Advertisement

މާވަށު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ވަރަށް އުންމީދީކަމަށް.

11 Apr 2024 | 14:10
މާވަށުން ރައީސުލްޖުމުހޫރިއްޔާއަށް މަރުޙަބާ ދަންނަވަނީ. (ފޮޓޯ: މާވަށު ކައުންސިލް)

ހައްދުންމަތީން "ފަރަގު"ގެ ޚާއްޞަ މުރާސިލު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ހައްދުންމަތީ ބައެއް ރަށްރަށަށާއި އައްޑުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ އެ އަތޮޅުން ވަޑައިގަތީ ހައްދުންމަތީ މާވަށަށެވެ. މިއީ، ރައީސުލްޖުމުހޫރިއްޔާ އަކު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމައަށް މާވަށަށް ވަޑައިގަތް ދަތުރުފުޅުކަމަށް އެނގިފައިވެއެވެ. މި ކަން ފާހަގަކުރައްވައި މާވަށު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ މާވަށު ދާއިރާގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާ ދެކެވަޑައިގަންނަވަނީ މިއީ ރައީސުލްޖުމުހޫރިއްޔާ މާވަށަށް ދެއްވި އިސްކަމެއްގެ ގޮތުގައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މާވަށުގެ ކައިރީން ދެތިން ރަށެއްގައި ރިސޯޓު ތަރައްގީކުރެއްވުމުގެ މަސައްކަތް މިހާރު ފަށްޓަވައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާއާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނޭކަމުގެ ޔަގީންކަން ދެއްވައިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒަށް މަރުޙަބާ ދަންނަވަނީ (ފޮޓޯ: މާވަށު ކައުންސިލް)<br>

މާވަށު ރައްޔިތުންނާ މިއަދު މާވަށު އިސްކޫލުގައި ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާވަށު ކައިރީގައި ރިސޯޓު ހެދުމުގެ ރޭވުންތައް މިހާރު ފެށިގެންދާކަމަށާއި މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި މާވަށުގެ ބިމަށް 30 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މާވަށު ރައްޔިތުންނާ މުޚާޠަބުކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ. "ދެން އަޅުގަނޑު ފާހަގަކޮށްލާނީ، އެއް ކަމަކަށް، މުޅި ރާއްޖެއަށް ވެސް އެންމެ މުހިންމީ ރައްޔިތުންނަށް ގެދޮރުވެރިކަން، ބޯހިޔާވަހިކަން. ބޯހިޔާވަހިކަމަށް ބަލާއިރުގައި، ގިނަ ރަށްތަކުގައި ބިން ނެތީ. މި ރަށުގައިވެސް ހަމަ އެހެން. ގެދޮރުވެރިކަން ޤާއިމުކޮށްދެންޏާ ބޭނުންވާނީ ޖާގަ. ހައުސިންގ މަޝްރޫޢު ހިންގާން، ނޫނީ ގޯތި ދޭން. ތިޔަ ބޭފުޅުންނަށް ކުރީގައި އޮތީ ފަނަރަވަރަކަށް ހެކްޓަރުގެ މަޝްރޫޢެއްގެ މަސައްކަތް. އަޅުގަނޑު ގަސްތުކުރަނީ އަދި ރައްޔިތުން ވެސް ބޭނުންފުޅުވަނީ އެ ވަރެއް ނޫން. އެއަށްވުރެ އިތުރުކުރާން."

"އެހެންވީމާ، އަޅުގަނޑު ދަންނަވައިލާން ބޭނުންވަނީ، 15 ހެކްޓަރެއް ނޫނޭ، 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް މި ރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނަމޭ. މިހާރު ވީހާ ވެސް އަވަހަކަށް ޢަމަލީ ގޮތުން އިރާދަކުރެއްވިއްޔާ ފުރަތަމަ ކުރެވޭނީ ކޮންމެ ގޮތެއް ވިޔަސް އެ ޖަހާން ޖެހޭ ބަންޑް ވޯލް، ނޫނީވިއްޔާ އެ ބިން ހިއްކުމުގެ ކުރީން ޖަހާން ޖެހޭ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ފަށައިގެން ހަމަ ބާރަށް [ކުރިއަށް] ދާނެ. ގޮސް ނިމޭއިރު 30 ހެކްޓަރު ހަމަކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ "އިރާދަކުރެއްވިއްޔާ 30 ހެކްޓަރު ހިއްކާން މި ނިންމީ، އެއީ، ޒުވާނުންނާއި، އެކި އުމުރުފުރާގެ ރައްޔިތުންގެ މި ގެދޮރުގެ މައްސަލައަށް އެންމެ ބޮޑު ޙައްލެއް ލިބޭނެ ކަންތަކަށްވާނެތީ"ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު: އެ މަނިކުފާނަށް މާވަށުން މަރުޙަބާދެންނެވި ބައެއް ބޭފުުޅުންނާ ސަލާންކުރައްވަނީ (ފޮޓޯ: މާވަށު ކައުންސިލް)<br>

މާވަށު ބިމުގެ މިހާރުގެ ބޮޑުމިނަކީ ގާތަގަނޑަކަށް 37.2 ހެކްޓަރެވެ. ނަމަވެސް ބަނދަރު ހެދި އިރު އިތުރުކުރި ބަޔާއެކު މިހާރު އެ ރަށުގެ ބިމުގެ ބޮޑުމިނަކީ 40.6ހެކްޓަރކަމަށް ބައެއް ލިޔުންތަކުގައި ހުރެއެވެ. ވީމާ، 30 ހެކްޓަރުގެ ބިން އިތުރުވުމަކީ ގާތްގަނޑަކަށް މާވަށުގެ މިހާރު އޮތް ބިމުގެ ސައިޒާ އެއް ވަރުގެ ބިމެއް އިތުރުވުމެވެ.  

ހައްދުންމަތީގައި މާވަށް އޮންނަ ދުނީގައި މާވަށުގެ އުތުރުން އޮންނަނީ މާވަށް ކަނޑެވެ. ވަރަށް ހަނި އަދި ގުދުކޮށް އޮންނަ ކަނޑުއޮޅިއެކެވެ. ކަނޑު އޮޅީގެ އިރުއުތުރުން މާވަށާ ވަރަށް ކައިރީގައި ވަރަށް ރީތި ފަޅުރަށްތަކެއް އެބަ ހުއްޓެވެ. ގުރައިދުއާއި ކަށިދުއާއި ހަންހުށި މިއީ ފާހަގަކޮށްލެވޭ ފަދަ ރީތި ރަށްތަކެކެވެ. މާވަށް އޮންނަ ދުނީގެ ދެކުނަށް ވީ ފަޅީގައި ވަރަށް ގިނަ ފަޅުރަށްތައް އެބަ ހުއްޓެވެ. މި ދުނީގައި މާވަށް އޮންނަ ކޮޅު ނޫން އަނެއް ކޮޅުގައި (އެ ފަޅުގައި އެންމެ ދުރުގައި) އޮންނަނީ ހިތަދުވެވެ. ހިތަދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10.5 ނޯޓިކަލް މޭލެވެ. ހިތަދޫގެ ހުޅަގުން އޮންނަ، މީހުން އުޅޭ ރަށަކީ ކުނަހަންދޫ ކިޔާ ރަށެކެއެވެ. ކުނަހަންދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10 ނޯޓިކަލް މޭލެވެ. އެއީ ވެސް ހަމަ އެ ފަޅުގައި (އެ ދުނީގައި) އޮންނަ ރަށެކެވެ. މާވަށް އޮންނަ ސަރަހައްދަކީ ފަޅު ވެސް ވަރަށް ފުޅާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އެކަނި ވެސް އެތައް ލައްކަ ބަޔަކަށް ދިރިއުޅެވޭ ވަރުގެ ބިން ވަރަށް ފަސޭހަކަމާއެކު ހިއްކައިލެވިދާނެއެވެ. އެ ފަޅު އެހާ ވެސް ތިލައެވެ. ބޮޑެވެ.

މާވަށް އޮތީ، އުތުރު ޢަރުޟުން ގާތްގަނޑަކަށް '53.º01އާއި '50.º01އާއި، އިރުމަތީ ޠޫލުން ގާތްގަނޑަކަށް '15.º73އާއި  '13.º73އާ ދެމެދުގައެވެ. ރަށުގެ ވަށައިގެން ވަރަށް ބޮޑު ތިލަ ފަޅު އޮންނަ މި ރަށުގެ ދިގުމިނަކީ ގާތްގަނޑަކަށް 1000 މީޓަރެވެ. ފުޅާ މިނަކީ 800 މީޓަރެވެ. މި ރަށުގެ އާބާދީއަކީ (2023 ފެބްރުއަރީގައި) 2030އެވެ. މިއީ މިހާރު އަތޮޅުގައި ތިންވަނައަށް އެންމެ ބޮޑު އާބާދީއެވެ.

މާވަށާ އެންމެ ކައިރީގައި އޮންނަ، މީހުން އުޅޭ ރަށަކީ މާމެންދޫއެވެ. މި ދެ ރަށުގެ ދުރުމިނަކީ 9.5 ނޯޓިކަލް މޭލެވެ. މާވަށާ އެންމެ ދުރު ރަށަކީ އިސްދޫއެވެ. އިސްދުވާއި މާވަށާ ދެމެދު 25 ނޯޓިކަލް މޭލު ހުރެއެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި މާވަށާ ދެމެދުގެ ދުރުމިނަކީ 137 ނޯޓިކަލް މޭލެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު މާވަށަށް ވަޑައިގަތުމަށް ފަހު، އެ އަތޮޅު އިސްދޫއާއި ކަލައިދޫއަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމޖެހިފައެވެ. އިސްދުވާއި ކަލައިދުވަކީ އެއް ޖަޒީރާއެއްގެ ދެކޮޅުގައި އޮންނަ އިދާރީ ގޮތުން ވަކި ދެ ރަށެވެ. މި ރޭ އެ މަނިކުފާނު މަޑުކުރައްވާނީ ފޮނަދޫ ސަރަޙައްދުގައިކަމަށް އެނގިފައިވެއެވެ. ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް، އަތޮޅުކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީތަކާ މިރޭ ބައްދަލުކުރައްވާނެއެވެ. އެމަނިކުފާނު މާދަމާ އައްޑުއަތޮޅަށް ވަޑައިގަންނަވާނެކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

______________________________

Advertisement

ކޮމެންޓް
އަސްލު މީހާ
އުންމީދީ ކަމަކަށް ވީ، އެއާޕޯޓުގެ ރިޔާސީވައުދު މާވަށުގައި ވިޔަނުދީ ހުއްޓުވާލެވުނީމަތޯ
12 Apr 2024