Advertisement

އީރާނުން އިސްރާއީލުގެ އެތައް އަމާޒު ފަތްގަނޑަކަށް ރޭ ދަންވަރު ޙަމަލާދިނީ އިސްރާއިލުން ކުރީން ދިން ޙަމަލާތަކަކަށް އިޖާބަދިނުމުގެ ގޮތުންނެވެ.

14 Apr 2024 | 04:27
އީރާނުން ފޮނުވި ޑްރޯނެއް (ފޮޓޯ: އަލްޖަޒީރާ)

"ފަރަގު"ގެ ބައިނަލްއަޤުވާމީ މުރާސިލު

އީރާނުން އިސްރާއީލުގެ އެތައް އަމާޒު ފަތްގަނޑަކަށް ރޭ ދަންވަރު މި ޙަމަލާދިނީ މީގެ ދެ ހަފުތާކުރީން، ސޫރިއާގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަކަށް ޙަމަލާދީ ހަތް އޮފިޝަލަކު މަރައިލައިފައިވަނިކޮށް އޭގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މީގެ ކުރީން ވެސް އީރާނުން ގެންދިޔައީ އޭގެ ބަދަލު ފުރިހަމައަށް ހިފާނެކަމަށް އިންޒާރު ދެމުންނެވެ. މީގެ ކުރީން އިސްރާއީލަށް ވިސްނިފައި ނެތީ އީރާނުން ރައްދު ޙަމަލާ ދޭނީ ކިހިނެއްކަމެވެ. އިސްރާއީލުން ކުރީން ލަފާކޮށްފައި އޮތީ އީރާނުން ޙަމަލާ ދޭނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ ޑިޕްޮމެޓިކް އިދާރާތަކަށް ކަމަށެވެ. އެހެންކަމުން ކުރީން ވަނީ އެކި ގައުތަކުގައި ހުންނަ އިސްރާއިލުގެ އެތައް އެންބަސީއެއް ބަންދުކޮށް މީހުން އަނބުރައި ގެންގޮސްފައެވެ. ނަމަވެސް ރޭ ދަންވަރު އީރާނުންމި ހަމަލާދިނީ އިސްރާއީލުގެ ތަފާތު އަމާޒު ފަތްގަނޑަށެވެ.

މި ޙަމަލާތައް އީރާނުން ފޮނުވައިލިކަމަށް އިސްރާއީލުން އިޢުލާނުކުރި ފަހުން އީރާނުގެ އިންގިލާބީ ގާޑު ކޯ އިން އެ ކަން ވަނީ ޔަގީންކޮށްދީފައެވެ. މި ހަމަލާތަކުގައި އިސްރާއީލާ ދިމާއަށް އީރާނުން ގެންދަނީ ގިނަ އަދަދެއްގެ ޑްރޯންތައް ފޮނުވަމުންނެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ޑްރޯންތައް އިސްރާއީލުގެ އަމާޒުތަކަށް ފޯރާން އެތައް ގަޑިއިރެއް ހޭދަވާނެއެވެ. މި ހުރިހައި ޙަމަލާތަކަކަށް ފުރިހަމައަށް ތައްޔާރުވެގެން ތިބިކަމަށް އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ބުނި ނަމަވެސް ހުރިހައި ޙަމަލާތަކުން ދިފާޢު ނުވެވިދާނެ ފަދަ މޭރުމަކުން ވެސް އެ މީހުން ވާހަކަދައްކައިފައިވެއެވެ.

މީގެ ދެ ހަފުތާ ކުރީން އިސްރާއީލުން ސޫރިއާގައި ހުންނަ އިރާނުގެ ކޮންސިޔުލޭޓަށް ދިން ހަމަލާއެއްގައި ހަތް މީހަކު ޝަޙީދުކޮށްލުމާ ގުޅިގެން އިރާނުން ވަނީ އިސްރާއީލަށް ފުރިހަމަ ރައްދެއް ދޭނެކަަމަށް ކުރީން ބުނެފައެވެ. އީރާނުގެ މި އިންޒާރަށް ބިރުން، އިސްރާއީލުންވަނީ އެ ގައުމުތަކުން ބޭރުގެ އެކި ގައުމުތަކުގައި ހުޅުވައިފައި ހުރި ސާޅީހަކަށް އެންބަސީ ވެސް ވަގުތީ ގޮތުން ބަންދުކޮށް އޮފިޝަނުން އަނބުރައި ގެންގޮސްފައެވެ. އެހެންކަމުން އިސްރާއީލުން ކުރީން ލަފާކޮށްފައިވަނީ އީރާނުން ޙަމާލާދޭނީ ބޭރު ކޮންމެވެސް ގައުމެއްގައި ހުންނަ އެންބަސީއަކަށްކަމަށް ލަފާކޮށްފައިކަން އެނގެއެވެ. ރޭ މެންދަމު އީރާނުން އިސްރާއީލަށް ގިން ހަމަލާތަކެއް ފޮނުވައިލުމަށް ފަހު އިރާނުން ބުނެފައިވަނީ މި ޙަމަލާތަކުގެ ރައްދުގައި އިސްރާއީލުން އެއްވެސް ހަމަލާއެއް ދީފި ނަމަ ދެން ދޭނެ ހަމަލާ މާ ނުރައްކާތެރި ވާނެ ކަމަށެވެ.

އީރާނުން އިސްރާއީލަށް މި ދިން ޙަމަލާތައް އިސްރޢީލުގެ ރަސްމީ އިދާރާތަކާއި އެމެރިކާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭގެ ފަހުން އީރާނުން ވެސް އެކަމުގެ ޔަގީންކަން ދީ ބަޔާނެއް ނެރެފައިވެއެވެ.

އިރާނުން އިސްރާއީލަށް މި ދިން ޙަމަލާގެ ނަތީޖާއާ ބެހޭ ޚަބަރެއް އަދި ލިބިފައި ނެތް ނަމަ ވެސް މި ހަމަލައާ ގުޅިގެން ހިޒްބުﷲ ޖަމާއަތުންނާއި ހޫޘީންގެ ހަނގުރާމަވެރީން އިސްރާއީލާ ދެކޮޅަށް ހަމަލާތަކެއް ދީފާނެކަމަށް މުޙައްލިލުން ލަފާކުރެއެވެ. (އަލްޖަޒީރާ)

Advertisement

ކޮމެންޓް
ރިޟުވާނު
ސާބަސް ... ހަމަޖަމަ ސާބަސް
16 Apr 2024