Advertisement

ވައިގެ ބަނދަރެއް ހަދާން މާވަށް ޝަރުޠު ފުރިހަމަވޭތަ؟

04 Oct 2023 | 13:28
.

އަބާ މުޙަންމަދު
މި ދުވަސްވަރަކީ ހައްދުންމަތީ މާވަށް ސަރަހައްދުގައި އެއަރޕޯޓް އެޅުމުގެ ކެންޕޭނެއް މީސްމީޑިއާގައި ވިރަވެފައިވާ ދުވަސްވަރެކެވެ. މި ކަމުގެ އެންމެ ވާދަވެރިކަން އުފެދިފައިވަނީ މާވަށާއި ހިތަދުވާ ދެމެދުގައިކަމަށް މީސް މީޑިއަ ބަލައިލުމުން ފާހަގަވެއެވެ. އެކި ހޭޝްޓެގް ބޭނުންކޮށްގެން މީސް މީޑިއާ މަންސަތަކުގައި މި ކަމަށް އިލްތިމާސްކޮށް ވަކާލާތުކުރެއެވެ. އަދި މީހުންގެ ހިތަށް އަސަރުކުރާ ފަދަ ޖަޒުބާތީ ލަވަތަކުން ވެސް މި ކަމަށް ކެންޕޭނު އެބަ ކުރެއެވެ. އެހެންކަމުން އަޅުގަނޑު މި ގަލަން ނެގީ މި ކަމަށް މާވަށް ޝަރުޠު ފުރިހަމަވޭތޯ މަންޠިގީ ހަމައަކުން އެއްޗެއް ދަންނަވައިލެވޭތޯއެވެ!

ދިވެހިރާއްޖޭގެ އަތޮޅުތަކާއި އަތޮޅުތަކުގައި ރަށްތައް އެތުރިފައިވާ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. އެހެންކަމުން ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަށް ޓަކައި، އެކި ސަރުކާރުތަކުން އެކި ކަންކަން އެކި ދުވަސްވަރު ކޮށްފައިވެއެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައި "އިންޓަރ" ނަމަކަށް ކިޔާ ފެރީގެ ނިޒާމެއް ތަޢާރަފުކުރިއެވެ. ދުވަސްގަނޑެއް ވަންދެން އެ ކަން ހިނގުމަށް ފަހު ހުއްޓުނެވެ. އޭގެ ފަހުން ރާއްޖޭގެ އަތޮޅެއްގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވުނު ކައްދޫ އެއަރޕޯޓް ހައްދުންމަތީ ކައްދޫގައި ރައީސް މައުމޫންގެ ޒަޢާމަތުގައި ބިނާކޮށް ހުޅުވުނެވެ.

އޭގެ ފަހުން؛ ބަދަލުގައި ބައެއް މީހުންނަށް ރިސޯޓް ހަދާން ފަޅުރަށާއި މީހުން އުޅޭ ރަށް ރަށުން ބިމާއި ދައުލަތުން ބަޖެޓު ދީގެން ރައީސް ނަޝީދުގެ ސަރުކާރުގައި އަތޮޅުތަކުގެ އެތެރޭގެ ފެރީ ނިޒާމެއް ގާއިމުކުރެވުނެވެ. އެ ކަން މިހާރު ވެސް އެކަށީގެންވާ ގޮތަކަށް ހިނގަމުންދާކަމަށް ޚަބަރު ލިބެއެވެ. ރައީސް ނަޝީދުގެ ޒަޢާމަތުގައި ފުވައްމުލަކާއި ތިމަރަފުށީގައި ވެސް އެއަރޕޯޓް ގާއިމުކުރިއެވެ.

