Advertisement

ދިވެހިބަހުގެ ދުވަސް: މަޖާ ނަމަވެސް ހަގީގަތެއް - ސަރަހައްދީ ރާގު

14 Apr 2024 | 13:30
ބަކަރިއެއް: ބަކަރީގެ ގޮވުމުގެ އަޑާއި ރާގު އެކި ސަރަހައްދުތަކުގައި ތަފާތެވެ.

"ފަރަގު"ގެ އަދަބީ މުރާސިލު

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ އެންމެ ޝަރަފުވެރި އެއް ދުވަހެވެ. ދިވެހީންގެ ފަޚުރުކަމުގައިވާ ދިވެހިބަހުގެ މުހިންމުކަން ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ޓަކައި ކޮންމެ އަހަރަކު ފާހަގަކުރާ ދިވެހިބަހުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ދިވެހިބަހުގެ އަހުލުވެރީންނަށް ޚާއްޞަކޮށް ދިވެހިބަހަށް ލޯބިކުރާ ހުރިހާ ދިވެހީންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވަމެވެ. ހެޔޮއެދުންތައް ރައްދުކުރަމެވެ.

ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހެވެ. މި ދުވަސް ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރާން ސަރުކާރުން ނިންމެވީ 2015ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވީ އަންގާރަ ދުވަހުއެވެ. މި ކަމަށް ޓަކައި، މި ދުވަސް "ދިވެހިބަހުގެ ދުވަހު"ގެ ގޮތުގައި ދުވަހެއް ފާހަގަކުރައްވާން ނިންމެވި ކަމަށް ޓަކައި، މި ކަމުގައި ޝާމިލުވެވަޑައިގަތް ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

އާދޭހެވެ! ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ފަޚުރާއި ޝަރަފެވެ. ދިވެހީންގެ ޝުޢޫރާއި އިޙުސާސްތަކުގެ އަޑެވެ. ދިވެހީންގެ ސަގަފާތާއި ދުވަހު ދިރިއުޅުމުގެ ފެންއާރެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ދިވެހިބަހުން ވިސްނަމާ!" މިއެވެ.

ދިވެހިބަހަކީ ވަރަށް ދޮށި ބަހެކެވެ. ވަރަށް ދިގު ތާރީޚެއް އެއަށް ލިބިގެންވީ ބަހެކެވެ. އެއީ ދިވެހީންގެ ޤައުމީ ތަރިކައެކެވެ. އެންމެ މުހިންމު ތަރިކައެވެ. މި ތަރިކަ ޙިމާޔަތްކޮށް ތަރައްޤީކޮށް ކުރިއެރުވުމަކީ އަދުގެ ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ. ބަހާއި އެ ބަހުގެ އަހުލުވެރީންގެ ގައުމިއްޔަތާ ގުޅިފައިވަނީ އާދަޔާ ޚިލާފު ދަރަޖައަކަށެވެ. އެ ބަޔެއްގެ ވިސްނުމާއި ފިކުރާއި ޝުޢޫރުތައް ފެށިގެން އަންނަނީ މާދަރީ ބަހުންނެވެ. އެހެން ބަސްބަހުން ވާހަކަދައްކާ ނަމަ، މާދަރީ ބަހުން އުފެދޭ ޝުޢޫރުތައް އެ ބަހަކަށް ތަރުޖަމާކުރަނީއެވެ.

ވީމާ، މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ދެއްވި ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުން ދިވެހިބަހަށް އިސްކަން ދޭ، ދިވެހިބަހުން ވިސްނާ ޖީލުތަކެއް އެ މަނިކުފާނު ބިނާކުރައްވާނެއެވެ. މިއީ މާދަރީބަހުގެ މުހިންމުކަން އެ މަނިކުފާނަށް ވިސްނިވަޑައިގަންނަވާކަމުގެ ފާޅުކަން ބޮޑު ހެތްކެކެވެ. މި މުނާސަބަތާ ގުޅިގެން ދިވެހިބަހުގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް ވިދާޅުވެފައިވާ ގޮތުން "ބުނާން ބޭނުންވާ ބަސް، ފާޅުކުރާން ބޭނުންވާ ޚިޔާލު، ދިވެހިބަހުން ފާޅުކުރާން ނޭނގުމަކީ އެ ކަމާ މެދު، ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅާން ޖެހިފައިވާ ކަމެކެވެ."

މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި "ދިވެހިބަހުން ވިސްނަމާ!" މި ޝިޢާރު ކަނޑައަޅުއްވައި އެ ޝިޢާރާ ގުޅޭ ގޮތުން ދެއްވި، ދިވެހިބަހުގެ ދުވަހުގެ ޚިޠާބުގައި އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއަރަޙީމް ވިދާޅުވީ ޅަފުރާގެ ކުދީންނަށް އެ މީހުން ބުނާން ބޭނުންވާ އެއްޗަކާއި ފާޅުކުރާން ބޭނުންވާ ޝުޢޫރުތައް ދިވެހި ބަހުން ބުނެދޭން ނޭނގޭކަމަށެވެ. މިއީ ހަގީގަތެއްކަމުގައި ކަމުގައިވާ ނަމަ، މި ފަދަ މީހުންނަށް އެ މީހުންގެ ހިތުގައި އުފެދޭ ޝުޢޫރުރައް ފުރިހަމައަށް ފާޅުކުރާކަށް ނޭނގޭނެއެވެ. މިއީ ގައުމީ ފެންވަރުގައި ވިސްނައިލާން ޖެހޭ ކަމެކެވެ.

ބަހާއި ބަހުރުވައަކީ އަޅުގަނޑުމެން ހީވެސް ނުކުރާ ފަދަ އާދަޔާ ޚިލާފު އެއްޗެކެވެ. ކޮންމެ ބަޔަކު ވެސް އުފަންވެ ހެދި ބޮޑުވާ އިރު، އޭނާގެ ވަށައިގެންވާ މާޙައުލަކީ އޭނާގެ މާދަރީމަހުގެ ވާސައެވެ. މާދަރީ ބަހުގެ ތަފާތު ބަހުރުވަތައް ހުންނަ ފަދައިން ކޮންމެ ބަހުރުވައެއްގައި ވެސް ތަފާތު އެކްސެންޓްތައް ވެސް ހުރެއެވެ. އެއީ އަޑާއި ރާހުގައި ހުނަން ތަފާތެވެ. ނުވަތަ ލަފުޒުތައް ތަލައްފުޒުކުރާ ގޮތުގައި ހުންނަ ތަފާތެވެ. މިސާލަކަށް: އެއް ބަހުރުވައަކުން ވާހަކަދައްކާ ޅ. އަތޮޅުގެ ރަށްރަށާއި ލ. އަތޮޅުގެ ރަށްރަށަށް ނަޒަރެއް ދެއްވައިބައްލަވާށެވެ! ނައިފަރާއި ހިންވަރުގައި ބަސް ތަލައްފުޒުކުރާ ގޮތް ތަފާތެވެ. މާވަށާއި ގަމުގައި ވެސް މި ތަފާތު ވަރަށް ބޮޑެވެ. މިއީ ބަހުގެ މުއްސަނދިކަމެވެ.

މިއަދުގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި މި ތަފާތު ހުންނަނީ ހަމައެކަނި އިންސާނުންގެ ކިބައިގައެއް ނޫނެވެ. "ސައެންޓިފައި" ވެބްސައިޓުގައި ވާ ގޮތުން ބަކަރީގެ އަޑުލެއްވުމުގައި ވެސް އެއް ސަރަހައްދުގައި އުޅޭ ބަކަރިއާއި އަދި އެހެން ސަރަހައްދުތަކުގައި އުޅޭ ބަކަރީގެ އެކްސެންޓު ތަފާތެވެ. އަދި ދޫނިސޫފާސޫފީގެ ތެރޭގައި، މި ސަރަހައްދީ ތަފާތު ހުންނަކަމަށް ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. އެހެންކަމުން އިންސާނުންނާއި އެހެން ޙައިވާނުން ވެސް އެ މަޚުލޫޤުން ދިރިއުޅޭ ވެށީން ބަހަށް ފޯރާ ނުފޫޒު ވަރަށް ރަނގަޅަށް ހާމަވެއެވެ. ވީމާ، ތިމާގެ ޚިޔާލާއި ވިސްނުމާއި ޝުޢޫރު އޮމާންކަމާ އެކު، ހާމަކުރާން އެދޭ ނަމަ، މާދަރީ ބަހަށް މޮޅުވާން ޖެހޭކަން ހުރިހައި ދިރާސާއަކުން ވެސް ހާމަވެއެވެ.

މި އަހަރުގެ ދިވެހިބަހުގެ ދުވަސް މި ދިމާވީ ދިގު ބަންދަކަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވުނު ދުވަހާކަމަށް ވާތީ މި ދުވަސް ފާހަގަކުރުމަށް ޓަކައި ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ މި މަހު 25ގައިކަމަށް ދިވެހިބަހުގެ އެކެޑަމީއިން ޚަބަރުދެއްވައފައިވެއެވެ. ނަމަވެސް ދައުލަތުގެ ބައެއް އިދާރާތަކުގައި މި މުނާސަބަތާ ގުޅިގެން ޚާއްޞަ އެސެންބްލީއެއް މާދަމާ ބާއްވާނެއެވެ. ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ އިދާރާތަކަށް ހުޅުވައިލައިގެން ބާއްވާ އަތުލިޔުމުގެ މުބާރާތެއް އޮވެއެވެ. މި މުބާރާތަ ބެހޭ ގަވާއިދާއި އުސޫލު މިހާރު ވަނީ އާންމުކުރައްވައިފައެވެ. މިއީ މި މުބާރާތް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާތާ ހަތަރުވަނަ އަހަރެވެ. މި އަހަރު މި މުބާރާތް މި ވަނީ ދެ ގިންތިއަކަށް ބައްސަވައިލައްވައިފައެވެ. އެއީ މީޔާރު  އަކުރުތަކުން ލިޔާ ލިޔުމާއި އަވަސްލިޔުމުގެ އަތުއަކުރެވެ. މި އަހަރުގެ މުބާރާތުން އެއް ވަނައަށް އަންނަ އަވަސްލިޔުމުގެ އަކުރުތަކަށް ކޮންޕިޔުޓަރުން ލިޔެވޭ "ފޮންޓެއް" އުފައްދަވާން ކަމާ ބެހޭ ފަރާތްކާއެކު ވާހަކަދެކެވެި އެކަމަށް އެއްބަސްވެވިފައިވާ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޗްރަފު ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

އަތުލިޔުމުގެ މުބާރާތަށް އިންސާފުުކުރައްވާނީ ދިވެހިބަހުގެ އެކެޑަމީއިން އެ ކަމަށް ކަނޑައަޅުއްވާ ޚާއްޞަ ޓީމަކުންނެވެ. އެއީ އަތުލިޔުމުގެ ފަންނުވެރީންގެ ޓީމެކެވެ.

Advertisement

ކޮމެންޓް