ހައްގު (9)
އަސްމާ އަބޫބަކުރު
(2024 މާރިޗު 31ގައި ޝާއިޢުކުރި ބައާ ގުޅޭ)
ނާހިލާއި ނިހާން ވެސް އުޅެނީ މިހާރަކަށް އައިސް ނީނާގެ ކޮޓަރީގައެވެ. އެ ކުދީން މަޝްވަރާކުރަމުން ގެންދަނީ މާމައާއި ކާފަ މަރުކަޒުން ނެރެވޭނެ ގޮތަކާ މެދުއެވެ.
ރާއްޖޭގެ ގަވާއިދުތައް އޮންނަ ގޮތުން މައިންބަފައިން ނުބެލިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވިއްޖެ ނަމަ، އެ ޒިންމާ އުފުލޭ ވަރުގެ މީހަކު އައުމުން ނޫނީ ދުލެއްނުކުރެއެވެ. އަދި އެތައް ލިޔެކިޔުމެއް ފުރިހަމަކުރާން ޖެހެއެވެ. ކޮންމެ ކޮންމެ މީހަކާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން ޙަވާލެއް ނުކުރެއެވެ.
ޔޫލީ އޮފީހުގެ މަރާމާތު މަސައްކަތެއް ކުރަމުންދާތީ، ހަފުތާއަކަށް އޮފީސް ބަންދުކުރާން ޖެހިއްޖެއެވެ. ހަފުތާއެއްހާ ދުވަހުގެ ޗުއްޓީ ލިބުމުން އަނެއްކާ ވެސް މާމައާއި ކާފަ ދެކިލުމަށް ޓަކައި އަމިއްލަ ރަށަށް ދާހިތްވެއްޖެއެވެ. އެ ކަމާ އަލީމާ ވެސް ޔޫލީ މަޝްވަރާކުރިއެވެ.
"އަހަރެން ގެންދަން ވީނުން ތިރަށް ބަލައިލާން." އަލީމަށް ޔޫލީގެ ގޮތް އެނގުނަސް ޔޫލީ އެކަނި ދާތީ އަލީމް ދާންބޭނުންވިއެވެ.
"ރަށަށް ދާއިރު އަދި އަހަރެމެން ދެ މީހުން އެކީގައި ދިއުން އެހާ ރަނގަޅެއް ނޫންކަން ނޭނގެ. ރަށްފުށުގައި ކަންކަން ވަރަށް ބަލާނެ. ކައިވެނި ނުކޮށް ދެމީހަކު އެކީގައި ފެނިއްޖެއްޔާ މާމަ އާއި ކާފަ ވެސް ހިތްހަމަ ނުޖެހޭނެ." ޔޫލީގެ ޚިޔާލު ހުރިގޮތުން އަލީމަކަށް އެދަތުރުގައި ދެވޭނެ މަގެއް ނުފެނުނެވެ. އެކަމާ ވިސްނާލުމުން އަލީމަށް ވެސް އެބުނީ ތެދުކަން ޤަބޫލުކުރެވި ޔޫލީ އަވަހަށް އައުމަށް އެދުނެވެ.
"މި ދަނީ ހަތަރު ދުވަހަށް. މާމައާއި ކާފަ ބޭނުން ނަމަ، އަހަރެން އަންނާނީ އެ މީހުން ގޮވައިގެން." ޔޫލީގެ އަތުން ހަތަރު އިނގިލި ދައްކައިލަމުން ބުނެލިއެވެ.
އޭގެ އަނެއް ދުވަހު ޔޫލީ ފުރައިގެން ދިޔައީ ރަށަށެވެ. ވައިގެ މަގުން ދަތުރުކުރިއަސް ޔޫލީ ހީކުރާހާ އަވަހަކަށް ދަތުރެއް ނުނިމުނެވެ. އެއަރޕޯޓަށް ދެވުނުފަހުން ފުލައިޓް ޑިލޭވެއްޖެކަމަށް އަންގަމުން ދިޔައެވެ. އެއަރޕޯޓްގައި ތިންގަޑިއިރު ހޭދަވިއެވެ. ފުލައިޓްގައި ދޮޅުގަޑިއިރު ވުމުން ޔޫލީ އިނީ ފޫހިވެފައެވެ.
"އެހެން މީހުންނަށް ދަތުރުކުރުން މާބޮޑުކަމަކަށް ނުވޭ. އަހަރެން މިއުޅެނީ ދަތުރު ދިގުވެގެން. ރަށަށް ދާން އެއްދުވަސް ހޭދަވުމަކީ ކަނޑު ބޯޓަކުން ދިޔުމާ އެއްވަރުގެ ކަމެއް. މިހާރު ވެސް ދަތުރުގައި ފަސްގަޑި އިރު ހޭދަވެއްޖެ."
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުލައިޓް ޖައްސާ ވާހަކަ ބުނުމުން ޚިޔާލީ ދުނިޔެއިން ނިކުމެ ޔޫލީ ބޭރު ބަލާލިއެވެ. ފެހިކަން ގަދަ ހަނިމާދޫ އެއަރޕޯޓް މިފެނުނީ އެތައް ދުވަހަކަށްފަހުއެވެ. ގަސްތަކަށް ބަލަމުން ޔޫލީ ބޯޓުން ފައިބައިފިއެވެ. ޢާއިލާގެ އެއްވެސް މީހަކު ނުހުންނާނެކަން އެނގި އެއަރޕޯޓުން ނިކުތެވެ. އެވަގުތު ޔޫލީ ގާތަށް އަންހެން ކުއްޖަކު އަތުވެއްޖެއެވެ.
"ތިއީ ޔޫލީތަ؟"
"އާނ. ތީ ކާކު." ޔޫލީއަށް ކާކުން ނޭނގޭތީ އެހުމުން އެއީ ކާކުން ބުނެދިނެވެ.
"ދައްތަ ބުނެފަ އޮތީ މިއަދު ޔޫލީ އަންނަކަމަށް. އަހަރެމެންގޭގައި ޔޫލީ ހުންނަގޮތަށޭ ވެސް ދައްތަ ބުނި. އަދި ނަން ނުބުނެވޭ ދޯ. މިއީ ހަނީފާ. އަހަރެންގެ އެއްބަޑު އެއްބަފާ ދައްތަ ޔޫލީ ހުންނަ ގޭގައި އެ އުޅެނީ."
ޔޫލީ ގޮވައިގެން ރަށަށް ދިއުމަށް އާރު.ޓީއެލް ފެރީ ކައިރިއަށް ދާން ޓެކްސީއެއް ގެނައި ހަނީފާއެވެ. ޓެކްސީގައި ދެކުދީން ގޮސް ފެރީގެ ގަޑި ޖެހެންދެން ފެރީ ޓަރމިނަލްގައި މަޑުކޮށްގެން ތިބި ތިބުމުގައި ހަނީފާ އާއި ޔޫލީ ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިއެވެ.
ދެއްކުނު ވާހަކައިގެ ތެރޭގައި ޔޫލީ ދަނީ މާމަ އާއި ކާފައާ ބައްދަލުކޮށްލަން ކަމަށް ބުންޏެވެ. އެވަގުތު ހަނީފާ ކަންބޮޑުވިއެވެ. އެދެމީހުން ރަށުގައި ނެތްކަން ޔޫލީއަށް ނޭނގޭކަމެއް ހަނީފާ އަކަށް ނޭނެގެއެވެ. އެވަގުތު އެވާހަކަ ބުނާކަށް ވެސް ނުކެރުނެވެ. އެހާވަރުން ދިގު ދަތުރެއް ކޮށްފައި އައުމުން ޔޫލީއަށް އެނގިއްޖެނަމަ ދެރަވާނެކަން އެނގުމުން ހަނީފާ އިނީ މަޑުން އެއްޗެއް ނުބުނެއެވެ.
ޔޫލީގެ ރަށަށް ދެވުނު އިރު ތިންގަޑި ފަނަރަ ވެއްޖެއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ފެންވަރައިގެން ނަމާދުކޮށްގެން ކާން ނިކުތްއިރު ހަތަރު ގަޑި ބައިވެއްޖެއެވެ.
"ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ވުރެ މާދިގު ދަތުރެއް މިކުރެވުނީ." ޔޫލީ ކާން އިނދެފައި ބުންޏެވެ. ކައި ނިންމާލާފައި ތައްޔާރުވާން ފެށީ މާމަމެން ކައިރިއަށް ދިއުމަށެވެ. ޔޫލީ އަށް އެގެއަށް ދާން ނޭނގޭތީ ހަނީފާ އާއެކު ޔޫލީ ބައްޕަގެ ގެއަށް ދާން ހިނގައިގެންފިއެވެ. ވަކި ހިސާބަކަށް ދެވުމުން އެ ގެއަށް އެކަނި ދާން އެނގޭނެކަމަށް ބުނެ ހަނީފާ ފޮނުވާލިއެވެ.
"އައްސަލާމް ޢަލައިކުމް." ސަލާމް ގޮވާ އަޑަށް ގޭތެރެއިން ބަޔަކު ނިކުތެވެ. ނަދީމު ފެނި ކާރު އެކްސިޑެންޓް ވީ ދުވަހުގެ ހަނދާނެއް އައެވެ. އެމޫނު ފެނުނު ހަނދާނެއްވިއެވެ.
"ވަޢަލައިކުމް ސަލާމް. ކީއްކުރާ ކުއްޖެއް" ޒަހީރާ ސުވާލު ކުރިއެވެ.
"މާމަ އާއި ކާފައާ ބައްދަލުކޮށްލަން." ޒުވާން ރީތި ދޮންކުއްޖަކު ކުއްލިއަކަށް އައިސް މާމައާ ކާފަގެ ވާހަކަ އެހުމުން ޒަހީރާއަށް ސިހުމެއް ލިބުނެވެ. ޔޫލީގެ އެވާހަކައަށް ޒަހީރާ އާ ނަދީމު ކަންބޮޑު ވެއްޖެއެވެ. ފަހަތުގައި ނާހިލް ހުއްޓެވެ.
"މާމަ އާއި ކާފައާ ބައްދަލުކުރާން. ތީ ކާކު؟" ޒަހީރާގެ ރާގު ހުރިގޮތުން ޔޫލީއަށް އެމީހުންގެ ގޮތް ކޮންމެވެސް ވަރަކަށް ބައްޕަގެ ޑައިރީގައި ހުރި ބައެއް ވާހަކަތަކުން ނަގައިގަނެވުނެވެ.
"އަޅުގަނޑަކީ މިގޭ މުޙައްމަދު ސަލީމުގެ ޔޫލީ ސަލީމް. ކާފަ އާއި މާމައަށް ގޮވާލަދީ." ނަދީމަށް ޔޫލީގެ ލޯ ފެނުމުން ޢަޒީޒާގެ މަތިން ހަނދާންވެއްޖެއެވެ. ޢަޒީޒާގެ ތަސްވީރު ފެނުނު ކަހަލަ ގޮތެއް ނަދީމަށްވިއެވެ. ކަޅިޖަހައި ނުލައި ޔޫލީއަށް ބަލަން ހުރެވުނެވެ. އަދި ޔޫލީ ފެނުމުން ނަދީމަށް ހައިރާންކަން ލިބުނެވެ.
"މާމަ އާއި ކާފަ މިގެއަކު ނޫޅޭ. އެމީހުން ތިބީ ޢުމުރުން ދުވަސްވީ މީހުން ތިބޭ މަރުކަޒުގައި" ނާހިލް ކުރިއަށް ޖެހިލާފައި ޔޫލީއާ ވާހަކަ ދެއްކިއެވެ.
"މާމަ ވަރަށް ދައްކާނެ ތިއްތިބޭގެ ވާހަކަ. މާމަ ބުނެދީފައިވަނީ އަހަރެމެން ބައްޕަގެ އިތުރުން ސަލީމް ކިޔާ ފިރިހެން ދަރިއަކު ހުންނަކަމަށް. ޔޫލީ ދައްތަ ބޭނުންނަމަ އެތަނުން މާމަ އާއި ކާފައާ ބައްދަލުވާނެ. އަހަރެމެން މިތިބީ ޔޫލީ ދައްތައަށް އެހީވާން." ނާހިލް އަކީ ވިސްނުން ރަނގަޅު ކަންކަން އަވަހަށް ނަގައިގަންނަން އެނގޭ ކުއްޖެކެވެ.
ނާހިލްގެ ވާހަކަ އަޑުއިވުމުން ޔޫލީގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ޔޫލީމެންގެ ޢާއިލާ އެކަންޏެއް ނޫނެވެ. މަމަ އާއި ކާފައަށް ވެސް އެމީހުން އެ ހަދަނީ ހިތަށް އެރިގޮތެވެ. ޔޫލީގެ ހިތުގައި އެމީހުންނަށްޓަކައި ނަފްރަތުގެ ހުޅު ރޯވެއްޖެއެވެ.
"އަމިއްލަ ވަޒަނުން ދުރަށް ނުދާންވެގެން ބައްޕައާއެކު ވެސް މާމަމެން މާލެ ނުދިޔައީ. މިއަދު އެމީހުން ގެދޮރުން ނެރެ އެއްލާލީ ތި ކޮންފަދަ ނިކަމެތި ގޮތަކަށް. މައިން ބަފައިން މުސްކުޅިވި ދުވަހު ދޭން ލިބުނު އިނާމަކީ ތިޔައީތަ؟. ދޮންބެ ދެކެ މާމަ އެހާ ލޯބިވިއިރު ވެސް ތި ހިތަށް އެއްވެސް އަސަރެއް ނުކުރޭތަ؟" ޔޫލީ ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވިއަސް ރޮވޭވަރުން ވާހަކަ ދެއްކުން ހުއްޓާލިއެވެ. އިރުކޮޅެއްގެ އަނެއްކާ ވެސް ޔޫލީ ވާހަކަ ދައްކަން ފެށިއެވެ.
"އާން އަސަރެއް ނުކުރާނެތާ. ލޭގެ ގުޅުމެއް ނެތްވިއްޔަ."
"ކީކޭ؟." ނަދީމަށް ކުއްލިއަކަށް ބުނެލެވުނެވެ.
"މާމަ އާއި ކާފަގެ ދަރިއެއް ނޫން ދޮންބެއަކީ."
އަހަރެން މީ އެމީހުންގެ ދަރިއެއް ނޫނޭ؟" ނަދީމުގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިޔައެވެ.
"އާން. އެކަމަކު އެކަން ދުވަހަކު އެމީހުންގެ ފަރާތުން ދެއްކިތަ؟ ތިއީ އެހެން މީހެއްގެ ދަރިއެއްގެ އިޙްސާސް ވިތަ؟ މާމަ އާއި ކާފައަށް ނިކަމެތިކަން ދީފައި މިއަދު ދޮންބެއަށް އުފަލުގައި އުޅެވޭނެތަ؟ މި ގޭގެ ވާރިސުންނަކީ ސުނާނާ ދައްތަ އާއި އަހަރެން. އެކަމަކު ދޮންބެ ތިއުޅެނީ މިގެ ވެސް އަތުލައިގެން" ޔޫލީ ހުރީ ރުޅިއައިސް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ވަރުވެފައެވެ.
"ހަނދާން ކުރާތި. އަހަރެންގެ ޢާއިލާ އެއްކޮށް ނެތިކޮށްލަން ދޮންބެ ކުރިކަންތައް އަހަރެން ހިތަކުން ނުފިލާނެ" ޔޫލީ އަށް ވާހަކަ ނުދެއްކިގެން ރޮމުން ރޮމުން އެގެއިން ނިކުތެވެ.
އެގެއިން ނިކުތީ ވީހާ ވެސް އަވަހަށް މާމަ ގެނައުމުގެ އުއްމީދުގައެވެ.
ނަދީމަށް ވީ ގޮތް ވެސް ނޭނގުނެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. އެނދުގައި އޮށޯވެ. ކަނާއަތް ނިތްކުރި މަތީ ބާއްވައިގެން ދެލޯ މަރައިގެން އޮތެވެ. އެވަގުތަކީ ނަދީމުގެ ލޯ މެރުނަސް ސިކުނޑި ހުޅުވުނު ވަގުތެވެ. މަންމަ އާއި ބައްޕަ ލޯބިން ނަދީމަށް ހޯދައިނުދޭ އެއްޗެއް ނެތެވެ. ޢީދު ރޯދައަށް ސަލީމާއި ނަދީމަށް ތަފާތު ކުރުމެއް ނެތި އަންނައުނު ހޯދައިދިނެވެ. އޭރު ރަށުން ލިބެން ހުރި ވަރަށް ތަޢުލީމު ދިނެވެ.
"މިހުރިހާ ދުވަހު އަހަންނަށް މިކަން ނޭގުނީ ކީއްވެ؟ އަހަރެންގެ ފަރާތުން އެދެމީހުންނަށް ނުލިބޭ އަނިޔާއެއް ނެތް." ނަދީމުގެ ހިތަށް އަރާ ފައިބަމުން ދިޔައީ އެތައް ހަނދާންތަކެކެވެ. މަންމަ އާއި ބައްޕަ ދެކެ ރުޅި އަންނަން ފެށީ ޢަޒީޒާ އެގެއިން ދިޔަ ހިސާބުންނެވެ.
އަދި ނަދީމުގެ ޙަޔާތަށް ޒަހީރާ އައުމުން އެހިތުގައި މައިންބަފައިންނަށް ނަފްރަތުގެ އޮށް އިންދަން މަސައްކަތް އިތުރުކުރާން ފެށިއެވެ.
އަހަރެންގެ ޙަޔާތުން މައިން ބަފައިން ވަކިވި ފަހުން ހިތްދަތިކަން ފިޔަވައި އެހެން އެއްޗެއް ނެތީބާއެވެ؟ އެއްކަމެއް ރަނގަޅަށްދާއިރަށް އަނެއް ވިލާގަނޑު ބޯމަތިވެއެވެ. ޔޫލީ އަމިއްލަ ނަފްސަށް ކުދިކިޔަމުން ގެންދިޔައެވެ.
ޔޫލީ ވިސްނަމުން ދިޔައީ އަނެއްދުވަހު ފުރައިގެން މާލެ ދިއުމަށެވެ. ވީހާވެސް އަވަހަށް މާމަ އާއި ކާފަ މަރުކަޒުން ނެރެވޭނެ ގޮތްތެއް އޮތްތޯ ކަމާގުޅުން ހުރި މުވައްސަސާތަކަށް ދިއުމަށް ވިސްނަމުން ގެންދިޔައެވެ.
އެވަގުތު ޔޫލީ އޮތް ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑުއިވިއްޖެއެވެ. ކަރުނަތައް ފޮހެމުން ޔޫލީ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
"ތީ ކޮންކުއްޖެއް؟ ދޮރުމަތީގައި ހުރި ހިމަތޮޅި ކުއްޖާއަށް ބަލާލަމުން ޔޫލީ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.
"ނީނާ. އަހަރެން މިއައީ މަންމަ އާއި ބައްޕައަށް ސިއްރުން ޔޫލީ ދައްތައަށް އެހީއެއް ވެވިދާނެ ކަމަށް" ނީނާ ކޮޓަރިއަށް ވަދެ ޔޫލީގެ ކުރިމަތީގައި ބެހެއްޓީ މާމަ އާއި ކާފަގެ އައިޑީ ކާޑުގެ ކޮޕީއެވެ. އޭގެ އިތުރުން ވެސް ޔޫލީއަށް މުހިއްމު ލިޔުންތަކެވެ.
ޔޫލީ އަށް ނީނާގެ ވާހަކައިން ވަރަށް ގިނަ ކަންކަން އޮޅުން ފިލިއެވެ. ޒަހީރާގެ ސަބަބުން ނަދީމު ހަލާކުވަމުން ދިޔަ ގޮތުގެ ވާހަކަ ކިޔައިދިނީ ވެސް ނީނާއެވެ.
"މަންމަ އާއި ބައްޕަ މާމަ އާއި ކާފައަށް ލިބޭ ލާރި ވެސް ނަގަނީ." ނީނާ ކަންބޮޑުވެގެން އިނދެ ކިޔައިދިނެވެ.
"ނީނާ ހިތްވަރު ދެރަ ނުކުރާތި. ކޮއްކޮމެންނަށް ދައްތަގެ ހެޔޮދުޢާ އާ ސަލާމް ބުނެދެއްޗޭ. ވަރަށް އަވަހަށް މާމަ ގޮވައިގެން އަންނާނަން."
އަނެއް ދުވަހު ޔޫލީ މާލެ ދާން ފުރައިފިއެވެ. އެންމެ ކުޑަމިނުން ރަށް ވެސް ބަލައިނުލެވުނެވެ. މާލެ ގޮސް އަލީމުގެ އެހީތެރިކަމާއެކު މާމަ އާއި ކާފައާ ބައްދަލުކުރާން ދިޔައެވެ.
"މާމާ. މީ ޔޫލީ އޭ." މާމަ ކައިރީގައި ހުރެގެން ޔޫލީ ވަހަކަ ދެއްކިއެވެ. އެހެނަސް މާމަ އަހަރެން ފެނުމުން އުފަލެއް ނުވިއެވެ. މާމަގެ މޫނުމަތިން ބުނާކަހަލައެވެ. ދާށެވެ. މިތަނުން ދުރަށް ދާށެވެ. މާމަގެ އަތާ އަތް ޖޯޑުކޮށްގެން ހުރެ އެތައް ވާހަކަ އެއް ދެއްކިފަހުން މާމަ ޔޫލީގެ މޫނަށް ބަލައިލިއެވެ. އޭރު މާމަ ހުރެގެން ރޮނީއެވެ. ޔޫލީ ކިތަންމެ ހިތްވަރު ކުރާން އުޅުނަސް ރޮވިއްޖެއެވެ.
"މާމަ އާއި ކާފަ ވަރަށް އަވަހަށް މިތަނުން ގެންދާނަން." ޔޫލީ އެތަނުން ދުރަށް ހިނގައިގަތީ އެހެން ގޮތެއް ނެތިގެންނެވެ.
(ނުނިމޭ)