Advertisement

ހަދާނެ ގޮތެއް ނޭނގުމުން އޮތީ އިސްތިޚާރާ (2)

13 Apr 2024 | 20:37
އަންހެނަކު އިސްތިޚާރާކޮށްގެން ދުޢާކުރަނީ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 އެޕުރީލު 12ގައި ޝާއިޢޫކުރި ބައިގެ ބާކީ)

دعاء الاستخارة (އިސްތިޚާރާ ދުޢާ)

((قَالَ جَابرُ بْنُ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا: كَانَ رسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا الْاسْتِخَارَةَ فِي الْأُمُورِ كُلِّهَا كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ، يَقُولُ: إِذَا هَمَّ أَحَدُكُمْ بِالْأَمْرِ فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ، ثُمَّ لْيَقُلْ: اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ العَظِيمِ؛ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأمْرَ-وَيُسَمِّي حَاجَتَهُ- خَيْرٌلِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي– أَوْ قَالَ: عَاجِلِهِ وَآجِلِهِ- فَاقْدُرْهُ لِي وَيَسِّرْهُ لِي ثمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي– أَوْ قَالَ: عَاجِلِهِ وَآجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ أَرْضِنِي بِهِ([1]) - މާތްﷲ ރުއްސުންލެއްވި ޖާބިރު ބްނު ޢަބްދުﷲގެފާނު ވިދާޅުވިއެވެ. އަހަރެމެން ކަންބޮޑުވާ ހުރިހާ ކަމެއްގައި ރަނގަޅު މަގު ދައްކަވާ ދެއްވުމަށް އެދި ނަމާދުކުރުމަށް رَسُول اللَّه صَلى اللّه عليه وسلم އަހަރެމެންނަށް އިރުޝާދު ދެއްވިއެވެ. އަހުރެމެންނަށް އެކަލޭގެފާނު ޤުރްއާނުގެ ސޫރަތްތައް އުނގަނާދެއްވާގޮތަށް  އިސްތިޚާރާ އުނގަންނާ ދެއްވިއެވެ. ކީރިތި ރަސޫލާ عليه الصّلاة والسّلام ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު ކަމެއްކުރާން އެދޭ ނަމަ މާތްﷲއަށް ދެ ރަކުޢަތް ނަމާދެއްކުރާހުށިކަމެވެ. އަދި އެއަށްފަހު މިދުޢާ ދަންނަވާށެވެ.

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ދެނެވޮޑިގަތުން މެދުވެރިކޮށް އިބަރަސްކަލާނގެ ޙަޟުރަތުން ރަނގަޅު ގޮތް މި އަޅާއަށް ޚިޔާރު ކޮށްދެއްވުމަށް އެދެމެވެ. އިބަ ރަސްކަލާނގެ ކުޅަދުންވަންތަކަމުން މި އަޅާއަށް ބާރު ދެއްވުމަށް އެދެމެވެ. އިބަރަސްކަލާނގެ މަތިވެރި ދަރުމައިން މި އަޅާއަށް ދެއްވުން އެދެމެވެ. ފަހެ، ހަމަކަށަވަރުން އިބަރަސްކަލާނގެ ކުޅަދުންވަންތައެވެ. މި އަޅާއަށް ކުޅަދާނަކަން ލިބިގެންނެއް ނުވެއެވެ. އިބަރަސްކަލާނގެ ދެނެވޮޑިގަންނަވަމުއެވެ. މި އަޅާއަށް އެނގިގެންނެއް ނުވެއެވެ. އިބަރަސްކަލާނގެއީ ޣައިބު އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމަކީ (ބޭނުންވާ ކަމެއްގެ ވާހަކަ ދަންނަވާނީއެވެ.) މި އަޅާގެ ދީނުގައްޔާއި ދިރިއުޅުމުގައްޔާއި ނިމުމުގައި އެއީ ހެޔޮކަން އޮތް ކަމެއްކަމަށް އިބަރަސްކަލާނގެ ދެނެވޮޑިގަންނަވާ ނަމަ، މި އަޅާއަށް އެ ކަން މިންވަރުކޮށްދެއްވައި އެ ކަން ކުރެވޭނެ މަގު ލުއިކޮށް ދެއްވާނދޭވެ! އަދި މި ކަމަކީ މި އަޅާގެ ދީނުގައްޔާއި ދިރިއުޅުމުގައްޔާއި ނިމުމުގައި ނުރަނގަޅު ކަމެއް އޮތް ކަމެއްކަމުގައިވާ ނަމަ، ފަހެ އެ ކަން މި އަޅާގެ ކިބައިން ފިއްލަވައި މި އަޅާ އެ ކަމާ ދުރުހެލި ކުރައްވާނދޭވެ! އަދި މި އަޅާއަށް ހުރިހައި ކަމެއްގައި ވެސް ހެޔޮ ގޮތް މިންވަރުކުރައްވައި އެ ކަމާމެދު ރުހިގެންވާ މީހަކުކަމުގައި މި އަޅާ ލައްވާނދޭވެ!))"

