Advertisement

ކޮފީގެ ޖާޒުބިއްޔަތާއި ތާރީޚު

15 Apr 2024 | 07:31
ކޮފީގެ ތާރީޚު ދައްކައިދޭ ކުރެހުމެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ކޮފީއަކީ ޤާނޫނުގެ އިމުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ދެވަނައަށް އެންމެ އަގު ބޮޑު މުދަލެވެ. އެންމެ އަގު ބޮޑު މުދަލަކީ ޕެޓްރޯލެވެ. ކޮފީއަކީ ދުނިޔޭގައި ވަރަށް ގިނަ ބަޔަކު އެ ބުއިމަށް ލޯބިކުރާ އެއްޗެކެވެ. ތަފާސްހިސާބުތައް  ދައްކާގޮތުގައި ދުނިޔޭގައި ދުވާލަކު 2.25 ބިލިއަން ކޮފީތަށި ބޮއެވެ. އެމެރިކާގައި އެންމެ ގިނައިން ކޮފީ ބޮނީ ނިވްޔޯކު ސަހަރުގައެވެ. މެންހަޓަންގެ ކޮންމެ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ސްޓަރބަކްސް ކޮފީ ފިހާރައެއް ހުރެއެވެ.  ބުނެވޭގޮތުގައި ފަރަންސޭސިފިލޯސަފަރު އަދި ލިޔުންތެރިޔާ ވޮލްޓޭރު ދުވާލަކު ސާޅީހަކަށް ފަންސާހަކަށް  ކޮފީ ތަށި ހިއްޕެވިއެވެ.

އިންސާނާގެ ސަޤާފަތުގައި މުހިންމު ދައުރެއް ކޮފީ އަދާކުރަމުންދާތާ ފަނަރަ ސައްތަ އަހަރުވެއްޖެއެވެ.މިއަދު އިންސާނުން ދެކެމުންދާ ޒަމާނީ ދުނިޔެއަށް  އިންސާނިއްޔަތު ނެރުމަށް ޓަކައި  17ވަނަ ސައްތައާއި 18 ވަނަ ސައްތައިގައި ދުނިޔެ ދެކެފައިވާ ނޫރާނީހޭލުންތެރިކަމުގައި  ކޮފީ ވަރަށް މުހިންމު ދައުރެއް ކުޅެފައިވާ ކަމަށް މުއައްރިޚުން  ވިދާޅުވެއެވެ.

ތާރީޚީ ފަތްފުށްތައް ބުނާގޮތުގައި ސާދަވަނަ ސައްތައިގައި ބުން އެންމެ ފުރަތަމަ ހަނާކުރީ ޞޫފީންނެވެ.

ވިޔަފާރިވެރިން ފާހަގަކުރިގޮތުގައި ކޮފީއަކީ އުފެއްދުން އިތުރުކޮށްދޭ ޢުންޞުރެއް އޭގައި ހިމެނޭ އެއްޗެކެވެ. މިހެންވެ ކޮފީ ތަށްޓެއް ބޮއެލުމަށް ޓަކައި ކާރުޚާނާތަކުގައި މަސައްކަތް ކުރާ މީހުންނަށް  އިންޓަވަލެއް ދޭން ފެށިއެވެ.  ކޮފީ ބޮއެގެން އައުމުން އެމީހުންގެ ހީވާގިކަން އިތުރުވާތީއެވެ.

ބައެއް ލިޔުންތެރިން ވިދާޅުވާގޮތުގައި ކޮފީއަކީ ރައުސްމާލިއްޔަތު ވުޖޫދުވުމަށް އެހީވެދިން ބަހާތަކުގެ ތެރޭގައި ހިމެނޭ ބަހާއެއްވެސްމެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި (އޭގެ ތެރޭގައި  ޖަރްމަނުގެ  އިޖްތިމާޢީ ޢާލިމެއްކަމުގައިވާ ޔޯގަން ހެބަރމަސް Jürgen Habermas) ވިދާޅުވާގޮތުގައި ކޮފީއާ ނުލައި ދުނިޔެއަށް ނޫރާނީ ހޭލުންތެރިކަމެއް ނާންނާނެތެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި 17ވަނަ ސައްތައާއި 18ވަނަ ސައްތައިގައި ތަންގީދީ މަރުކަޒުތަކަކީ މަޤްހާއެވެ.

ނޫރާނީހޭލުންތެރިކަމުގެ މުހިއްމު ރަމްޒުތަކަކީ  ކޮފީގެ ޢާޝިޤުންކަމަށް ލިޔުންތެރިން ވިދާޅުވެއެވެ. ބައެއް ދާރިސުން ވިދާޅުވާގޮތުގައި ދީމުޤްރާޠިއްޔަތާއި ސައެންސާއި ރައުސްމާލިއްޔަތާއި ތަޖްރީބީ މަޒުހަބު ފެތުރި ފުޅައުވެގެންދިޔައީ ކޮފީ ބުއިން ފެތުރި ފުޅައުވުމާއެކުގައެވެ.

ކޮފީ އައީ ކޮންތާކުން؟

ކޮފީއަކީ ބުން ގަހުގެ މޭވާއެވެ. މި ގަހުގެ އަސްލު ވާސައަކީ ޙަބަޝާއެވެ. ދުނިޔެ ބޭނުންކުރާ ކޮފީގެ 90 % އުފައްދަނީ ތަރައްޤީވުމަށް މަސައްކަތްކުރަމުންދާ ގައުމުތަކުގައެވެ. ބްރެޒީލާއި ދެކުނު އެމެރިކާގައެވެ. ވިއެޓްނާމާއި އިންޑޮނީޝިޔާގައެވެ. ޢަރަބި ދުނިޔޭގައި ޔަމަނުގައެވެ. އެހެނަސް ކޮފީ އެންމެ ގިނައިން ބޮނީ ކުރިއަރައިފައިވާ ގައުމުތަކުގައެވެ.

ދުނިޔޭގެ ތެރެއަަށް ކޮފީ ފެތުރިގެން ދިޔަ ގޮތުގެ ކުރެހުމެއް<br>

ކަތާއެއް ބުނާގޮތުގައި މީލާދީން ހަތްވަނަ ސައްތައިގައި ޚާލްދީ ނަމަކަށް ކިޔާ ބަކަރި ގޮތްވެއް ޙަބަޝާގައި އުޅުނެވެ. އޭނާގެ ބައެއް ބަކަރިތައް މާ ބޮޑަށް ދުވެ  ޙަރަކާތްތެރިވެ އުޅޭތީ އޭއްޗެއްސަށް މިހެން މި ވަނީ ކޮންއެއްޗެއް ކައިގެންތޯ އޭނާ ބެއްޔެވެ. އޭނާއަށް ފާހަގަކުރެވުނީ އެއީ މީއްޗެހި ކޮފީ ގަހުގެ މޭވާ ( ބުން ) ކައިހަދއިތީ ވާ ކަމެއްކަމެވެ. އެވާ ގޮތް ތަޖްރިބާކޮށްލުމަށް ޓަކައި އޭނާ ވެސް ބުން ކާންފެށިއެވެ. އެއަށްފަހު އޭނާ ރާހިބަކަށް މި އޮށްތައް ތަޢާރުފުކޮށްދިނެވެ. މި ރާހިބަކީ އަޅުކަންކުރުމަށް ޓަކައި ރޭގަނޑު ހޭލާހުންނަންވެގެން ބޭހެއް ފެނޭތޯ މަސައްކަތްކުރަމުން ދިޔަ ރާހިބެކެވެ. އެހެން ކަތާއެއް ބުނާގޮތުގައި ޚަލްދީ މި އޮށްތައް މި ރާހިބަށް ދިނުމުން އެ ބޭނުންކުރުމާ ދެކޮޅު ހަދައި އަލިފާންގަނޑަށް އުކާލިއެވެ. މި އޮށްތައް ހަނާވެގެން ދިޔުމުން ދުވި މީރުވަހުން ރާހިބުގެ ހިތް އެއަށް ޖެހުނެވެ. މިއީ ބުން ފުރަތަމަފަހަރަށް ހަނާކުރެވުނު ފަހަރެވެ.  އޭނާއާއި މި ރާހިބު އެ ދެމީހުންގެ  ރަށްޓެހިންނަށް ބުން ތަޢާރުފުކޮށްދީ އެ ގަހުގެ ފަތުން ސައިހެދުމާއި އެ ބުން ފެނަށް ގަންބައި ފޯކޮށްގެން ބުއިން ދަސްކޮށްދިނެވެ. ދުވަސްކޮޅެއްގެ ތެރޭގައި ބުން ފުޑައިގެންނާއި ހަނާކޮށްގެން ކޮފީ ހަދަން ފަށައިފިއެވެ. އެއަށް ހަކުރާއި ކިރާއި މާމުއިފަދަ އެއްޗެހި އަޅައިގެން ބާވަތްބާވަތުގެ ކޮފީގެ ބުއިންތައް އީޖާދުކޮށްފިއެވެ.

ހަނާކުރި ބުން:

ޚަލްދީ (ނުވަތަ ކަލްދީ)ގެ ވާހަކަ ތާރީޚީ ގޮތުން ސާބިތުކޮށްދިނުމަށް ނުކުޅެދުންތެރިވެފައި ވިޔަސް، ކޮފީ ގަހުގެ އަސްލު ވެށްޓަކީ ޙަބަޝާކަން ކަށަވަރެވެ. ރަތްކަނޑު ހުރަސްކޮށް މި ގަސް ޔަމަނަށް ދިޔައެވެ. އެއީ މީލާދީން 15ވަނަ ސައްތައިގައެވެ.  ޔަމަނަށް އެންމެ ފުރަތަމަ ކޮފީ ދިޔައީ އެ ގައުމުގެ މުޚާ (އަލްމުޚާ) ބަނދަރުންނެވެ. ލެޓިނުން ލިޔާއިރު Mocha ވެސް  އަދި  Mukha ވެސް ލިޔެފައި ހުރެއެވެ. ކޮފީގެ ބަދަލުގައި މޮޗާ ބޭނުންކުރާން ފެށުނީ މި ހިސާބުންނެވެ. މުޅި ދުނިޔެއަށް ކޮފީ ބޭރުކުރުމުގެ ބަނދަރަކަށް މި ބަނދަރުވެފައި ވާތީއެވެ. 

ޔަމަނުގައި ހެދިބޮޑުވެ ދުނިޔެއަށް ފެތުރުނު މި މަޝްހޫރު ބުއިން ވަރަށް އަވަހަށް މިޞްރާއި ފާރިސްކަރައާއި ތުރްކީގައި މަޝްހޫރު ބުއިމަކަށްވެ، ((އަރަބި ވައިން))ގެ ނަމުގައި ކޮފީ މަޝްހޫރުވެއްޖެއެވެ. މި ބުއިން މަޝްހޫރުވެ މަޤްބޫލުވުމާ ވިދިގެން ޢަރަބިކަރައިގައި "މަޤްހާ"ތައް (ކޮފީ ބޯން ލިބޭ ތަންތަން) ހުޅުވިއްޖެއެވެ. މި މަޤްހާއަށް "ޙިކްމަތްތެރީންގެ މަދަރުސާ"އޭ ކިޔުނެވެ. މި ހިސާބުން ކޮފީގެ ފާރަވެރިއަކަށް އަރަބިކަރަ ވެގެން ދިޔައެވެ. އެ ދުވަސްވަރު، އެއްވެސް ގައުމަކަށް ޔަމަން ނޫން ރަށަކުން ކޮފީ ގަންނާކަށް ނުލިބެއެވެ. މިހެންވެ، ކޮފީ ގަހުގެ އޮށް ބޭރަށް ދިޔަނުދިނުމަށް ޓަކައި ޔަމަން ސަރުކާރުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅިއެވެ.

ނަމަވެސް އިންޑިޔާގެ ޞޫފީއެއް ކަމުގައިވާ ބޫދާން 1670ވަނަ އަހަރު މައްކާއަށް ގޮސް އެނބުރި އިންޑިޔާއަށް ދިޔަ މަގުމަތީ ޔަމަނުން ވަގަށް ކޮފީ ތޮޅިތަކެއް އިންޑިޔާއަށް ގެންގޮސް އިންޑިޔާގައި ކޮފީ ހައްދާން ފެށިއެވެ.

ކޮފީ ތޮޅިތައް އިރުމަތީ ފަރާތުން އިންޑިޔާއަށާއި އިންޑޮނޭޝިޔާއަށް ހުޅަނގު ބިތުން އިޓަލީއަށާއި ޔޫރަޕަށް ދަތުރުކުރާން ފެށުމުން ކޮފީގެ ތާރީޚުގެ ރާސްތާއަށް ބަދަލު އަންނާން ފަށައިފިއެވެ. އިންޑިޔާގައި ޚާއްޞަކޮށް ދެކުނު އިންޑިޔާގައި ކޮފީ ވަރަށް ރަނގަޅަށް ހެދިގަތެވެ.  

މީލާދީން 17ވަނަ ސައްތައިގައި ހޮލެންޑް މީހުން ޔަމަނުން ކޮފީގަސްތައް ހޮލެންޑަށް ވަގަށް އެތެރެކޮށް، ހޮލެންޑްގައި ކޮފީ ހެއްދުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ޔޫރަޕްގެ ފިނި ޖައްވުގެ ތެރޭގައި ކޮފީ ގަހަށް ދިރުމެއް ނުލިބުނެވެ.

އެހިނދު ލަންކާގައި ތިބި ހޮލެންޑްގެ ރަޙްމަތްތެރީން އިންޑޮނޭޝިޔާގައި ހުންނެވި ހޮލެންޑްގެ ގަވަރުނަރަށް ކޮފީ ގަސްތަކެއް ފޮނުވިއެވެ. އެހެނަސް ޠަބީޢީ ކާރިސާތަކުގެ ސަބަބުން އެ ގަސްތައް ރޮލެއް ނުވިއެވެ. އިންޑޮނޭޝިޔާގައި ކޮފީގެ ދަނޑުވެރިކަން ފެށުނީ 1704ވަނަ އަހަރުގައެވެ. އެ ހިސާބުން އިންޑިނޭޝިޔާ ކޮފީގެ މަޝްހޫރު ގައުމަކަށް ވެއްޖެއެވެ.

އިޓަލީއަށް ކޮފީ ދިޔައީ 1570ގައެވެ. އެ ހިސާބުން ޔޫރަޕްގައި ކޮފީ ފެތުރި އެންމެ މަޤްބޫލު ބުއިމަށް ވެއްޖެއެވެ. އިނގިރޭސިވިލާތާއި އޮސްޓްރިޔާއާއި ފަރަންސޭސިވިލާތާއި ޖަރްމަނާއި ހޮލެންޑް ފަދަ ބޮޑެތި ގައުމުތަކުގައި ކޮފީ މަޝްހޫރުވެ، ޢަރަބިކަރައިގައި އުފެދުނު ފަދަ މަޤްހާތައް ހުޅުވި ވަރަށް އާންމުވެއްޖެއެވެ. މި މަޤްހާތައް އިޖްތިމާޢީ ނާރެސްތަކަކަށްވެ މުފައްކިރުންނާއި އަދީބުންނާއި ލިޔުންތެރީން މަސްއަލަތަކާ މެދު ބަހުސްކޮށް މަޝްވަރާކުރުމަށް ޓަކައި، އިށީދެ ތިބޭ ތަނަކަށް ވެއްޖެއެވެ.

އޮކްސްފޯޑްގައި (Oxford Coffee Club) ކޮފީ ނާދީއެއް ހުޅުވުނެވެ. މި ނާދީގެ ހިޔާވަހިކަމުގެ ދަށުގައި އައު އީޖާދުތަކާއި އައު ވިސްނުންތައް ފޮޅިގެން ދިޔައެވެ. މި ނާދީ ބަދަލުވެގެންދިޔައީ ޝާހީ ޖަމްޢިއްޔާއަށެވެ. އޮފީހުގައި މަސައްކަތް ނުކުރާ ވަގުތުތައް ހޭދަކުރުމަށް އިނގިރޭސި ގިނަ ފިރިހެނުން ދިޔައީ ކޮފީތަކަށެވެ. އެ މީހުން ގެއަށް އަންނަލެއް ލަސްކަމުން އިނގިރޭސި އަންހެނުންގެ ޝަކުވާތައް އިތުރުވެ މަޤްހާ ދެކެ ރުޅިއަންނާން ފެށިއެވެ. ސިޔާސީ އަދި ދީނީ މަސްއަލަތަކާމެދު މަޝްވަރާކޮށް ވާހަކަދެއްކުމަށް ބޭއްވޭ ބައްދަލުވުންތަކުގައި އެންމެ ހިނގާ ބުއިމަކަށް ކޮފީ ވެގެންދިޔައެވެ.

ފަރަންސޭސިވިލާތަށް ކޮފީ ތަޢާރުފުވީ 1669ވަނަ އަހަރުއެވެ. އެއީ ޕެރިހުގައި ހުންނެވި ތުރުކީ ސަފީރު ސާދަވަނަ ލުވިސްގެ ދަރުބާރަށް ކޮފީ ތަޢަރުފުކޮށްދެއްވި ހިސާބުންނެވެ. 1683 ވަނަ އަހަރު ހިނގި ވިއެނާ ހަނގުރާމައަށް ފަހު އޮސްޓްރިޔާގައި The Blue Bottle (ނޫ ފުޅި)ގެ ނަމުގައި ފުރަތަމަ މަޤްހާ ވިއެނާގައި ހުޅުވުނެވެ.

އެމެރިކާއަށް ކޮފީ ކުރި ދަތުރު ފެށުނީ އަށާރަވަނަ ސައްތައިގައެވެ. 1773 ގައި ބޮސްޓަން ގައި ބޭއްވުނު ސައި ޙަފްލާއަކާއެކުގައެވެ. އެ ވަގުތު ބޮސްޓަން ބަނދަރުގައި ސައިފަތް ހިފައިގެން އައިސް އޮތް އަގުބޯޓުތަކެއް އޮތެވެ. އިނގިރޭސިން ސައިފަތުން ނަގާ ޓެކްސް ބޮޑުކުރަމުންދާތީ ރެޑް އިންޑިޔާ މީހުންގެ ހެދުންލައިގެން ތިބި ބަޔަކު މި ބޯޓުތަކަށް އަރައި މި ބޯޓުތަކުގައި ހުރި ހުރިހާ ސައިފަތްތަކެއް ކަނޑަށް އުކައިލިއެވެ.  މި ހިސާބުން ސައިފަތް ވަޠަނީ އެއްޗަކަށް ނުހެދުމުގެ މަސައްކަތް ފެށުނެވެ. އޭގެ ބަދަލުގައި ކޮފީއާ  ދިމާއަށް މިސްރާބު ބަދަލުވެގެން ދިޔައެވެ. އެހިސާބުން ކޮފީ އެންމެ ގިނައިން އެތެރެކުރާ ގައުމަކަށް އެމެރިކާ ބަދަލުވެގެން ދިޔައެވެ.

ކޮފީގެ އަނދިރި ފަރާތް:

ކޮފީގައި ވެސް އަނދިރި ފަރާތެއް ވެއެވެ. ފަރަންސޭސީން ހެއިޓީގައި  ކޮފީ ހެއްދުމަށް ޓަކައި އެފްރިކާއިން މީހުން އަޅުވެތިވެތިކޮށްގެން އަޅުމަސައްކަތަށް ގެންދިޔައެވެ.

ނަވާރަވަނަ ސައްތައަށް ދިޔައިރު ދުނިޔޭގައި ކޮފީގެ ސިންގާސަނާއަކީ ބްރެޒީލެވެ. ދުނިޔޭގައި އުފައްދާ ކޮފީގެ ތިންބައިކުޅަ އެއްބައި އުފައްދަނީ ބްރެޒީލުންނެވެ. މި މަސައްކަތް ކުރުވައިފައިވަނީ އެފްރިކާއިން އަޅުވެތިކޮށްގެން ގެންދިޔަ މީހުން ލައްވައެވެ.

މިއަދު ކޮފީއަކީ ޢާލަމީ ސަޤާފަތުގެ ބިންގާގެ ގައުފޮޅުގެ މުހިންމު ގައުބުރިއެކެވެ. ދުވާލަކު 2.25  މިލިޔަން ކޮފީ ތަށި ބޮވެއެވެ. 90 ބިލިޔަން ޑޮލަރު ހޭދަކުރެވެއެވެ. ދުނިޔެ ހައިހޫނުކަމާއި ބަނޑަށް ޖެހުމުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ހޭފަރު ޖަމްޢިއްޔާ ބުނާގޮތުގައި ކޮފީ އުފެއްދުމުގެ މައިކަށްޓަކީ އަދިވެސް ދޮންނޫން މީހުންނެވެ. އެމީހުން ކޮފީ އުފެއްދުމުގެ މަސައްކަތުގައި ދައު އޮހޮރުވަނީ ވަރަށް ކުޑަކުޑަ އުޖޫރައަކަށެވެ. މި ޖަމްޢިއްޔާ ބުނާގޮތުގައި 50 ގައުމެއްގައި 125 މިލިއަން މީހުން އެމީހުންގެ ބަތް ސުވާ ޖާމިނުކުރުމަށް ޓަކައި ކޮފީގެ ޞިނާޢަތުގައި މަސައްކަތް ކުރެއެވެ. މި އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ފަޤީރުކަމުގެ ރޮނގުގެ ދަށުގައި ވާ ބައެކެވެ.

ކޮފީއިން ހަށިގަނޑަށް ކުރާ ތާސީރު:

ކޮފީގައި ހުންނަ ކެފެއިން ( Caffeine ) އަކީ ހަށިގަނޑު ހޭލައްވައިލާ މާއްދާއެކެވެ. މި މާޢްދާގެ ސަބަބުން ހައިހޫނުކަން ކުޑަވެގެންދެއެވެ.ވަރުބަލި ފިލުވައިލައި ގިނަ އިރު މަސައްކަތްކުރުމަށް ބޭނުންވާ ހަކަތަ ލިބެއެވެ. ކޮފީ ބުއިމުން ( ނުވަތަ ސަޔާއި ކޮކޯ ފަދަ ބުއިންތައް ބުއިމުން )  އެއިން ލިބޭ ކެފެއިންގެ އަސަރު ހަށިގަނޑުގައި 5 ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ހުރެއެވެ. ހަވީރު ނުވަތަ އިރާކޮޅު ކޮފީ ބުއިމުން ރޭނގަނޑު ނިއްޖާ ދުރުކޮށްދެއެވެ.

ކޮފީން ހެޔޮ ފައިދާ ލިބިގަތުމަށް ޓަކައި ކޮފީ ގިނައިން ނުބުއިމަށް ޑަކްޓަރުން ނަސޭހަތް ދެއްވައެވެ. ކޮފީގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި ފިތުގައި ހިލަ އުފެދުން މަނާކުރުމާއި ހަކުރުބަލިން ރައްކައުތެރިކޮށްދިނުމާއި ކެންސަރުގެ ބައެއް ބަލިތަކާއި ހިތުގެ ބައެއް ބަލިތަކުން ރައްކައުތެރިކޮށްދިނުން ވެއެވެ.

ކެފެއިން ނެތް ކޮފީ:

ބައެއް މީހުންނަށް ކޮފީ ރަނގަޅަކަސް އަދި  ރަހަ މީރުވިޔަސް ކޮފީގައި ހުންނަ ކެފެއިން މާއްދާއަކީ އެމީހުންނާ ގުޅޭ އެއްޗެއް ނޫނެވެ.

ކޮފީގައި ހުންނަ ކެފެއިން މާއްދާ އެއިން ނަގާ ވަކިކުރެއްވި  ފުރަތަމަ  ބޭފުޅަކީ ޖަރްމަނުގެ ކޮފީ ހޭގް ކުންފުނީގެ ރައީސް ލުޑްވިގް ރޯޒްލިޔޮސް އެވެ. އޭނާއަށް އެ ކަންކުރެއްވުނީ ވަރަށް ކުއްލި ގޮތަކަށެވެ. 1903ވަނަ އަހަރު ކޮފީ ހިފައިގެން އައި ބޯޓަކާ ކުރިމަތިވި ހާދިސާއެއްގެ ސަބަބުން ކޮފީތައް އައިއިރު ހުރީ ލޮނުން ތެމި ފޯވެފައެވެ. ކޮފީގެ ރަހައަށް ބަދަލު ނުގެނެސް ލޮނު ވަނީ ކޮފީން ކެފެއިން ނަގައިފައެވެ.މި ތަޖްރިބާއިން ދަސްކުރައްވައިގެން ރޯޒްލިޔޮސް  ކޮފީން ކެފެއިން ނަގާދޭނެ ޞިނާޢި ވަސީލަތެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. އޭނާ ކޮފީ އޮށްތައް ބައެއް އެސިޑާއެކު ހޫނު އާތްވަށް ހުށައަޅުއްވައިގެން އެއިން ކެފެއިން ބޭރަށް ނެރުއްވިއެވެ. ކެފެއިން ނެތް ކޮފީ އުފެދުނީ މި ހިސާބުންނެވެ. އޭނާ ބޭނުންކުރެއްވި އެސިޑްތަކުގެ ތެރޭގައި ބެންޒޯލް ހިމެނެއެވެ. އެހެނަސް ބެންޒޯލުގެ ސަބަބުން ކެންސަރުގެ ބައެއް ބަލިތައް ޖެހޭކަމަށް ތަޙްލީލުތައް ބުނުމުން ބެންޒޯލް ބޭނުންކުރުން ހުއްޓައިލިއެވެ.

އިނގިރޭސިވިލާތުގެ ކޮފީ ޖަމްޢިއްޔާގެ ތަންފީޒީ ޑިރެކްޓަރު  ކްރިސް ސްޓެމަން  ވިދާޅުވާގޮތުގައި ބައެއް ކުންފުނިތަކުން އަމިއްލައަށް ކެފެއިން ނެގުމުގެ މަސައްކަތްކުރިއަސް މިއަދު އެ މަސައްކަތްކުރާ ޚާއްޞަ  ކުންފުނިތައް އެބަހުއްޓެވެ. މި ކުންފުނިތައް ގިނައިން ހުރީ ކެނެޑާއާއި އެމެރިކާއާއި ދެކުނު އެމެރިކާގައެވެ. މި މަސައްކަތް ކުރަނީ ކޮފީ އޮށްތައް ހަނާނުކޮށް ރޯކޮށް ހުށްޓައެވެ. ކޮފީ އޮށުން ކެފެއިން ނެގިޔަސް ކޮފީގައި ހުންނަ ހުރިހާ ކެފެއިނެއް ނުނެގެއެވެ.  

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް