Advertisement

ހަދާނެ ގޮތެއް ނޭނގުމުން އޮތީ އިސްތިޚާރާ

12 Apr 2024 | 00:10
އަންހެނަކު އިސްތިޚާރާ ނަމާދުކޮށް ދުޢާކުރަނީ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

މީހަކު އައު ކަމެއް ކުރާން އުޅޭއިރު ނުވަތަ އައު މަޝްރޫޢެއް ފަށާން އުޅޭ އިރު ޙައިރާންކަމާއި ކަންބޮޑުވުމާ ކުރިމަތިލާ ތަން ފެނެއެވެ. މި ފަދަ ކަންކަމުގައި ލަފާ ހޯދާން ދާނީ ކޮންތާކަށްހެއްޔެވެ؟ ކާކު ގާތަށްހެއްޔެވެ؟

ކިތަންމެ އިތުބާރުކުރެވޭ މީހަކަށް ވިޔަސް އެއީ އިންސާނެކެވެ. ރަސޫލެއް ނޫނެވެ. މަޢުޞޫމު ފަރާތެއްނޫނެވެ. މި ޒަމާނުގައި ރަސޫލުންނެއް ނުތިއްބަވާނެއެވެ. މި ޒަމާނުގައި ދާނީ  ސާޙިރުންނާއި، ކާހިނުންނާ، ރާހި ބަލާ މީހުންނާއި، ނުޖޫމީ ޢިލްމުވެރީން ފަދަ މީހުންގެ ގާތަށެވެ. އެ ކަމާ މެދު އެ މީހުންގެ ބަހެއް ލިބޭތޯ ބަލައެވެ. އިންސާނުންނަކީ ގިނަގިނައިން ކުށް ހެދޭ ބަޔެކެވެ. ބޮޑެތި ޤައުމުތަކުގެ ރައީސުންނަށް ލަފާއަރުވާން ކިހައި މުސްތަޝާރުންނެއް ތިބޭހެއްޔެވެ؟ އެހެނަސް ރައީސުން ކިހާ ގިނައިން ޅަ އެއްޗެހި އަޅުއްވައިހެއްޔެވެ؟ ލަފާ ހޯދާން އަޅުގަނޑުމެން ދާ މީހާ  ވަރުބަލިވެފައި ހުރެދާނެއެވެ. މިޒާޖު ގަނޑުބަޑުވެފައި ހުރެދާނެއެވެ. އޭނާ އަޅުގަނޑުމެންގެ ޝަކުވާ ރަނގަޅަށް އަޑެއް ނާހާނެއެވެ. ގިނަ ބަޔަކު ބަލާނީ ލާރިކޮޅެއް ލިބޭތޯއެވެ.  

އިންސާނާ ހެއްދެވި ﷲ ތަޢާލާގެ އޯގާވަންތަކަމާއެވެ! އެކަލާނގެ ގޮވައިލައްވަނީ އަވަހަށް އެކަލާނގެ ޙަޟްތަރަށް އަންނާށެވެ! ތިމަންރަސްކަލާނގެ ތިބާއަށް އިޖާބަދެއްވާނަމެވެ. ތިބާގެ މުހްތާދުތައް ފުއްދަވައިދެއްވާނަމެވެ. ތިބާ ބޭނުންވާ ކަމެއް ދަންނަވާށެވެ! މާތް  ﷲ ވަޙީކުރެއްވިއެވެ. ((أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ [1] - ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވާ ރަސްކަލާނގެ ހެއްޔެވެ؟))

އެކަލާނގެއާ ބައްދަލުކުރުމަށް ޓަކައި މެދުވެރިއަކު ހޯދާކަށް ނުޖެހެއެވެ. އެކަލާނގެ ޙަޟްރަތަށް ދިޔުމަށް ޓަކައި މިވާދަކަށް ބޭނުމެއް ނުވެއެވެ. އެކަލާނގެ ހުރިހާ ވަގުތެއްގައި އެކަލާނގެ އަޅުންގެ ދެންނެވުންތައް އަޑުއައްސަވައެވެ.