 އެ ކަލޭގެފާނުގެ ބަސްފުޅާ މެދު ވިސްނައިލަމާ ހިނގާށެވެ! ޖާބިރުގެފާނު ވިދާޅުވިއެވެ. (އަހުރެމެންނަށް ރަސޫލާ صلى الله عليه وسلم ޤުރްއާނުގެ ސޫރަތްތައް ދަސްކޮށްދެއްވާ ފަދައިން، އެކަލޭގެފާނު އަހުރެމެންނަށް އިސްތިޚާރާ ވެސް އުނގަންނާދެއްވިއެވެ.) ސޫރަތްތައް ދަސްކޮށްދެއްވާ އިރު، ތަކުރާރުކުރައްވާނެތެވެ. ރަނގަޅަށް ދަސްވެފައިވޭތޯ ބައްލަވާނެތެވެ. ކުށްތައް ރަނގަޅުކޮށްދެއްވާނެތެވެ. އެއަށް ފަހު ޖާބިރުގެފާނު ވިދާޅުވިއެވެ. (ތިޔަބައި މީހުންގެ ތެރެއިން މީހަކަށް ކަމެއް ބޮޑުވެއްޖެ ނަމަ، ފަހެ ފަރުޟަކަށް ނުވާ ގޮތަށް ދެ ރަކްޢަތް ކުރާހުށިކަމެވެ! އެއަށްފަހު މި ދުޢާ ކިޔާށެވެ! 

މިއީ ބޮޑު ކަންޒެކެވެ. މާތް ﷲ ރަޙުމަތްލެއްވި އިބްނުލްޤައްޔިމު ވިދާޅުވިއެވެ. (ޖާހިލީ ޒަމާނުގެ މީހުންގެ ބިދުޢަތަކުން މި އުންމަތް ސަލާމަތްކޮށް ދެއްވުމަށް ރަސޫލުﷲގެފާނު މި ދެއްކެވި މަގަށް ނިކަން ބަލައިބަލާށެވެ! އެއަށް ފަހު އިބްނުލްޤައްޔިމު ރަސޫލާ މި ދަސްކޮށްދެއްވި ދުޢާއަށް ބައްލަވައިލެއްވިއެވެ. އިބްނުލްޤައްޔިމު ވިދާޅުވިއެވެ. (އެއީ ތައުޙީދާއި ﷲގެ ތަނަވަސްކަމާއި ފުދިވޮޑިގަތުމެވެ. އެއީ އަޅުވެތިކަމާއި ތަވައްކުލެވެ. އެއީ ހުރިހާ ހެޔޮކަމެއް އެ ފަރާތެއްގެ ޔަދު ޤުދްރަތްފުޅުގެ ދަށުގައިވާ ފަރާތުން ކަންތަކަށް އެދުމެވެ. ހެޔޮ ކަމެއް ލިބޭނީ އެ ފަރާތުންނެވެ. ނުބައި ކަމަކުން އެއްކިބާވެވޭނީ ހަމަ އެ ފަރާތުގެ ވާގިވެރިކަން ލިބިގެންނެވެ. އެކަލާނގެ އަޅަކަށް އެއްވެސް ރަޙްމަތެއް ލައްވަވައިފި ނަމަ އެ ރަޙުމަތް ހިފަހައްޓާނެ ބާރެއް ނުވެއެވެ. އެ ކަލާނގެ ރިޒުޤެއް ހިފަހައްޓަވައި ނުތަނަވަސް ކުރައްވައިފި ނަމަ އެ ކަން ވީއްލޭނެ ފަރާތެއް ވެސް ނުވެއެވެ.

އިސްތިޚާރާއަކީ ކަންޒެއް

ކިހާ ފުން ކަންޒެއް ތޯއެވެ؟ ރަސޫލާ ދަސްކޮށްދެއްވި ދުޢާގެ މި ޢިބާރާތަށް ވިސްނައިލަބަލާށެވެ. (وَأَسْتَقْدِرُكَ بِقُدْرَتِكَއަދި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމުން މިއަޅާއަށް ބާރު ދެއްވުމަށް އެދެމެވެ.)  މާނައަކީ  ކޮބައިތޯއެވެ؟ އެބަހީ: މި އަޅާގެ ވެރި ރަސްކަލާކޮ! އެ ކަމާ ހަމައަށް މި އަޅާއަށް ވާޞިލުވެވޭނެ ބާރު މިއަޅާއަށް އިނބަރަސްކަލާނގެ ދެއްވަވާނުތޯއެވެ. އިސްތިޚާރާ ދުޢާއަކީ ތަޢުލީމެވެ. އިސްތިޚާރާ ދުޢާ ތިބާއަށް އުނގަންނައިދޭ ދަރުސަކީ ތިބާއަކީ ފަޤީރު އަޅެކެވެ. ތިބާގެ ބާރެއް އާރެއް ނެތެވެ. މި އާރާއި ބާރު ވަނީ ﷲގެ ޙަޟުރަތުގައެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައެވެ. އިސްތިޚާރާ، ތިބާއަށް އުނގަންނާދޭ ފިލާވަޅަކީ ތިބާ ޙާޞިލުކުރާން މަސައްކަތްކުރާ ކަމެއް ޙާޞިލު ކުރެވޭނީ ތިން ޝަރުޠެއްގެ މަތިންނެވެ. ފުރަތަމަ ޝަރުޠަކީ ތިބާ މި ދުނިޔޭގައި ޙާޞިލުކުރާން އެދޭ ކަމަކީ ތިބާގެ ދީނަށް ބަލާ އިރު، ރަނގަޅު ކަމެއް ކަމުގައިވުމެވެ. ދުނިޔެއިން ތިބާ ޙާޞިލުކުރާން އެދޭ އެ ކަން ތިބާގެ ދީނާ ތަޢާރުޟުވާ ކަމަކަށް ވެދާނެއެވެ. އެއީ ތިބާގެ މަޢީޝަތަށް ފައިދާ ހުރި ކަމަކަށް ވެދާނެއެވެ. އެހެނަސް އެއީ ތިބާގެ ދީނަށް ފައިދާހުރި ކަމަކަށް ނުވެ ހިނގައިދާނެއެވެ. ތިބާއަކީ ވަޒީފާއަކަށް، ކާވެންޏަކަށް، ދުނިޔެވީ ކަމަކަށް އެދޭ މީހަކަށް ވެދާނެއެވެ. އެއީ ތިބާއަށް ވަރަށް ފައިދާހުރި ކަމަކަށް ވެދާނެއެވެ. މި ކަމާއެކު ތިބާގެ ދީނަށް ވެސް ބަލާން ޖެހޭނެއެވެ. ތިބާގެ އާޚިރަތަށް ވެސް ބަލާން ޖެހޭނެއެވެ. އިސްތިޚާރާ ދުޢާ ތިބާއަށް އުނގަންދެނީ ތިބާއަށް ތިބާގެ މަޤުޞަދާ ހަމައަށް ދެވިދާނެއެވެ. ބުރަކަމާއި ދަތިކަމާއެކުގައެވެ. ތިބާއަށް އެކަން ލުއިކޮށްދެނީ ފަހެ ކާކުހެއްޔެވެ؟ ﷲ ޢައްޒަ ވަ ޖައްލަކަން ކަށަވަރެވެ. މިހެންވެ ﷲއަށް ތިބާ ދަންނަވަނީ (فَاقْدُرْهُ لِي وَيَسِّرْهُ لِي ثمَّ بَارِكْ لِي فِيهِ - މިއަޅާއަށް އެކަން މިންވަރު ކޮށްދެއްވައި އެކަން ކުރެވޭނެ މަގު ލުއިކޮށް ދެއްވާނދޭވެ! އަދި އެއަށްފަހު އެކަމުގައި ބަރަކާތް ލައްވާނދޭވެ!) އިންސާނާއަށް އޮތީ މަސައްކަތްކުރުމެވެ. އޭނާއަށް ﷲގެ ރުހިވޮޑިގަތުމަށް ބޭނުންވެއެވެ. މިހެންވެ އޭނާ މި ދަންނަވަނީ (ثُمَّ أَرْضِنِي بِهِ – އެއަށް ފަހު އެ ކަމާމެދު ރުހިގެންވާ މީހަކު ކަމުގައި މިއަޅާ ލައްވާނދޭވެ!)

އިސްތިޚާރާގެ ސަބަބުން އިންސާނާ ޚުރާފާތުގެ ދާއިރާއިން ސަލާމަތް ވެއެވެ. ދީން ތިބާއަށް މަނާކުރާ ކަންތައްތަކުން ތިބާ ސަލާމަތްކޮށްދެއްވައެވެ. ރާހިބެލުމާއި، އަތްބެލުމާއި، ފާލުބެލުމާއި، ރަމަލު ޖެހުމާއި، ކަހީނުންގެ ކިޔެވެލިތަކުން ތިބާގެ ހެޔޮ ވިސްނުން ރައްކައުތެރިކޮށްދެއްވައެވެ. މި ފަދަ ޢަމަލުތަކަކީ އިންސާނާ އެއްވެސް އިމެއް ފާރެއްނެތް ދުނިޔެއެއްގެ ތެރެއަށް ނެރެ އެއްލައިލާ ކަންތައްތަކެކެވެ.

އިސްތިޚާރާކުރުމަކީ އެ ކަމުގައި އެއްވެސް ދެރައެއް ނެތް ކަމެކެވެ. ޠާހިރު ބުނުލްޙުސައިނުގެ ދަރިކަލުން ޢަބްދުﷲ ބުނުލްޙުސައިނު، ކޫފާގެ ވެރިކަމަށް އިސްކުރެވުމުން ވިދާޅުވިއެވެ. (ތިބާގެ ހުރިހާ ކަމެއްގައި ތިބާގެ ވެރި ރަސްކަލާނގެއާ އެކު އިސްތިޚާރާ ކުރާށެވެ!.) މާތް ﷲ އެ ކަމަނާއަށް ރުއްސުންލެއްވި ޒައިނަބު ބިންތު ޖަޙްޝުގެފާނާ މާތް ﷲ ރުއްސުންލެއްވި ޒައިދު ބުލް ޙާރިޘަތުގެފާނާ ކާވެނި ބައްލަވައިގަތުމަށް ރަސޫލުﷲގެފާނު އެދިވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގަތުމުން ޒައިނަބުގެފާނު ވިދާޅުވިއެވެ. (މާތްﷲ ތިމަންކަމަނާއަށް އަމުރުކުރައްވައިފުމަށް ދާންދެން ތިމަންކަމަނާ އެ ކަން ނުކުރައްވާނަމެވެ.) މިހެން ވިދާޅުވެ އެ ކަމަނާ އިސްތިޚާރާ ނަމާދުކުރެއްވިއެވެ. އިމާމުލްބުޚާރީއަށް ބަލާއިރު އެކަލޭގެފާނުގެ ޞަޙީޙުގައި ލިޔުއްވި ކޮންމެ ޙަދީޘްފުޅެއް ލިޔުއްވާފައިވަނީ އިސްތިޚާރާކުރައްވައިގެންނެވެ.

އިސްތިޚާރާ ނަމާދު ކުރާ ވަގުތު

މުސްލިމު އަޅާއަށް އިސްތިޚާރާ ނަމާދު ކޮންމެ ވަގުތެއްގައި ވެސް ކުރެވިދާނެއެވެ. ސުންނަތް ނަމާދުކުރުން މަކްރޫހަ ވަގުތުތަކުގައި ފިޔަވައެވެ. މި ވަގުތުތަކަކީ ޢަޞްރުނަމާދު ކުރުމަށް ފަހު އިރުއޮއްސިއްޖައުމަށް ދާންދެނާއި ފަތިސްނަމާދަށް ފަހު އިރު އަރައްޖައުމަށް ދާންދެނާއި އިރުމެދުޖެހޭ ވަގުތެވެ. އެއީ ގާތްގަނޑަކަށް މެންދުރުނަމާދު ވަގުތު ޖެހުމުގެ ފަނަރަވަރަކަށް މިނެޓް ކުރިއެވެ.

