Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (16)

15 Apr 2024 | 05:12
މައްކަގެ ފަރުބަދައެއް

އަޙްމަދު ފަޔާޟް ޙަސަން

(2024 އެޕުރީލު 8 ވީ ހޯމަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

ކްރިޓިކަލްކޮށް ވިސްނައި ތަދައްބުރުކުރަމާ ހިނގާށެވެ. އިބުރާހީމްގެފާނުގެ ހަޔާތްޕުޅަކީ 150 އަހަރަށްވުރެ ކުރު ނޫން ހަޔާތްޕުޅެކެވެ. މި ދިގު ހަޔާތްޕުޅުގައި އެކަލޭގެފާނު ކުރެއްވި ކަންކަމާއި ދެއްކެވި ވާހަކަފުޅުތައް ވަރަށް ގިނަވާނެއެވެ. އަދި އެ ދިގު އުމުރުފުޅުގައި އެކަލޭގެފާނު ގިނަ ކަންތައްތަކެއް ތަޖުރިބާކުރައްވައިފައި ވާނޭކަން ވެސް ކަށަވަރެވެ. އެކަމަކު ކީރިތި ޤުރްއާނުގައި އެކަލޭގެފާނުގެ ހަޔާތްޕުޅުން ﷲ ފާހަގަކުރައްވައިފައި ވަނީ މަދު ކަމެކެވެ. މި ގޮތަށް ﷲ އިރާދަކުރެއްވުމުގެ އެއް ޙިކުމަތަކީ ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް ތެދުމަގު ދައްކާ އެއްޗަކަށްވުމެވެ. އިބުރާހީމްގެފާނުގެ ހަޔާތްޕުޅުން ﷲ ޤުރްއާނުގައި ބަޔާންކުރައްވާ ކޮންމެ ތަސްވީރަކީ އަޅުގަނޑުމެންނަށް އެއިން ތެދުމަގު ލިބިދޭ އަދި އޭގެ ފަހަތުގައި މަންފާގެ އެތައް ސިއްރެއް ހިމެނޭނެ ތަސްވީރެކެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންނާ މެދު އެކަލޭގެފާނު ދެއްކެވި ލޯބީން އަޅުގަނޑުމެން ލިބިގަންނާން ޖެހެނީ ލޯތްބާއި އިންސާނިއްޔަތުކަމުގެ ރީތި ސިފައެވެ. އެ ކަން ކުރެވޭނީ ކީރިތި ޤުރްއާނުގެ ކޮންމެ ބަހަކާ މެދު، ވިސްނައި ފިކުރުހިންގައި ތަދައްބުރުކޮށްގެންނެވެ.

ސަލާމްލެއްވި އިބުރާހީމްގެފާނު ދުނިޔެ ދޫކުރެއްވިތާ ގާތްގަނޑަކަށް ދެ ހާސް އަހަރު ފަހުން ރަސޫލުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތެވެ. އޭރު ޤުރައިޝް ވަންހައިގެ މީހުންގެތެރޭގައި ޝަރީކުކޮށް ބުދަށް އަޅުކަން ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު އޭރުވެސް އިބުރާހީމްގެފާނު ގެންނެވި ދީނުގެ އަސަރުތައް މައްކާގައި ރަނގަޅަށް ހުރިއެވެ. އަދި އެކަލޭގެފާނުގެ ވާހަކަތައް އެމީހުންގެ މެދުގައި އޭރުވެސް ދެކެވުނެވެ. މައްކާއާއި ޙައްޖުގެ އަޅުކަން ފަދަ ހުރިހާ ކަމެއް ގުޅެނީ އިބުރާހީމްގެފާނާކަން އެމީހުންނަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. ނަތީޖާއަކަށްވީ ޤުރައިޝުން އެމީހުންގެ ދީން އެކަލޭގެފާނާ ގުޅުވުމެވެ. މާނަޔަކީ އެމީހުންގެ ދީނަކީ އިބުރާހީމްގެފާނުގެ ދީންކަމަށް އެމީހުންނަށް ހީކުރެވުމެވެ.

އެމީހުންގެ ހީކުރުން ނުބައިކަމަށް ﷲ ކީރިތި ޤުރްއާނުގައި އަންގަވައެވެ. މިއިން ލިބޭ އެއް މެސެޖަކީ އިބުރާހީމްގެފާނުގެ ނަންފުޅަށް އެމީހުން ދަޢުވާކުރިޔަސް އެމީހުންގެ ދީނަކީ އެކަލޭގެފާނުގެ ދީން ނޫންކަމެވެ. މާނަޔަކީ އިބުރާހީމްގެފާނު ދުވަހަކުވެސް ޝަރީކުނުކުރައްވާކަމެވެ. މިހުރިހާ ވާހަކައެއް ސާފުކޮށް ﷲ ޤުރްއާނުގެ އެކި ސޫރަތްތަކުގައި ބަޔާންކުރައްވައެވެ. އޭގެތެރޭގައި އަންޢާމް ސޫރަތާއި އަންބިޔާ ސޫރަތް ހިމެނެއެވެ.  

އެންމެ ފަހުގެ ނަބިއްޔާގެ އިންތިޒާރުގައި ޔަހޫދީން މަދީނާއަށް ހިޖުރަކޮށް އެތަނުގައި ވަޒަންވެރިވިއެވެ. އެކަމަކު އެންމެފަހުގެ ނަބިއްޔާ ފާޅުވުމުން އެމީހުން އެކަލޭގެފާނު ދޮގުކުރިއެވެ. ޔަހޫދީން ރަސޫލުﷲ ﷺ ގެ ރަސޫލުކަން ގަބޫލުނުކުރަން ދެއްކި މައިގަނޑު ބަހަނާއަކީ އެކަލޭގެފާނު އިބުރާހީމް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ވަޑައިނުގަތުމެވެ. އެމީހުން ގަބޫލުކުރިގޮތުގައި އިބުރާހީމްގެފާނުގެ ދަރިފަސްކޮޅު އޮތީ ހަމައެކަނި އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުގައެވެ. ޔަހޫދީންނާއި ނަޞާރާއިން ދުށްގޮތުގައި އިސްމާޢީލް ޢަލައިހިއް ސަލާމަކީ ނަހަލާލު ދަރިކަލެކެވެ. ބައިބުލްގައި އެމީހުން ލިޔަފައޮތީވެސް އެގޮތަށެވެ. އެބަހީ އިސްމާޢީލްގެފާނުގެ ބަފައިކަލުންނަކީ އިބުރާހީމްގެފާނު ނޫންކަމަށް އެމީހުން ދަޢުވާކުރުމެވެ. އަދި އެމީހުން ދުށް ގޮތުގައި ހާޖަރު، އިސްމާޢީލްގެފާނާގެން ރައްކާވެވަޑައިގަތީ ކައިވެނީގެ ބޭރުންނެވެ. އަދި އޭގެއިތުރަށް އެމީހުން ގަބޫލުކުރިގޮތުގައި އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅަކީ ނުބައިކަމުގެ ދަރިފަސްކޮޅެކެވެ. މިއީ މިއަދުވެސް ޔަހޫދީންގެ ވިސްނުން ހުރި ގޮތެވެ.

ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަތައް ދޮގުކުރައްވައި ހައްޤު ތެދު ގޮތް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައެވެ. އިސްޙާޤުގެފާނެކޭ އެއްގޮތަށް އިސްމާޢީލްގެފާނަކީ އިބުރާހީމްގެފާނުގެ ދަރިކަލެއްކަން ﷲ އަންގަވައެވެ. އިސްހާޤުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބްގެފާނަކީ މުސްލިމުން ކަމުގައި އަންގަވައެވެ. އެ ދެ ބޭކަލުން އެބޭކަލުންގެ ބަފައިކަލުން ވަސިއްޔަތްކުރެއްވިގޮތަށް އަވަހާރަވީ އިސްލާމް ދީނުގައި މުސްލިމުންގެ ގޮތުގައިކަމަށްވެސް އަންގަވައެވެ. މިވާހަކަތަކުގެ ތަފުސީލު ﷲ ބަޤަރާ ސޫރަތުގައި ބަޔާންކުރެއްވައެވެ.

ﷲ، ކީރިތި ޤުރްއާނުގައި ޔަހޫދީންނަށް ފިސާރި ވަރުގަދައަށް ގޮވާލައްވައި އަންގަވަނީ އެމީހުން އިބުރާހީމްގެފާނަށް އިހުތިރާމްކޮށް އެކަލޭގެފާނާމެދު ފަޚުރުވެރިވާނަމަ އެމީހުން އެކަލޭގެފާނުގެ މުޅި ދަރިފަސްކޮޅު އެކަމުގައި ޝާމިލުކުރަންޖެހޭނެކަމަށެވެ. މާނަޔަކީ އިސްޙާޤުގެފާނެކޭ އެއްގޮތަށް އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅަކީ އިބުރާހީމުގެފާނުގެ ދަރިފަސްކޮޅު ކަމަށް ހިތުގެއަޑިން ތެދުކޮށް ގަބޫލުކުރަންޖެހޭނެކަމަށެވެ. އިބުރާހީމްގެފާނުގެ ދޮށީ ދަރިކަލުންނަކީ އިސްމާޢީލްގެފާނުއެވެ. އެހެންކަމަށް ވާއިރު އެކަލޭގެފާނު ގަބޫލުނުކޮށް މާފަހުން ލިބިވަޑައިގަތް ދަރިކަލެއް ކަމުގައިވާ އިސްޙާޤުގެފާނު ގަބޫލުކުރުމަކީ ހެއްވާ ދެކޮޅުނުޖެހޭ އަމަލެއްކަމަށް ކީރިތި ޤުރްއާން އަންގައެވެ.

ﷲ، ޔަހޫދީންނަށް މިއަންގަވަނީ އެމީހުންނަކީ ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިންކަމުގައި ބެލުމުގެ ކުރިން އެމީހުންނަކީ އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ދަރިންކަމުގައި ބަލައި އެކަން ގަބޫލުކުރަންޖެހޭކަމަށެވެ. އަދި އެމީހުންނަކީ އިސްޙާޤުގެ ދަރިންކަމުގައި ބެލުމުގެ ކުރިން އެމީހުންނަކީ އެކަލޭގެފާނުގެ ބަފައިކަލުން  އިބުރާހީމްގެފާނުގެ ދަރިން ކަމުގައި ބަލަންޖެހޭކަމަށެވެ. އެހެންކަމުގައިވާއިރު އިބުރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިކަލުންނަށްވުރެ އެއްވެސް ގޮތަކަށް ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅު މޮޅުވެ ޚާއްޞަވާނެ އެއްވެސްގޮތެއް ނެތްކަމަށް ﷲ ފާހަގަކުރައްވައެވެ. އެމީހުންގެ ދޮގު އަދި ބާޠިލު ދަޢުވާތަކަށް ﷲ ކީރިތި ޤުރްއާނުގައި ވަރުގަދައަށް ރައްދުދެއްވައެވެ.

ބަޤަރާ ސޫރަތުގެ 130 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ އިބުހާމީގެފާނުގެ ދީނުގައި ހިފުމުގެ މުހިންމުކަމުކަމެވެ.ﷲ މިއަންގަވަނީ އަމިއްލަ ނަފުސަށް ކުޑަ ލޯތްބެއް ހުއްޓަސް އެމީހަކު އިބުރާހީމްގެފާނުގެ މިއްލަތް ދޫނުކުރާނެކަމަށެވެ. އެކަލޭގެފާނު ބިންގާ އެޅުއްވި އިސްލާމް ދީނަށް ނޫނެކޭ ބުނާނީ އެމީހެއްގެ ނަފުސު ނިކަމެތިކޮށްލި މީހެއް ކަމަށް ﷲ ފާހަގަކުރައްވައެވެ. ދެން މިދުނިޔޭގައި ﷲ އެކަލޭގެފާނު މާތްކުރައްވައި މަތިވެރިކުރެއްވިކަން ބަޔާންކުރައްވައެވެ. އަދި އާޚިރަތް ދުވަހު އެކަލޭގެފާނު ހިމެނިވަޑައިގަންނަވާނީ އެންމެ ހެޔޮލަފާ ޞާލިޙުންގެތެރޭގައި ކަމުގައި ބަޔާންކުރައްވައެވެ. އެއީ ﷲ އަށް އީމާންވެ އެއިލާހު އެންގެވިގޮތަށް އުޅުނު މީހުންނެވެ. އެކަމަކު ޔަހޫދީން ހީކުރާގޮތުގައި ﷲ އިޚުތިޔާރުކުރައްވައި މާތްކުރެއްވީ އެމީހުންނެވެ. ހަގީގަތުގައި ﷲ އިޚުތިޔާރުކުރައްވައި މާތްކުރެއްވީ އެމީހުންގެ ބަފައިކަލުން އިބުރާހީމްގެފާނެވެ. އެކަލޭގެފާނުގެ ދީނަކީ އިސްލާމްދީނެވެ.

ކީރިތި ޤުރްއާނުގައި އެހެން ރަސޫލު ބޭކަލުން ﷲ ފާހަގަކުރައްވަނީ ހަމައެކަނި ރަސޫލު ބޭކަލުންގެ ގޮތުގައެވެ. އެކަމަކު އިބުރާހީމްގެފާނު މުސްލިމުންގެ ބަފައިކަލުންގެ ގޮތުގައި ﷲ ފާހަގަކުރައްވައެވެ. އަދި އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާއިރު ﷲ މިއްލަތް ޔަޢުނީ ދީން ބޭނުންކުރައްވައެވެ. މިއިން އަންގައިދެނީ އެކަލޭގެފާނާ މުސްލިމުން އޮންނަންޖެހޭ ވަރުގަދަ ގުޅުމެވެ. އާޚިރަތް ދުވަހު އެކަލޭގެފާނުގެ އަރިހުގައިވުމަށް މުސްލިމުން އެދެންޖެހޭނެވަރެވެ.

131 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ އިބުރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަމެވެ. ﷲ އެކަލޭގެފާނަށް ތަބާވާން އެންގެވުމާއެކު ވަގުތުން އެކަލޭގެފާނު އެކަންކުރައްވައި ދެންނެވިއެވެ. ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށް ތިމަންއަޅާ ކިޔަމަންވެއްޖައީމުއެވެ. މިއީ ﷲ އަށް އީމާންވެ ﷲ އަށް ކިޔަމަންވުމުގައި އެކަލޭގެފާނު ދެއްކެވި ފުރިހަމަ ނަމޫނާއެވެ. ﷲ ގެ އެއްކައުވަންތަކަން ނުވަތަ ތައުހީދުގެ ބަފައިކަލުންނަކީވެސް ޚުދު އެކަލޭގެފާނުއެވެ. ކިޔަމަންތެރިކަމާއި އިހުސާންތެރިކަމާއި އިޚުލާސްތެރިކަމުގެ ބަފައިކަލުންނަކީވެސް އެކަލޭގެފާނުއެވެ.

132 ވަނަ އާޔަތުގައި ﷲ ފާހަގަކުރައްވަނީ އިބުރާހީމްގެފާނުގެ އިސްޙާޤުގެފާނުގެ ދަރިކޮޅަށެވެ. ޔަޢުޤޫބުގެފާނުގެ ބަފައިކަލުންނަކީ އިސްޙާޤުގެފާނުއެވެ. އެކަމަކުވެސް އެމީހުން އެކަލޭގެފާނަށް މާބޮޑު ސަމާލުކަމެއްނުދެއެވެ. މިއާޔަތުގައި ﷲ މިއަންގަވަނީ އިބުރާހީމްގެފާނު އިސްޙާޤުގެފާނަށް ކުރެއްވި ވަސިއްޔަތާއި ދެއްވި ނަސޭހަތުގެ ވާހަކައެވެ. އެގޮތަށް އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބްގެފާނު ޔަޢުނީ އިސްރާއީލް އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ކުރެއްވި ވަސިއްޔަތާއި ދެއްވި ނަސޭހަތެވެ. އެއީ ﷲ އިސްލާމް ދީން އެމީހުންގެ ދީނުގެ ގޮތުގައި ހަމަޖެއްސެވި ވާހަކައެވެ. އެހެންވެ އެކަލޭގެފާނުގެ ދަރިކަލަކު އީމާންވެ މުސްލިމެއްގެގޮތުގައި މެނުވީ މަރުނުވުމަށް އެކަލޭގެފާނު ވަސިއްޔަތްކުރެއްވިއެވެ. އެކަމަކު އެކަލޭގެފާނުގެ ދަރިފަސްކޮޅު ބަނޫ އިސްރާއީލްގެ މީހުން ކަންކުރީ ދިމާ އިދިކޮޅަށެވެ.(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް