Advertisement

ވުޟޫގެ އީމާނީ ފައިދާތަކުގެ ހިޔަލުގައި

16 Apr 2024 | 12:51
މިސްކިތެއްގައި މީހަކު ވުޟޫކުރަނީ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

 ވުޟޫއަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ޠަހާރަތުގެ މުހިންމު ވަސީލަތެކެވެ. މީގެއިތުރަށް އެއީ އޭގައި ޖަވާހިރުތައް ގިނަ އަގު ބޮޑު ކަންޒެކެވެ. އޭގެ ސަވާބު އިތުރެވެ. ދުނިޔެއާއި އާޚިރަތުގައި ލިބޭ ދަރުމަ މަތިވެރިއެވެ.   

ވުޟޫއާ ނުލައި ނަމާދު ޞައްޙަ ނުވާނެތެވެ. މީގެ އިތުރަށް އެއީ މުހިންމު ކަންކަމުގައި މުސްތަޙައްބު ކަމެކެވެ. ވުޟޫގެ ސަބަބުން މުސްލިމުންނަށް ލިބޭ އީމާނީ ނަފުސާނީ ފައިދާތައް ބޮޑެވެ. އޭގެ ސަބަބުން ލިބޭ ފަރުވާ ވެސް ކުޑައެއްނޫނެވެ.

1- ވުޟޫއަކީ ސުވަރުގޭގެ އަހުލުވެރިންގެ ގަހަނާއެވެ. ޤިޔާމަތްދުވަހުން ވުޟޫގެ ސަބަބުން އޭނާއަށް އަލިކަމާއި ދޮންކަން ލިބޭނެތެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((تبلُغُ حِليةُ أهلِ الجنَّةِ مَبْلَغَ الوضوءِ[1] - ސުވަރުގޭގެ އަހުލުވެރީންގެ ގަހަނާ އެޅޭ ހިސާބު ވުޟޫގެ ފެން ފޯރާ ހިސާބަށް ދާނެތެވެ.))  ފޯރާ ހިސާބުގެ މާނައަކީ އަޅާ ގަހަނާތައް ހުންނާނެ ހިސާބެވެ. މި ބަސްފުޅުގެ މުރާދަކީ ވުޟޫކުރާއިރު ވުޟޫގެ ފެން ފޯރާ ހިސާބުތައް ސުވަރުގޭގައި  ގަހަނާއިން ޒީނަތްތެރި ކުރެވޭނެއެވެ.މި ބަސްފުޅު މި ގޮވައިލަނީ ވުޟޫ ރީތިކޮށް ފުރިހަމަކޮށް ކުރުމަށެވެ. އޭރުން އޭނާގެ ގައިގައި  ސުވަރުގޭގައި އެޅުވޭ ގަހަނާވެސް ރީތިވެފައި ފުރިހަމަވާނެއެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް ރީތިކޮށް ވުޟޫކުރުމަށް އިސްކަންދޭންވާނެއެވެ. ފައިފަދަ ގުނަވަންތައް ދޮންނައިރު ފަރުވާކުޑަކޮށްލައިގެން ނުވާނެއެވެ.

2- ވުޟޫއަކީ ޤިޔާމަތްދުވަހުގައި މުސްލިމު އަޅާއަށް ލިބިގެންވާ އަލިކަމެކެވެ. ނަބިއްޔާ   صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((أُمَّتي يومَ القيامةِ غُرٌّ من السجودِ، مُحَجَّلون من الوضوءِ [2] - ތިމަންކަލޭގެފާނުންގެ އުންމަތުގެ މީހުން ޤިޔާމަތްދުވަހުން ތިބޭނީ ސަޖިދައިގެ ސަބަބުން މޫނު އަލިކޮށެވެ. އަދި ވުޟޫގެ ސަބަބުން އަތްފައި އަލިކޮށެވެ.))  މި ބަސްފުޅާ ވިދިގެން رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ އަޅުގަނޑުމެންނަށް ގޮވައިލެއްވީ ޣުއްރަތާއި (މޫނުގެ އަލިކަން) ތަޙްޖީލު (އަތް ފައިގެ އަލިކަން) ވީ މިންވަރަކުން ދިގުކުރުމަށެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((أنْتُمُ الغُرُّ المُحَجَّلُونَ يَومَ القِيامَةِ مِن إسْباغِ الوُضُوءِ، فَمَنِ اسْتَطاعَ مِنْكمْ فَلْيُطِلْ غُرَّتَهُ وتَحْجِيلَهُ [3]- ވުޟޫ ފުރިހަމަކޮށް ރިވެތިކޮށް ކުރުމުގެ ސަބަބުން ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަކީ މޫނާއި ދެއަތާއި ދެފައި އަލިވެގެންވާނޭ ބަޔަކީމުއެވެ.ތިޔަބައިމީހުންކުރެ މި ކަން ކުރުމަށް ކުޅަދާނަވެގެންވާ މީހާ ޣުއްރަތާއި ތަޙްޖީލު ދިގުކުރާހުށިކަމެވެ!)) ޣުއްރަތު ދިގުކުރާނީ މޫނު ދޮންނައިރު ދޮންނަން ޖެހޭ ބަޔަށްވުރެ އިތުރަށް ދޮވެގެންނެވެ. ތަޙްޖީލު ދިގުކުރާނީ އަތުންނާއި ފައިން ދޮންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ދޮވެގެންނެވެ. ކީރިތި ރަސޫލާ ޙަދީސްކުރައްވައިފައިވާ ގޮތުގައި އެކަލޭގެފާނަށް ޤިޔާމަތްދުވަހުން އެކަލޭގެފާނުގެ އުންމަތުގެ މީހުން ވަކިކުރައްވަން އެނގިވަޑައިގަންނަވާނެއެވެ. އެއީ  އެކަލޭގެފާނުގެ އުންމަތުގެ މީހުންގެ ޣުއްރަތާއި ތަޙްޖީލުގެ ސަބަބުންނެވެ.އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (( ما من أُمَّتي من أحَدٍ إلّا أنا أعرِفُه يومَ القيامةِ، قالوا: وكيفَ تَعرِفُهم يا رسولَ اللهِ في كثرةِ الخلائقِ؟ قال: أرأيْتَ لو دخَلْتَ صَبرةً فيها خَيلٌ دُهْمٌ بهم، وفيها فَرَسٌ أغَرٌّ مُحجَّلٌ، أما كُنْتَ تَعرِفُه منها؟ قال: بَلى، قال: فإنَّ أُمَّتي يومَئذٍ غُرٌّ منَ السُّجودِ، مُحجَّلونَ منَ الوُضوءِ [4] - ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން އެނގިވަޑައިނުގަންނަވާ ހަމަ އެކަކު ވެސް ނުހުންނާނެތެވެ. އެބައިމީހުން ދެންނެވިއެވެ. އެ ހުރިހާ ޚަލްޤުތަކުންގެ ތެރެއިން ކަލޭގެފާނަށް އެބައިމީހުން ދެނެވަޑައިގެންނެވެނީ ކިހިނަކުންތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ތިބާ ކަޅު ކުދި އަސްތަކެއް ތިބި ކޮށްޓަކަށް ވަތްއިރު އެތާނގައި މޫނާއި އަތާއިފައިގެ މޮއްގަނޑުތައް ދޮން އަހެއް އޮތްނަމަ އޭތި ތިބާއަށް ދެނެނުގަނެވޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ! ދެނެގަނެވޭނެއެވެ. ޙަދީސްކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން އެ ދުވަހުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ މޫނުތައް ސަޖިދައިގެ ސަބަބުން އަދި ދެއަތާއި ދެފައި ވުޟޫގެ ސަބަބުން އަލިވެގެންވާނެއެވެ. ))

3- ވުޟޫގެ ސަބަބުން ކުދި ފާފަތައް ފުއްސަވާދެއްވުން  : ނަބިއްޔާ صلى الله عليه وسلمޙަދީސްކުރެއްވިއެވެ.(( ألا أدلُّكم على ما يَمحو اللَّهُ بِهِ الخطايا، ويَرفعُ بِهِ  الدَّرجاتِ؟ قالوا بلى يا رسولَ اللَّهِ قالَ: إسباغُ الوضوءِ على المَكارِهِ، وَكَثرةُ الخُطا إلى المساجِدِ، وانتظارُ الصَّلاةِ بعدَ الصَّلاةِ، فذلِكُمُ الرِّباطُ، فذلِكُمُ الرِّباطُ [5]-ﷲ ކުށްފާފަތައް ފުއްސަވާދެއްވާ އަދި ދަރަޖަ އުފުއްލަވާދެއްވާ  ކަމެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދައްކަވާދެއްވަން ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. އާދޭހެވެ! އޭ ﷲގެ ރަސޫލާއޭވެ!  އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. އެއީ ބުރަކަންމަތީގައި ވިޔަސް ވުޟޫ ފުރިހަމަކޮށް ކުރުމާއި މިސްކިތަށް ދިޔުމުގައި އަޅައި ފިޔަވަޅުތައް ގިނަކުރުމާއި އެއް ނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ އެއީ ﷲގެ މަގުގައި ޖިހާދުގެ މަތީގައި ތިބުމެވެ. ފަހެ އެއީ ﷲގެ މަގުގައި ޖިހާދުގެ މަތީގައި ތިބުމެވެ. )) ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކުށްފާފަތައް ފުއްސަވާ ދެއްވުމުގެ މަފްހޫމުގެ ތެރޭގައި އިންސާނާގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުންގެ ފަތްފުށްތަކުން އެ ކުށްތައް  ފުހެވިގެން ދިޔުން ވެއެވެ. ދަރަޖަ މަތިވެރިވުމުގެ މާނައަކީ ސުވަރުގޭގައި އޭނާގެ މަޤާމު އުފުލުމެވެ.

4- ވުޟޫގެ ސަބަބުން ﷲގެ ލޮބުވެތިކަން ލިބުން : ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ[6] - ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.)) މި ބަސްފުޅުގައިވާ ތައުބާވާ މީހުންނަކީ އެމީހުންގެ ކުށްފާފަތަކާމެދު ހިތާމަކޮށް އެކަމާމެދު ދެރަވެ އެ ފާފަތައް ފުއްސަވައިދެއްވުމަށް ﷲއަށް ދަންނަވާ މީހުންނެވެ. ޠާހިރުވާ މީހުންނަކީ ފެނުން ސާފުތާހިރުވެ ކުނިމިލަތައް ފިލުވާ މީހުންނެވެ. އެއީ ވުޟޫކުރާ މީހުންނާއި ހިނައިގަންނަ މީހުންނެވެ.

5- ވުޟޫއަކީ އީމާންކަމުގެ ދެބައި ކުޅަ އެއްބައެވެ. އެހެންކަމުން ވުޟޫގެ ސަބަބުން އީމާންކަން ހަރުދަނާވެގެންދާނެ ކަމެއް ކަން އެނގެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( الطُّهورُ شَطرُ الإيمانِ [7]- ޠަހާރަތަކީ  އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. )) މީގެއިތުރަށް އެއީ ﷲގެ ވަޖުހުފުޅުގެ ބެބުޅުމާއި އުފާވެރިކަން ފާޅުވެގެންދާނެ ކަމެކެވެ. ނަބިއްޔާ عليه الصلاةُ والسلام ޙަދީސް ކުރެއްވިއެވެ.((  لا يَتوَضَّأُ أَحدٌ فيُحسِنُ وُضوءَه ويُسبِغُه، ثم يَأتي المَسجِدَ لا يُريدُ إلّا الصَّلاةَ فيه، إلّا تبَشْبَشَ اللهُ به كما يتبَشْبَشُ أَهلُ الغائِبِ بطَلعَتِه[8] - މީހަކު ވުޟޫކޮށް އެ ވުޟޫ ރިވެތިކޮށް ފުރިހަމަކޮށްގެން ނަމާދު ކުރުންނޫން އެހެން ކަމެއް ނުކުރުމަށް މިސްކިތަށް ދިޔަނަމަ އޭނާއަށް ޓަކައި ﷲ އުފާފުޅުވެ ވޮޑިގަންނަވާނެތެވެ. ދުރުގައި ހުރި މީހަކު އޭނާގެ ރަޙްމަތްތެރިއާ ގާތަށް އައުމުން އުފާވާ ގޮތަށެވެ.))

6- ވުޟޫގެ ސަބަބުން ޝައިޠާނާގެ ގޮށް މޮހިގެންދިޔުން : އިންސާނާ ނިދަން އޮށޯތުމުން ޝައިޠާނާ އޭނާގެ ބޮލުގެ ފުއްކިބައިގައި ތިން ގޮށެއް ޖަހާނެތެވެ. އެއީ އޭނާ ފަތިސްނަމާދަށް ތެދުވިޔަނުދިނުމަށް ޓަކައެވެ. ނަބިއްޔާ  صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ.((يَعْقِدُ الشَّيْطانُ على قافِيَةِ رَأْسِ أَحَدِكُمْ إذا هو نامَ ثَلاثَ عُقَدٍ   يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ، فارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ، انْحَلَّتْ عُقْدَةٌ، فإنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فإنْ صَلّى انْحَلَّتْ عُقْدَةٌ، فأصْبَحَ نَشِيطًا طَيِّبَ النَّفْسِ وإلّا أَصْبَحَ خَبِيثَ النَّفْسِ كَسْلانَ [9]-ތިޔަބައިމީހުންކުރެ މީހަކު ނިދައިފިނަމަ އޭނާގެ ފުއްކިޕައިގައި ޝައިޠާނާ ތިން ގޮށް ޖަހާނެތެވެ.ކޮންމެ ގޮށެއް ޖަހަމުން ތިބާގެ މައްޗަށް ދިގު ރެއެއް ހުށްޓޭ ތިބާ ނިދާށޭ ބުނާނެތެވެ. ފަހެ އޭނާ ނިދިންތެދުވެ ﷲ ހަނދުމަކޮށްފިނަމަ އޭގެތެރެއިން އެއް ގޮށް މޮހިގެން ހިނގައިދާނެތެވެ. ފަހެ އޭނާ ވުޟޫކޮށްފިނަމަ އެހެން ގޮށެއް މޮހިގެން ހިނގައިދާނެތެވެ. ފަހެ އޭނާ ނަމާދުކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ހިނގައިދާނެތެވެ. އަދި އޭނާ ހީވާގިވެ ނަފުސު ރަނގަޅުވެދާނެތެވެ.އެހެންނޫނީ އޭނާގެ ނަފުސު ނުބައިވެ ކަންނެތްވެދާނެތެވެ.))

7- ވުޟޫއަކީ ޝައިޠާނާ ފައްސައިލާ ކަމެއް :  رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ.  ((إِنَّ الْغَضَبَ مِنَ الشَّيْطَانِ، وَإِنَّ الشَّيْطَانَ خُلِقَ مِنَ النَّارِ، وَإِنَّمَا تُطْفَأُ النَّارُ بِالْمَاءِ، فَإِذَا غَضِبَ أَحَدُكُمْ فَلْيَتَوَضَّأْ [10]– ހަމަކަށަވަރުން ރުޅިއަކީ ޝައިޠާނާގެ ކަމެކެވެ. އަދި ހަމަކަށަވަރުން ޝައިޠާނާ ހައްދަވައިފައިވަނީ އަލިފާނުންނެވެ. އަދި ހަމަކަށަވަރުން އަލިފާން ނިއްވައިލެވެނީ ފެނުންނެވެ. ފަހެ ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް ރުޅިއަތުވެއްޖެނަމަ ވުޟޫކުރާހުށިކަމެވެ.)) މި ބަސްފުޅުގައިވާ ވުޟޫގެ މާނައަކީ ނަމާދުކުރުމަށް ޓަކައި ވުޟޫކުރާގޮތަށް ވުޟޫކުރާ ވާހަކައެވެ. މި ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި ބަދަލުހިފުމުގެ ރޫޙު ނެތިގެންދާނެތީއެވެ. ރުޅިއައިސްގެންގޮސް ކުރެވޭ ނުބައި ޢަމަލުތަކަށް އަރައިގަތުމާ ދުރުހެލިވެވޭނެތީއެވެ.

8- ދުޢާ ޤަބޫލުކުރެއްވުމުގެ ސަބަބެއް : ވުޟޫއަކީ މީހާކުރާ ދުޢާ އިޖާބަކުރެއްވުމަށް ލިބުގެންވާ ސަބަބެކެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((مَا مِنْ رَجُلٍ يَبِيتُ عَلَى طُهْرٍ ثُمَّ يَتَعَارُّ مِنَ اللَّيْلِ فَيَذْكُرُ وَيَسْأَلُ اللهَ عَزَّ وَجَلَّ خَيْرًا مِنْ خَيْرِ الدُّنْيَا وَالآخِرَةِ إِلَّا آتَاهُ اللهُ عَزَّ وَجَلَّ إِيَّاهُ [11]- ޠާހިރުކަންމަތީ ނިދާފައި އޮތްވާ ކުއްލިއަކަށް ހޭލެވުނުމީހާ ، ﷲ ޢައްޒަ ވަ ޖައްލަ ހަނދުމަކޮށް ޒިކުރުކޮށް ދުނިޔެއާއި ޢާޚިރަތުގެ ހެޔޮ ކަމަކުންކުރެ  ކަމަކަށް އެދުނު ނަމަ ﷲ ޢައްޒަ ވަ ޖައްލަ އެ މީހާއަށް އެ ކަމެއް ކޮށް ނުދެއްވާ ނުދާނެތެވެ.))

9- ވުޟޫގެ ސަބަބުން ޢުމުރު ދިގުކުރެއްވުމާއި ތިބާގެ ޢަމަލުތައް ލިޔުއްވާ ދެ މަލާއިކަތުން ތިބާ ދެކެ ލޯބިފުޅުވުން : މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު ވިދާޅުވިއެވެ.((أَوْصَانِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : يَا أَنَسُ ، أَسْبِغِ الْوُضُوءَ يَزِدْ فِي عُمُرِكَ[12] - ރަސޫލު ﷲ e  މަށަށް ވަޞިއްޔަތް ކުރައްވާ ޙަދީސްކުރެއްވިއެވެ. ތިބާ ރިވެތިކޮށް ފުރިހަމަކޮށް ވުޟޫކުރާށެވެ! އޭރުން ތިބާގެ ޢުމުރު ދިގުކޮށްދެއްވާނެތެވެ.))

10- ހަށިގަނޑުގެ ސާފު ތާހިރުކަން : ވުޟޫގެ ރޫޙާނީ އީމާނީ ފައިދާތަކުގެ އިތުރަށް ވުޟޫއަކީ އެކަމުގެ ސަބަބުން ހަށިގަނޑުގެ މުހިންމު ގުނަވަންތަކެއް ސާފުކަންމަތީ ދަހައްޓައިދޭނެ ކަމެކެވެ. ވުޟޫގެ ސަބަބުން މި ގުނަވަންތަކުގައި ހުންނަ ކުނިމިލަތައް ސާފުވެގެންދާނެއެވެ. ބެކްޓީރިޔާތައް ނެތިގެންދާނެއެވެ. ހަމުގެ ވަރަށް ގިނަ ބަލިތަކުން ރައްކަތެރިކަން ލިބޭނެއެވެ.

އެހެން ޝަރީޢަތްތަކުގައި ވުޟޫ ކުރުން:

މާތްﷲ އިސްލާމްދީނުގެ ކުރިން ބާވައިލެއްވި ޝަރީއަތްތަކުގައި ވެސް ވުޟޫއަކީ ޝަރުޢުކުރައްވައިފައިވާ ކަމެކެވެ. އެހެނަސް އެ ޝަރީޢަތްތަކުގައި ވުޟޫކުރާގޮތާ އިސްލާމުދީނުގައި ވުޟޫކުރާގޮތް ތަފާތެވެ. ވުޟޫގެ ސަބަބުން އިސްލާމީ އުންމަތުގެ މީހުންގެ މޫނާއި ދެ އަތާއި ދެ ފައި ޤިޔާމަތްދުވަހުން އަލިކޮށްދެއްވާދެއްވުމަކީ މި އުންމަތަށް ޚާއްޞަ ކަމެކެވެ.

__________________________________________

ޙަވާލާ:

[1]  - ابن حبان، صحيح ابن حبان ( ١٠٤٥ )

[2]  - الترمذي، سنن الترمذي ( ٦٠٧ )

[3]  - أخرجه البخاري (١٣٦)  ومسلم (٢٤٦).

[4]  -  أخرجه الترمذي (٦٠٧) وأحمد (١٧٦٩٣) واللفظ له 

[5]  - أخرجه مسلم (٢٥١) و  الترمذي  ( 51 )

[6]  -  البقرة :222

[7]  - أخرجه مسلم (٢٢٣)

[8]  - أخرجه ابن ماجه (٨٠٠)، وأحمد (٨٠٦٥)

[9]  - أخرجه البخاري (١١٤٢ ) ومسلم (٧٧٦) وأبو داود (١٣٠٦)  وابن ماجه (١٣٢٩) وأحمد (٧٤٤١) 

[10]  - أخرجه أبو داود (٤٧٨٤)، وأحمد (١٧٩٨٥)

[11]  -  أخرجه النسائي في ((السنن الكبرى)) (١٠٦٤٣)، وأحمد (١٧٠٢١)

[12]  - مسند أبي يعلى الموصلي (4180)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް