Advertisement

ކީރިތި ޤުރުއާނުން ފިލާވަޅެއް: އަނިޔާވެރި އުންމަތްތަކާއި އަދި އަނިޔާވެރި ފަރުދުންގެ ނިމުން.

13 Apr 2024 | 11:58
އުންމަތްތައް ބިނާވެގެންވަނީ (މާތް) އަޚުލާގީ ސިފަތަކުގެ މައްޗަށެވެ. އަދި އުންމަތްތައް ދެމި ހުންނަނީވެސް އެފަދަ ސިފަތައް އެއުއްމަތެއްގެ މީހުންގެ ކިބައިގައި ހުރިހާ ހިނދަކުއެވެ. އެއުންމަތްތަކުގެ މީހުން، އެމީހުންގެ އަޚުލާގީ މާތް ސިފަތައް ނެތި ހިންގައްޖެ ނަމަ، އެމީހުން ވެސް ނެތި ދެއެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އުންމަތްތައް އުފަންވެ، ކުރިއަރައި ބާރުގަދަވެދެއެވެ. އިރުއަރައި އިރުމެދުޖެހޭ ފަދައިންނެވެ. ދެން، އެއަށްފަހު، އެ އުންމަތްތަކުގެ ހަށިގަނޑަށް ބަލިކަށިކަން އައިސް، އެންމެ ފަހުން، އެ އުންމަތްތަކަށް ނިމުން އައިސް، ނެތިދެއެވެ. އިރު މެދުޖެހުމަށް ފަހު، ހުޅަގާ ދިމާއަށް ދަތުރުކޮށް އޮއްސޭފަދައިންނެވެ. އެ އުންމަތްތަކަށް ބާރުދީ، ދިރުންދިން އަޚުލާގީ އަގުތައް ގެއްލުވައިލުމުގެ ސަބަބުންނެވެ. މި ފަދަ އުންމަތްތަކުގެ ވާހަކައާއި އެ އުންމަތްތަކުގެ ނިމުން އައި ގޮތާއި އެ ކަމުގެ ތަފުސީލު ވާހަކަތައް، މުއައްރިޚުން، އެބޭކަލުންގެ ލިޔުއްވުންތަކުގައި ބަޔާންކުރެވިފައިވެއެވެ.

މި ގޮތުން ލިޔެވުނު، އިހުގެ ބައެއް މުހިއްމު ލިޔުންތަކަށް ބަލައިލާ އިރު، އެންމެ އިހުގެ ލިޔުންތަކުގެ ތެރޭގައި، މީލާދީ ސަނަތުން ސާދަވަނަ ގަރުނުގައި، އިބްނު ޚަލްދޫނު، ލިޔުއްވި އޭނާގެ ތާރީޚުގެ މުގައްދިމާ ހިމެނެއެވެ. މީގެ އިތުރަށް، އިނގިރޭސި މުއައްރިޚު، ގިބަންސްގެ 'ރޫމީންގެ އެމްޕަޔަރގެ ކުރިއެރުމާއި ވެއްޓުން' ވެސް، ހިމެނެއެވެ. މި ފޮތުގެ ފުރަތަމަ ޖިލްދު ޝާއިއުކުރެވުނީ 1776 ގައެވެ. އަދި އޭގެ އެންމެ ފަހު ޖިލްދު ޝާއިއުކުރެވުނީ 1789ގައެވެ. މީގެ އިތުރަށް، 1947ގައި، 'އުންމަތްތައް އެރުމާއި ވެއްޓުމުގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟'، މި ސުރުޚީގެ ދަށުގައި ދެއްވި ތަގުރީރެއްގައި، ވޭތުވެ ދިޔަ ގަރުނުގެ ތެރޭގައި ހިމެނުނު މުހިންމު އިސްލާމީ ލިޔުންތެރިއެއްކަމަށްވާ މައުދޫދީ ވެސް، އުންމަތްތައް ވެއްޓި، ނެތިދާ ގޮތުގެ މައްޗަށް، ޚުލާސާ ގޮތެއްގައި ބައްލަވައިލައްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ، 1994ގައި، ޖިމް ނެލްސަން ބްލެކް، އޭނާގެ 'އުންމަތްތަކުގެ މަރު އަންނަ ހިނދު: ސަގާފަތެއް ބޮޑު ނުރައްކަލެއްގެ ކުރިމަތީގައިވާ ކަމުގެ ދިހަ އަލާމަތް'، މި ފޮތުގައި ވެސް މި މައުޟޫޢުގެ މައްޗަށް އަލި އަޅުވައިލައްވައިފައި ވެއެވެ.

އުންމަތްތައް ވެއްޓިދާ ގޮތުގެ މައްޗަށް ބަލައިލައިފައި މި ހަތަރު ލިޔުމުގައި ވެސް، އިއްތިފާގުވެފައިވާ ކަމެއް ފާހަގަވެއެވެ. އުންމަތްތައް ނެތި ދަނީ، އެ އުންމަތުގެ އަޚުލާގީ އަގުތައް ނެތި ދިޔުމުންކަމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، ލަފާކަމާއި ސާލިހުވަންތަކަން، ހަމަހަމަކަމާއި އަދުލުވެރިކަން، މި ފަދަ އަޚުލާގީ މާތް ސިފަތައް ނެތުމުންނެވެ.

މި ލިޔުންތަކުގެ ތެރެއިން އެންމެ އިހުގެ ލިޔުންކަމުގައިވާ އިބްނު ޚަލްދޫނު، އޭނާގެ މުގައްދިމާގައި، އުންމަތްތަކާއި ޙަޟާރާތްތައް ވެއްޓި ނެތި ދިޔުމުގެ ސަބަބުތައް ބަޔާންކޮށްދެއްވަމުން ލިޔުއްވައިފައި ވެއެވެ. އެ ކަން މެދުވެރިވަނީ، އެ އުންމަތްތައް ކުރިއަރައި، އެ އުންމަތްތަކަށް މަތިވެރިކަން ގެނެސް، އެ އުންމަތްތަކުގެ އިއްޒަތާއި ގަދަރު އުފުލޭން މެދުވެރިކުރުވި މަތިވެރި ސިފަތައް ނެތިދިޔުމުންނެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އުންމަތްތައް ކުރިއަރައިދާން މެދުވެރިވާ މުހިންމު ސިފަތަކުގެ ތެރޭގައި ހަރުދަނާ އަދުލު އިންސާފުގެ ނިޒާމެއް އޮތުމާއި ގާނޫތުތަކާއި ގަވާއިދުތައް ހިންގައިލުން ހިމެނެއެވެ. ވިޔަފާރިކުރުމާއި ސިނާއަތުގެ ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރީން ބައިވެރިނުވުމެވެ. ފަސާދައަށް މަގުފައިވެ ނުދިޔުމަށް ޓަކައެވެ. ގަވާއިދުތަކާއި ގާނޫނުތަކާއި އެއް ގޮތް ވާ ގޮތުގެ މަތީން، ފަސޭހައިން ކަންކަން ކުރެވި ދިޔުމުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ދައުލަތައް ދައްކާން ޖެހޭ ވާރުތައް ކުޑަކޮށް ނެގޭ އިގުތިސާދީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. މީގެ އިތުރަށް، އިބްދާއީ ތައުލީމީ ނިޒާމެއް ވެސް އޮތުމެވެ. މީގެ މާނައަކީ އާ ހޯދުންތަކާއި އީޖާދުތަކަށް މަގުފަހިކޮށްދޭނޭ ފިކުރީ ޚިޔާލުތައް އުފެއްދުމުގެ ކުޅަދާނަކަށް ކިޔަވާ ސިކުނޑިތަކަށް ލިބިދޭ ފަދަ ތައުލީމީ ނިޒާމެއް އޮތުމެވެ. އިބްނު ޚަލްދޫނު ބަޔާންކުރައްވާ ގޮތުގައި، އުންމަތްތަކާއި ޙަޟާރަތްތައް ވެއްޓި ނެތި ދަނީ މި ސިފަތައް ނެތި ދިޔުމުންނެވެ. އަދި، މިއާ ވިދިގެން އުންމަތްތަކުގެ މީހުން "އެ މީހުންގެ ކިބައިގައިވާ ހައިވާނީ ސިފަތައް ކުރިއަށް ނެރެ، ހައިވާނުން އުޅޭ ގޮތަށް އުޅޭން ފެށުމުންނެވެ." އާދޭހެވެ! އެ މީހުން އިންސާނުންނަށް ހެދި، މާތް އަޚުލާގީ ސިފަތަކާއި ހަމަތައް ނެތުމުންނެވެ. އަރަބި ޅެންވެރިކަމުގެ ދުނިޔޭގައި ޅެންވެރީންގެ އަމީރުގެ ނަމުން ނަންދެވިފައިވާ ޅެންވެރިޔާ، އަހްމަދު ޝައުގީ އޭނާގެ ޅެން ބައިތެއްގައި ޚުލާސާކޮށްލާފައިވާ ފަދައިންނެވެ.