ދުންޔަވީ ޙަޔާތުގައި އިންސާނާއާ ކުރިމަތިވާ ކަންތައްތަކުގައި ވަޒީފާއަކަށް ކުރިމަތިލާއިރު، މީހަކާ އިންނާން އުޅޭ އިރު،  ނުވަތަ ދަތުރެއް ކުރާން އުޅޭ އިރު، ނުވަތަ ވިޔަފާރިއެއް ފަށާން އުޅޭ އިރު, ވިސްނުން ސުމަކަށް ދާ ތަން ފެނެއެވެ.  

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިސްތިޚާރާ ޝަރުޢުކުރެއްވީ މިހެންވެގެންނެވެ. އިސްތިޚާރާކުރުމަށް ރަސޫލާ عليه الصلاة والسلام މުސްލިމުންނަށް ގޮވައިލައްވައި ހިތްވަރުދެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ((ތިމަންބޭކަލުންނަށް ޤުރްއާނުގެ ސޫރަތްތައް ދަސްކޮށްދެއްވާ ފަދައިން ނަބިއްޔާ صلى الله عليه وسلم  ތިމަންބޭކަލުންނަށް ކަންކަމުގައި އިސްތިޚާރާކުރާން ދަސްކޮށްދެއްވިއެވެ.))[2]

އިސްތިޚާރާ (استخارة)ގެ ބަހަވީ މާނައަކީ ކަމެއްގައި ހިމެނޭ ހެޔޮ ކަންކަމަށް އެދުމެވެ. އެހެނަސް މި ކަމަށް މި އެދެނީ އިންސާނެއްގެ ކިބައަކުންނޫނެވެ. އިންސާނާގެ ވެރިރަސްކަލާނގެ ﷲގެ ޙަޟްރަތުންނެވެ. އިސްތިޚާރާގައި ﷲއަށް ފުރިހަމައަށް އަޅުވެތިވުން ހިމެނެއެވެ. ﷲއަށް ފުރިހަމައަށް އިތުބާރުކުރުން ވެއެވެ. ﷲއަށް ފުރިހަމައަށް ކިޔަމަންގަތުން ވެއެވެ.

ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( منْ سعادةِ ابنِ آدمَ استخارتُهُ اللهَ، ومنْ سعادةِ ابنِ آدمَ رضاهُ بما قضى اللهُ ومنْ شَقاوةِ ابنِ آدمَ تركُهُ استخارةَ اللهِ، ومنْ شقاوةِ ابنِ آدمِ سخطُه بما قضى اللهُ لهُ[3] - އާދަމުގެދަރިޔާގެ ބާއްޖަވެރިކަމުގެ ތެރޭގައި ﷲގެ ޙަޟްރަތާ  އިސްތިޚާރާކުރުންވެއެވެ. އަދި އާދަމުގެދަރިޔާގެ ބާއްޖަވެރިކަމުގެ ތެރޭގައި ﷲގެ މިންވަރުފުޅަށް ރުހުންވެއެވެ. އަދި އާދަމުގެދަރިޔާގެ އަބާއްޖަވެރިކަމުގެ ތެރޭގައި ﷲގެ ޙަޟްރަތާ އިސްތިޚާރާކުރުން ދޫކޮށްލުންވެއެވެ. އަދި އާދަމުގެދަރިޔާގެ އަބާއްޖަވެރިކަމުގެ ތެރޭގައި ﷲގެ މިންވަރުފުޅަށް ނުރުހުންވުން ވެއެވެ. ))

ކާފަރުންނާއި މުނާފިޤުންނާއި އީމާންކަން ބަލިކަށިމީހުންގެ މަގަކީ ޝައިޠާނާގެ މަގެވެ. ޖާހިލިއްޔަތުގެ އާދަކާދައެވެ. އެމީހުން ދާނީ ކޮންމެވެސް ކާހިނެއްގެ ގާތަށެވެ. ނުވަތަ ރަމަލުޖަހާ މީހެއްގެ ގާތަށެވެ. ނުވަތަ ނުޖޫމީ ޢިލްމުވެރިއެއްގެ ގާތަށެވެ.ނުވަތަ ޖޯޑު ދުއްވާ މީހެއްގެ ގާތަށެވެ. މިއީ މުޅިން ވެސް ޖާހިލިއްޔަ ޒަމާނުގެ ބާޠިލު ޢަޤީދާތަކެވެ. އިސްލާމްދީން ވަނީ މި ކަންކަން ބާޠިލު ކުރައްވައިފައެވެ.

ޣައިބު ދެނެވޮޑިގަންނަވާ ހަމައެކަނި ފަރާތަކީ ﷲއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ‎[4] - ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ. ))

ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. (( من أتى عرّافًا أو كاهنًا فَصدَّقَهُ بما يقولُ فقد كفرَ بما أنزلَ على محمَّدٍ [5]-ޢައްރާފެއްގެ[6] ނުވަތަ ކާހިނެއްގެ[7] ގާތަށް ގޮސް އެމީހުންގެ ވާހަކަތައް ތެދުކޮށްފިމީހާ ފަހެ ހަމަކަށަވަރުން މުޙައްމަދުގެފާނުގެ މައްޗަށް  ބާވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެއެވެ. ))

ޖާހިލީ ޒަމާނުގައި އޮތްކަންތައްތަކުގެ ތެރޭގައި ޠިޔަރަތު (ދޫނި އުދުއްސުން) ވެއެވެ. ދަތުރަށް ފުރަމުން ގެއިން ނުކުންނަމުން ދޫނި ދޫކޮށްލާނެއެވެ. އެ ދޫނީ އޭނާގެ ކަނާތް ފަރާތަށް އުދުހިގެން ދިޔަނަމަ އެއީ ރަނގަޅު ބަރަކާތްތެރި ޢަމަލެކެވެ. އެހެނަސް މި ދޫނި ވާތްފަރާތަށް އުދުހިގެން ދިޔަނަމަ އެއީ ސުންޕާކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ e ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((لا طِيَرةَ، وخَيرُها الفأْلُ، قيلَ: وما الفأْلُ يا رسولَ اللهِ؟ قال: الكَلِمةُ الصالِحةُ يَسمَعُها أحدُكم[8] -  ޠިޔަރަތެއް ( ސުންޕާކަމެއް ) ނެތެވެ.އެކަމުގައިވާ އެންމެ ހެޔޮކަން ބޮޑު ކަމަކީ ފާލެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! ފާލަކީ ކޮބައިތޯއެވެ. ޙަދީސްކުރެއްވިއެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކަށް އިވޭ ހެޔޮ ބަހެވެ. ))

އިސްތިޚާރާގެ މާނަ

އިސްތިޚާރާގެ މާނައަކީ ހެޔޮ ކަމަށް އެދުމެވެ.މާތް ﷲ އެކަލާނގެ އަޅާއަށް އިޚްތިޔާރުކޮށްދެއްވާ އެއްޗަކަށް ޚިޔަރަތޭ ކިޔެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ -[9] ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު (ނަބީކަމަށް) خيار ކުރައްވަތެވެ. އެއުރެންނަކަށް خيار ކުރުމެއް ނެތެވެ.))

އައްމަންނާވީ "ފައިޟުލް ޤަދީރި" ފޮތުގައި ވިދާޅުވެފައިވާގޮތުގައި އިސްތިޚާރާއަކީ ﷲގެ ޙަޟްރަތުން ކަންކަމުގައި ހެޔޮ ގޮތް އެދުމެވެ. އެކަން ކުރެވޭނީ އިޚްތިޔާރުކުރެއްވުން ﷲ ތަޢާލާއާ ޙަވާލުކޮށްގެންނެވެ. އެކަލާނގެ އެކަލާނގެ އަޅާއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެވޮޑިގަންނަވާތީއެވެ. އަދި އެކަލާނގެ އެކަމަށް ކުޅަދުންވަންތަވެ ވޮޑިގަންނަވާތީއެވެ. [10]

އިސްތިޚާރާ ނަމާދު ކުރާނީ ކިހިނެއް؟

ރަސޫލާ صلى الله عليه وسلم ޙަދީސްކުރައްވަނީ  ފަރްޟުނޫން ނަމާދެއް ކުރުމަށެވެ. އެބަހީ ސުންނަތް ނަމާދެއް ކުރުމަށެވެ. އެއީ ޟުޙާ ނަމާދަކަށް ވިޔަސް ރަވާތިބު ސުންނަތަކަށް ވިޔަސް ތަޙިއްޔަތުލްމަސްޖިދު ފަދަ، ނަމާދަކަށް ވިޔަސް ރަނގަޅުވާނެކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އެއަށްފަހު އިސްތިޚާރާ ދުޢާ ކިޔާނީއެވެ. އައްޝައިޚު ބިން ބާޒު ވިދާޅުވާ ގޮތުގައި މި ދުޢާ ކުރާނީ ނަމާދުކޮށް އަވަދިވެ، ސަލާންދިނުމަށް ފަހުގައެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރައްވައިފައި ވަނީ (ނަމާދު ކުރުމަށްފަހު) އެވެ. މި ބަސްފުޅުން އެނގެނީ ސަލާންދިނުމަށް ފަހުގައިކަމެވެ.

1- އެންމެ ފުރަތަމަ ދެ ރަކްޢަތުގެ ސުންނަތް ނަމާދެއްކޮށް ސަލާންދޭށެވެ.

2- އެއަށްފަހު މާތް ﷲއަށް ޙަމްދުކޮށް ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔާވާށެވެ. އިބްރާހީމީ ޞަލަވާތް ވިޔަސް އެހެން ޞަލަވާތެއް ވިޔަސް ރަނގަޅުވާނެއެވެ.

3- އެއަށްފަހު އިސްތިޚާރާ ދުޢާ ކިޔާށެވެ. ޤިބްލައަށް ކުރިމަތިލައިގެން ދެ އަތް އުފުލައިގެން އިނދެއެވެ.   

دعاء الاستخارة ( އިސްތިޚާރާ ދުޢާ)

((قَالَ جَابرُ بْنُ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا: كَانَ رسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا الْاسْتِخَارَةَ فِي الْأُمُورِ كُلِّهَا كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ، يَقُولُ: إِذَا هَمَّ أَحَدُكُمْ بِالْأَمْرِ فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ، ثُمَّ لْيَقُلْ: اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ العَظِيمِ؛ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأمْرَ-وَيُسَمِّي حَاجَتَهُ- خَيْرٌلِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي– أَوْ قَالَ: عَاجِلِهِ وَآجِلِهِ- فَاقْدُرْهُ لِي وَيَسِّرْهُ لِي ثمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي– أَوْ قَالَ: عَاجِلِهِ وَآجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ أَرْضِنِي بِهِ([11]) - މާތްﷲ ރުއްސުންލެއްވި ޖާބިރު ބްނު ޢަބްދުﷲގެފާނު ވިދާޅުވިއެވެ. (ނުނިމޭ)

ޙަވާލާ:

[1]  - النمل : 62

[2]  - رواه البخاري

[3]  -  رواه   الترمذي في السنن ( 2242) و أحمد في المسند ( 11 / 178 )  و ابن حجر فىى الفتح ( 11/ 187 ) و السيوطي في الجامع الصغير (٨٢٣٣)

[4]  -  النمل : 65

[5]  -  أخرجه أبو داود (٣٩٠٤)، والترمذي (١٣٥)، والنسائي في ((السنن الكبرى)) (٩٠١٧)، وابن ماجه (٦٣٩)وأحمد (٩٥٣٦)

[6]  - ޢައްރާފަކީ ހިނގައިފައިވާ ކަންތައްތައް އެނގޭ ކަމަށް ބުނާމީހާއެވެ.

[7]  ކާހިނަކީ ކުރިމަގުގައި ހިނގާނެ ކަންތައްތައް އެނގޭކަމަށް ބުނަ މީހާއެވެ.

[8]  - أخرجه البخاري (٥٧٥٤)  ومسلم (٢٢٢٣)

[9]  -  القصص : 68

[10]  - المناوى ، فيض القدير (5 / 403 )

([11])  البخاري، 7/ 162، برقم 1162.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް