Advertisement

ދެވޭން ނެތިއްޔާ ނުދޭށެވެ! ދީފިއްޔާ ނާތުލާށެވެ!

13 Apr 2024 | 00:10
ވަރުނުލާ ރާނޅުގަނޑު ސަރަހައްދުގައި ޕާޓީއެއް އުފައްދާން ޖަލްސާއެއް ބާއްވަނީ

ޢަބާ މުހަންމަދު

އެއް އިމާރާތެއްގެ ދެ ބުރިއެއްގެ ދެ އެޕާޓްމެންޓެއްގައި ދިރިއުޅޭ އެކުވެރި ދެ އާއިލާއެކެވެ. ޚަދީޖާއާއި މަޝްހޫރާއެވެ. މަޝްހޫރާއަށް ލިބުނު ބަނބުކެޔޮކޮޅެއް ތެލުލާންވެގެން ޚަދީޖާ ގެންގުޅޭ ބަނބުކެޔޮކޮށާ ދަތި ހޯދާން ދިޔައެވެ. އެކުވެރި ދެ ޢާއިލާއެއް ވީމާ އަދި ޚަދީޖާ ބަނބުކެޔޮ ތެލުލާން ނެތީމާ އެއްވެސް ޝަކުވާއެއް ނެތި ބަނބުކެޔޮކޮށާ ދަތި މަޝްކޫރާއަށް ދީފިއެވެ. މަޝްކޫރާ ހުރިހައި ބަނބުކެޔޮތައް ކޮށައި ނިމުނު ތަނާ ޚަދީޖާއަށް ވެސް ރަށުން ބަނބުކެޔޮކޮޅެއް ލިބިގެން އެ ރޭ ތެލުލާން ވެއްޖެއެވެ. އެހެންވެ، ހަމަ ވިސްނުމެއް ނެތި މަޝްކޫރާ ގާތަށް ގޮސް ބަނބުކެޔޮކޮށާ ދަތި މިއަދު ދެވޭކަށް ނެތޭ މިއައީ ބަލައޭ ބުނެފިއެވެ. މަޝްކޫރާ ބުންޏެވެ. އެކަމަކު މިހާރު ހުރިހައި ބަނބުކޭލެއް މެށިއްޖެއެވެ. ނިންމައިލައިފައި ގެންގޮސްދީފާނަމެވެ. ނަމަވެސް ޚަދީޖާ އެ ގޮތަކަށް އެއްބަހެއް ނުވިއެވެ. ޚަދީޖާ ވެސް ހަމަ އެ ވަގުތު ބޭނުންވީ ދަތި ގެންދާށެވެ. ގެންގޮސްފިއެވެ.

މި ދިމާވި ގޮތުން އެ ރޭ މަޝްކޫރާއަށް ޖެހުނީ ނުނިދައި އިނދެ ވަޅީން ކޮށައިގެން ބަނބުކެޔޮ ތެލުލާށެވެ. މި ކަމުގެ ސަބަބުން އެ ދެޢާއިލާގެ މެދުގައި ހިތްހަމަނުޖެހުން އުފެދުނެވެ. ނަމަވެސް އެ ކަން ޚަދީޖާ ކޮށްލައިފައި މަޝްކޫރާގެ މަސައްކަތް ނިމެންދެން ބަނބުކެޔޮ ކޮށާ ދަތި ނާތުލައި ބޭއްވި ނަމަ، މި ހިތްހަމަނުޖެހުމެއް ނޫފެދުނީހެވެ.

ރާއްޖޭގައި މި ބާވަތުގެ ކަމެއް މި މަހު ނުވަވަނަދުވަހުގެ ރޭ ހިނގައިގެން ފުލުހުންނާއި ޢާންމުންނާ ދެމެދު ކުރިމަތިލުމެއް ހިނގި ޚަބަރަކީ ހިތާމަވެރި ޚަބަރެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި އުފައްދާން އުޅޭ ޕާޓީއެއް އުފެއްދުމުގެ އިފުތިތާޙީ ޖަލްސާއަށް މާލޭގައި ހިންގާ އިސްކޫލެއްގެ މާލަން ހޯދާން އެދުނީއެވެ. ހަމަޖެހިފައި އޮންނަ އިޖުރާތުގެ މަތީން މާލަން ދީފިއެވެ. އެ ޕާޓީ އުފައްދާން އުޅުނު މީހުން ޖަލްސާގެ ތައްޔާރީތައް ކޮށް އެ ކަމަށް ޚަރަދުތަކެއް ވެސް ކޮށްފައި ވަނިކޮށް އަނެއްކާ، އެ މާލަން ބޭނުންކުރާން ދިން ހުއްދަ ބާޠިލުކުރީކަމަށް އެނގިފައިވެއެވެ. މި އިސްކޫލުން ވަކި ޚާއްޞަކަމެއް ކުރާންޖެހިގެނެއް ވެސް ނޫނެވެ. އެހެންކަމުން ހުއްދަދިނުމަށް ފަހު މީހުންނަށް ގަބޫލުކުރެވޭ މަގުބޫލު ސަބަބެއް ނެތި ހުއްދަ ބާޠިލުކުރުމަކީ "މަތީން އޯޑަރު އައިސްގެން" ކުރި ކަމެއްކަމަށް މީހުން ބަލާނެއެވެ. ބެލީ އެހެންނެވެ. ހަގީގަތް ކޮންމެ ގޮތެއް އޮތް ނަމަވެހެވެ.

ހުއްދަ ބާޠިލުކުރީމާ، އުފެދުނު ހިތް ނުތަނަވަސްކަމުގައި ހަމަ ނުޖެހުންތަކެއް ހިނގިކަމަށް ވަނީ، ވަކި ވަރަކަށް ޖަލްސާއަށް ތައްޔާރުކޮށްފައި ވަނިކޮށް ހުއްދަ ބާޠިލުކުރީމާ ވެސް އެ މީހުން ގަދަހަދައިފައި ޖަލްސާ ބާއްވާން މަސައްކަތް ކުރީމާކަމަށް އެނގިފައިވެއެވެ. އަދި މި ކަން ހުއްޓުވާން ޚާއްސަ ފުލުހުން ފޮނުވައިގެން ކުރިމަތިލުންތަކެއް ހިނގީއެވެ. މިއީ މީޑިއާއިން ލިބުނު މަޢުލޫމާތުގެ މައްޗަށް ބަލާއިރު މި ކަން ހިނގި ގޮތެވެ. ހަގީގަތް ދެނެވޮޑިގެންވާނީ މާތް ﷲއެވެ.

އެނގިފައިވާ ގޮތުގައި އަލަށް އުފައްދާން އުޅުނު ޕާޓީއެއްގެ އިފުތިތާޙީ ޖަލްސާ ކުރީން ހުއްދަ ލިބިގެން ފަށަން މި މަހު ނުވަވަނަ ދުވަހުގެ ރޭ ތައްޔާރުވި ނަމަވެސް، ފުލުހުން ވަނީ ޖަލްސާ ބާއްވާން އުޅުނު އިސްކޫލުގެ ދޮރޯށި ބަންދުކޮށް، އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފައެވެ. އެހެންވެ ޖަލްސާގެ ޞައްހަކަން ކަށަވަރުކުރއައްވާން އެ ތަނަށް ވަޑައިގަތް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެ ޖަލްސާއަށް ވަދެވަޑައެއްނުގެންނެވުނެވެ. އަދި ޖަލްސާ ކަވަރުކުރާން އެ ސަރަހައްދަށް ދިޔަ ގިނަ ނޫސްވެރިންނަށް ވެސް އެތެރެއަށް ވަނުމުގެ ހުއްދަ ފުލުހުންނެއް އެ ރެޔަކު ނުދިނެވެ. "ފަރަގު"ގެ މުރާސިލަށް ވެސް އެ ސަރަހައްދަށް ވަދެވޭ ގޮތެއް ނުވިއެވެ. ފުލުހުން އައީ އެ އިސްކޫލުން ދިން ހުއްދަ ބާޠިލުކޮށްފައިވާކަމަށް ބުނެ، ޖަލްސާ ހުއްޓުވާން ފުލުހުންގެ ކިބައިން އެ އިސްކޫލުން އެދުނީމާކަމަށް އެނގިފައިވެއެވެ.

އެހެންކަމުން އެ ޕާޓީގެ މެންބަރުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގުމަށް ފަހު، ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރީން ބުރިޖު ހަދާ ތަން ބަލާން ތައްޔާރުކޮށްފައިވާ ސިޑިބަރި ސަރަހައްދުގައި އެ ޖަލްސާ ބޭއްވީކަމަށް އެނގިފައިވެއެވެ.

މި ކަމުގައި ވިސްނައިލާން ޖެހޭ ދެ ކަމެއް އެބަ އޮތެވެ. މުޖުތަޢުގެ ހަމަޖެހުމަށް ޓަކައެވެ. ފުރަތަމަ ކަމަކީ، ބަޔަކު އެދިގެން އެ ހުއްދަ ދިނުމަށް ފަހު، ޢާންމުންނަށް ގަބޫލުކުރެވޭ ފަދަ ސަބަބެއް ނެތި ހުއްދަ ބާޠިލުކުރި ކުރުމެވެ. މިއީ ކައްޗަށް އެޅުނު ފިޔަވަޅެކެވެ. ދެވޭން ނެތް ނަމަ، ފުރަތަމަ ވެސް ސަބަބު ބަޔާންކޮށް، އެ ކަމަށް މާލަން ލިބޭކަން ނެތޭ ރީތިކޮށް އެންގީމާ ނިމުނީއެވެ. ކަމެއް ނުވާނެ ވާހަކަ ވެސް ރީތިކޮށް އަދަބުވެރިކޮށް ރީތި އަޚުލާޤާ އެކު، ބުނެވޭނެއެވެ. ކޮންމެއަކަސް ދެވުނީއެވެ. ދެން އެންމެ މަޞްލަޙަތު ބޮޑު ގޮތަކީ، ވަރަށް އާދަޔާ ޚިލާފު ކަމެއް ދިމާނުވާހާ ހިނދަކު، އެ ކަން އެ ގޮތަށް ބޭއްވުމެވެ. ދެން ދިމާވާ އެހެން ކަމެއް ނަމަ ވެސް ތަޙައްމަލުކޮށްލައިގެން ފަހަށް ބޭއްވުމެވެ. އެހެން ނޫނީ، އެއީ އެ މީހުން ޕާޓީ އުފެއްދުމަށް ހުރަސްއެޅުމުގެ ގޮތުން "މަތީ ފަރާތަކުން އަންގައިގެން" ހުއްދަ ކެންސަލްކުރީކަމަށް ބަލާނެ ޖާގަލިބި މުޖުތަމަޢުގައި ނުތަނަވަސްކަމަށް ފުރުސަތު ފަހިވާނެއެވެ. އެއީ "މަތީން އޯޑަރު އައިސްގެން" ހުއްދަ ކެންސަލުކުރީ ނޫންކަމަށް ކިތަންމެ ވަރަކަށް ވަކާލާތު ކުރިޔަސް އެ ކަން ގަބޫލެއް ނުކުރާނެއެވެ.

ދެވަނަ ކަމަކީ، ކޮންމެ ގޮތެއް ވެގެން ނަމަވެސް ހުއްދަ ކެންސަލްކުރީއެވެ. އެއީ ހުއްދަ ދިން ބަޔަކަށް އޮންނާނެ ބާރެކެވެ. އިންސާފުންތޯ ނޫންތޯ ބަލާކަށް ނުޖެހެއެވެ. ބޭއިންސާފުން ނަމަ ވެސް ހުއްދަ ބާޠިލުކުރީމާ، އެ ކަން ގަބޫލުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ގަދަބަދަވިކަމުން ޖަލްސާ ބާއްވާން އުޅުމަކީ ވެސް ގޯހެކެވެ. ނަމަވެސް މި ފަދަ ވަގުތުތަކުގައި އުފެދޭނެ ޖަޒުބާތު އަޅުގަނޑަށް ވެސް އިޙުސާސުކުރެވެއެވެ. ނަމަވެސް ޖަޒުބާތުގެ މައްޗަށް ނަފުސު ދިލައިލައިފި ނަމަ، އެ ކަމުން ނުކުންނާނީ ހަމަނުޖެހުމެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އެ ކަން ގަބޫލުކޮށް އެ ކަން ހިނގިކަމަށް ގަބޫލުކުރެވޭ ގޮތް މީހުންނަށް އަންގައިދީ، ޖަލްސާ ބޭއްވުމުގެ އެހެން އިޚުތިޔާރެއް ހޯދާން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ފަހުން ލޮނު ޒިޔާރަތްކޮޅު ސަރަހައްދަށް ބަދަލުކުރީތާއެވެ. ހަމަނުޖެހުން ހިނގުމުގެ ކުރީން މިކަން މި ގޮތަށް ވީ ނަމަ، ކިހައި ރަނގަޅުވީސްތާއެވެ.

ކޮންމެ ބަޔަކު ވެސް މުޖުތަމަޢުގެ ހަމަޖެހުމަށް ލޯބިކުރާން ޖެހޭނެއެވެ. މީހަކަށް އެއްޗެއް ދިނުމަށް ފަހު، އަތުލާން އުޅުމަކީ ދޭދޭ ފަރުދުންނާއި މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުމަށް މެދުވެރިވެދާނެ ސަބަބެކެވެ. ވީމާ، މީހަކު ނުވަތަ ބަޔަކު ބޭނުންކުރާން އެއްޗެއް ނުވަތަ ތަނެއް ދިނުމަށް ފަހު އެ ކަމެއް ނުނިމެނީސް އަލުން އެ އެއްޗެއް ނުވަތަ ތަނެއް އަތުލާން އުޅޭ ނަމަ، މުޖުތަމަޢުގައި އުފެދޭނީ ނުތަނަވަސްކަމާއި ހަމަނުޖެހުމެވެ. މި ބާވަތުގެ ތާކުންތާކު ނުޖެހޭ ކަންކަމާ ހުރެ، މުޖުތަމަޢުގައި ހަމަނުޖެހުން އުފެދި، ދައުލަތާއި ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރަށް ބުރޫއަރާ ފަދަ ކަންކަން ނުކުރާން ދައުލަތުގެ މުއައްސަސާތަކުން ވެސް ޢާންމު ރައްޔިތުން ވެސް ސަމާލުކަން ދެން އެބަ ޖެހެއެވެ. އެއްޗެއް ދިނުމަށް ފަހު އަތުލުމަށް ވުރެ، ނުދިނުން ވެސް މަޞްލަޙަތަށް މާ މުހިންމެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ ވަނީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައެވެ.

Advertisement

ކޮމެންޓް