والصدق أرفع ما اهتز الرجال له * وخير ما عود ابنا في الحياة أب

وإنما الأمم الأخلاق ما بقيت   *  فإن همُ ذهبت أخلاقهم ذهبوا

(ވާރޭވެހުމުގެ ސަބަބުން، މަރުވެފައިވާ ބިމެއް، ގުޑުވައިލެވި، އެ ބިމަށް ދިރުން އަންނަ ފަދައިން) އިންސާނުންނަށް ދިރުން ގެނެސް (ހެޔޮ ގޮތުގައި) ހަރަކާތްތެރިކުރުވުމަށް ބާރުއަޅުވާ އެންމެ މަތިވެރި އެއްޗަކީ ތެދުވެރިކަމެވެ. އަދި އެ ސިފައަކީ އެ ސިފައިގެ މަތީގައި، ބަފަޔަކު، ދަރިޔެއް ހާނުވައި ބޮޑުކުރާނޭ ހެޔޮކަން އެންމެ ބޮޑު ސިފައެވެ.

އެހެނީ، އުންމަތްތައް ބިނާވެގެންވަނީ (މާތް) އަޚުލާގީ ސިފަތަކުގެ މައްޗަށެވެ. އަދި އުންމަތްތައް ދެމި ހުންނަނީ ވެސް އެ ފަދަ ސިފަތައް އެ އުންމަތެއްގެ މީހުންގެ ކިބައިގައި ހުރިހާ ހިނދަކުގައެވެ. އެ އުންމަތްތަކުގެ މީހުން، އެ މީހުންގެ އަޚުލާގީ މާތް ސިފަތައް ނެތި ހިނގައްޖެ ނަމަ، އެ މީހުން ވެސް ނެތި ދެއެވެ.

ކީރިތި ޤުރުއާނުގައި ވެސް އުންމަތްތަކުގެ ވާހަކައާއި އުންމަތްތައް ނެތި ދިޔަ ވާހަކަ އައިސްފައިވެއެވެ. ޘަމޫދު ބާގައިގެ މީހުންނާއި ޢާދު ބާގައިގެ މީހުންގެ ވާހަކައެވެ. ލޫތުގެފާނުންގެ ގައުމުގެ މީހުންގެ ވާހަކައެވެ. ފިރުއައުނާއި ގިބްތީންގެ ވާހަކައެވެ. މި އެންމެން ވެސް ނެތި ދިޔުމުގެ ސަބަބަކަށްވީ މަތީގައި ބަޔާންކުރެވި ދިޔަ އިލާހީ ގާނޫނެވެ. އެ މީހުންނަށް ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި އޮޅި، އެ މީހުންގެ މުޖުތަމައުތަކުން އަޚުލާގީ މާތް ސިފަތައް ނެތި ދިޔުމެވެ. އެ މީހުންގެ ތެރޭގައި، އަދުލު އިންސާފުގެ ކަންތައް ހަމަހަމަ ގޮތެއްގައި ހިންގާ ނުލެވުމެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ހަދީސްފުޅެއްގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. 'ބޮޑު' ބޭކަލަކު ކުށަކަށް އަރައި ގަތުމުން، އޭނާގެ މައްޗަށް ގާނޫނުތައް ނުހިންގެއެވެ. ނަމަވެސް އާދައިގެ މީހަކު ހަމަ އެ ކުށް ކޮށްފި ނަމަ، އޭނާގެ މައްޗަށް ގާނޫނުތައް ހިންގައިލެވެއެވެ.

ދެންމެ މި އިޝާރަތްކޮށްލި، ކުރިއަރައި ބާރުގަދަވި އުންމަތްތައް ނެތިދަނީ ކިހިނެއްކަން، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި ވެއެވެ. މި ފަދަ ބަޔާންކުރުމެއް އަލްއަންޢާމު ސޫރަތުގެ 42ވަނަ އާޔަތުން ފެށިގެން 45ވަނ އާޔަތުގެ ނިޔަލަށް ވެއެވެ. މަތީގައި ނަންގަނެވި ދިޔަ، އަޚުލާގީ އިންތައް ހުރަސްކޮށް، އެ އިންތައް ފަހަނައަޅައި ދިޔުމުން، އެކިއެކި ގޮތްގޮތުން، އެ ކަން އުންމަތްތަކަށް ހަނދާންކޮށްދެވެއެވެ. މި ހަނދާންކޮށް ދިނުމުން، އިބުރަތްލިބި ނުގަތުމުން، ދެން، އެ މީހުން ނެތިކުރައްވައި، އެ މީހުންގެ ނިމުން ގެންނަވައެވެ. މި އާޔަތްކޮޅުގެ މައްޗަށް ބަލައިލާނަމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުޙަންމަދުގެފާނުގެ އުންމަތުގެ) ކުރީން ވެސް، އުންމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމެވެ. فأخذناهم بالبأساء والضراء لعلهم يتضرعون އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސްނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެ ކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް އުނދަގޫތައް ކުރިމަތިވުން) އެ އުންމަތްތަކާއި ކުރިމަތިކުރެއްވީމެވެ. އެއީ އެ އުންމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެމީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ. فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެ މީހުންނާ ކުރިމަތިވި ހިނދު، އެބައިމީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެމީހުން އެޅި)ދިޔަނަމައެވެ! ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހިތާމަހުއްޓެވެ! އެމީހުންގެ ކަންތައްތައް ހުރީ މިއާ ދިމާ އިދިކޮޅަށެވެ!) އެ މީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެ މީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެ މީހުންގެ ކިބައަކުންނެއް ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިތްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެ މީހުން ކުރަމުން ގެންދިޔަ ކަންތައްތަކަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެ މީހުންނަށް ދެއްކިއެވެ. فلما نسوا ما ذكروا به فتحنا عليهم أبواب كل شيء ދެން، އެ މީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެ މީހުން ހަނދާން ނައްތައިލައި (އެ ކަމުން އިބުރަތްލިބި ނުގަތުމުން، އެ މީހުން އެދޭ) ހުރިހާ ކަމެއްގެ ދޮރުތައް އެ މީހުންގެ މައްޗަށް ހުޅުވައިލެވި (އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެ މީހުންގެ އެދުންތައް ހާސިލުވިއެވެ.) حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون އަދި މި ކަމާމެދު (އެ ބަހީ އެ މީހުންނަށް ލިބުނު މި ނަންގަތް ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާ ފާޅުކުރުމުގައި ވަނިކޮށް، (އެ މީހުންނަށް ނުވެސް ދެނެ ތިއްބައި،) ހަމަ ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެ ބަހީ، އެ މީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެ މީހުންގެ ނިމުން ގެންނެވީމުއެވެ.) އެ ހިނދު، އޮޅުން އަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެ މީހުން (މުޅިން މާޔޫސް)ވިއެވެ. فقطع دابر القوم الذين ظلموا ދެން، މި ފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެ ބަހީ، ހަމަ އެކަކު ވެސް ބާކީނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ. والحمد لله رب العالمين އަދި (މި ކަން މިގޮތަށް ނިމިދިޔުމުގެ) ހުރިހާ ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ އާލަމްތުގެވެރި މާތް ރަސްކަލާނގެއެވެ.

އާދޭހެވެ! ހެޔޮ މަގުން ފައިކައްސައިލި ހިނދު، އެ މީހުންނަށް ހަނދާންކޮށްދީ، ހެޔޮ މަގަށް އައުމަށް ގޮވައިލެވުމުން ވެސް، ބީރު ކަންފަތެއް ދެވުމުން އެ މީހުން ނިމިދިޔައީއެވެ. ނިންމައިލަމުން، މަރުހޫމު މުޙަންމަދު ޢަބްދުއްލަތީފުގެ 'ހަގީގަތަކީ މިއީއެވެ' މި ޅެމުން ނެގިފައިވާ ހިކަމުގެ މި އިބުރަތްތެރި ބަސްކޮޅު ލިޔެލާނަމެވެ.

"ކާކުތޯ ނުދާނެނީ މި ގުލްޝަނުން ވަކިވެ ހިނގާ

            ކާކުތޯއެ ހަރުލަނީ ނުދާނެހެން މިތާކުގައި

އިއްޔެ ދުށް އެރީތިހައި މަނާޒިރާ އުފާތަކާ

            ދާނުދާ ތަނެއް ނުއެނގި ހިނގައިދެޔޭ ފަނާވެގެން

ދާރަޔާ ސިކަންދަރާ ސީޒަރާ ނެޕޯލިޔަން

            މާ ދުރަށް ވިދާލި ނަން އޮބައިފިޔޭ އެ ފަނޑުވެގެން

ހެދިޔަކަސް ބޮޑެތި ވިހައި އިމާރަތާއި ގުއްބުތައް

             އެކަނި ތިންފިލާގައޭ ދަނީ ތިމާ އެ މަރުވެގެން

ހެޔޮކަމުގެ އަމަލުތަކުން ލިބެވިދާ އެ ޝުހުރަތުން

             ފެހިކަމާއެކީ އަބަދު ދެމިހުރޭ މި ދުނިޔެއިން

ހީނ އުފާ އަބަދުކުރާ މީހުނޭ، މި ދާރުގައި!

             ބީވެގެން ހިނގައިދެއޭ ހަށިގަނޑާ ފުރާނަ، ދެން

އިއްޔެގައި އެކީ އުޅުނު މިތުރުނާ އަޒީޒުނާ

             ވިއްޔެ ވަކި، މިފާލަމުން، ކުރި ދަތުރު އެ ނިންމަމުން

ކުރިކަމެއްގެ ނަންވަނީ ހެޔޮކަމޭ، އެ ދިރިވަނީ!

             ބުނި ލަތީފު ބަސްތަކުން އެނގިދެއޭ އެ ވިސްނުމުން

__________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް