެއް ނޫނެވެ!

ޔޭ ޒިންދަގީ ކީ ޣަރީބީ ކީ ހައި، ޕާޕްކީ ތޯ ނަހީ، އާ އާ އާ އާ …އަހަރުމެންގެ މި ހަޔާތަކީ ފަގީރުންގެ ނިކަމެތި ހަޔާތަކަށް ވެދާނެއެވެ! ނަމަވެސް އެއީ ކުށްފާފަކޮށް ޖަރީމާތަކަށް އަރައިގަންނަ މީހުންގެ ހަޔާތެއް ނޫނެވެ!

ޔޭ ވޯޓް ދޭގޭ މަގަރް، އަބް އޭ އުން ނެހީ ދޭގޭ، އާ އާ އާ އާ …ޝައްކެތް ނެތެވެ! އަހަރުމެން ވޯޓު ދޭނަމަވެ. ނަމަވެސް އަހަރުމެން ވޯޓު ދޭނީ (ހަމަ ރަނގަޅަށް ވިސްނާފައި) ތިޔަ ހީކުރާ ގޮތަކަށް ނޫނެވެ.

ޗުނާވް އާނޭ ދޯ، ހަމް އާޕް ސޭ ނިޕަޓް ލޭގޭ، ހާނ،   އިންތިޚާބު(ގެ ދުވަސް) އައުމުން، ކަލޭމެން ސިޔާސީ ވެރީންނާއި އަހަރުމެން މުއާމަލާތްކުރާނޭ ގޮތް އެނގި ފާޅުވާނެއެވެ! ކޭ ޕަހެލޭ ދޭކްހ ލޭ އެންމެ ފުރަތަމައިން އަހަރުމެން ބަލާން ބޭނުމެވެ.

ޔޭ ޕަހެލެ ދޭކްހ ލޭ ކިޔާ އިންގިލާބް ލާޔޭ ހައި  އެންމެ ފުރަތަމައިން އަހަރުމެން ބަލާން ބޭނުމެވެ. ކަލޭމެން ގެންނަން ތިޔައުޅެނީ ކޮންކަހަލަ އިންގިލާބީ ބަދަލެއް ތޯއެވެ؟

ޔޭ އިންގިލާބް ލާޔޭ ހައި، އާ އާ އާ އާ …ކަލޭމެން ތިޔައުޅެނީ ހަމަ ހެޔޮ އިންގިލާބީ ބަދަލެއް ގެންނަންދޯއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބް އާޔޭ ހައި  (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި،  ފަސް އަހަރުން ފަސް އަހަރުން ދައްކާން ޖެހޭ އެ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް