Advertisement

ކަނީރުގެ ވިސްނުމުގައި (8): ދިވެހިބަހުގެ މުއްދަތު؟

14 Apr 2024 | 14:30
ދިވެހިބަސް މިހާރު ގޫގުލުން ކޮންމެވެސް މިންވަރަކަށް ތަރުޖަމާކުރެވެއެވެ.

ޢަބްދުއްރަޙީމް ޢުމަރު (ކަނީރު)

މި ސުވާލުއުފެދުނީ އުފެދޭ ވަރު ވާތީއެވެ. މި އޮތް ރީތި އަސަރުގަދަ ބަސް މިހާރު ބޭނުންނުކުރާ މީހުން ހަމަ ގިނަކަމުންނެވެ.  ގިނަވަމުން އަންނާތީއެވެ. އެ ކަމާ ބެހޭ ގޮތުން ވާހަކަދައްކައިލައި ޚިޔާލުބަދަލުކޮށް ހަދާ މީހުން އަދަދުކުރާ ނަމަ، ދެ އަތުގެ އިނގިލިތައް ވެސް ބޭނުމެއް ނުވާނެކަން ނޭނގެއެވެ. އެހައި މަދެވެ. ކީއްވެގެންހެއްޔެވެ؟

ޚާއްސަކޮށް އިންސާނުންގައި، އާންމުކޮށް ހުރިހައި ދިރޭ، ހިރޭ ހައިވާނުން ގައި ވެސް ހުންނަ، ވަރަށް އާންމު އެއް ސިފައަކީ ޖަޑިބަށް ތަބާވުމެވެ. ޖަޑިބުގެ މަގާމަށް އިސްވެ، ކުރިއަށް އަރައި ހުންނަ މީހާ ނުވަތަ އޮންނަ އެތި ދާ ގޮތަކަށް އެ އެތީގެ ބޯކޮޅު ބަލައިގެން ފަހަތުން ދިޔުމެވެ. މި އުސޫލުން އަހަރެމެންގެ ދިވެހިބަހަށް މި ވެގެން ދާ ގޮތާ މެދު ވިސްނައިލައި މާޒީގައި ކަންތައްވެފައި ވާ ގޮތްގޮތާ އަޅައި ބަލައިލުމުން މި ބަހުގެ ތެދުކަން ވަރަށް ރީތިކޮށްފެނި ސާބިތުވެއެވެ. އަތުޖެހޭން އޮތް ހިސާބުން އެކަނި ވެސް މީގެ ހެކިތައް ލިބެއެވެ.

މިހާރު މިއޮތް ދިރުމާއި ތާޒާކަމާ ދިވެހިބަހަށް އައީ ނުވަތަ ލިބުނީ 1950ގެ އަހަރުތަކުގައި ދާދި ކުޑަދުވަސްކޮޅެއްގެ ޖަޑިބަކަށް  ހުންނެވި މުޙަންމަދު އަމީން ދިވެހިބަހާ އެކު އަހަރެމެންގެ ކުރީގައި ހުންނަވައި، އެ ހިންގެވި މަގުތަކުން އެ މަނިކުފާނުގެ ފަހަތްޕުޅުން   އަހަރެމެނަށް ހިނގުނީތީއެވެ. ދިވެހީން އެ މަގުތަކުން ގެންދެވީތީއެވެ.

އެ ދުވަސްވަރު ދިވެހީން ދިވެހިބަސް ދެކެ ލޯބިވިއެވެ. ދިވެހިބަހަކީ ލިބިފައިވާ ފަޚުރެއްކަމަށް ގަބޫލުކުރިއެވެ. މި ބަހަކީ ރީތި، ފަސޭހަ،  އަސަރު ހުރި ބަހެއްކަމަށް ޔަގީންކުރިއެވެ. ނަތީޖާއަކަށް ވީ ބަހުގެ އަދަބީ ރޮނގުތަކުގައި ފާހަގަކުރެވޭ އެތައް ދަރިވަރުންނެއް ދަސްވެނިވުމެވެ. ތައްގަނޑުތަކާ އެކު، ވަށައި ކުރެހުން އެޅި ކަރުދާހުގައި  ދިވެހިބަހުން މުއާމަލާތުކޮށް އުނގަންނައިދެވިދާނެ ފެންވަރު މީނާގައި އެބަހުއްޓޭ ލިޔުއްވައި އެކަށައަޅުއްވައި ސޮއިދެއްވައިފައި ނެތެއް ކަމަކު، އެ ދަރިވަރުން ގައި ފެންވަރެއް ހުއްޓެވެ.  ލިއުންތެރިކަމާއި ޅެންވެރިކަމާއި ވާހަކަދެއްކުމުގެ އެކި ރޮނގުތަކުގައި އެ ދަރިވަރުން ހަމަ ކުޅަދާނަވިއެވެ. އެ ދަރިވަރުން ދިވެހިބަސް ދެކެ ލޯބިވިއެވެ. އެ ދަރިވަރުން މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ދިވެހިބަހުގެ ޚިދުމަތްތެރީންކަމުގައި ވަރަށް މަޝްހޫރުވިއެވެ.

ދެން އެ ދުވަސް ދިޔައީ ދިވެހިބަހަކީ މުހިންމު އެއްޗެއް ނޫންކަމާއި ބޭނުންތެރި، ބޭނުންހިފޭނެ، ފައިދާކުރާނެ، ބަހަކަށްނުވާތީ އެހެން ގޮތެއް ހަދާން ނިންމި ދުވަހެއްގެ ފެށުމުގެ ތެރެއަށެވެ. އިނގިރޭސި ބަސް ނަގައި، އުރައިލައިގެން ދިވެހިއަކުރުތައް ވެސް ނެއްތައިލާން   ލެޓިނުޖަހައި މުޅިރާއްޖެ ހިޔާކުރާން ފެށުނު ދައުރަކަށް  ޖާގަ ދެވުނެވެ. ހުކުރު ޚުޠުބާ ވެސް ލެޓިން އަކުރުން ލިޔާން ޖެހުނު ދުވަސްތަކަކަށެވެ. އެ ޖަޑިބު ބޭނުންވީ ދުނިޔެ ދަންނަ މޮޅު ބަސް ރާއްޖޭގެ އެންމެނަށް ވެސް ދަސްކޮށްދޭށެވެ. އޭނާ އެ ގޯޅީން ދިވެހީން ގޮވައިގެން ހިނގައިގަތެވެ. ނަތީޖާއަކީ ދިވެހީން މޯލަޑީވިއަނުންނަށް ވާން ފެށުމެވެ. ދަރިވަރުން ސުޓޫޑެންޓުންނަށްވެ، މައިންބަފައިން ޕޭރެންޓުންނަށާއި މަންމީބައްޕީންނަށް ވީއެވެ. ކޮންމެއަކަސް އެއީ މިއަދުގެ މި އިނގިވެހި ބަސް ރާއްޖެއަށް އައުމުގެ ފެށުމެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ދިވެހިބަހަށް އެދެވޭ ޚިދުމަތެއް، އިސް ސަފުން (ޖަޑިބު) ސަމާލުވެގެން ދޭން މަސައްކަތްކޮށްފައެއް ނެތޭ ބުނާން ޖާގަ އެބަ އޮތޭ އަޅުގަނޑަށް ގަބޫލުކުރެވެނީއެވެ. އެކަމަކު މި ތާނގައި މައުމޫނު ޢަބްދުލްޤައްޔޫމުގެ ރައީސްކަމުގެ ކުރީކޮޅު ކުރެއްވި ބައެއް މަސައްކަތްޕުޅު ފެނުނު ވާހަކަ ލިޔާން ޖެހެއެވެ. ހަގީގަތް ހާމަކުރުމަށް ޓަކައެވެ. ޚާއްސަކޮށް "ފަހުބަސް" މެދުވެރިކުރައްވައި ދިވެހި މުޖުތަމަޢަށް ދޫކުރެއްވި ދިވެހިބަހުގެ ފިލާވަޅުތަކަކީ ފަހަކަށް އައިސް ފެނުނު އެންމެ ފައިދާކުރަނިވި ލިއުންތަކޭ ބުނާން މަޖުބޫރުވެއެވެ. އެ ލިއުއްވުންތައް ކިޔައި އެއިން އުނގެނުމުގައި ތިބި ބަޔަކަށް އެ އުފާ ނެތުނީ އެ ސަފުހާ ލިއުއްވުން ހުއްޓަވައިލެއްވީމައެވެ. އެއަށް ފަހު ދެން މި ފެންނަނީ "ދާނެ ގޮތަކަށް" ދާ ތަނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.  ބައެއްބައެއް ފަރުދުންގެ އަމިއްލަ މަސައްކަތްތަކެއް ނޫނީ، އިސް ސަފުން ގަޔާވެ، އަޅައިލައި، ހެދި ތަނެއް ނުފެނެއެވެ. ހަދައެކޭ ނުބުނެވޭނެއެވެ. ދައްކާން ބާއްވާ ޖަލްސާތަކާއި ފާހަގަކުރާ ދުވަސްތައް (ގަޔާދުރަށްފޮޅަމުން) މީރު ޖުމުލަތައް އިއްވަމުން ދަނީއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ދިވެހިބަސް މި ވަނީ އޭގެ ފަހު ތާރީޚު ބަލާން ފަށާފައެވެ. 30، 40 އިންސައްތަ ދިވެހީންނަށް ތާނައަކުރުން ހަމައަށް މިހާރު ލިއެ ކިޔާކަށް ނޭނގެއެވެ. 60 އިންސައްތަ ޒުވާނުންގެ ދޫމަތީ ބަހަކީ ދިވެހިބަހެއް ނޫނެވެ. 80 އިންސައްތަ ކުޑަ ކުދީންނާއި ތުއްތުކުދީން ދަންނަނީ އިނގިރޭސިބަހެވެ.

ކަން މިހެން މި ހިސާބަށް މި އޮތީ އައިސްފައެވެ. އިސް ސަފުގައި ތިބޭ ބާރު ހުރި، ނުފޫޒު ފޯރުވޭ ދިވެހީން ދިވެހިބަސް ދޫކޮށްލައިފައެވެ. މިހާރު ދިވެހިބަސް ކަޓު ބަހަކަށް ވެއްޖެއެވެ. އަމިއްލަ އަތުން އަމިއްލައަށް އެ ގޮތަށް ހެދީއެވެ. ޒުވާނުން އެ ބަހާ ދުރުހެލިކުރުވީއެވެ. ތުއްތުކުދީންނާއި ކުޑަކުދީން އެ ބަސް ދަސްކުރިޔަނުދެނީއެވެ.

މުއްދަތު ހަމަވީއަކީ ނޫނެވެ. ނުބައިވެފައޭ ކިޔައިފައި އުކައިލާން ނެގީއެވެ. އެކަމަކު އަދިވެސް މަސް ނިމޭން ދާ ދުވަހު ކަމާ ބެހޭ މީހުން ދިވެހިބަހުގެ ވާހަކަދައްކައިލައި ތޯއްޗެކެވެ!! **

އެޑިޓަރުގެ ނޯޓް
ކަނީރު އަބްދުއްރަޙީމަކީ ދިވެހިބަހާމެދު ފިކުރު ހިންގަވާ ބޭފުޅެކެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެކެވެ. ޚިދުމަތުގެ ޚާއްޞަ ދަންނަކީ ޞިއްޙީ ދާއިރާކަމަށް ވިޔަސް ލިޔުންތެރިކަމަށް ލޯބިކުރައްވައެވެ. އުރުދޫބަހާއި އިނގިރޭސިބަސް ދެނެވަޑައިގަންނަވާ "ކަނީރު" ދިވެހިބަހުން ލިޔުއްވައި އުޅުއްވައެވެ. ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ޅެންވެރިއެއް ވެސްމެއެވެ.

Advertisement

ކޮމެންޓް