ރައީސް ޑރ. ވަހީދުގެ ދެ އަހަރު ދުވަހުގެ ޒަޢާމަތަށް ފަހު ރައީސް ޔާމީންގެ ޒަޢާމަތުގައި އިސްޕީޑް ލާންޗުން 35 މިނިޓުން ނުދެވޭ ދުރުމިނުގައި ހުންނަ ރަށްރަށުގައި އެއަރޕޯޓް ގާއިމުކުރެއްވުމުގެ ސިޔާސަތެއް އެކަށައެޅުއްވިއެވެ. މާނައަކީ އެއަރޕޯޓުން ފުރައިގެން އެންމެ ލަސްވެގެން ވެސް 35 މިނިޓުން ކޮންމެ ރަށަކަށް ވެސް ދެވޭންޖެހޭނެއެވެ. މި ސިޔާސަތުގެ ދަށުން މާފަރާއި އިފުރާއި އެކި ރަށްރަށުގައި އެއަރޕޯޓްތައް ގާއިމުކޮށް އިތުރު އެތައް އެއަރޕޯޓެއް ގާއިމުކުރައްވާން މަސައްކަތް ފެއްޓެވިއެވެ. މި ސިޔާސަތު ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ސަރުކާރުން ވެސް ފަހުން ގަބޫލުކުރައްވައި އެ މަގަށް މަސައްކަތްކުރެއްވިއެވެ.

މި ސިޔާސަތުގެ ދަށުން ހައްދުންމަތީގައި އިތުރު އެއަރޕޯޓެއް ގާއިމުކުރައްވާން ރަށެއް ކަނޑައެޅުމުގައި ސަރުކާރުން އަދި ގޮތެއް ނިންމެވިކަމެއް އެނގިފައެއް ނެތެވެ. ރައީސް މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު ކެންޕޭނުގައި ވިދާޅުވެފައިވަނީ ދިރާސާކުރައްވައި ފީސިބްލް ސްޓަޑީއެއް ހެއްދެވުމަށް ފަހު އެންމެ އެކަށީގެންވާ ސަރަހައްދެއްގައި ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރައްވާނެކަމަށެވެ. ވީމާ ހައްދުންމަތީގައި މި ކަމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ކޮބައިކަން އާންމުން ވެސް ދެނެގަންނާން އެބަ ޖެހެއެވެ.

.

މާވަށް ހިމެނޭ ސަރަހައްދުގައި ހުރި ރަށްރަށަށް ބަލާއިރު، 35 މިނިޓުން އިސްޕީޑް ލާންޗުން ނުދެވޭ އޮންނަނީ އެންމެ ރަށެކެވެ. އެއީ އަތޮޅުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ މާވަށެވެ. އެއަރޕޯޓް އޮންނަ ކައްދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 30 ކިލޯމީޓަރެވެ. މި ދުރުމިން އާދައިގެ އިސްޕީޑް ލާންޗެއްގައި ކަޑައްތުކޮށްލެވެނީ ކަނޑުމަޑު ދުވަހެއް ނަމަ ގާތްގަނޑަކަށް 45 މިނިޓް ނުވަތަ 50 މިނިޓުންނެވެ. ކައްދުވާ ގުޅިފައި އޮންނަ ފޮނަދޫން ހިތަދުވާ ދެމެދު ހުންނަނީ އެންމެ 13 ކިލޯމީޓަރެވެ. ވީމާ 15 ވަރަކަށް މިނިޓު ނުވަތަ ގިނަވެގެން ވިއްސަކަށް މިނިޓްގެ ތެރޭގައި އެއަރޕޯޓުން ހިތަދުއަށް ދެވޭނެއެވެ. މާމެންދޫ އޮންނަނީ ކައްދުވާ ތަންކޮޅެއް ކައިރީގައިކަމަށް ވާތީ މާމެންދުވަށް އަދި މާ އަވަހަށް ދެވޭނެއެވެ. ކުނަހަންދުވަކީ ހިތަދުވާ ޖެހިގެން ވިއްސަކަށް ފޫޓު ދުރުގައި އޮންނަ މެންދޫ ކިޔާ ފަޅުރަށަކާ ޖެހިގެން ހުޅަނގަށް އޮންނަ ރަށެކެވެ. މާނައަކީ މި ދެންނެވި ތިން ރަށުން ކުރެ ކޮންމެ ރަށަކަށް ވެސް 15 ވަރަކަށް ވިއްސަކަށް މިނިޓުގެ ތެރޭގައި ދެވޭނެއޭއެވެ. ވީމާ، ސަރުކާރުން ކަނޑައެޅުއްވި މިންގަނޑަށް ވުރެ މި ރަށްރަށް މާ ކައިރިއެވެ.

ހައްދުންމަތީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓު މި ރަށްރަށަށް ވުރެ އެއަރޕޯޓާ އަދި މާ ކައިރިވާނެއެވެ. ދެން އޮންނަނީ ކުނަހަންދޫ ހުޅަނގުން ހިތަދުވާ މާވަށާ ދެމެދުން ގާތްގަނޑަކަށް މެދެއްހާ ހިސާބުގައި އޮންނަ ރަހާ ރިސޯޓެވެ. އެ ރިސޯޓާއި ކައްދޫ އެއަރޕޯޓާ ދެމެދުގެ ދުރުމިނަކީ 25 ކިލޯމީޓަރެވެ. މި ރިސޯޓަށް ވެސް ކައްދޫން ފުރައިގެން ވިއްސަކަށް ފަންސަވީހަކަށް މިނިޓުން އިސްޕީޑު ލާންޗުގައި އާދެވޭނެއެވެ. ހިތަދުވާ މާވަށާ ދެމެދު ދުރުމިނަކީ 18 ކިލޯމީޓަރެވެ. ރަހާ ރިސޯޓާ މާވަށާ ދެމެދުގެ ދުރުމިނަކީ 11 ކިލޯ މީޓަރެވެ. މާވަށުން ރަހާ ރިސޯޓަށް 10 ވަރަކަށް މިނިޓުން ދެވޭނެކަމަށް ބެލެވެއެވެ.

ކުރީން ދެންނެވި ގޮތަށް ފެރީ ޚިދުމަތުގެ ބަދަލެއްގެ ގޮތުން މީހަކަށް ސަރުކާރުން ހައްދުންމަތީން ވަޑިނޮޅު (ކިޔާ ފަޅުރަށެއް) ދޫކުރެއްވުމުން އޭނާ އެ ރަށް ބޭރު މީހަކަށް ވިއްކައިލައިގެން ރިސޯޓެއް ހެދުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ކޮންމެވެސް މައްސަލަތަކެއް ދިމާވެގެން އެ ރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް ނިންމައެއް ނުލެވުނެވެ. މިއީ އަތޮޅުގެ އުތުރު ބިތުގައި އޮންނަ ވަރަށް ރީތި ރަށެކެވެ. އަދި ވެސް އެއީ ހަމަ ރިސޯޓެއް ހަދާން ދޫކޮށްފައިވާ ރަށެކެވެ. މި ރަށާ (ވަޑިނޮޅާ) ކައްދޫ އެއަރޕޯޓާ ދެމެދު 25 ކިލޯ މީޓަރު ހުންނަ އިރު، މާވަށާއި ވަޑިނޮޅާ ދެމެދުގެ ދުރުމިނަކީ 19 ކިލޯމީޓަރެވެ. އެހެންވީމާ މާވަށުގައި އެއަރޕޯޓެއް ގާއިމުކުރެވިއްޖެ ނަމަ ވަޑިނޮޅުން ކައްދުވަށް ދަތުރުކުރުމަށްވުރެ ދަތުރު މާ އަވަސްވާނެއެވެ. އަދި ދެ ރަށް އޮންނަ ޖުޣުރާފީ ނުކުތާއަށް ބަލާ އިރު، ކަނޑު ވެސް މާ މަޑުވާނެއެވެ.

މާވަށް އެހާ ދުރުގައި އޮންނަ އިރު، އެ ރަށާ ވަރަށް ކައިރީގައި އެހެން ތިން ފަޅުރަށެއް ރިސޯޓް ހެދުމަށް ޓަކައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުރުގައްޔާއި ރައީސް އިބްރާހީމް މުހަންމަދު ސާލިޙުގެ ދައުރުގައި ދޫކޮށްފައިވެއެވެ. އެއީ މާވަށުން ފުރައިގެން 10 މިނިޓުން 5 މިނިޓުން ދެވޭހާ ކައިރީގައި ހުރި ރަށްތަކެކެވެ. ގުރައިދުވާއި ކަށިދުވާއި ހަންހުއްޓެވެ. މިއީ ވަރަށް ހަނި ކަނޑުއޮޅިއަކުން ވަކިވެފައިވާ ރަށްރަކަކަށް ވިޔަސް މާވަށް ފަޅުތެރޭގައި ވެސް ރިސޯޓު ހަދާން ކަމުދާ ކިތަންމެ ރަށެއް އެބަ ހުއްޓެވެ. ވިޔަފާރީގެ ގޮތުން ކުކުޅާއި އަސްދޫނި މޮއްވާ ދެ ރަށެއް މިހާރު ވެސް މާވަށާ ވަރަށް ކައިރީގައި އެބަ އޮތެވެ. އަދި ދަނޑުވެރިކަން ވެސް މި ރަށުގައި ކުރެއެވެ. އެހެންވީމާ މި ދެންނެވި ދެ ރަށުން އުފައްދާ މުދާ އެއަރފްރައިޓުން ފޮނުވޭނެ ގޮތެއް ވާން އެ މީހުން ބޭނުންވެއެވެ. މި ދެންނެވީ މާބުޅެއްޔާއި ކަޅަރަހާގެ ވާހަކައެވެ.

އާބަދީގެ ގޮތުން ބަލާ ނަމަ، މާވަށް ދާއިރާގައި ހިމެނޭ ތިން ރަށުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރަނީ މާވަށެވެ. ތަފުސީލުކޮށް ދަންނަވާ ނަމަ، މި އަހަރު ޖުލައި މަހުގެ ނިޔަލަށް މާވަށުގެ އާބާދީއަކީ 2136 އެވެ. ހިތަދޫގެ އާބާދީއަކީ 1292 އެވެ. ކުނަހަންދޫގެ އާބާދީގައި ތިބީ 938 މީހުންނެވެ.

އަނެއް ކޮޅުން ބަލާއިރު، ވިއްސާރަވެ ކަނޑު ގަދަވެއްޖެ ނަމަ، އަތޮޅު ތެރޭގައި ބަނދަރުކޮށްފައި ހުންނަ ބޮޑެތި އާގުބޯޓުފަހަރާއި މަސްކިރާ ބޯޓުފަހަރު ބަނދަރުކުރާން ދާނީ މާވަށް ކައިރިއަށެވެ. މާވަށު ބޭރު ބަނދަރަކީ ވެސް ރަށް އޮންނަ ތަނުގެ ގޮތުން އެއް އިރެއްގައި ވެސް ގަދަވާ ބަނދަރެއް ނޫނެވެ. އެއީ އިނގިރޭސި ޗާޓުގައި މަޝްހޫރު ނަގިލިޖެހި ބަނދަރެކެވެ. ވިއްސާރަވެއްޖެ ނަމަ، މާވަށު ބަނދަރު އޮންނާނީ މި ފަދަ އުޅަނދުތަކުން ފުރި ތޮއްޖެހިފައެވެ.

މާވަށް ފަޅަކީ ހިކި ދިޔައިގައި ހިކޭ ބޮޑު ފަޅެކެވެ. ރާއްޖޭގެ އެންމެ ބޮޑެތި ފަޅުތަކުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. އެހެންކަމުން މާވަށު ފަޅު ހިއްކައިލުމަކީ ކުޑަ ޚަރަދަކުން ވަރަށް ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. ވީމާ، މި ކަންކަމަށް ބަލާއިރު ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރާ ނަމަ، އެ ކަމަށް އެންމެ ފުރަތަމަ ޝަރުތު ފުރިހަމަވާ އަދި އެ ކަމަށް އެންމެ އެކަށީގެންވާ ރަށަކީ މާވަށްކަމަށް ދަންނަވާން ޖެހެއެވެ. އޭރުން ވިއްސާރައިގައި ތާށިވެފައި ތިބޭ ދަތުރުވެރީންނަށާއި މާވަށް ކައިރީގައި ހަދާން ދޫކޮށްފައިވާ ރިސޯޓުތަކުގައި ތިބޭ ފަތުރުވެރީންނަށް ވެސް ވިއްސާރައިގެ ސަބަބުން މާ ބޮޑު ތަކުލީފުތަކެއް ނެތި، ވައިގެ މަގުން ދަތުރުކޮށްލެވޭނެއެވެ. ހިތަދުވާއި ކުނަހަންދުވާއި ރަހާރިސޯޓު ވެސް އޮންނަނީ ހަމަ މާވަށާ އެއް ފަޅެއްގައި ކަމަށް ވާތީ، ކަނޑު ގަދަ ވިޔަސް މާވަށުގައި އޮންނަ އެއަރޕޯޓަށް އިސްޕީޑް ލާންޗުގައި ދަތުރުކޮށްލާކަށް އުނދަގުލެއް ނުވާނެއެވެ. އަދި ވިއްސާރައިގެ ސަބަބުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ދާން ނުކުޅެދިފައި މާވަށާއި ރިސޯޓުތަކުގައި ތިބޭ ބަލި މީހުންނަށް ވައިގެ މަގުން މާލެއަށް ދިޔުމުގެ މަގު ވެސް ފަހިވާނެއެވެ.

ވަޠަނީ ރޫޙުގައި ހިތަދޫން ވަކާލާތުކުރަނީ ހިތަދުވާއި ކުނަހަންދުވާ ދޭތެރޭގައި އޮންނަ މެންދޫގައި އެއަރޕޯޓް އަޅާން ޖެހޭ ކަމަށެވެ. ނަމަވެސް މެންދުއަކީ ފުޅާ ދާއިރާއެއްގައި މިހާރު ވެސް ދަނޑުވެރިކަން ކުރާ ރަށެކެވެ. އަދި އެ ރަށް ވަނީ ދަނޑުވެރިކަން ކުރުމަށް ޓަކައި ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރައްވައިފައެވެ. އެ ރަށް ސަރުކާރުން އަނެއްކާ ބޮޑު ބަދަލެއް ދީފައި އަތުލުމަށް ފަހު އެއަރޕޯޓް އަޅާން ނިންމައިފި ނަމަ، އެ ރަށުގެ ބަދަލުގައި އެ ފަދަ ރަށެއް ދަނޑުވެރިކަމަށް ދޫކުރެވޭކަށް ނެތެވެ. ބޮޑު ސިނާޢާތެއް ހުއްޓުނީއެވެ. ރަށްރަށުގައި މަހަށް ދާން ތިބި އެންމެންނަށް ފެނަކައިން ވަޒީފާ ދީގެން މަސްވެރިކަން ކުރާ ދޯނިތައް މަހަށް ފުރުން ހުއްޓުނުހެން، އަނެއްކާ ދަނޑުވެރިކަމަށް ނޭދެވޭ އަސަރެއް ފޯރާނެ ކަމެއް ސަަރުކާރުން ކުރައްވާނެ ކަމަކަށް ނުބެލެވެއެވެ. އެހެނީ ޑރ. މުޢިއްޒުގެ ސަރުކާރަކީ މަސްވެރިކަމާ އެއް ވަރަށް ދަނޑުވެރިކަމަށް އިސްކަން ދެއްވައިގެން ދަނޑުވެރިކަމާ ބެހޭ ޚާއްޞަ ވުޒާރާއެއް އުފައްދަވައިގެން އެ ސިނާޢަތު އެހެން އުސް މިނަކަށް ގެންދަވާނެ ސަރުކާރެއްކަމަށް ވަޢުވެވަޑައިގެންފައިވެއެވެ.

އެހެން ނަޒަރަކުން ބަލާއިރު، ރައީސް ޔާމީނާއި ރައީސް އިބްރާހިމް މ. ޞާލިޙުގެ ސަރުކާރުން އެއަރޕޯޓް ގާއިމުކުރައްވާން ކަނޑައެޅިފައިވާ ދުރުމިނަށް ބަލާ އިރު ހިތަދޫ ސަރަހައްދެއް އެއަރޕޯޓް އަޅާކަށް ޝަރުޠު ފުރިހަމައެއް ނުވެއެވެ. ކޮންމެ ގޮތަކުން ބެއްޔަސް އެ ކަމަށް ހަމަ އެންމެ އެކަށީގެންވަނީ މާވަށެވެ. މާވަށުގައި އެއަރޕޯޓެއް އޮވެއްޖެ ނަމަ، އެ ދާއިރާގެ ރަށްރަށުން އެއް ފަޅަކުން ދަތުރުކޮށް މާވަށަށް އާދެވުމުގެ ފުރުޞަތު އޮތުމުގެ އިތުރަށް، ތ. އަތޮޅުގައި އޮންނަ ތިމަރަފުށީ އެއަރޕޯޓުން ޓިކެޓު ނުލިބޭ ޙާލަތްތަކުގައި ވެސް މަާވަށަކީ ތ. އަތޮޅު މީހުންނަށް ވެސް ގަޑިއެއްގެ އިރުގެ ތެރޭގައި ދަތުރުކޮށްފައި އާދެވޭހާ ކައިރީގައި އޮތް ރަށެކެވެ. މާވަށުގެ ރުއްގަހަށް އެރުމުން ތ. އަތޮޅު ފެންނާން އޮވެއެވެ. ތ. އަތޮޅާ އެންމެ ކައިރީގައި އޮންނަނީ މާވަށެވެ.

އަނެއްކޮޅުން ޞިއްޙީ ކުއްލި ކަމެއް ދިމާވެގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ދާން އެންމެ ތަކުލީފު އުފުއްލާން ޖެހޭ އެންމެ ދުރުގައި އޮންނަ ރަށަކީ މާވަށްކަމަށް ވާއިރު މާވަށުގައި އެއަރޕޯޓް އެޅިއްޖެ ނަމަ، މި ފަދަ ޙާލަތްތަކުގައި ސީދާ މާލެއަށް ދަތުރުކުރާން ފުރުޞަތު ފަހިވާނެއެވެ. އެހެން ރަށްރަށުގެ މީހުންނަށް ފޮނަދޫމަގުން ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ގަމު ރީޖަލަލް ހޮސްޕިޓަލަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިވެފައި އެބަ އޮތެވެ. މި ފުރުޞަތު ނެތީ ހަމައެކަނި މާވަށަށެވެ.

ވީމާ ޒަމާނުއްސުރެ ދަތުރުފަތުރާއި ޞިއްޙީ ފަރުވާ ހޯދުމުގައި މާވަށުން ތަޙައްމަލުކުރަމުން ގެންދާ ތަކުލީފުތަކަށް ބަލާ އިރު ވެސް، އާބާދީގެ ނިސްބަތުން ބެލިކަމުގައި ވީ ނަމަ ވެސް، ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރާ ނަމަ، މާވަށް ނޫން ތަނެއްގައި އެއަރޕޯޓް އެޅުން ހައްގެއް ނޫނެވެ. ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް އެޅުން އެންމެ ހައްގު ރަށަކީ ހަމަ މާވަށެވެ.

__________________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ އެހެން ބައެއް ނޫސްތަކަށް ލިޔަމުން ގެންދާ ކުރިއަރަމުން އަންނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
އިންސާފު
އިތުރު އެއަރޕޯޓެއް ހަދަންޏާ ހަދާން ވާނީ މާވަށުގައި ނުވަތަ ދަނބިދޫ، ކަލައިދޫ ހިސާބުގައި. އޭރުން ސަރުކާރުން ކަނޑައެޅި މިންގަނޑަށް ދުރުމިން ފެތޭނީ.
16 Oct 2023