އިސްތިޚާރާވިޔަސް އެހެން ކަމަކަށް ވިޔަސް ﷲއަށް ދުޢާކުރާއިރު ދުޢާ އިޖަބަކުރައްވާ ވަގުތުތަކަށް އިސްކަންދިނުން ރަނގަޅުވެގެން ވެއެވެ. ރޭގަނޑުގެ މެންދަމު ވަގުތަކީ ﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވާ ވަގުތެކެވެ. އެ ވަގުތަކީ މާތް ﷲ އެކަލާނގެ އަޅުންގެ ދެންނެވުންތަކަށް އިޖަބަދެއްވާ ވަގުތެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((يَنْزِلُ رَبُّنا تَبارَكَ وتَعالى كُلَّ لَيْلةٍ إلى السَّماءِ الدُّنْيا حِينَ يَبْقى ثُلُثُ اللَّيْلِ الآخِرُ، يقولُ: مَن يَدْعُونِي، فأسْتَجِيبَ له؟ مَن يَسْأَلُنِي فأُعْطِيَهُ؟ مَن يَستَغْفِرُني فأغْفِرَ له؟ [2]- އަޅަމެންގެ ވެރިރަސްކަލާނގެ ތަބާރަކަ ވަ ތަޢާލާ ކޮންމެ ރެއެއްގެ އެންމެ ފަހު ތިންބައި ކުޅަ އެއްބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގަންނަވާނެތެވެ. އެކަލާނގެ ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށް ދުޢާކުރާ މީހަކު އެބަ ހުރިހެއްޔެވެ؟  އޭރުން ފަހެ ތިމަންރަސްކަލާނގެ އޭނާގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ކަމަކަށް އެދި ތިމަންރަސްކަލާނގެއަށް ދަންނަވާ މީހަކު އެބަ ހުރިހެއްޔެވެ؟  ފަހެ ތިމަންރަސްކަލާނގެ އޭނާއަށް ދެއްވާހުށީމެވެ. އޭނާގެ ފާފަފުއްސަވައިދެއްވުން އެދި ތިމަންރަސްކަލާނގެ ޙަޟުރަތުން އެދޭ މީހަކު އެބަހުރިހެއްޔެވެ؟ އޭރުން ފަހެ އޭނާއަށް ތިމަންރަސްކަލާނގެ ފާފަ ފުއްސަވައިދެއްވާހުށީމެވެ.))

އިސްތިޚާރާ ކުރާ މީހާ އިސްތިޚާރާކުރާންވާނީ ހުޅުވިފައިވާ ހިތަކާއިގެންނެވެ. އޭނާއަށް އިޖާބަދެއްވާނެކަމުގެ ޔަޤީންކަންމަތީގައެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. ((إنَّ هذه القُلوبَ أوْعِيَةٌ، فخيرُها أوْعاها، فإذا سألْتُمُ اللهَ فاسْألُوه وأنتمْ واثِقونَ بِالإجابةِ، فإنَّ اللهَ تعالى لا يَستجيبُ دُعاءَ مَنْ دَعا عن ظهْرِ قلبٍ غافِلٍ[3] - ހަމަކަށަވަރުން މި ހިތްތަކަކީ ކަންވާރުތަކެކެވެ. ފަހެ އޭގެ ތެރެއިން އެންމެ ރަނގަޅު ހިތަކީ އެންމެ ހޭލުންތެރިކަން ބޮޑު ހިތެވެ. ފަހެ ތިބައިމީހުން ﷲއަށް ދުޢާކުރާ އިރު، ތިޔަބައިމީހުންގެ ދުޢާއަށް ﷲ އިޖާބަ ދެއްވާނެކަމުގެ ޔަޤީންކަންމަތީގައި ދުޢާކުރާށެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ ޣާފިލުކަންމަތީގައިވާ ހިތުގެ ދުޢާ އިޖާބައެއް ނުކުރައްވާނެތެވެ.))

އިސްތިޚާރާ ނަމާދުގައި ކިޔަވާނީ ކޮން ސޫރަތްތަކެއް

ކީރިތި ރަސޫލާގެ ބަސްފުޅުތަކުގައި އިސްތިޚާރާ ނަމާދުގައި ވަކި ސޫރަތްތަކެއް ވަކި އާޔަތްތަކެއް ކިޔަވާން އަންގަވައިފައެއް ނުވެއެވެ. އަލްޙަމްދު ކިޔެވުމަށް ފަހު ތިބާއަށް ލުޔިފަސޭހަވި ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔެވިދާނެއެވެ.

ބައެއް ދަންނަބޭކަލުން އިޖްތިހާދުކުރައްވައިގެން ވިދާޅުވެފައިވާ ބަސްފުޅުތަކެއް ވެއެވެ. ނަވަވީގެފާނު ވިދާޅުވާ ގޮތުގައި އެންމެ މުނާސަބުވެގެން ވަނީ ފުރަތަމަ ރަކުޢަތުގައި އަލްޙަމްދަށްފަހު އަލްކާފިރޫން ސޫރަތް ކިޔެވުމެވެ. ދެވަނަ ރަކުޢަތުގައި އަލްޙަމްދަށްފަހު އަލްއިޚްލާޞް ސޫރަތް ކިޔެވުމެވެ. [4]

އިސްތިޚާރާ ކުރާންވީ ކޮން ކަމަކަށް

ކީރިތި ރަސޫލާ صلى الله عليه وسلمގެ އިސްވެ ދިޔަ ޙަދީސަށް ބަލާ އިރު ހުރިހައި ކަމެއްގައި އިސްތިޚާރާކުރެވިދާނެއެވެ. އެހެނަސް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ދީނުގައި ކުރުން ވާޖިބުކުރައްވައިފައިވާ ކަންތައްތަކާއި ކުރުން ސުންނަތްވެގެންވާ ކަންތައްތައް ނުކުރުމާ ބެހޭގޮތުން އިސްތިޚާރާއެއް ނުކުރެވޭނެއެވެ. އަދި ދީނުގައި ޙަރާންކުރައްވައިފައިވާ ކަންތައްތަކާއި ކުރުން މަކުރޫހަކުރައްވައިފައިވާ ކަންތައް ކުރުމާ ބެހޭ ގޮތުން އިސްތިޚާރާއެއް ނުކުރެވޭނެއެވެ.

ދުނިޔަވީ ކޮންމެ ކަމަކަށް ޓަކައި ވެސް އިސްތިޚާރާ ކުރެވިދާނެއެވެ .ވަޒީފާގެ ކުރިއެރުމެއް ލިބުނަސް އެ ކަމާ މެދު އިސްތިޚާރާކުރެވިދާނެއެވެ. އެއީ ހެޔޮ ރަނގަޅު ކަމެއް ކަމުގައި ތިބާއަށް ފެނުނަސް އެ ކަމަކާ މެދު އިސްތިޚާރާކުރެވިދާނެއެވެ. 

ޢުމްރާއަށް ދިޔުމަށް ޓަކައި ވެސް އިސްތިޚާރާ ކުރެވިދާނެއެވެ. ހެޔޮ ކަމަކަށް ޓަކައި އިސްތިޚާރާ ނުކުރާން ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. މި ކަމުގައި އިސްތިޚާރާ ކުރާނީ ކޮންކަމަކާ ހެދި ހެއްޔެވެ؟ މި ކަމުގައި އިސްތިޚާރާ ކުރާނީ ޢުމްރާއަށް ދާން މި އުޅޭ ވަގުތު މުނާސަބުތޯއެވެ. މި ގްރޫޕާއެކު، ޢުމްރާއަށް ދިޔުން ރަނގަޅުވާނެތޯއެވެ؟ ޢުމްރާއަށް ދިޔުމަށް ދަތުރު ކުރާނީ ކޮން ބޯޓަކުންތޯއެވެ؟ މިފަދަމިފަދަ ކަންކަމަށް ޓަކައި އިސްތިޚާރާ ކުރެވިދާނެއެވެ.

އިމާމު އައްޝައުކާނީ ވިދާޅުވާ ގޮތުގައި[5] ކުޑަކަމަކަށް ވާތީ އިސްތިޚާރާކުރުން ދޫކޮށްލައިގެން ނުވާނެއެވެ. ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( لِيَسْأَلْ أَحَدُكُمْ رَبَّهُ حَاجَتَهُ كُلَّهَا حَتَّى يَسْأَلَهُ شِسْعَ نَعْلِهِ إِذَا انْقَطَعَ[6] ތިޔަބައިމީހުން ކުރެ ކޮންމެ މީހަކު އޭނާގެ މުހުތާދުތައް އޭނާގެ ވެރިރަސްކަލާނގެއަށް ދަންނަވާހުށިކަމެވެ. އޭނާގެ ފައިވާނުގެ ވަދު ކަނޑައިގެން ދިޔުން ފަދަ ކަމެއްކަމުގައި ވިޔަސް މެއެވެ.))

އިސްތިޚާރާ ތަކުރާރު ނުކުރުން    

ވަކި ކަމަކާމެދު އިސްތިޚާރާ ކުރުމަށް ފަހު ދެވަނަ ފަހަރަށް އެ ކަމާމެދު އަލުން އިސްތިޚާރާކޮށްގެން ނުވާނެއެވެ. ފަސްކުރެވޭން އޮތް ކަމެއް ނަމަ، އިސްތިޚާރާ ފަސްކުރާނީއެވެ. މިސާލަކަށް ޙައިޟުވެރި އަންހެނާއަށް އިސްތިޚާރާ ނަމާދެއް ނުކުރެވޭނެއެވެ. އެ ކަމަކީ ފަސްކުރެވޭން އޮތް ކަމެއް ނަމަ، ފަސްކުރާނީއެވެ. ފަސްކުރެވޭން ނެތް ނަމަ، ނަމާދުނުކޮށް ހަމައެކަނި އިސްތިޚާރާ ދުޢާކުރާނީއެވެ.

ﷲގެ ނިންމެވުން އެނގޭނީ ކިހިނެއް

އެ ކަމުގައި އޮތް ރަނގަޅު ގޮތް މާތް ﷲ ތިބާއަށް އެތައްއެތައް ގޮތަކުން އަންގަވައިފާނެއެވެ. ހުވަފެނުގައި އެއީ ރަނގަޅު ގޮތްކަން ތިބާއަށް ފެނިދާނެއެވެ. ނުވަތަ ތިބާގެ ހިތަށް އެއީ ރަނގަޅު ގޮތްކަން އަރައިފާނެއެވެ. އެ ކަމާ މެދު ތިބާގެ ނަފުސަށް ހިތްހަމަ ޖެހުން ލިބިދާނެއެވެ. މިސާލަކަށް ވަޒީފާއަކަށް ކުރިމަތިލާ މީހާ އިސްތިޚާރާކުރުމަށްފަހު އެ ކަމުގައި ކުރިއަށް ދާނީއެވެ. އެކަމުގައި ކުރިއަށް ދަނިކޮށް ހުރަސްއެޅިއްޖެނަމަ އެއިން އެނގެނީ އެކަމުގައި މާތް ﷲހެޔޮ ކަމެއް ތިބާއަށް ލައްވާފައި ނުވާ ކަމެވެ. އެ ހިސާބުން އެކަން ހުއްޓާލާންވީއެވެ. އިސްތިޚާރާގައި ބޮޑަށް ބަލާނީ ތިބާއަށް ލިބޭ ހިތްހަމަ ޖެހުމަށެވެ.

ދެން އޮތް ނުކުތާއަކީ އިސްތިޚާރާކުރުމަށް ފަހު، ދެން އެއްވެސް މީހަކާ މަޝްވަރާ ނުކުރާށެވެ. މަޝްވަރާކުރާނީ އިސްތިޚާރާގެ ކުރީންނެވެ. އިސްތިޚާރާކުރުމަށް ފަހު، މަޝްވަރާކުރުމުގެ މާނައަކީ ﷲ ތިބާއަށް ދެއްވި މަޝްވަރާ ތިބާ ޤަބޫލު ނުކުރުމެވެ.

ޙަވާލާ:

[1]  البخاري، 7/ 162، برقم 1162.

[2]  - أخرجه البخاري (١١٤٥)، ومسلم (٧٥٨)، وأبو داود (١٣١٥)، والترمذي (٤٤٦)، والنسائي في ((السنن الكبرى)) (١٠٣١٠)، وابن ماجه (١٣٦٦)، وأحمد (١٠٣١٣) 

[3]  - رواه أحمد فى مسنده كما في الفتح الربانى ( 14 / 272 )

[4]  - އަލްއަޛްކާރު ، އައްނަވަވީ ، ޞ : 168

[5]  - نيل الأوطار ( 3 / 72 )

[6]  - رواه الطبرانى في الأوسط  ( 2 / 32) وابن حبان ( 2/ 24)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް